އެމީހުން މިހާރު ވެސް އެތިބީ ކުއްޖަަކަށް ނަޒަރު ހިންގަހިންގާ!

"އޮފެންޑާސް ވެބްސައިޓުގައިވާ މީހުންގެ ތެރެއިން ޖަލުގައި މިވަގުތު ނެތް މީހުން އެނގޭނެ ގޮތެއް ހަދާ ދީބަލަ. ހެޔޮނުވާނެ. އަދި އެންމެ އަވަހަށް ޖަލުން މިނިވަންވާނެ މީހުން ވެސް އެނގޭނެ ގޮތަށް. އޭރުންދޯ އެނގޭނީ ސަމާލުވާން،" ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައިގެ ހަބަރަކަށް ކޮމެންޓް ކުރި އެކަކު ލިއުނެވެ.


ހަގީގަތުގަައި އޭނާ އެ ފާޅުުކުރީ މިހާރު އޮތް ގައުމީ ބޮޑު ކަންބޮޑުވުމެވެ.

ތުއްތު ކުއްޖާ ރޭޕް ކުރި މައްސަލައިގެ މައުލޫމާތު ސާފުކުރަން ކަމާ ބެހޭ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވެސް ކުރެއްވީ އެ ޝަކުވާ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި އެފަދަ މައްސަލަތަކުގެ ތުހުމަތުވާ މީހުން އެނގެން ޖެހެ އެވެ. އެއީ އެހެން ކުދިން ސަލާމަތް ކުރުމަށް ޓަކައި ކުރަން އަޅަން ޖެހޭ މުހިއްމު އެއް ފިޔަވަޅެވެ.

މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމުގައި ކަމާ ބެހޭ އިސް ވެރިން

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ތަހުގީގުކޮށް، އެމީހުންނާ ދެކޮޅަށް ދައުވާ އުފުލާ އިރު ވެސް އެމީހުން ދިރިއުޅޭ މުޖުތަމައުގެ އިސް ފަރާތްތަކަށް ނޭނގޭ ކަމަށެވެ. ރަށުގައި ހުންނަވައިގެން، ކޮމިޓީގެ ބައްދަލުވުމުގައި ފޯނުން ވާހަކަދައްކަވަމުން ވިދާޅުވީ ތުއްތު ކުއްޖާގެ މުނިކާފަގެ މައްޗަށް ދައުވާއެއް ކޮށްފައި އޮތްކަން ކައުންސިލަށް އެނގުނީ ވެސް މިފަހަރުގެ މައްސަލަ ފެންމަތިވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ތުއްތު ކުއްޖާއަށް ރައްކާތެރިކަން ހޯދައިދިނުމަށް އެދި ޖެންޑާއަަށް މައްސަލަ ހުށަނޭޅި އޮތީ ވެސް އެހެންވެގެން ކަމަށެވެ. ނަމަވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑް، ކުއްޖާގެ މުނިކާފަގެ އޮތްކަން ކައުންސިލަށް އެނގޭ ކަަމަށާއި އެކަމަކު އެއީ ވެސް ނުރަސްމީ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ރަސްމީ ހައިސިއްޔަތުން ލިިބިފައި ނުވެޔޭ، އެކަމަކު އަޅުގަނޑުމެންނަށް ވެސް އެނގޭ މި މުނިކާފައަކީ މީގެ ރެކޯޑް އޮންނަ [މީހެއްކަން]. ހަގީގަތުގައި މި މައްސަލައިގެ ތެރެއިން އަޅުގަނޑުމެންނަށް މި އެނގުނީ [ކުރީގެ] މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޯޓަށް މި މައްސަލަ އައިސްފައި އޮތްކަން ވެސް،" އޭނާ ވިދާޅުވި އެވެ.

ދޫވެފައި ތިބުމުގެ ކަންބޮޑުވުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މުޖުތަމައަށް ދޫވެފައި ތިބޭ ތިބުން މަޖިލީހުގެ މެމްބަރުން ވެސް ނެންގެވީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށް ވީ ތުއްތު ކުއްޖާގެ މުނިކާފަގެ ދެ މައްސަލައެއް ފުލުހަށް ހުށަހަޅައި، އެއް މައްސަލައިގައި އޭނާއަށް ދައުވާ ވެސް ކޮށްފައި ވަނިކޮށް ދޫވެފައި ހުރުމެވެ.

މުނިކާފައަށް ދައުވާ އުފުލާފައިި ވަނީ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ. އަދި އޭގެ ފަހުން އޭނާ 10 އަހަރުގެ ކުއްޖަކަށް ގޯނާކުރަން އުޅޭ ކަމަށް ތުހުމަތުވާ ވީޑިއޯއެއް ދާދި ފަހުން ވަނީ އާއްމުވެފަ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ނުކުރީ ކީއްވެތޯ މެމްބަރުން ފުލުހުންނާ ސުވާލު ކުރެއްވި އެވެ.

"ސައިކޮލޮޖިކަލީ ވެސް ހަމަ ޕީޑޯފައިލްއެއް [ކުޑަކުދިންނާ ބެހޭ މީހެއް] ކަމަށް ވަންޏާ އޭނާ އަކަށް ނުހުރެވޭނެ ހަމަ ކުޑަކުދިންނާ ނުބެހިއެއް. ހަމަ ބެހޭނެ،" ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މުނިކާފަގެ ތަހުގީގު ކުރިން ކޮށްފައި އަދި ޕީޖީގެ ފަރާތުން މައްސަލަ ކޯޓަށް ލާ ހިސާބުން ފެށިގެން ވެސް، އޭނާއަކީ ކާކު ކަން ފުލުހުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

އޭނާ ދެން އެއްސެވީ އެ ހިސާބަށް ގޮސްފައި ހުރި މީހަކު މުޖުތަމައަށް ދޫވެފައި ހުުރުމަކީ ނުރައްކަލެއް ނޫންތޯ އެވެ. ފުލުހުންގެ ފަރާތުން އެ ސުވާލަށް ޖަވާބު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްްމުވި ވީޑިއޯއިން އިވޭ އަޑަކީ މުނިކާފަކަން ކަށަވަރު ނުކުރެވުނު ކަމަށެވެ.

އެ ވީޑިއޯގައި އެއްވެސް ފިރިހެނަކު ނުފެނެ އެވެ. އިވެނީ އަޑެވެ. ދެން ފޯނު ހިފައިގެން ހުންނަ ކުއްޖާ ދުވަމުން، ގޮވަނީ މިވެނި މީހެއްގެ ކޮޓަރިއަށް ހިނގާށޭ ބުނާ ވާހަކަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ދޫވެފައި ތިބޭ މައްސަލައިގައި ފުލުހުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. އެއީ އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމުން ކޯޓުތަކުގައި އެ މައްސަލަތައް ދިގުލައިގެން ގޮސް، ހެކިބަސް ދޭ މީހުންނަށް ކަންތައްތައް ހަނދާން ނުހުންނަ ވަރަށް މައްސަލަތައް ލަސްވުމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަން ފުލުހުންގެ ތަހުގީގަށް އެނގުމަށް ފަހު ވެސް ޝަރީއަތް ލަސްވުމުގެ ސަބަބުންނާއި އެނޫން ސަބަބުތަކާ ހެދި ދޫވެފައި ތިބޭ އިރު އެމީހުން އުޅޭ ނޫޅޭ ގޮތް ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ރޮޒައިނާ ވިދާޅުވީ ކޯޓުގެ މަރުހަލާ ނިމެންދެން ދޫކޮށްލާ އިރު އެފަދަ މީހުން ދިރިއުޅެން ދަނީ ކުޑަކުދިން ތިބި ތަނަކަށްތޯ ވެސް ބެލެން ޖެހޭނެ ކަމަށެވެ.

"ސައިކޮލޮޖިކަލީ ވެސް ހަމަ ޕީޑޯފައިލްއެއް [ކުޑަކުދިންނާ ބެހޭ މީހެއް] ކަމަށް ވަންޏާ އޭނާއަކަށް ނުހުރެވޭނެ ހަމަ ކުޑަކުދިންނާ ނުބެހިއެއް. ހަމަ ބެހޭނެ،" އޭނާ ވިދާޅުވި އެވެ.

ތަހުގީގު މަރުހަލާއަށް ފަހު ޝަރީއަތް ނިމެންދެން ދޫކޮށްލާފައި ތިބީ އެފަދަ ކިތައް މީހުންތޯ އޭނާ ފުލުހުންނާ ސުވާލު ކުރެއްވި އެވެ. ފުލުހުންގެ ފަރާތުން ވަޑައިގެން ތިއްބެވި ބޭފުޅުން ޖަވާބު ދެއްވީ އެ ތަފާސްހިސާބު މަޖިލީހާ ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެެ. އެހެން ވިދާޅުވުމުން ރޮޒައިނާ އެކަން މާނަކުރެއްވީ އެއީ "އެތައް ބަޔަކު ތިބޭނެ ކަން ޔަގީންވުން" ކަމަށެވެ.

"އަޅުގަނޑަށް ދެން މިހާރު އެބަ އެނގޭ ޔަގީންކަމާ އެކު ބައިވަރު މައްސަލަތައް ހުންނާނެ، ޕީޑޯފައިލްސްގެ ހަމަ ބައްލަވާފައި ޕްރޮސެކިއުޝަނަށް ފޮނުވާފައި. މީގެ ބައިވަރު މީހުންތައް ހަމަ އުޅޭނެ،" އޭނާ ވިދާޅުވި އެވެ. ދެން ރޮޒައިނާ ދެއްވީ ވަރަށް ބޮޑު މެސެޖެކެވެ.

"ދޭ އާ އައުޓް ދެއާ. އެމީހުން ތިބޭނީ ކޮންމެވެސް ކުޑަ ކުއްޖަކަށް ނަޒަރު ހިންގަ ހިންގާ މިހާރު ވެސް."