ކުއްޖާގެ މަންމަ އަށް ވެސް ޖިންސީގޯނާކުރި ކަމުގެ ތުހުމަތު ފެންމަތިކޮށްފި

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި ކަމަށް ތުހުމަތުކުރާ 61 އަހަރުގެ ކާފަ، އެ ކުއްޖާގެ މަންމަ އަށް ވެސް ޖިންސީ ގޯނާކުރި މައްސަލަތަކެއް އިއްޔެ ފެންމަތިކޮށްފި އެވެ.


ގއ. ކަނޑުހުޅުދޫގައި ކުޑަ ކުއްޖެއްގެ ކާފަ އާއި މުނިކާފަގެ ފަރާތުން އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަން ފަޅާއެރީ ބޭސްފަރުވާ އަށް މަންމަ މާލެ ގޮސް އުޅެނިކޮށެވެ. އެ ކުއްޖާގެ އުޅުމާއި ކިޔައިދިން ވާހަކަތަކުން އެކަން ޝައްކުވީ މަންމަ ފަރާތު ބޮޑު ދައިތައަކަށެވެ. އޭގެ ކުރިން އެ ކުއްޖާ ދިރިއުޅެމުން އައީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މަންމަ އާއި ބައްޕައާ އެކު އެވެ.

ބައްޕަ ފަރާތު ކާފަ އާއި މުނި ކާފަ ވެސް ދިރިއުޅުނީ އެ މީހުންނާ އެކު އެ ގޭގަ އެވެ. އެ ކުއްޖާ ރޭޕްކުރި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ސީރިއަސްކޮށް އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ބައްޕަ އާއި ކާފަ އާއި މުނިކާފަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަ ކުއްޖާ އަށް ޖިންސީގޯނާކުރި މައްސަލަ ފަޅާނާރަނީސް، އޭނާގެ މަންމަ އަށް ބަފައިބެގެ ފަރާތުން ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައި އޮތް ކަމަށް ވެ އެވެ.

މި ރަށުގައި ދިރިއުޅޭ އަންހެންމީހާގެ އާއިލާ އިން "މިހާރު"އަށް ކިޔައިދިން ގޮތުގައި، އެ މައްސަލައިގައި އެ ގޭތެރޭގައި ޒުވާބުކުރާ އަޑު އެ ސަރަހައްދުގެ މީހުންނަށް އޮތީ އިވިފަ އެވެ.

"ކުއްޖާގެ ކާފަ [އޭނާގެ ބަފައިބެގެ] ފަރާތުން ޖިންސީ ގޯނާކުރިމަތިވި ކަމަށް އެބަ ބުނޭ. އޭނަ އަށް ކުރިމަތިވި ކަންކަން ކިޔައިދީފި ކޮއްކޮމެންނާއި ދައްތަމެންނަށް،" އާއިލާގެ މީހަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ވާހަކަތައް ފުލުހުންނަށް ވެސް މިހާރު ވަނީ ކިޔައިދީފަ އެވެ.

"އެކި ދުވަސްތަކުގައި ބަފައިބެއާ ގުޅޭ ގޮތުން ޝައްކުވާ ވާހަކަތަކެއް ދައްކާފައި އެބަހުރި. ބަލިވެގެން މާލެ ދިޔައިރު ވެސް ވަރަށް އާދޭސްކުރި [އޭނާގެ ދަރިފުޅު] އެ ގޭގައި ނުބަހައްޓާ ގެންދަން."

ބަފައިބެއާ މެދު އެފަދަ ތުހުމަތުތަކެއް ކުރާ އަޑު އެ ގޭ ތެރެއިން އިވުނު އަވަށްޓެރިއަކު ވެސް އެ ވާހަކަތައް އަންހެންމީހާގެ އާއިލާ އަށް ކިޔައިދީފައިވެ އެވެ.

ރަށުގެ މުދިމަކަށް އުޅުނު މީހާއާ މެދު ތުހުމަތުތަކެއް ފެންމަތިވެފައިވީ ނަމަވެސް އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރާ ނުވަތަ ނުކުރެވޭ ބަޔަކު ވެސް މި ރަށުގައި އެބަ ތިއްބެވެ. މީގެ އަހަރުތަކެއް ކުރިން، ޖިންސީ ގޯނާގެ ތުހުމަތުތަކެއް އޭނާ އަށް ކޮށްފައިވިޔަސް ކަމާ ބެހޭ އެއްވެސް އިދާރާއެއްގައި އޭނާގެ ރެކޯޑެއް ނެތެވެ. ކުރިން އޭނާ އަށް ކުރި ތުހުމަތު ތަހުގީގުކޮށްފައެއް ވެސް ނުވެ އެވެ.

"އެހެންވީމަ ވެސް ގަބޫލުކުރަން އުނދަގޫ. އެހެންވިޔަސް މިކަމުގައި އޮތީ ވީ ގޮތް ހޯދުން،" މި ރަށުގެ މެދު އުމުރުގެ ފިރިހެނަކު ބުންޏެވެ.

ކުޑަ ކުއްޖާގެ މަންމަ ހޮސްޕިޓަލުން މިހާރު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. އެކަމަކު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އެ ކުއްޖާގެ ޒިންމާ ދައުލަތުން ހަވާލުކުރީ ގދ. ތިނަދޫގައި ދިރިއުޅެމުން އަންނަ މާމައާ އެވެ.

އަންހެން މީހާގެ އާއިލާ އިން ދައްކާ ވާހަކަތައް، ފިރިހެން މީހާގެ އާއިލާ އިން ދޮގުކުރެ އެވެ. އެ މީހުންނާ ހަވާލާދީ މި ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، އަންހެން މީހާގެ އާއިލާގެ ބޭނުމަކީ އެ މީހުން ބަދުނާމުކުރުމެވެ. މުދިމު ހައްޔަރުކޮށްގެން މި ރަށުން ގެންދަން އުޅުމުން އާއިލާ މީހަކު ހިތްހަމަނުޖެހުން ވެސް ފާޅުކުރި އެވެ.

މުދިމުގެ އަންހެނުންނާއި ދަރިން ދިރިއުޅެނީ ހުޅުމާލޭގަ އެވެ.