ތޯހާއަށް ދަރިވަރުންގެ ހިތްގައިމު ޝުކުރު

މަޑުމައިތިރި ރާގެއްގައި، ހިތްގައިމު އަޑުތަކުން ދަރިވަރުންގެ ޝުކުރު، މިދިއަ ބުދަދުވަހު ހާއްސަކުރީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި މިހާތަނަށް ހުންނެވި ތޯހާ ސަލީމްގެ ޚިދުމަތްތަކަށެވެ. އެ ސްކޫލުގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން 10 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، މި މަހު އޭނާ ޣިޔާސުއްދީނުން ވަކިވެވަޑައިގަންނަވާނެ އެވެ.


ތޯހާއަށް ހާއްސަ އެސެމްބްލީން ފެނުނީ އަގުވަޒަންކުރުމުގެ މާތް ސިފަ އެވެ. އެކަމަށްޓަކައި ޓީޗަރުން ވަކި ލަވައެއް ވެސް ތައްޔާރުކުރި އެވެ، އެ ލަވަ ކިޔާފައި ވެސް ވަނީ ޣިޔާސުއްދީންގެ ދަރިވަރުންނެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާ ތޯހާއަށް ޝުކުރު ދެންނެވުމުގައި ދަރިވަރުން

ފުރަތަމަ ތޯހާ އަށް ކީ ރަތް ދޫލައިގެ މަރުހަބާއެކެވެ. ގްރޭޑު އެކަކުން ފެށިގެން 10ގެ 925 އެއްހާ ދަރިވަރުން، ދަނބު ކުލަ އާއި އޮރެންޖް ކުލައިގެ އެކްޓިވިޓީ ޔުނީފޯމުގައި ތިބެ، ޕްރިންސިޕަލްއަށް ފޯރީގައި އިހުތިރާމް އަދާކުރި އެވެ.

ދަރިވަރުން ބުނާ ގޮތުން ޣިޔާސުއްދީންގައި ތޯހާ ހޭދަކުރެއްވި 10 އަހަރު ނިންމަވާލެއްވީ "ދަރިވަރުން ޖައްވަށް ފޮނުވާލަމުން" ނެވެ. ދަރިވަރުން އެ މާނަކުރީ، ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ސްކޫލުގައި މިދިޔަ މަހު ފެށި ނާސާގެ ޕްރޮގްރާމަށެވެ. އޭގެ ހަރަކާތެއްގެ ދަށުން ދަރިވަރުން ވަނީ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން މެދުވެރިކޮށް މިދިޔަ ހަފުތާގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ފޮޓޯ ނަގައިފަ އެވެ.

އެ ފުރިހަަމަ ވަދާއީ އެއްވުމުގެ އުފާވެރިކަން ތޯހާގެ ހިތުން ފިލައިގެން ނުދާނެ އެވެ. ތައުލީމީ ދާއިރާގައި އޭނާ ހޭދަކުރެއްވި 20 އަހަރުގެ ތެރެއިން ޣިޔާސުއްދީން ހިންގެވުމުގެ އިސް މަސްއޫލިއްޔަތަކީ ވަރަށް ޚާއްސަ ތަޖުރިބާއެކެވެ. އެއީ ސަރުކާރުގެ ސްކޫލެއް އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ސާބިތުކޮށްދިން ވަރަށް ކާމިޔާބު މަސައްކަތެކެވެ.

ތޯހާ "މިހާރު" އަށް ވިދާޅުވީ ބޭނުންވީ މުސްތަގުބަލަށް ތައްޔާރުވެފައިވާ، ރަނގަޅު، ހެޔޮ ދަރިވަރުންތަކެއް ނެރުއްވުން ކަމަށެވެ. އެކަން ހާސިލްކުރަން ސްކޫލުގައި ކާމިޔާބު އެތައް ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގައި ފޮތާއި ގަލަމުން ދަސްކޮށްގެން ނުކުންނަ ކުދިން ވަޒީފާއަށް ނުކުންނައިރު ވަރަށް ބޮޑަށް އުނިވާ ކަމަށް އޮންނާނެ. އެހެންވެ ހަގީގަތުގައި ބޭނުންވީ މުޖުތަމައުއަށް ބޭނުންވާ ދަރިވަރުންތަކެއް ނެރެދިނުން،" ތޯހާ ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ބެލެނިިވެރިން ދިން ފެއާވެލްގައި ތޯހާ (މ) އަދި ސްކޫލުގެ އާ ޕްރިންސިޕަލް މުސްތަފާ (ވ-2) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޣިޔާސުއްދީން ސްކޫލް

އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެފައިވާ ދަރިވަރުންތަކަކަށް ޣިޔާސުންދީނުން ނެރެން ތޯހާ އާއި އޭނާގެ ޓީމުން ވަރަށް މަސައްކަތްކުރި އެވެ. އެއީ އަދިވެސް ފުރިހަމަ ވާން ޖެހޭ ކަމެއް ކަމަށް، ގަބޫލުކުރައްވަ އެވެ. އެހެންކަމުން އޭނާ ވިދާޅުވީ "އިސްނަގަން ކެރޭ، ތިމާވެއްޓަށް ލޯބިކުރާ ދަރިވަރުންތަކެއް ޣިޔާސުއްދީންގެ ދޮރާށިން ނުކުމެގެން ދިޔުމަކީ ހުވަފެނެއް" ކަމަށެވެ.

ތޯހާއަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ މަގާމުން ފެށިގެން ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކާ ހަމައަށް ވަޑައިގެންނެވި ބޭފުޅެކެވެ. ތައުލީމީ މުޅި ނިޒާމުގައި ހުރި ރަނގަޅު ކުރަން ޖެހޭ ކަންކަމާއި ފުރިހަމަވާން ޖެހޭ ކަންކަން އެނގިވަޑައިގަންނަވާ އަދި އަމަލީ ގޮތުން އެކަމުގައި ހަޔާތުގެ ހުރިހާ ވަގުތެއްހެން ހޭދަކުރެއްވި ތަޖުރިބާކާރެކެވެ.

އީޕީއެސްއެސް އިން ޖީސީއީ އޯ ލެވެލް ހެއްދެވުމަށް ފަހު ތައުލީމީ ދާއިރާއަށް ވަދެވަޑައިގަތީ، އުފަން ރަށް، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގަ އެވެ. އެ ސްކޫލުގައި ތިން އަހަރު މަސައްކަތްކުރެއްވުމަށް ފަހު ދެން ވަޑައިގެންނެވީ އިންޑިޔާއަށް ސްކޫލު މެނޭޖްމަންޓުން ޑިޕްލޮމާ ހާސިލްކުރެއްވުމަށެވެ. އޭނާ ވަނީ ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި މެލޭޝިޔާއިން އެޑިއުކޭޝަނަލް މެނޭޖްމަންޓް އިން މާސްޓާސްގެ އިތުރުން ސިންގަޕޫރުން ޑިޕާޓްމެންޓަލް މަނޭޖްމަންޓްގެ ދާއިރާ އިން ޑިޕްލޮމާ ވެސް ހާސިލްކުރައްވައިފަ އެވެ.

ޣިޔާސުއްދީން ސްކޫލުގެ މުވައްޒަފުން ބޭއްވި ފެއާވެލްގެ ފޮޓޯ

އިންޑިއާގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ޣިޔާސުއްދީން ދީގެން ރާއްޖޭގައި އަލަށް ތަޖުރިބާކުރަން ފެށި މަޝްރޫއެއްގެ އެންމެ އިސް ވާޖިބު ތޯހާ ވަނީ އަދާކުރައްވައިފަ އެވެ. އޭރު އޮތް އެމްޑީޕީ ސަރުކާރުން އެގޮތަށް ޣިޔާސުއްދީން ބަދަލުކުރަން އުޅުމުން ފުރަތަމަ ކުރިމަތިވި އާންމުންގެ ފިއްތުންތަކާއި ފާޑުކިޔުންތައް ގިނަ އެވެ. އެކަމަކު ޕްރައިވެޓައިޒްކޮށްގެން ސްކޫލްތައް ކާމިޔާބުކަމާ އެކު ހިންގިދާނެކަން ޣިޔާސުއްދީންގެ މެނޭޖްމަންޓުން މި ވަނީ ސާބިތުކޮށްދީފަ އެވެ.

އެ ކާމިޔާބު 10 އަހަރަށް ފަހު ސްކޫލްގެ ދޮރުން، ދާއިމީ ވަޒީފާ ދޫކުރައްވައި ތޯހާ ނުކުމެވަޑައިގަންނަވަނީ ޝުކުރުގެ ހިތަކާ އެކު އެވެ. ދަރިވަރުންގެ އިހުތިރާމީ ވަދާއު އައުމުގެ ކުރިން ޓީޗަރުންނާއި ބެލެނިވެރިން ވެސް ވަނީ، އޭނާގެ ޝަރަފުގައި ހާއްސަ ރެއެއް ފާހަގަކޮށްފަ އެވެ.

ސްކޫލުން ވަކިވެވަޑައިގަތަސް ޕާޓް ޓައިމްކޮށް ސްކޫލު މެނޭޖްމަންޓްގެ ބޯޑުގައި ތޯހާ އިންނަވާނެ އެވެ. އަދި ތައުލީމީ ދާއިރާއަށް އޭނާގެ ޚިދުމަތް އަދިވެސް ލިބެމުން ދާނެ ކަމަށް ވިދާޅުވި އެވެ.