ކޮރޯނާވައިރަސް: ދޮގު ވާހަކަ ފަތުރައިގެން ލިބޭނީ ބޮޑު ގެއްލުމެއް

"މިއީ ހަގީގަތާ ކުރިމަތިލުމުގެ ވަގުތު، ބިރުވެރިކަމަކާ ނޫން. މިއީ ސައިންސްގެ ވަގުތު، ތޯތޯ ވާހަކައިގެ ވަގުތެއް ނޫން. މިއީ އެއްބައިވާންވީ ވަގުތު، ކުށްވެރިކޮށް ދެރަކޮށްލަންވީ ވަގުތެއް ނޫން،" ނޮވެލް ކޮރޯނާވައިރަސް ފެތުރެމަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ހާލަތެއްކަން އިއުލާން ކުރައްވަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮން ގެބްރެޔެސުސް ވިދާޅުވި އެވެ.


ކުއްލި ހާލަތު އިއުލާންކުރި ގަރާރުގައި ޑަބްލިއުއެޗްއޯއިން މައިގަނޑު ހަތް ކަމަކަށް އިރުޝާދު ދިނެވެ. ގައުމުތަކުގެ ސަރުކާރުތަކާއި ސިއްހީ ހިދުމަތްތެރިންނާއި ރައްޔިތުން މި ހާލަތުގައި ކުރަން އެ ޖަމާއަތުން އެދޭ އެ ހަތް ކަންތަކުގެ ހަތަރު ވަނައިގައި އޮތީ "ތޯތޯ ވާހަކަ އާއި ދޮގު މައުލޫމާތު ފެތުރުމާ ދެކޮޅަށް" ހަނގުރާމަކުރުމެވެ.

ވޫހާންގެ ރެޑް ކްރޮސް ހޮސްޕިޓަލެއްގައި މެޑިކަލް ސްޓާފުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ސިއްހީ އިމަޖެންސީއެއްގައި ދޮގު ވާހަކަ ފެތުރުމުގެ ގެއްލުން ބޮޑުކަމާއި، އެކަން ހުއްޓުވުމުގެ މުހިއްމުކަން މި ކަމުން އެނގެ އެވެ. އަދި ސޯޝަލް މީޑިއާއާ އެކު ދުނިޔޭގައި އެކަން ބޮޑުވެފައިވާ މިންވަރު ވެސް ޑަބްލިޔުއެޗުއޯގެ އެންގުމުން ދޭހަވެ އެވެ.

ދުނިޔެއަށް، ނުވަތަ ވަކި ގައުމަކަށް ކުރިމަތިވާ ބޮޑެތި ކަންކަމާ ގުޅިގެން ދޮގު ވާހަކަތައް ފެތުރުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ވެގެން މިއުޅޭ ގޮތަކީ އެކަމަށް އޮތް ވަސީލަތްތައް ގިނަވުމެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮންމެ ވާހަކައެއް ފަތުރާލަން ވެސް އިންތިހާއަށް ފަސޭހަވީ އެވެ.

"ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހެއް، މާފަންނުގެ ގެއަކުން އެމްބިއުލާންސަކަށް ލައިގެން ދެންމެ ގެންގޮސްފި" ސޯޝަލް މީޑިއާގައި ދައުރުވި މި ވާހަކަ، ތަފާތު އެތައް ގްރޫޕެއްގެ ތެރެއިން ފޯނަށް އައީ އެއް ފަހަރާ އެވެ. އެއާ އެކު އާއިލާގެ މީހުންގެ ފޯން ކޯލްތައް ގިނަވި އެވެ.

"މާސްކެއް އަޅާ ބަލަ، ބަލައިގެން އުޅޭތި،" މިކަހަލަ ކިތަންމެ ނަސޭހަތެކެވެ.

ފެތުރޭ ގިނަ ވާހަކަތައް ހަގީގަތާ ވަރަށް ދުރު

ޗައިނާގެ ވޫހާން އިން ފެނުނު އާ ވައިރަސް އިންސާނުންގެ ގަޔަށް ފެތުރެން ފެށި ވާހަކައާ އެކު ދުނިޔޭގެ އެހެން ގައުމުތަކުގެ ކަންބޮޑުވުމަކަށް ވީ ޗައިނާ އިން ގެންގުޅޭ މައުލޫމާތު ސިއްރުކުރުމުގެ އާދަ އެވެ. އެހެންވެ، ބަލި ފެތުރޭ މިންވަރާއި ބަލީގެ ސަބަބުން ވާ ގޮތްތައް ވެސް އެންމެ ތެދަށް ނޭނގޭނެ ކަމަށް އެއް ބަޔަކު ގަބޫލުކުރި އެވެ.

ޗައިނާއަކީ ޚުދުމުޚުތާރު ވަރުގަދަ ވެރިކަމެއް އޮން ގައުމަކަށް ވުމުން އެ ވާހަކަތައް ވަަރަށް ފަސޭހައިން ގަބޫލު ވެސް ކުރެވެ އެވެ. އެކަމަކު ފަހުން ޗައިނާ އިން އަޅަން ފެށީ ވަރުގަދަ ފިޔަވަޅުތަކެކެވެ. ޑަބްލިޔުއެޗުއޯގެ ތައުރީފު ވެސް ލިބުނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ކުރިން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޗައިނާއަށް ވަޑައިގެންނެވި އެވެ. އެ ގައުމުން އަމަލުކުރަމުން އަންނަ ގޮތާ މެދު އޭނާ ވިދާޅުވީ މިހެންނެވެ.

"ބަލި ފެތުރޭކަން ދެނެގަނެ، ވައިރަސް އައިސޮލޭޓްކޮށް، ޖެނޯމް ސީކްއެންސް ހޯދައި، ޑަބްލިއުއެޗްއޯ އާއި ދުނިޔޭގެ އެހެން ގައުމުތަކާ ހިއްސާކުރި ސްޕީޑަކީ މިސާލީ މަސައްކަތެއް."

ސޯޝަލް މީޑިއާގައި ދެން ފެތުރުނީ ކޮރޯނާވައިރަސް އާ ވައްތަރަކީ އިންތިހާއަށް ނުރައްކާތެރި، އެއްޗެއް ކަމެވެ. ގިނަ ބަޔަކު އެ ވާހަކަތައް ގަބޫލުކޮށް، ގައުމުތަކުގެ ރަސްމީ އިދާރާތަކަށް ފާޑުކިޔައި، ކަންކަން ސިއްރުކުރަން އުޅޭކަމުގެ ތުހުމަތު ވެސް ކުރި އެވެ. އެއް ބަޔަކު ބުނި ގޮތުގައި ވޫހާން އާއި ޗައިނާގެ އެހެން ބައެއް ސިޓީތަކުގައި މަރުވެފައި ތިބި މީހުން މަގުތަކުން ވެސް ފެނެ އެވެ. އެ މަންޒަރު ކަމަށް ބުނާ ވީޑިއޯތައް ވެސް ދައުރުވި އެވެ.

އެކަމަކު މިހާތަނަށް ވައިރަސް އެރި މީހުންގެ އަދަދާއި ބަލީގެ ސަބަބުން މީހުން މަރުވީ އަދަދު އަޅާބެލުމުން އެއީ ކަނޑައެޅިގެން ދޮގެއްކަން އެނގެ އެވެ. ޗައިނާގައި ވައިރަސް އެރިކަން ކަށަވަރުވާ ރަސްމީ އަދަދު އުޅެނީ 13،000 ގަ އެވެ. މަރުވި މީހުންގެ އަދަދު ވަނީ 300 އަށް އަރާފަ އެވެ. މީގެ މާނައަކީ މިހާތަނަށް މަރުވީ ވައިރަސް އެރި މީހުންގެ އެންމެ ދެ ޕަސެންޓް ކަމެވެ.

ޑރ. އިބްރާހީމް އަފްޒަލް (ކ)، ޑރ. މޫސާ ހުސައިން (މ) ޑރ. މުހައްމަދު އަލީ، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ:ނިޝާން އަލީ/މިހާރު

ހުރިހާ ކަމެއް އެނގޭ ކަމަށް ހެދުން

ސޯޝަލް މީޑިއާގެ ފައިދާ ވެސް ވަރަށް ބޮޑެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ރަނގަޅު މައުލޫމާތު ދީ، މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް އެތައް ބަޔަކު ކުރެ އެވެ. އެކަމަކު ހިތަށްއެރިހާ ވާހަކައެއް ފަތުރާ މީހުން ވެސް މަދެއް ނޫނެވެ. އެ މީހުންނަށް ހީވަނީ، ދުނިޔޭގެ ހުރިހާ ކަމެއް އެމީހުންނަށް އެނގޭހެންނެވެ. އެ ނުބައި ވިސްނުމުގެ ސަބަބުން، އާންމުންގެ ތެރެއަށް މި ދޫކޮށްލެވެނީ ކިހާ ވަރެއްގެ ގޯސް ވާހަކަތަކެއް ކަމެއް އެމީހުންނަކަށް ނޭނގެ އެވެ.

ބައެއް މީހުންގެ އަނެއް ނުބައި ސިފަޔަކީ، އަބަދުވެސް އެހެން މީހުން ދައްކާ ވާހަކަ ދޮގުކުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ "ކޮންސްޕިރަސީ ތިއަރީ" އެވެ. މިގޮތަށް ވިސްނުން ހުންނަ މީހުންނަށް އެހެން އެއްވެސް ބަޔަކު ދައްކާ ވާހަކައެއް ގަބޫލެއްނުކުރެވެ އެވެ. ނުވަތަ ގަބޫލުކުރާކަށް ބޭނުމެއް ނުވެ އެވެ. އެ މީހުން އަބަދުވެސް ދެއްކޭތޯ އުޅެނީ، ރަސްމީ ފަަރާތްތަކާއި ކަމާ ބެހޭ ތަޖުރިބާކާރުން އުޅޭނީ ކަންކަން ފޮރުވަން ކަމަށެވެ.

ވަކި ކަމެއްގެ އަސްލު ހާލަތަށް ވުރެ ބޮޑުކޮށްގެން ވާހަކަ ފެތުރުމުގެ އާދަ ވެސް، ސޯޝަލް މީޑިއާގެ ބައެއް މީހުންގެ ކިބާގައި އަށަގެންފައިވެ އެވެ. މިސާލަކަށް، އެމްބިއުލެންސެއް ތަނަކަށް އަންނަ އިރު، އޭގައި ތިބޭ އެންމެން މާސްކް އެޅުން، މިވަގުތު ވަނީ މަޖުބޫރު ކަމަކަށް ހަދައިފަ އެވެ. އެހެންކަމުން އެމްބިއުލެންސް ދާ ކޮންމެ ތަނަކުން ނެރެނީ ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހެއް ނޫނެވެ. ނުވަތަ އެމްބިއުލަންސް ދަނީ އެފަދަ ބަލިމީހަކު ބަލައެއް ވެސް ނޫނެވެ.

ސޯޝަލް މީޑިއާއިން ތިމާ ބޭނުން ކޮންމެ އެއްޗެއް ފެތުރުމުގެ އިހުތިޔާރު އޮންނާތީ، އަދި އެ ވާހަކަ ޗެކްކުރާނެ އެހެން މީހަކު ނުހުންނާތީ، ވީޑިއޯ ނުވަތަ ފޮޓޯއެއް ލާފައި، އަވަހަށް ޕޯސްޓްކޮށްލަންވީ އެވެ. އެކަމަކު އެހާ ހިސާބުން އަދި ނުނިމެ އެވެ. ދެން އެ ވާހަކައެއް އާންމުންގެ ތެރެއަށް އެ ނުކުތީ އެވެ. ދޮގެއް ވިޔަސް އެއީ ތެދެއް ކަމަށް ބަލައި، އެ ވާހަކައެއް އިތުރަށް ދައުރުކުރެ އެވެ.

މިކަހަލަ ނާޒުކު ހާލަތްތަކުގައި، އެއީ ވަރަށް ނުރައްކާތެރި އަދި އެހާމެ ބޮޑު ނުބައެކެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާއެއް އޮވެ އެވެ. އެ ޒިންމާ ރަނގަޅަށް އަދާނުކޮށް، މިކަހަލަ ހާލަތްތަކުން ފަސޭހައިން އަރަައެއް ނުގަނެވޭނެ އެވެ.

ރަސްމީ ފަރާތްތަކުން ކަނޑައެޅިގެން ދޮގު ހަދައިގެން މި ޒަމާނުގައި ސަލާމަތެއް ނުވާނެ އެވެ. ކޮންމެވެސް އިރަކުން އެއީ ދޮގެއްކަން ކަށަވަރުވެ، ސިޔާސީ ފަަރާތްތައް ބޭޒާރު ވެސް ވެ އެވެ. އެހެންކަމުން ދުނިޔޭގައި ބޮޑު ރޯގާއެއް ފެތުރޭ އިރު އާންމުންނަށް ދޮގު ހެދުމުގެ ބަދަލުގައި، ސަރުކާރަށް ވެސް އަދި ކަމާ ބެހޭ ތަޖުރިބާކާރުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ތެދު މައުލޫމާތު ދިނުމެވެ. އޭގެ ސަބަބުން އެ ހާލަތުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަވެ، ނުބަޔަކަށް ވުރެ ރަނގަޅެއް ހާސިލްވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ރައްކާތެރިވާން ކުރަންވީ ކީއް؟

ކޮރޯނާވައިރަސް ފެތުރޭތީ މައުލޫމާތު ދޭން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސް ހާއްސަކުރީ، މި ވައިރަސްއާ ގުޅިގެން މީގެ ކުރިން އެންމެ އާންމުކޮށް ނޫސްވެރިންނާ ބައްދަލުކުރަައްވާ ސިޔާސީ ބޭފުޅުންގެ ބަދަލުގައި އައިޖީއެމްއެޗްގެ ދެ ޑޮކްޓަރަކާއި އެޗުޕީއޭގެ ޑޮކްޓަރަކަށެވެ. އެ ތިން ޑޮކްޓަރުން ވެސް ވިދާޅުވީ ވަރަށް އާދައިގެ ފިޔަވަޅުތަކަކުން، ވެސް ބަލިން ރައްކާތެރި ވެވިދާނެ ކަމަށެވެ. އެ ވައިރަސް އަރައިގެން ފެންނާނީ ވެސް، އެ ބޭފުޅުން ވިދާޅުވި ގޮތުގައި، އާއްމު އަލާމާތްތަކެކެވެ.

އަލާމާތްތައް

- ހުން އައުން

- ކެއްސުން

- ކަރުގައި ރިއްސުން

- ނޭވާލާން ބައެއް ފަހަރު އުނދަގޫވުން

- ގައިގައި ރިއްސުން.

ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. މޫސާ ހުސައިން ވިދާޅުވީ ކޮރޯނާވައިރަސް އަކީ ގައިން ގަޔަށް އަރާ އެހެން ބަލިތަކަށް ވުރެ އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުން އުނދަވޫ ނުވަތަ ލަހުން އަރާ ވައިރަސްއެއް ކަމަށެވެ.

"އެހެން ބަލިތަކާ ތަންކޮޅެއް ތަފާތުކޮށް، މި ބައްޔަކީ އެހާ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި އެއްވެސް ކަހަލަ ރޯގާއެއް ޖެހިފައިވާ ނަމަ، އެއީ ކޮންމެހެން ނޮވެލް ކޮރޯނާވައިރަސް އަށް ނުވި ކަމަށް ވިޔަސް އާއްމުންގެ ތެރޭގައި ކެއްސާ ކިނބިހި އަޅާ އިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުން މުހިއްމު ކަމަށެވެ.

ދެވަނަ ކަމަކީ މާސްކެއް ނުވަތަ ޓިޝޫއެއް ބޭނުންކޮށްފި ނަމަ ރަނގަޅު ގޮތުގައި އެ ޓިޝޫ ނުވަތަ މާސްކް ނައްތައިލުމެވެ.

"އެ ޓިޝޫ ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ، އަމިއްލަ ޖީބަށް ލެވޭތަން ވެސް. އެހެން ނުހަދާށޭ، އެ ޑިސްޕޯޒްކޮށްލާށޭ، ޑަސްބިނަށް ލާށޭ،" އޭނާ ވިދާޅުވި އެވެ.

ކުރަންވީ އަނެއް ކަމަކީ ޓިޝޫ ނުވަތަ މާސްކް ގެންގުޅުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމެވެ. އޭނާ ވިދާޅުވީ އާދައިގެ ސައިބޯނި ނުވަތަ ދޮންނަ އެހެން ބާވަތެއް ލައިގެން އަތް ދޮވުނަސް އެ ވައިރަސް އިން ސަލާމަތްވާ ކަމަށެވެ.

"މިކަހަލަ އާދައިގެ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިދާނޭ ސަލާމަތްވުމަށް ޓަކައި،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

މާސްކް އަޅަންވީ ކޮން ބައެއް؟

އެޗުޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވި ގޮތުގައި މާސްކް އަޅަން ޖެހޭނީ ބަލި ޖެހިފައިވާ މީހުންނާއި ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި އެމީހުންނާ ގާތުން މަސަައްކަތް ކުރާ މީހުންގެ އިތުރުން ބޮޑެތި އެހެން ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ހާލަތްތަކުގައި އަޅަން ޖެހޭނީ ވެސް ތަފާތު މާސްކްތަކެވެ.

"ހަމަ ނޯމަލް ސާޖިކަލް މާސްކް، އެއީ ބަލިހުންނަ މީހުން، އަލާމާތްތައް ހުންނަ މީހުން، އޭގެ މާސްކެއް އަޅައިގެން އުޅޭށޭ،" އޭނާ އިލްތިމާސްކުރެއްވި އެވެ.