ބަދިގެއެއް، ގޮނޑިއެއް، މޭޒެއް ނެތް "ހޮޓާތައް"

އެއީ ކުޑަކުޑަ ފިހާރައެކެވެ. އެކަމަކު އެތެރެއަށް ބަލައިލުމުން ފެނުނީ ތަފާތު މަންޒަރެކެވެ. ސޭޓު އިންނަ މާޒު މަތީގައި ހުރީ ބިއްލޫރީ ރެކެކެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ހެދިކާ އެވެ. ބޭނުން އެއްޗެއް ބުނުމުން ޕްލާސްޓިކް ތަށްޓަކަށް އަޅައިދިނީމާ އެތަނުގައި ހުރެގެން ކާންވީ އެވެ. ނުވަތަ ކޮތަޅަކަށް އަޅައިގެން ގެންދަންވީ އެވެ.


ހެދިކާ އެކު ބޯން ކޮފީ އާއި ލުއިބުއިންތައް ވެސް ލިބެން ހުރެ އެވެ.

ކުޑަކުޑަ ފިހާރަ އޮތީ ފުރިފަ އެވެ. އެއީ ގޮނޑިއެއް، މޭޒެއް ނެތި ހިންގާ ސައި ހޮޓަލެކެވެ. ފިހާރައިގެ ނަމެވެ. މައިގަނޑު ވިޔަފާރިއަކީ ކެއިންބުއިމުގެ ހިދުމަތެވެ. އެކަމަކު އެއީ ހާއްސަ ހުއްދައެއް ލިބިގެން، ތަނުގެ ސާފުތާހިރުކަން ވަކި ގޮތަކަށް ބަހައްޓައިގެން ހުއްދަ ލިބޭ ވިޔަފާރިއެކެވެ.

ބަންގްލަދޭޝް މީހުން ތިބެގެން މާލޭގެ ބައެއް ހިސާބުތަކުގައި ކުދިކުދި ފިހާރަތައް "ސައި ހޮޓަލަށް" ބަދަލުވަމުން އެބަ ދެ އެވެ. ބައެއް ތަންތަނުން ލިބެނީ ހެދިކާ އެކަންޏެއް ނޫނެވެ. ބަންދުކޮށްފައި ހުންނަ ފްރައިޑް ރައިސް އާއި ނޫޑުލިހާއި ސްޕެގެޓީ ވެސް ވިއްކަން ހުރެ އެވެ.

މިކަހަލަ ބައެއް ތަންތަން ހުންނަނީ ބޮޑެތި އޮފީސްތަކާއި ކުންފުނިތަކުގެ ކައިރީގަ އެވެ. ކަސްޓަމްސް އާއި އެމްޕީއެލް ސަރަހައްދަކީ އޭގެ ތެރެއިން އެއް ހިސާބުގަނޑެވެ.

މިފަދަ ތަންތަނުގެ މައްސަލަ ކުއްލިއަކަށް ބައެއް މީހުންގެ ސަމާލުކަމަށް އައީ، އިމިގްރޭޝަނުން މި ފަހުން އާންމުކުރި ވީޑިއޯއަކުންނެވެ. ބައެއް ބިދޭސީން ނިދާއުޅޭ ތަންތަނަށް ޗެކްކުރަން އިމިގްރޭޝަންގެ އޮފިޝަލުން ހިންގި އޮޕަރޭޝަނެއްގައި ފެނުނީ، ނިދަން ބޭނުކުރާ ބައެއް ތަންތަން، ސާފުތާހިރުކަމެއް ނެތް ބަދިގެތަކަކަށް ހަދާފައިވާ ތަނެވެ. އެ ތަންތަނުން ތައްޔާރުކުރާ ތަފާތު ވައްތަރުގެ ހެދިކާ، އާންމުންނަށް ވިއްކަ އެވެ. ސްކޫލް ކުދިންގެ އިންޓަވަލްއަށް ގެންދެ އެވެ.

ސާފުތާހިރުކަމުގެ މިންގަނޑެއް ނެތި، ފިހާރަތައް ކުދިކުދި ކަޑަތަކަށް ބަދަލުކޮށް، ވިއްކާ ހެދިތާ ތައްޔާރުކުރަނީ ކޮން ތަނެއްގައި ހެއްޔެވެ؟ އެއީ ހުއްދަ ދީފައިވާ ބަދިގެތަކުން ހަދާ އެއްޗެހި ހެއްޔެވެ؟

ފިހާރައެއްގެ ރެކެއްގައި ހެދިކާ ވިއްކަން ބަހައްޓާފައި: މިއީ ގޮނޑި މޭޒް ނެތް ހޮޓަލެއް؟ -- ފޮޓޯ: މިހާރު

އިމިގްރޭޝަންގެ ވީޑިއޯ އިން ފެނުނީ ވަގުތުން ހުއްޓުވަން ޖެހޭ ކަމެކެވެ. ކޮޓަރީގައި އުނދުން ބަހައްޓައިގެން ކާބޯތަކެތި ހަދައި އެ ތަކެތި ފިހާރަތަކަށް ލަނީ އެވެ. އެ "ބަދިގެތަކު"ގެ މުޑުދާރުކަން ހުރި މިންވަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

އެތަންތަނުން އުފައްދާ ތަކެތީގެ އަސްލު މާކެޓަކީ ކުދިކުދި ފިހާރަތަކެވެ. ގިނަ ތަންތަނުގައި ސޭޓުންނަށް ތިބެނީ ބަންގްލަދޭޝް މީހުންނެވެ. ގިނަ ފިހާރަތައް ހިންގަނީ ވެސް އެމީހުންނެވެ. އެހެންކަމުން ބިދޭސީން ތައްޔާރުކުރާ ދިވެހި ހެދިކާތަކަށް މިހާރު މި އޮތީ ރަސްމީ ހުއްދައެއް ނެތި، އެކަމަކު ފިހާރަތަކުން ފުރުސަތު ލިބިފަ އެވެ.

މުޅިން މަނާކަމެއް!

ރާއްޖޭގެ ވިޔަފާރި އުސޫލުން ވިއްކާ ކާބޯތަކެތި އުފެއްދުމުގެ ހުއްދަ ދެނީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބަލައި ފާސްކޮށްފަ އެވެ. އާންމުންނަށް ވިއްކަން ޖެހޭނީ ހުއްދަ ދީފައި އޮންނަ ބަދިގެތަކުން އުފައްދާ ކާބޯތަކެއްޗެވެ.

އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ފިހާރަތަކުން ހެދިކާ ފަދަ ކާބޯތަކެތި ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ. އެތަންތަނުގައި ވިއްކޭނީ ލޭބަލްކޮށްފައި ހުންނަ އުފެއްދުންތައް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޓްރޭތަކާއި ތަށިތަށީގައި ބަހައްޓައިގެން، ފިހާރަތަކުގައި އެގޮތަށް ހެދިކާ ވިއްކުމަކީ މަނާ ކަމެކެވެ.

ފިހާރަތަކުގައި ވިއްކާ ހެދިކާ ތައްޔާރުކުރަނީ ހަމައެކަނި ބިދޭސީންނެއް ވެސް ނޫނެވެ. ދިވެހިން ވެސް ގޭގޭގައި އެ އެއްޗެހި ތައްޔާރުކޮށް ފިހާރަތަކަށް ލަ އެވެ.

އެކަމަކު ނާސިރު ވިދާޅުވި ގޮތުގައި އާއްމު ގޭގޭގެ ބަދިގެތަކުގައި ހަދާ ހެދިކާ ވެސް އެގޮތަކަށް ފިހާރަތަކުގައި ނުވިއްކޭނެ އެވެ. އެހެންކަމުން މިހާރު ކުދިކުދި ފިހާރަތަކުން ލިބެން ހުންނަ ހެދިކާ އާއި އެ ބާވަތުގެ އެއްޗިއްސަކީ ސާފުތާހިރު އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.

ފިހާރަތަކުގައި ކެއުންތައް ވިއްކަން ބަހައްޓާފައި: މަނާ ކަމަކަށް ވިޔަސް ކެއުންތައް ވިއްކާ ފިހާރަތައް ގިނަ-- ފޮޓޯ: މިހާރު

ނާސިރު ވިދާޅުވި ގޮތުގައި ދަރިވަރުންގެ ކުދިންގެ އިންޓަވަލްއަށާއި ބޮޑެތި މީހުންނަށް ފިހާރަތަކުން ހެދިކާ ވިއްކާކަން ފާހަގަކުރެވިގެން އެކަން ހުއްޓުވައި ދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި އެޗުޕީއޭ އިން ވަނީ އެދިފަ އެވެ.

"އާއްމު ކާބޯތަކެތީގެ މިންގަނޑުތަކާ ހިލާފަށް ކުރާ ކަމެއް އެއީ. ލޭބަލްނުކޮށް ހުންނަ އެފަދަ ތަކެތި ވިއްކުމަކީ މަނާ ކަމެއް. އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކުން އެކަހަލަ ތަކެތި ވިއްކުމަކީ ގާނޫނާ ހިލާފު ކަމެއް،" ނާސިރު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ވީޑިއޯއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ މިހާތަނަށް އެނގިފައި އޮތީ ބިދޭސީން އުޅޭ އެފަދަ ތަންތަނުގައި އެއްޗެހި ތައްޔާރުކުރަނީ ބިދޭސީންނަށް ވިއްކަން ކަމަށެވެ. އެއީ ސްކޫލް ކުދިންގެ އިންޓަވަލަށް ހާއްސަކޮށްގެން ފިހާރަތަކަށް ލާ އެއްޗެހިކަން އެނގޭ ފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަކުވާ އަންނަނީ ސާފުތާހިރުކަން ދަށްވެގެން. އެގޮތަށް ބަލާ ތަންތަން ރަނގަޅު ކުރަމުން މިއަންނަނީ. އަދިވެސް އިންސްޕެކްޓްކޮށް ފިޔަވަޅު އަޅަމުން ދަނީ،" ނާސިރު ވިދާޅުވި އެވެ.

އެކަމަކު އޭނާ އެހެން ވިދާޅުވިޔަސް ކުދިކުދި ފިހާރަތަކުގައި މިހާރު ބަހައްޓާފައި ހުންނަ ހެދިކާ އާއި ރޮށި، އަދި ކުޅިމަސް ފަދަ ތަކެއްޗަކީ އިމިގްރޭޝަންގެ ވީޑިއޯ އިން ފެންނަ "ބަދިގެތަކު"ގައި އުފައްދާ އެއްޗެހި ނޫން ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ އެކަހަލަ ފިހާރަތަކުގައި ތިބެގެން އެތައް ދިވެހިންނެއް އެ އުފެއްދުންތައް ކަމުން ދާ ކަމެވެ. ކޮތަޅުތަކަށް އަޅައިގެން އެތައް ބަޔަކު ގެންދާ ކަމެވެ. އަދި ގަވާއިދާ ހިލާފަށް ކުރަމުން ދާ ކަމަކަށް ވިޔަސް، ހުއްޓުވާނެ ރަސްމީ ފަރާތެއް ނުފެންނަ ކަމެވެ.