ރެމިޓެންސް ޓެކްސް: ޝަކުވާ އާއި ތައްޔާރު ނުވެވުމުގެ ނުރައްކާ

ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުންޏަށް މިހާރު ކުރިމަތިވެފައި ވަނީ މިއިން ޒަމާނަކު ދިމާ ނުވާ ވަރުގެ ބޮޑު މައްސަލައެކެވެ. ބިދޭސީ މަސައްކަތު މީހުން ޝަކުވާ ކުރަނީ އެވެ. ބޭނުން ކުރަން ލިބޭ ލާރިކޮޅު މަދުވުމެވެ. މުސާރަ ބޮޑުކޮށްދޭން އެދޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަނީ އެވެ. އެއާ އެކު، ބިދޭސީންނަށް ހުޅުވައިދޭން ޖެހޭ ބޭންކު އެކައުންޓުތައް ނުހުޅުވި ގިނަ ދުވަސް ވާތީ އެކަމުގެ ބިރު އަދި އޮތް ގޮތަށް އޮތީ އެވެ.


ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް، ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން ވަނީ ފަށާފަ އެވެ. މި އަހަރު ރެމިޓެންސް ފީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ރެމިޓެންސް ޓެކުހާ އެކު، ބިދޭސީންނަށް މުސާރަ ދޭ ގޮތަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. އެ ގޮތުން، ކުރިން އަތަށް ދެމުން އައި މުސާރަ މިހާރު ޖަމާކުރަން ޖެހެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހަށް މި މަހު އެކަކުން ފެށިގެން އަމަލުކުރަން ފަށާފައި ވާއިރު، ބޭންކު އެކައުންޓް ހުޅުވަން ދީފައި ވަނީ ތިން މަސްދުވަހުގެ މުއްދަތެކެވެ.

ޖޫރިމަނާގެ ބިރު

ތިން މަސްދުވަހުގެ ތެރޭގައި އެކައުންޓް ނުހުޅުވިދާނެ ކަމުގެ ބިރު ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ގެންގުޅޭ ހުރިހާ ކުންފުންޏަކަށްހެން އެބަ އޮތެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ އަމިން ކޮންސްޓްރަކްޝަންގެ އެޗްއާރު އެގްޒެކެޓިވް އިބްރާހިމް ނަސީރު ވިދާޅުވި ގޮތުގައި އެކައުންޓެއް ހުޅުވުން ހުރިހާ ބޭންކެއްގައި ވެސް ވަނީ ބޮޑު ތަކުލީފަކަށެވެ. އެންމެ ބޮޑު މައްސަލަ އަކީ އެކައުންޓް ހުޅުވަން ފޯމު ހުށަހަޅަން އެޕޮއިންޓުމަންޓް ހޯދަން ބޮޑު ކިއޫއެއް އޮތުމާއި ބޭންކުގެ ބްރާންޗުތައް ނުހުންނަ ރަށްރަށުގައި އުޅޭ ބިދޭސީން މާލެ ގެންނަން ޖެހުމެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް ބީއެމްއެލް އިން އެޕޮއިންޓްމަންޓް ލިބުނީ ނޮވެމްބަރު 22 އަށް. އެ ދުވަހަށް ހުރިހާ އެންމެން ރަށްރަށުން ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ބައެއް މީހުން އެބަ އުޅޭ ސޮއިކުރަން ނޭނގޭ މީހުން ވެސް،" ނަސީރު ވިދާޅުވި އެވެ.

މާލޭގެ މަގު ހެދުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ: ބިދޭސީންގެ މުސާރަ މިހާރު ޖަމާކުރަން ޖެހެނީ ބޭންކު އެކައުންޓަށް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ކުންފުންޏަަކުން ވެސް ހަމަ އެ މައްސަލަ ނެގި އެވެ. އަމިއްލަ ފްލެޓު އިމާރާތްތަކެއް ވެސް ކުއްޔަށް ދޫކުރާ އެ ކުންފުނީގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި، އެ ކުންފުނިން ގެންގުޅޭ ގާތްގަނޑަކަށް 800 ބިދޭސީންގެ އެކައުންޓް ހުޅުވަން ބޮޑެތި ދަތިތަކެއް ހުރި ކަމަށް ބޭންކުތަކުން ވަނީ ބުނެފަ އެވެ. އެއީ ބޭންކުތަކަށް ވެސް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަމަކު އެންމެ ފަހު ވަގުތު ގެއްލުން ލިބެނީ ވަޒީފާ ދޭ ފަރާތްތަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނޫން ދިވެހި މުވައްޒަފުންގެ އެކައުންޓަށް ލާރި ޖަމާކުރާހެން ބޭރު މީހުންނަށް ވެސް މުސާރަ ދޭން. އެކައުންޓަށް މުސާރަ ޖަމާކުރަން ޗާޖެއް ނެގިޔަސް ހެޔޮ. އެކަމަކު، ބޭންކް އެކައުންޓް ހުޅުވިގެން ދެއްތޯ އެކަން ވެސް ކުރެވޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

ތިން މަސްދުވަހުގެ ތެރޭގައި ހުރިހާ އެކައުންޓެއް ނުހުޅުވި ދާނެ ކަމުގެ ބިރާ އެކު، ކުންފުނިތައް ބޮޑު އަދަދަކުން ޖޫރިމަނާ ވުމުގެ ބިރު ވެސް އެބަ އޮތެވެ. އެ ގޮތުން، ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ގާނޫނުގެ ދަށުން، ވަޒީފާ ދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލު ނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު ވެސް ގާނޫނުގެ ދަށުން ލިބިދެ އެވެ.

ބޮޑު ކިއޫއެއް، ލަސްތަކެއް ކުރިމަތިވާނެ!

އެންމެ ގިނަ އަދަދަކަށް އެކައުންޓް ހުޅުވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް މާލޭން އެކައުންޓް ހުޅުވައިދިނުމަށް ހަމަޖެހިފައި ވަނީ އެ ބޭންކުގެ މައި ބްރާންޗުންނެވެ. ރަށްރަށުގައި ހުރި ކޮންމެ ބްރާންޗަކުން ވެސް އެކައުންޓު ހުޅުވައި ދޭއިރު، ކޮންމެ ބްރާންޗަކުން އެކައުންޓް ހުޅުވަން ބޭނުން ވިޔަސް ކުރިން އެޕޮއިންޓްމަންޓް ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ބީއެމްއެލް އިން ވެސް އެއްބަސްވާ ގޮތުގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކައުންޓް ހުޅުވުމަށް ބޮޑު ޑިމާންޑެއް މި ވަގުތު އެބަ އޮތެވެ. އެހެންވެ، އެކައުންޓް ހުޅުވުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށް ބޭންކުން ގަބޫލުކުރެ އެވެ. އެކަން ހައްލުކޮށް، ބިދޭސީންނަށް އެކައުންޓް ހުޅުވައިދިނުމުގައި ލުއި ފަސޭހަކޮށް ދިނުމަށް ބޭންކުން ވަނީ އެޕޮއިންޓްމަންޓް ހެދުމަށް ހާއްސަ ފޯނު ނަމްބަރެއް ވެސް ކަނޑައަޅާފަ އެވެ.

"... އެކައުންޓު ހުޅުވައި ދިނުމަށާއި ބިދޭސީން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާ އިން ހަރުދަނާ ގޮތެއްގައި ޓެކްސް ނަގައި އެ ޓެކްސްގެ ފައިސާ ރައްކާތެރިކަމާ އެކު މީރާ އަށް ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސް އިން މި ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެމުން. މިކަން ބޭންކުން ކުރަމުން މި ދަނީ މިހާރު ތިބި ބޭންކުގެ ކަސްޓަމަރުންނަށް ދޭ ހިދުމަތަށް އެއްވެސް ދަތިކަމެއް ނާންނާނެ ފަދަ ގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

ތައްޔާރުނުވުމުގެ ގެއްލުން ހުރިހާ ދިމާލަކަށް

ވަޒީފާ ދޭ ފަރާތްތަކުން ކުރާ އެންމެ ބޮޑު ޝަކުވާ އަކީ ތައްޔާރު ނުވެ، މިހާ ބޮޑު ކަމެއް ކުރުމެވެ. ހާއްސަކޮށް، ބޭންކުތަކަށް އެކަށީގެންވާ ވަގުތު ދީފައި ނުވާކަން އެ ފަރާތްތަކުން ފާހަގަކުރި އެވެ. ބޭންކް އެކައުންޓު ނުހުޅުވި، ގިނަ ދުވަސްތަކެއް ވަނީ ވެސް، ކުންފުނިތަކުން ދެކޭ ގޮތުގައި، އެހެންވެގެންނެވެ.

އެކަމަކު އެންމެ ބޮޑު މައްސަލައެއް ކުރިމަތިވާނީ، ކުރިން ވާހަކަ ދެއްކި ކޮންސްޓްރަކްޝަން ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، މުސާރަ ޖަމާވުމާ އެކު މަހުގެ ފަހުކޮޅު އޭޓީއެމްތައް ދޮށުގައި މިހާރު ޖެހޭ ކިއޫ ދެ ގުނަ ބޮޑުވެ، ބޭންކުތަަކަށް އަނެއްކާވެސް ބާރު ބޮޑުވުމެވެ. ބީއެމްއެލް ފިޔަވައި އެހެން އެއްވެސް ބޭންކެއްގެ އޭޓީއޭމް ނެޓްވޯކު އެހާ ފުޅާ ނޫންއިރު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކު އޮފް ސިލޯން (ބީއޯސީ) ފަދަ ބޭންކުތަކުގައި ހުޅުވާ އެކައުންޓުތަކުން ފައިސާ ނެގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން މި ހަދާ ގޮތަކީ އަޅުގަނޑުމެން ލާރި ދިނީމައި ބޭރު މީހުން ޑޮލަރު ގަނެފައި ފޮނުވަނީ. މިހާރު އެކަމަކު ދެން އެ ލާރި އެކައުންޓުން ނަގަން އެންމެން އެއްފަހަރާ ހިފާލާނީ. އެއީ ކެތް ވާނެ ކަމެއްހެން ހިއެއް ނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ބިދޭސީންތަކެއް ހުޅުމާލޭގައި: ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރޭ.-- ފައިލް ފޮޓޯ: ނިއުމަތުﷲ އިދުރީސް

ނަމަވެސް، ބީއެމްއެލް އިން ދެކޭ ގޮތުގައި ކިއޫގެ މައްސަލަ އެހާ ބޮޑަށް ކުރިމައްޗެއް ނުވާނެ އެވެ. ކޮންމެވެސް ވަރަކަށް ބާރު ބޮޑު ވިޔަސް، ދިވެހިންނަށާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ބޭންކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދާ ކަމަށް ބޭންކުގެ އޮފިޝަލް ވިދާޅުވި އެވެ. އެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 29 ބްރާންޗާއި 76 އޭޓީއެމް އަދި 14 ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް ހިދުމަތް ދެމުން ދާ ފެންވަރު ވަޒަންކޮށް، ކަސްޓަމަރުންގެ އަދަދު އިތުރުވަމުން ދާ މިނަވަރު ބަލައި އެކަމާ ގުޅޭ ގޮތުން ބޭންކުން ކުރަން ޖެހޭ އިންވެސްޓްމަންޓުތައް ކުރަމުން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ބިދޭސީންގެ ޝަކުވާ

ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ބިދޭސީއެއްގެ އާއްމު މުސާރަ އަކީ މަހަކު ގާތްގަނޑަކަށް 200 ޑޮލަރު (3،084 ރުފިޔާ) އެވެ. އެ ފައިސާ އަތަށް ދިނުމުން އެ މީހުން އަމިއްލަ އަށް ޑޮލަރު ގަނެގެން، ގައުމަށް ދާ މީހަކު އަތުގައި ފޮނުވަނީ އެވެ. ކަޅު ބާޒާރުން މިހާރު އާއްމުކޮށް ޑޮލަރު ގަންނަން ލިބޭ 17 ރުފިޔާގެ ރޭޓުން ބެލިޔަސް، ގާތްގަނޑަކަށް 180 ޑޮލަރު އާއިލާ އަށް ފޮނުވަން ލިބެ އެވެ.

ކުއްލިއަކަށް ފޮނުވަން ޖެހިއްޖެ ނަމަ ވެސްޓަން ޔޫނިއަން ނުވަތަ އެ ނޫން ވެސް ފައިސާ ފޮނުވާ އެޖެންޓެއް މެދުވެރިކޮށް، ފީއެއް ދައްކައިގެން ވެސް ފޮނުވަ އެވެ. މީހުންގެ އަތުގަ އާއި އެޖެންޓުން މެދުވެރިކޮށް، މިދިޔަ އަހަރު ބިދޭސީންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރޭން 363 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ރާއްޖޭން ބޭރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

"ބައެއް ބޭރު މީހުން އެބަ ޝަކުވާކުރޭ އެ މީހުންގެ އަތުން ކެނޑޭތީ. މުސާރަ ބޮޑުކުރުމުގެ މައްސަލަ ކުރިމަތިވާނެހެން އަޅުގަނޑަށް ހީވަނީ،"

ރެމިޓެންސް ޓެކްސް ތައާރަފްކުރީ އޭގެ ތެރޭން ކޮންމެވެސް މިންވަރެއް ރާއްޖޭގައި ހިފެހެއްޓުމަށެވެ. އެކަމަކު، އޭގެ ސަބަބުން ބިދޭސީންގެ ޝަކުވާތައް ވަނީ އިތުރުވާން ފަށާފަ އެވެ. މިސާލަކަށް 180 ޑޮލަރު ފޮނުވާ ނަމަ ޓެކްސްގެ ގޮތުގައި ނަގާ ތިން ޕަސެންޓަށް ވާ 5.4 ޑޮލަރާއި ބޭންކް އެކައުންޓުގައި އަބަދުވެސް ބަހައްޓަން ޖެހޭ 500ރ. ނުވަތަ 20 ޑޮލަރު އަދި އެކައުންޓް ބަލަހައްޓަން ބީއެމްއެލް އިން ނަގާ 75 ރުފިޔާ ނުވަތަ ފަސް ޑޮލަރު ކެނޑުމުން، އާއިލާ އަށް ފޮނުވަން ލިބޭނީ 155 ޑޮލަރެވެ. ބިދޭސީންގެ ޝަކުވާ އަކީ އެއީ އެވެ.

"ބައެއް ބޭރު މީހުން އެބަ ޝަކުވާކުރޭ އެ މީހުންގެ އަތުން ކެނޑޭތީ. މުސާރަ ބޮޑުކުރުމުގެ މައްސަލަ ކުރިމަތިވާނެހެން އަޅުގަނޑަށް ހީވަނީ،" އަމިން ކޮންސްޓްރަކްޝަންގެ ނަސީރު ވިދާޅުވި އެވެ.

ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާއިރު، ހުރިހާ ދާއިރާއެއްގައިހެން އެ މީހުންގެ ހިއްސާ އެބަ އޮތެވެ. އެހެންވެ، މުސާރަ ބޮޑުކުރުމުން އެހެން ހުރިހާ ކަމަކަށް އޭގެ އަސަރު ކުރާނެ އެވެ. އެއާ ގުޅިގެން، މުޅި އިގްތިސާދަށް "ޑޮމިނޯ އިފެކްޓެއް" އަންނާނެ އެވެ. ކޮންސްޓްރަކްޝަން ދާއިރާ ފަދަ ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ މަސައްކަތްތަކާއި ހިދުމަތްތަކުގެ އަގު އުފުލޭނެ އެވެ. ތަކެތީގެ އަގު މައްޗަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ތައްޔާރު ނުވެ، މި ވަރުގެ ބޮޑު ކަމެއް ފެށުމުގެ ނުރައްކާ ދުވަސް ވާ ވަރަކަށް ފެންނާނެ އެވެ. އޭގެ އަސަރު ވަޒީފާ ދޭ ފަރާތްތަކަށް އެންމެ ބޮޑަށް ކުރާއިރު، އެ ފަރާތްތަކަށް މިހާރު އޮތް އުއްމީދަކީ އެކައުންޓު ހުޅުވަން ދީފައިވާ މުއްދަތު ހަ މަސްދުވަހަށް އިތުރުކުރަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ވަގުތު ފާއިތުވުމުގެ ކުރިން ފާސްކޮށް، އަމަލުކުރަން ފެށުމެވެ.