ސަލާހުއްދީން ތުރުކުރެއްވި އަތަރުގެ މީރު ވަސް!

ސްރީ ލަންކާގެ ސެންޓްރަލް ހޮސްޕިޓަލުގެ އެ ކޮޓަރި އަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. އެ މަޑުމޮޅިކަމުގެ ތެރެއިން ފޭދެމުން އަންނަނީ ހިކުމަތްތެރި ބަސްކޮޅެއްގެ އަޑެވެ. ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ދެކޭނެ ކަމަށް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ސޫރަތުގެ އާޔަތެކެވެ. އެއީ ހިތްޕުޅުގެ އާލާސްކަންފުޅެއް ޖެހި އެ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައިވާ ފަޟީލައްތުޝައިހު ހުސެއިން ސަލާހުއްދީނުގެ ވަދާއުގެ ބަސްކޮޅެވެ. އަރިހުގައި ހުންނެވި ދަރިކަލުން އަދުނާން ހުސެއިން، އޭގެ މައްޗަށް ދަމެއް ފާއިތުވި ފަހުން ގެޔަށް ވަޑައިގެން ހުންނަވަނިކޮށް ލިބިވަޑައިގަތީ ބައްޕާފުޅު އަވަހާރަވި ހަބަރެވެ. ހައްޖުގެ އަޅުކަމަށް މައްކާ އަށް ފެއްޓެވި ދަތުރުފުޅެއްގެ މަގުމަތީގައި ލަންކާގައި ހުންނަވަނިކޮށް ޖެހިވަޑައިގެންނެވި އެ އާލާސްކަންފުޅުގައި އެމަނިކުފާނު އުމުރުފުޅުން، 67 އަހަރުގައި ސެޕްޓެމްބަރު 20، 1948 ގައި މި ދުނިޔެ ދޫކުރެއްވީ އެވެ.


"ސަލާހުއްދީނުގެ ސަންދޯއްޕުޅު ސްރީ ލަންކާގެ މުށި ކުލައިގެ ވެލިތަކެއްގެ ތެރެއަށް ގެއްލިގެން ދިޔައީ އެވެ. ދިވެހިރާއްޖޭގައި، އޭނާގެ މަގާމް ހުސްވީ އެވެ. ދިވެހީންގެ އުލޫމުގެ މާބަޗީގާގެ ގަސްތައް، އަސަރުގެ މިލުމަކުން މިލުވައިލީ އެވެ. މާމެމާލެލީގެ މާގަނޑުތައް، ހިތާމައިން ލެނބިލީ އެވެ،" ސަލާހުއްދީނުގެ ހަނދާނުގައި ނެރުނު "ސަރުކާރުގެ ހަބަރު" ނޫހުގެ ހާއްސަ އަދަދުގައި "ހަނދާނުގެ މާފައްޗެއް" މި ނަމުގައި މުހައްމަދު އަމީން ލިޔުއްވި އޮބިއުޗަރީގެ ފަށުވި އިބާރާތްތަކުގައިވެ އެވެ.

"ޝުކުރުވެރި ދިވެހި ހިތްތަކުން ހުރަހަކާ ނުލާ ލޭ ކަރުނަތައް އޮހޮރާން ފެށީ" ކަމަށާއި އެކަމަކު "އެކަމާ ހިތާމަކުރުމުގެ މާނައެއް، ޝަކުވާ ކުރުމުގެ އެއްވެސް ހައްގެއް ނެތް" ކަމަށް އަމީން ލިޔުއްވި އެވެ. އޭގެ ސަބަބަކީ އަމީން ތިލަކުރެއްވި ގޮތުގައި ސަލާހުއްދީން އަވަހާރަވީ ހަޔާތުގެ ރޭހުގައި އަގުމާތް އިނާމުތަކެއްގެ ފަހުރުވެރި، ވެރިއަކަށް ވެވަޑައިގެންނެވުމަށް ފަހު ކަމަށް ވާތީވެ އެވެ. އަދި ހަމައެއާ އެކު "އޭނާ އަށް ލިބިވަޑައިގެންފައިވި ދީނީ އިލްމުތަކުގެ އާރު ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ފަތުރާލައްވައިފައި ކަމަށް ވާތީ ވެސް މެ އެވެ.

މި ފަހުރުވެރި ދިވެހި ބިމުން، ދިވެހި އިލްމުވެރިންގެ އަރިހުން ސަލާހުއްދީން ހޯއްދެވި އިލްމު މި ގައުމުގައި ފަތުރާލައްވަން ކުރެއްވި މަސައްކަތަކީ އޭނާ އަވަހާރަވިތާ 72 އަހަރު ފަހުން މިއަދު ވެސް ދައްކަން މުނާސަބު ވާހަކައެކެވެ. ސަލާހުއްދީނުގެ ދަރިވަރު އަބުދުﷲ ޖަލާލުއްދީން (އަބުދުﷲ ފަހުމީ ދީދީ) ވިދާޅުވެފައިވާ ފަދައިން އެމަނިކުފާނުގެ ގަލަމުން އޮހިފައިވާ އިލްމުގެ ފެން އާރުތަކަކީ ދުވަހަކު ދިވެހި ފަސްގަނޑުން ހިދިގެންދާނެ އެއްޗެއް ނޫނެވެ. އެހެންވެ ދިވެހިން އެމަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއް ނޫން ކަމަށް ޅ. ނައިފަރު މަދަރަސަތުލް އިފްތިތާހުގެ ބާނީ ދެކެވަޑައިގަންނަވަ އެވެ.

މއ. ބޮޑުގަލުގޭ މޫސާ ދީދީ އާއި މ. ދަރަވަންދޫގޭ ތުއްތުމަނިކެގެ ދަރިކަލުން ސަލާހުއްދީން ގުރުއާން ކިޔަވައިވިދާޅުވާން ދަސްކުރެއްވީ މަންމާފުޅުގެ އަރިހުންނެވެ. އެއަށް ފަހު އުމުރުފުޅުން 12 އަހަރުގައި، އިތުރަށް ތައުލީމް ހާސިލްކުރެއްވުމަށް މައިންބަފައިންގެ އެދުމުގެ މަތިން އައްޑު އަތޮޅަށް ވަޑައިގަތެވެ. ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު އެއް އިލްމުވެރިޔާ މުހައްމަދު ޖަމާލުއްދީނު (ވާދޫ ދަންނަކަލޭފާނު) ގެ އިލްމީ ސިލްސިލާއާ ގުޅިފައިވާ އައްޑޫ މީދޫ އައްޝައިހުލް ހާފިޒް އިބްރާހިމް ދޮންބެއްޔާގެ އަރިހަށެވެ. އެ ރަށުގައި ދެ ތިން އަހަރު ހޭދަކުރައްވައި މާލެ ވަޑައިގެން، އަލުން އަނބުރާ އައްޑު އަށް ދަތުރުކުރައްވަނިކޮށް "ބެއްޔާމެންގެ ދަތުރު" ގައި ބެހިގެން ލަންކާގެ ގާލީއަށް ދެވުނީ އެވެ. އެތަނުގައި ހުންނެވި ދުވަސްކޮޅު ދަތުރުކުރާ ބޭރު މީހުން ކައިރިން ވެސް ދަސްކުރެއްވި އެވެ.

ހުސެއިން ސަލާހުއްދީން (ކ) އުމުރުފުޅުން 18 އަހަރުގައި. --ފޮޓޯ: ވޮނަދަނަ ރާއްޖެ

ފަހުން ސަލާހުއްދީން އިލްމު އުނގެނިވަޑައިގަތީ، ދޮންބެއްޔާގެ އެދުމުގެ މަތިން މުހައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ގެ އަރިހުންނެވެ. އެ ޒަމާނުގައި ދުނިޔެ އަށް މަޝްހޫރު އިލްމުވެރިޔާ، މައްކާ އާއި މަދީނާގެ މުފްތީ އައް ސައްޔިދު އަހުމަދު ޒައިނީ ދަހްނާލްގެ ފުށުން ދަރިވަރުވެވަޑައިގެން ހުންނެވި ފިގުހުވެރިޔާގެ އަރިހުން ކިޔަވާ ވިދާޅުވުމަކީ ސަލާހުއްދީނުގެ އިލްމުވެރިކަން މަތިވި ސަބަބެކެވެ. އަދި ދިވެހި އަދަބިއްޔާތުގެ ފިރުކެން ފެށި ދައުރުގެ ކުޅަދާނަ އަދީބު، ތުއްތުގެ ދަރިވަރަކަށް ވެވަޑައިގަތުމަކީ ދިވެހި އަދަބިއްޔާތު، ސަލާހުއްދީނަށް ފެންފަދަވި ސަބަބެއް ވެސް މެ އެވެ.

ވަރަށް ޅަ އުމުރެއްގައި، ތައުލީމީ ހަރުފަތުގައި ސަލާހުއްދީން މައްޗަށް އަރައިވަޑައިގަތުމުގެ ނަތީޖާއަކަށް ވީ، އުމުރުފުޅުން 18 އަހަރުގައި އޭނާ އަށް، ރަދުން ހާޖީ އިމާދުއްދީން، ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުކަން (އޭރު އުއްތަމަ ފަނޑިޔާރުގެ ނައިބުކަން) ދެއްވުމެވެ. އަމީން ލިޔުއްވާފައިވާ ގޮތުގައި "އެއީ އޭރު ވެސް އޭނާ އަށް ހާސިލްވެ ވަޑައިގެންފައިވާ އިލްމުގެ މައްޗަށް އަދާކުރެވުނު މުބާރަކްބާދީގެ ޖިޒީއެކެ"ވެ. އެ މަގާމުގައި ހުންނަވަނިކޮށް ރަދުން އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ލަންކާ އަށް (ފަހުން ސުވޭހު ކައިވެނިފުޅަށް މިސްރަށް) ކުރެއްވި ދަތުރުފުޅުގައި ރަދުންގެ ސެކްރެޓަރީއެއްގެ ގޮތުގައި ސަލާހުއްދީން ވަޑައިގަތެވެ. ހާޖީ އިމާދުއްދީން ސުވޭހުގައި ހުންނަވަނިކޮށް ރަސްކަމުން އަޒަލުކުރެވި، ތަހުތަށް މުހައްމަދު ޝަމްސުއްދީން އިސްކުރިއިރު ސަލާހުއްދީން ހުންނެވީ ލަންކާގަ އެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން ސަލާހުއްދީން އެނބުރި ރާއްޖެ ވަޑައިގަތުމުން ކުރީގެ މަގާމަށް އަނެއްކާވެސް ރުޖޫއަކުރި އެވެ. މި ފަހަރު ފަނޑިޔާރުކަމުގެ ޒިންމާއާ ވެސް އެކުގަ އެވެ. އެކަމަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތްޕުޅަކީ، އެ ކަމެއްގެ ފައިދާ މިއަދު ވެސް ރާއްޖެ އަށް ކުރަމުން އަންނަ މުހިއްމު މަސައްކަތްޕުޅެކެވެ. އެއްވެސް އުޖޫރައެއް ނެތި، އަމިއްލަ ގެކޮޅުގައި ކިޔަވައިދެއްވުމެވެ.

ސަލާހުއްދީނުގެ އެ ކިލާހަކީ، މި ރާއްޖެ ނުދެކޭ ފަދަ ބޮޑު އިލްމުވެރިންނަށް ވި އަދި މި ރާއްޖޭގެ ފަހުރުވެރިވާ ފަދަ ހިދުމަތްތެރިންނަށް ވި އެތައް ބޭފުޅުންތަކަކަށް އެންމެ ފުރަތަމަ އިލްމީ ހިޔަލެއް ލިބިވަޑައިގެންނެވި ހިޔާވައްސެވެ. އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ހުސައިން އަފީފުއްދީން (ބޮޑުފެންވަޅުގޭ ސީދީ) އާއި ޖަލާލުއްދީނާއި މުހައްމަދު ސައީދު ދީދީ އާއި އައްޑޫ ހުސެއިން ރަހާ އާއި އިބްރާހިމް ލުތުފީ އަދި އަހުމަދު ކާމިލް ދީދީ ފަދަ ބޭބޭފުޅުންނެވެ. ސަލާހުއްދީނުގެ ނަންފުޅާ ގުޅުވައިގެން ދަރިވަރުން އެ ކިލާހަށް ކިޔަން ފެށީ "މަދަރަތުލް ސަލާހިއްޔާ" އެވެ.

"މިވީ 15 އަހަރުގެ ތެރޭގައި މިދަނީ...ކިޔެވުން ފެއްޓެމުން ހުއްޓެމުން ވެއްޓެމުން ނެއްޓެމުން މިކަހަލަ ގޮތަކަށެވެ. އެންމެ ގިނައިން ކުދިން އުޅުނުއިރު އުޅުނީ ސާޅީހަކަށް ކުދިންނެވެ،" އެ ކިހާލުގެ ތަޖުރިބާތައް ހިއްސާކުރައްވަމުން ސަލާހުއްދީން ވިދާޅުވެފައިވެ އެވެ. "ކޮންމެއަކަސް މިދިޔަ ދުވަސްތަކުގައި މުޅިން މިކަން މަރުވިޔަނުދީ އޮތުން މައްޗަށް މި އުޅުނު ކުދީންނަށް އަޅުގަނޑުގެ ހިތުން ޝުކުރު ކުރަމެވެ."

ހުސެއިން ސަލާހުއްދީން (މ) ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެންގެވި ފޮޓޯއެއްގައި އިބްރާހިމް ޝިހާބު (ތުއްޕުޅުބޭފުޅާ) އާއި އެހެން ވެސް ބައެއް ދިވެހިންނާ އެކު.

ފައިސާއެއް، ވަސީލަތެއް ނެތީސް އަމުދުން ހިލޭ ސާބަހަށް އެފަދަ ކަމެއް ކުރެއްވުމަކީ އޭރު އިންތިހާ ދަރަޖައިގެ އުނދަގޫ ކަމަކަށް ވީ ނަމަވެސް ސަލާހުއްދީން ގަދަ ކަނޑުގައި ދަތުރު ކުރައްވަމުން ދިޔައީ، ޖަލާލުއްދީން ލިޔުއްވާފައިވާ ފަދައިން، "ވަޒަނުގެ ދަރީން، އިލްމުވެރިވުމީ ވަޒަން ދިރުވުން ކަން ކަށަވަރު ކުރައްވައިގެން" ނެވެ. މިދިޔަ ގަރުނުން ފެށިގެން 2015އާ ހަމަޔަށް ރާއްޖޭގެ ތައުލީމީ ސިޔާސަތުތައް ދިރާސަކުރައްވައި، މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ލިޔުއްވި އެކަމަނާގެ ޕީއެޗްޑީ ތީސީސްގައި، 1900-1934 ގެ ތައުލީމީ ދައުރަށް ދެއްވީ ސަލާހުއްދީން ދައުރުގެ ނަމެވެ. މީގެން ވެސް އެނގެނީ އެމަނިކުފާނަކީ ރާއްޖޭގެ މި ޒަމާނުގެ ތައުލީމުގެ ބާނީއެއް ކަމެވެ.

ވަކި ނަސަބަކަށް، ވަކި ރަށަކަށް ބެއްލެވުމެއް ނެތި ކިޔަވައިދެއްވި

ސަލާހުއްދީނުގެ ދަރިކަލުން އިބްރާހިމް ޝިހާބް ލިޔުއްވާފައިވާ ގޮތުގައި ވެސް ރާއްޖެ، އިލްމީ ގޮތުން ވަރަށް ވެސް ވިދި ޒަމާންތަކެއް އެވޭލާގައި އައި ނަމަވެސް އިލްމުގެ ނޫރާނީ އަލިކަން، ރާއްޖޭގެ ކަންކޮޅުތަކުން އާއްމު ވާން ފެށީ، ސަލާހުއްދީނުގެ ދެ އުސްތާޒުން ކަމަށްވާ ދޮންބެއްޔާ އާއި ނާއިބު ތުއްތު އަދި ފަހުން ސަލާހުއްދީނުގެ އެ މަސައްކަތްޕުޅާ ގުޅިގެން ކަމަށެވެ.

"ތެދުތެދަށް ދަންނަވަނީ ނަމަ މިއިން އެއްވެސް ޒަމާނެއްގައި ދައުލަތުގެ އެހީއެއް ތައުލީމު ފެތުރުމުގެ މައްޗަކަށް ނޯވެ އެވެ. ސިޔާސީ ނަޒަރުގައި އެކަން ބެލުމުން އެއީ ނުރުހެވޭ ލޮލަކުންމެ އެވެ. ކޮންމެއަކަސް މިދެންނެވި ދެ ދައުރުގައިމެ ކިޔެވި ބަޔަކު ކިޔެވީ ކިޔަވައިދިން ބަޔަކާއި ކިޔެވި ބަޔެއްގެ އަމިއްލަ ޝައުގުގަ އެވެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި ކުޅަދާނަ ވާހަކަދެއްކުންތެރިޔާ ޝިހާބް ލިޔުއްވި އެވެ.

ޝިހާބް ފާހަގަކުރެއްވި ގޮތުގައި އާއްމުކޮށް އުއްމަތުގެ ކުރިމަތީގައި އަދި ވެރިކަމުގެ ކުރިމަތީގައި ވެސް ތައުލީމު ވެފައި އޮންނަނީ ހާއްސަ ބައެއްގެ ހައްގަކަށެވެ. އެކި ދުވަސްވަރަށް އެކި ދަރިކޮޅު ޝަރަފްވެރިވާންވީ ސަބަބެއް ކަމުގައި ވެސް މެ އެވެ. އެގޮތް ރާއްޖޭން ފިލުވައިލެވޭތޯ ފަހަކަށް އައިސް އެންމެ ފުރަތަމަ މަސައްކަތެއް ކުރައްވާން ފެއްޓެވީ ސަލާހުއްދީން ކަމަށާއި އެ މަސައްކަތަކީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގައި، އެކި އާއިލާގެ އެކި ދަރަޖައިގެ ކުދިންތަކަށް ތައުލީމް ދެއްވަން ފެއްޓެވުމުން ކަމަށް ލިޔުއްވާފައިވެ އެވެ.

ސަލާހުއްދީން ކިޔަވައިދެއްވަމުން ގެންދެވީ ވަކި ނަސަބެއްގެ، ވަކި ރަށެއްގެ، ވަކި ދަރަޖައެއްގެ ބަޔަކަށް ނޫން ކަމަށް ޝިހާބު ލިޔުއްވާފައިވުމުން އެނގެނީ އެންމެ އާދައިގެ މީހާއާ ހަމަޔަށް ވެސް ތައުލީމު ފޯރުކޮށްދިނުމުގެ ޝުކުރު ހައްގުވަނީ ސަލާހުއްދީނަށް ކަމެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް 1927 ގައި އޭރު ރާއްޖޭގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ރަދުންގެ ކާތިބުއްސިއްރު ސުމުއްވުލް އަމީރު އަހުމަދު ދޮށިމޭނާ ކިލެގެފާން، ސަލާހުއްދީނާ މަޝްވަރާކުރެވުމަށް ފަހު ސަރުކާރުން ހިންގަވާ މަދަރުސާއެއް ކޮންމެހެން ފައްޓަވަން ވެއްޖެކަމުގައި ޝަމްސުއްދީނަށް ދެންނެވި އެވެ.

ހުސެއިން ސަލާހުއްދީނުގެ ބައެއް ބޭފުޅުން (ކ-ވ) ފާތިމަތު ސައީދު، އަދުނާން ހުސެއިން، އިބްރާހިމް ޝިހާބު އަދި މަރިޔަމް ސައީދު: އެމަނިކުފާނުގެ ބޭބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ޝަރުއިއްޔާ އާއި ހިންގުމުގެ ދާއިރާ އަށާއި އަދަބިއްޔާތަށް ހިދުމަތްކުރައްވާފައި.

އެކަމަށް ރަދުން ފުރިހަމަ އަށް ތާއީދުކުރެއްވި އެވެ. އަދި މަތިގެ އަށް ބޮޑުން އެއް ކުރައްވައި އެކަމާ މެދު ގޮތެއް ނިންމަން އެ މަޖިލީހާ ހަވާލުކުރެއްވި އެވެ. އެ މަޖިލީހުން ނިންމެވި ގޮތުގެ މަތިން، މަދަރުސާއެއް ހެދެންދެން ކިޔަވައިދޭން ފެށީ، ފަނޑިޔާރުގޭގަ އެވެ. މުދައްރިސަކަށް ހަމަޖެއްސެވީ މިސްރުގެ އަޒްހަރުން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ހުންނެވި ޝެއިހު އިބްރާހިމް ރުޝްދީ އެވެ. އަދި ސަލާހުއްދީނުގެ ނާޒިރުކަމުގައި، މާލެ އާއި އެހެން ރަށްރަށުގެ ކުދިންނާ އެކު ޖުމްލަ 69 ދަރިވަރުން ހިމަނައިގެން ތައުލީމު ދޭން ފެށުމެވެ. ފަހުން މަޖީދިއްޔާ ސްކޫލަށް ބަދަލުވި އެ މަދަރުސާ ހުޅުވުމަކީ ރަސްމީ ގޮތެއްގައި ދިވެހި ދައުލަތުން ތައުލީމަށް ފުރަތަމަ ފަހަރަށް ހިދުމަތެއް ކުރަން ފެށުން ކަމަށް ޝިހާބު ލިޔުއްވާފައިވެ އެވެ.

"އިންސާނުން ވެސް ވިހައިގެން ބޮޑުވެ ތަސައްރަފް ފުދެނީ 15 އަހަރުންނެވެ. މިހެން ވީއިރު މި ކިޔެވުމުގެ ކަންތައްތައް ވެސް މީގެ ފަހުން ދެން ދާނީ ފުރާ ފުރިހަމަވަމުން ކުރިއަރަމުންނެވެ،" ސަލާހުއްދީން އަމިއްލަފުޅު ކިލާހެއް ހިންގަވާތާ 15 އަހަރު ފަހުން، ދައުލަތުގެ މަދަދާ އެކު ހުޅުވި މަދަރަސާ އަށް ނިސްބަތްކުރައްވައި، އެތަން ހުޅުވި ދުވަހުގެ ޖަލްސާގައި ސަލާހުއްދީން ވިދާޅުވެފައިވެ އެވެ.

ބުނެވޭ ގޮތުގައި އެ މަދަރުސާ އަށް ވެސް ފުރަތަމަ ނުރަސްމީކޮށް ކީ ސަލާހުއްދީނަށް ނިސްބަތްކުރައްވައި ސަލާހިއްޔާ އެވެ. އެކަމަކު ދައުލަތުން ހަރަދުކުރާ ތަނަކަށް އަމިއްލަ މީހެއްގެ ނަން ނުކިޔޭނެ ކަމަށް ބޮޑުވަޒީރު އަބްދުލްމަޖީދު ނިންމެވުމުން އެތަނަށް ކިޔަން ފެށީ މަދަރަސަތުލް ސަނިއްޔާ އެވެ. ފަހުން މުހައްމަދު އަމީން، އެތަނުގެ ނަން އަބްދުލްމަޖީދުގެ ޝަރަފުގައި މަޖީދިއްޔާ ސްކޫލަށް ބަދަލުކުރެއްވީ އެވެ. ދައުލަތުން ހަރަދުކުރާ ތަނަކަށް އަމިއްލަ މީހެއްގެ ނަން ދެވުނީ އެވެ!

އެ މަދަރުސާގެ ފުރަތަމަ ދަރިވަރުންގެ ތެރޭގައި، ރާއްޖޭގެ ފަހުގެ ޖީލަށް ދީނީ އަސާސީ ތައުލީމު އުނގަންނައިދެއްވި އުސްތާޒުލްޖީލު މުހައްމަދު ޖަމީލް ދީދީ އަދި މުހައްމަދު ޒާހިރު ނަސީރާއި އުމަރު ޒާހިރުގެ ބައްޕާފުޅު އާދަމް ނަސީރު މަނިކު ހިމެނިވަޑައިގަތެވެ. މަދަރުސާ އަށް އެއް އަހަރު ވެގެން ބޭއްވި އިމްތިހާނުން އެއް ވަނަ ހޯއްދެވީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު ޝޭހު އަބްދުލްގައްޔޫމް ސީދީ އެވެ.

އެ މަދަރުސާ ހުޅުވި، އަހަރެއް ވީ ތަނާ ސަލާހުއްދީން އުއްތަމަ ފަނޑިޔާރު ކަމަށް ކޮލިލި އެވެ. އަދި ދައުލަތުގެ އެހެން މަސްއޫލިއްޔަތެއް ވެސް ހަވާލުކުރި އެވެ. އެމަނިކުފާނު ވެގެން ދިޔައީ "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ގުރުއާން ކިޔެވުމާއި އަރަބި އަކުރާއި ތާނަ އަކުރު ލިޔާން، ކިޔާން ދަސްކުޅައުމީ، ލާޒިމް ކަމެއް ކަމަށް" ބަޔާންކުރި، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ 1932 ގައި އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީ އަށް ވެސް މެ އެވެ. އެ ގާނޫނު އަސާސީ ހެދުމަށް އިހުގެ އާދަކާދަތަކާއި ވެރިކަމުގެ ނިޒާމާ ގުޅޭ ދިރާސާ ކަރުދާހެއް ވެސް ސަލާހުއްދީން ތައްޔާރުކުރެއްވި އެވެ. އަދި އާ ގާނޫނުއަސާސީގެ ދަށުން އުކުލަވާލި ފުރަތަމަ ކެބިނެޓުގައި ވަޒީރުއްހައްގާނިއްޔާގެ މަގާމް ލިބިވަޑައިގަތެވެ.

"މެހުނު މަޅިޔަށްބޯ މަދެން ހަމަ ނެއްޓިދާނޭބާ"

އެމަނިކުފާނުގެ ހަޔާތަށް ދެން ބިންދާލީ ސިޔާސީ ރާޅެކެވެ. "ގާނޫނަކާ ހެދި ފޮރުއްޕާކަށް ނެތޭ" ބުނެ ރައްޔިތުންތަކެއް ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ބައެއް ވަޒީރުން ހަވަރަށް ދޭން މަސައްކަތްކޮށް ގާނޫނީ އަސާސީ ވީދާލީ އެވެ. ރައްޔިތުން ބޭނުންވީ ވަޒީރުން އަރުވާލުމަށެވެ. އެކަމަކު ހަސަން ފަރީދުގެ ރޭއްވެވުމެއްގެ ދަށުން "މޮޓަރު ބޯޓު"ގައި އެބޭފުޅުން ކޮޅުނބަށް ފޮނުއްވާލެއްވީ އެވެ. ސަލާހުއްދީން ކޮޅުނބުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވި އެވެ.

މޮޓަރުބޯޓު ގަޑުބަޑުގެ ތެރޭގައި ސަލާހުއްދީން ލަންކާގައި ހުންނެވި ދުވަސްވަރު އޭރު ލަންކާގައި ހުންނަވާ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ހުސެއިން ހިލްމީ ދީދީއާ އެކު. ފޮޓޯ: ވޮނަދަނަ ރާއްޖެ

އެ ދުވަސްތައް ސިފަކުރައްވަން ހެއްދެވި ޅެމުގައި "ބޮލަށް މެހުނު މި މަޅި ދެން ނެއްޓިދާނެތޯ" އާއި "އެކުގައި އުޅުނު މިތުރުންނާ ވަކިވުމުން ހިތަށް ލިބޭ ކެކުޅުންތައް ފިލާފާނެތޯ" އައްސަވަ އެވެ. އަދި "ނިކަމެތިކަމާ އެކު ތިޔަ ރަށުން ފައްސާ ނަގާލިޔަސް ކަލާނގެ ތަނަވަސް ރަހުމަތުން ބޭރުވެދާ ބާވައޭ" ވެސް އައްސަވަ އެވެ.

އެފަދަ ޅެންތަކުން ފުރިފައިވާ އެމަނިކުފާނުގެ އަދަބީ ދުނިޔެއަކީ، ވާ ދުނިޔެއެކެވެ. ދިވެހި ޅެންވެރިކަމުގެ ފަތިހުގެ ތަރީގެ "ނަސްރާ ނަސީބު" އެއީ ރާއްޖޭގައި އާ ގައުމީ ސަލާމެއް ބޭނުންކުރާ ނަމަ އެކަމަށް ވެސް ފުދޭނެ ޅެމެއް ކަމަށް ބުނެވެ އެވެ. "ތައުލީ ނެތަމަ ތާކު، ޒަމާނާ އެކުވެގެން ތަން ދާނެޔެ ބުއްދީގެ މަގުން އެއްކިބާވެގެން" ކަމަށް ވިދާޅުވި ހެއްދެވި ޅެން މިއީ އެހާމެ ވަރުގަދަ ފިލާވަޅެކެވެ. "އަލް އަދަބު" މި ޅެމުގެ ބައިތަކަކީ ދުނިޔެވީ ފިލާވަޅުތަކެކެވެ. "ތިމާމެން މާ މޮޅު ނަސަބަކުން އައީތީވެ ކިބުރުވެރިވާއިރު، ރިމާދަށް ފުރޮޅިގެން އެދަނީ އަނގުރު އަލިފާން" ކަމަށް ލިޔުއްވާފައިވާ ބައިތަކީ މިއަދުގެ ވެސް އެއް ނަމްބަރެވެ. ދެން ވިދާޅުވަނީ "އަދަބުވެރިކަން ނެތުނު މީހާ ދެ ދުނިޔޭން ގެއްލިނިމިދާނެޔޭ، މަދަދުވެރިކަން ނެތީވިއްޔާ ގަދަރު ނެތިގެން ހިނގައިދާނެ" ކަމަށެވެ. "ވި ތާހިރު މޮޅު ރަންމުތަކީ ވެސް އިތާގެ ބަނޑުން ވިހޭ ދަރިޔޭ"، "ލިބޭ މިންވަރު ނިކަން ދަނެގެން ވި ބޭނުންތައް ބަހައިލައިގެން ތިބޭ ނަމައީ ފިރުކުކޮށްގެން މި ބޭޒާރެއް ނުވެސް ވާނެޔޭ" މިއީ މިއަދުގެ މުޖުތަމައު އަށް ވެސް ކިހާ އިބުރަތްތެރި މެސެޖެއްތޯ އެވެ.

"މެސްމެރީޒް" ގެ ނަމުގައި ހައްދަވާފައިވާ ޅެމުގެ ކޮންމެ ބައިތެއްގެ ފެށޭ އަކުރުތައް ގުޅުވާލުމުން އަންނަނީ އަނބިކަނބަލުން މެދުގަނޑުވަރު ތުއްތު ގޮމާގެ ނަންފުޅެވެ. އެމަނިކުފާނު ވިދާޅުވަނީ އެ ޅެމުގައި އިތުރު ސިއްރެއް ވެސް އޮންނާނެ ކަމަށެވެ. ތިޔަ ކުދިން ކުޅަދާނައިއްޔާ ހޯދަންވީ ކަމަށެވެ.

ދިގު ވާހަކަ ލިޔުމުގައި ވެސް ސަލާހުއްދީނަކީ އަރައިހުންނެވި ބޭފުޅެކެވެ. ދިވެހި ބަހުން ލިޔުނު ފުރަތަމަ ވާހަކަ "ރިވާޔަތު މޫސާ ވަ ޒުލޭހާ"، އެމަނިކުފާނުގެ ދަރިވަރު ކާމިލް ދީދީ ލިޔުއްވިތާ ދެ މަސް ފަހުން، ދިވެހި ބަހުން ލިޔުނު ދެ ވަނަ ވާހަކަ "ދޮންބީފާނު ވާހަކަ" މި ނަމުގައި ސަލާހުއްދީން ލިޔުއްވި އެވެ.

"ދިވެހި އަދީބުންތައް، އެންމެ ޝައުގުވެރިކަމާ އެކު ބަލަބަލާ ތިބެނީ ހުސެއިން ސަލާހުއްދީނުގެ ފޮތެއް ޝާއިއުވެގެން ނުކުމޭތޯ އެވެ. ޅެމަށް ލޯބިކުރާ، ދިވެހީންގެ ހިތްތަކުގައި، އެމަނިކުފާނުންގެ ޅެންތަކަށާއި ރައިވަރުތަކަށް ދެވިފައި އޮންނަނީ، ވަރަށް ވެސް މަތިވެރި މަގާމްތަކެކެވެ،" މުހައްމަދު އަމީން ލިޔުއްވި އެވެ.

ހުސެއިން ސަލާހުއްދީން (ކ) އަދި އަނބިކަނބަލުން މެދުގަނޑުވަރު ތުއްތު ގޮމާ. --ފޮޓޯ: ވޮނަދަނަ ރާއްޖެ

މޮޓަރު ބޯޑު ގަޑުބަޑަށް ފަހު ސަލާހުއްދީން ލަންކާ އިން ރާއްޖެ ވަޑައިގަތުމުން ދެ ވަނަ ފަހަރަށް އުއްތަމަ ފަނޑިޔާރު ކަމަށް ކޮލިލި އެވެ. އެކަމަކު އަދާކުރެއްވީ މުޝްތަޝާރެއްގެ ދައުރެވެ. ގާޒީއެއްގެ ގޮތުގައި ޝަރުއިއްޔާގައި އިސްކޮށް މަސައްކަތްކުރެއްވީ ސަލާހުއްދީނުގެ ދަރިވަރު ޖަލާލުއްދީނެވެ. ސަލާހުއްދީން ބޮޑަށް ހަރަކާތްތެރިވީ ލިޔުއްވުމުގަ އާއި ޓަކިބޭ މިސްކިތުގައި ދަރިވަރުންނަށް ގުރުއާން ކިޔަވައިދެއްވުމުގަ އެވެ. ހަޔާތުގެ އިރު އަސުރުން ތިރިވި ވަގުތު ވެސް އެމަނިކުފާނު އިސްކުރެއްވީ އުނގަންނައިދެއްވުމެވެ. އެއީ އެމަނިކުފާނުގެ ފުރަތަމަ އަދި ފަހު ލޯބި ވެސް މެ އެވެ.

ރަސޫލާގެ ސީރަތު: ދިވެހިންނަށް ދެއްވި އަގުބޮޑު ހަދިޔާ

ލިޔުންތެރިޔެއްގެ ގޮތުން ވެސް އިލްމު ފެތުރުއްވުމުގެ މަސައްކަތްކުރެއްވި އެވެ. އެގޮތުން އަބްދުލްމަޖީދު ދީދީ ދެއްވި ހިތްވަރުފުޅާ އެކު، ކީރިތި ރަސޫލާގެ ސިޔަރަތު ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމަކީ އެމަނިކުފާނު ކުރެއްވި އެންމެ އަގުހުރި އެއް މަސައްކަތެވެ. އެއީ ދިވެހި ބަހުގެ ފުރިހަމަކަމުގެ ބޭނުން ކުރައްވައިގެން ރީތި ފަށުވި އިބާރާތްތަކުން ފުރާލެވިފައިވާ ތަރުޖަމާއެކެވެ. އެކަށޭނަ ވަސީލަތެއް ނެތް އެފަދަ ޒަމާނެއްގައި ވެސް ބިޔަ ބޮޑު ތިން ފޮތް ފަސް އަހަރުގެ ތެރޭގައި ތަރުޖަމާކުރެއްވީ "ރަސޫލާގެ މާތްވެގެންވާ ސިޔަރަތު އުނގެނި ގަތުމާއި ދެނެގަތުމީ ހަމަ ކޮންމެ އިސްލާމަކު އަދި ކިއެއްތަ ކޮންމެ އިންސާނަކުގެ މައްޗަށް ކޮންމެހެން ބޭނުންވެގެންވާ ލާޒިމް ކަމެއް" ކަމަށް ދެކެވަޑައިގަންނަވާތީވެ އެވެ.

"އަހަރެމެން ދިވެހިންނަކީ ވެސް ކިތައްމެ ގައުމު މަދުވެފައި ރާއްޖެ ކުޑައަކަސް އެންމެން އިސްލާމްވެ އެކަލޭގެފާނުންގެ މާތް ދީނުގައި ފައިތިލަ ސާބިތުކޮށްގެން އުޅޭތާ އަށެއްކަ ސަތޭކަ އަހަރު ވެއްޖެ ބަޔެކެވެ. މިބައި މީހުންގެ މެދުގައި ކިތައްމެ ކުޑަ މިންވަރަކަށް ނަމަވެސް އިތުރު އެކަލޭގެފާނުންގެ ސިޔަރަތެއް މިބައި މީހުން މޮށެއުޅޭ ދިވެހި ބަހުން ލިޔެވިގެންނެއް ނުވެ އެވެ. މިހެންވެގެން މި ނިކަމެތި އަޅާ އަށް މާތް ދޭވަތާއިންގެ ފަޞްލަވަންތަވެރިކަމުން އަރަބި ކަލާމުން ކޮންމެވެސް ހިސާބަކަށް އަންގަވައި ދެއްވައިފައިވާތީވެ މި ފަރުލު އަދާކުޅައުމުގެ ތައުފީގު ދެއްވަތޯ އެސުވާމީންގެ ކިބައިން އެދި ދުއާކުރާތާ އެތައް ދުވަހަކަށް ފަހު މިކަމަށް ފަށައިފީމެވެ،" ސިޔަރަތުގެ އިސްބަހުގައި ލިޔުއްވާފައިވެ އެވެ.

ހުސެއިން ސަލާހުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސީރަތު ފޮތުގެ ބައެއް ގަނޑުތައް. --ފޮޓޯ: ނާޖިހު ދީދީ

ސަލާހުއްދީނުގެ އަގު އަރާފައިވަނީ ރާއްޖޭގައި އެކަންޏެއް ނޫނެވެ. ރަބީއުލްއައްވަލް 12 ފާހަގަކުރަން ކޮޅުނބުގެ ގޯލްފޭހުގައި ބޭއްވި އެއްވުމެއްގައި ތަގުރީރުކުރުމުގެ ފުރުސަތު އެ ގައުމުން އެމަނިކުފާނަށް ދިނުމަކީ ކުޑަ ޝަރަފެއް ނޫނެވެ. ސަލާހުއްދީން ފަސްދާނުވެޑުވިފައިވާ ލަންކާގެ ކުއްޕިޔަވައްތޭ ގަބުރުސްތާނަށް ދިއުމުން، ސަލާހުއްދީނުގެ އިލްމުވެރިކަމާ މެދު އެތަނުގެ މީހުން ދައްކާ ވާހަކައިން ވެސް އެމަނިކުފާނާ މެދު ލަންކާގެ މުސްލިމުންގެ ހިތުގައި އޮންނަ ލޯބި އެނގެ އެވެ. ގެފުޅުގެ ތަޅުދަނޑީގެ ހަވާލުދާރު މުހައްމަދު ބިން މުހައްމަދު ސާލިހު އައްޝައިބީ އާއި ސަލާހުއްދީން ބަދަލުކުރައްވާ ސިޓީތަކުގެ އިބާރަތްތަކުން، އެމަނިކުފާނަށް އެ މުގައްދަސް ބިމުގެ އިސް ވެރިންގެ ހިތްތަކުގައި ވެސް އޮންނަ އިހުތިރާމް އެނގެ އެވެ.

ހިދުމަތުގެ އަގުވަޒަން ކުރެވޭބާ؟

އެ ހުރިހާ ސަބަބުތަކާ ހެދި، އަމީން ލިޔުއްވާފައިވާ ފަދައިން، ސަލާހުއްދީނަށް ދިވެހި ގައުމު ދަރާފައިވާ ދަރަނި ބޮޑެވެ. އަދާކުރުން ހައްގުވެގެންވާ، ޝުކުރު ގިނަގުނަ އެވެ. ސަލާހުއްދީނުގެ ވަރަށް ގިނަ ފޮތްތައް ޗާޕުކުރައްވާފައިވާ ނޮވެލްޓީގެ ބާނީ މަރްހޫމް އަލީ ހުސެއިން އައްސަވާފައިވާ ފަދައިން "އޮއްސެމުން ނެތެމުން ހަނދާނުން ކުރި ރަނގަޅު ކަންތައް ދިއުމަކީ ދުނިޔޭގެ ސުންނަތާއި ގަދީމީ އާދަ ނަމަވެސް ދިވެހިރާއްޖެ، ރާއްޖެއެއްގެ ގޮތުގައި ދެމި އޮތްހާ ހިނދަކު، އެމަނިކުފާނުގެ ހިދުމަތްތެރި ހަނދާންތައް ފިލައިގެން ހިނގައިދާނެތޯ އެވެ؟ އެކަމަކު މިއަދުގެ ސުވާލަކީ އެމަނިކުފާނުގެ ހިދުމަތްތަކުގެ އަގު އަހަރެމެންނަށް ވަޒަން ކުރެވޭ ބާވައޭ އެވެ؟"

"ސަލާހުއްދީނަކީ ރާއްޖޭގެ ތައުލީމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތައުލީމީ ދާއިރާގައި ވަރަށް މުރާލިކަމާއި ހީވާގިކަމާ އެކުގައި މަސައްކަތްކުރައްވަމުން ވަޑައިގެންނެވި ވަރަށް ބޮޑު އިލްމުވެރިއެކެވެ،" "ސަލާހުއްދީން ބިލްޑިން" ގެ ނަމުގައި ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒާއި ނުރަސްމީ ތައުލީމު ދޭ ބައި ހިންގުމަށްޓަކައި އެޑިއުކޭޝަނުން އިމާރާތްކުރި އިމާރާތް ހުޅުއްވި ރަސްމިއްޔާތުގައި 15 ޖުލައި، 1990 ގައި ރައީސް މައުމޫން ވިދާޅުވި އެވެ.

"އެހެންކަމުން މި އިމާރާތަށް އެ މަނިކުފާނުގެ ނަންފުޅު ދެވުނުކަން އެއީ ރާއްޖޭގެ ދަރިންގެ ތައުލީމަށްޓަކައި ކުރާ މަސައްކަތްތައް ދިވެހި ރައްޔިތުން ހަނދާން ނައްތާނުލާނެ ވަރުގަދަ ހެއްކެއްކަމުގައި (ވާނެ)،"

ސަލާހުއްދީން (ވ) އުމުރުފުޅުން 18 އަހަރުގައި އަދި (ވ) އަވަހާރަވުމުގެ ދުވަސްކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް.

އެކަމަކު މިއަދު އެ އިމާރާތެއް "ނެތެވެ". އަދި އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކޮށް "މަދަރަސަތުލް ސަލާހިއްޔާ" ގެ ނަން ދިން މާފަންނު މަދަރަސާ އުވުނު ފަހުން އަވަށު މަދަރަސާތައް އައިއިރު އެ ނަމެއް ވެސް ނުދިނެވެ. މިއަދު ފުލުފުލުގައި ހުޅުވެމުން އަންނަ ސްކޫލްތަކުން ސްކޫލަކަށް ވެސް އެމަނިކުފާނުގެ ނަންފުޅެއް ދެވޭތަނެއް ނުފެނެ އެވެ. ބައެއް ހިދުމަތްތެރިންގެ ނަންފުޅުތައް ތަކުރާރުކުރެވުމުން އައި ނަމަވެސް މެ އެވެ.

އެ މަނިކުފާނުގެ ވާހަކަ މިއަދުގެ ދަރިވަރުންނަށް ކިޔަވައިދެވޭ ބާވަ އެވެ؟ މަޖީދިއްޔާ ސްކޫލުން މިއަދު އެމަނިކުފާނުގެ ވާހަކަ އިވޭ ބާވަ އެވެ؟ ޖަލާލުއްދީން ފަދަ ބޭފުޅުން އުއްމީދުކޮށްގެން ތިއްބެވީ، ދިވެހި ތާރީހުން އިންސާފު ވެވުނު ވަރަކަށް، އެމަނިކުފާނުގެ މަނާގިބާއި މަހާސިން އަލިވަމުން، ފާޅުވަމުންދާނެ ކަމަށެވެ. އެމަނިކުފާނުގެ އިލްމު ވެރިކަމާއި ދުރުވިސްނިވަޑައިގަތުމުގެ ސިއްރުތައް ކަޝްފުވާނެ ކަމަށެވެ. އޭރު ޖަލާލުއްދީން ދެކެވަޑައިގަތީ ސަލާހުއްދީން ރަނގަޅަށް ޝަރަހަ ކުރެވޭނީ މި ޒަމާނަށް ކަމަށެވެ. އަލިވަމުން އަންނަ މި ޒަމާނުގެ ތާރީހަށް ކަމަށެވެ.

އެކަމަކު ސަލާހުއްދީން ފަދަ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގައި، "ތާރީހު އަލިވަމުން" އަންނަ މަންޒަރެއް ނުފެނެ އެވެ. އޮތީ އަނދިރިކަމެކެވެ. އެމަނިކުފާނުގެ މަތިވެރި ހިދުމަތްތައް މިއަދު ފާހަގަކޮށް، ވަކިކުރަން ޖެހެނީ މީރު ވަހަކުންނެވެ. އޭނާގެ ދަރިވަރުން މީގެ ހަތް ދިހަވަރަކަށް އަހަރު ކުރިން އަމަލުކުރި ފަދަ ގޮތަށެވެ. އޭރު ސަލާހުއްދީނުގެ ގެކޮޅު ކުރިމަތީގައި ހުންނަ ދައުލަތުގެ ބޯޑިންގައި ތިބޭ ކުދިން ފަތިސް ނަމާދަށް ޓަކިބޭ މިސްކިތަށް ދާއިރު، ކަނު އަނދިރިކަމުގެ ތެރެއިން ސަލާހުއްދީން ފާހަގަކުރަނީ އެމަނިކުފާނު ތުރުކުރައްވައިގެން ހުންނަ އަތަރު ވަހުންނެވެ. މިއަދު ރާއްޖޭގެ ތައުލީމީ ކޮންމެ ބިނާއެއްގެ ކައިރިން ދާއިރު ރޫހީ ގޮތުން އެ ދުވާ މީރު، މީރު ވަހަކީ ސަލާހުއްދީން ދިވެހި ތައުލީމަށް ކޮށްދެއްވި ހިދުމަތްތަކުން އެތަންތަނުގައި ލެވިފައިވާ ހުވަނދެވެ. އެ ވަހުން އެމަނިކުފާނުގެ ހިދުމަތް އަހަރެމެންނަށް ވަކިކުރެވޭނެ އެވެ.

މައުލޫމާތު: ދިވެހި އަދީބުންގެ ދުވަސް ވީ ލިޔުއްވުންތައް، ސަރުކާރުގެ ހަބަރު، ޝިހާބުގެ މަޒްމޫނުތައް، ހަވީރު ނޫސް، ގަރުނުގެ ފޮތް.