އިޓަލީގެ ޓޫރިސްޓުން ނެތުމުން ކެޔޮދޫ އެކަނިވެރިވެއްޖެ!

މީގެ ކުރިން އިޓަލީގެ ޓުރިސްޓުން، ވ. ކެޔޮދޫގެ ގެސްޓް ހައުސްތަކުގެ އެނދުތައް ފުރާލަދެ އެވެ. އެމީހުންގެ ލޯބި އެރަށަށް ވަރަށް ޚާއްސަ އެވެ. އަދި ރަށުގެ ރައްޔިތުންނަށް ވެސް އިޓަލީ ޓޫރިސްޓުން އެހާމެ މުހިންމެވެ.


އެކަމަކު ކޮރޯނާވައިރަަސްގެ ސަބަބުން އިޓަލީން ޓޫރިސްޓުން އައުން މަނާކުރުމުގެ އެންމެ ބޮޑު ފަޅުކަމެއް ފެންނަ އެއް ރަށަކަށް ކެޔޮދޫ މިވަނީ ވެފަ އެވެ. އިޓަލީގެ ޓޫޫރިސްޓުންނަށް ބަަރޯސާވެފައިވާ އެރަށުގެ ގެސްޓް ހައުސްތަކުން ވެސް އިޓަލީ މީހުން ހުސްވެއްޖެ އެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ރަށް ކަމަށް ވާ ކެޔޮދޫގައި ހިންގާ 11 ގެސްޓްހައުސްގެ ތެރެއިން 10 ގެސްޓްހައުސްއަށް މުޅިން ވެސް އަންނަނީ އިޓަލީގެ ޓޫރިސްޓުންނެވެ. ނަމަވެސް ކޮންމެ އަހަރެއްގެ ގާތްގަނޑަކަށް 60 ޕަސެންޓްގެ ފައިދާ ހިއްސާކުރާ މި ދުވަސްވަރަށް ރަށުގެ ވިޔަފާރިވެރިން ކުރި އުންމީދުތައް، ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު މިވަނީ ފެނަށް ގޮސްފަ އެވެ.

އެރަށުގެ ގެސްޓްހައުސްއެއް ކަމަށް ވާ ވައިޓް މާކަނާގައި ޗުއްޓީ ހޭދަކުރަނީ މުޅިންހެން އިޓަލީ ޓޫރިސްޓުންނެވެ. އެ ގެސްޓްހައުސްގެ ވެރިޔާ އާދަމް އިބްރާހިމް ވިދާޅުވީ އިޓަލީ ޓޫރިސްޓުންނަށް އާދެވޭ ގޮތް ނުވުމުން ވިޔަފާރި އެއްކޮށް ހުއްޓުނީ ކަމަށެވެ.

"އަންނަ ހުކުރު ދުވަހު ގެސްޓްހައުސްގައި މިވަގުތު ތިބި 17 އިޓަލީ ޓޫރިސްޓުން ފުރާނެ. ދެން ގެސްޓްހައުސް އޮންނާނީ ހުހަށް. ކުރިއަށް އޮތް ދެ މަސް އެއްކޮށް މިގޮތަށް ހިނގައްޖެ ނަމަ ގާތްގަނޑަކަށް ވިޔަފާރީގެ 45 ޕަސެންޓްގެ ގެއްލޭނެ،" އޭނާ ވިދާޅުވި އެވެ.

ވައިޓް މާކަނާ ގެސްޓްހައުސް: ވިޔަފާރިއަށް ވަރަށް ނުބައި އަސަރެއް ދަނީ ކުރަމުން

އެ ރަށުގެ ޖުޕިޓާ ގެސްޓްހައުސްގެ ވެރިޔާ ހުސައިން ހާފިޒު ވިދާޅުވި ގޮތުގައި ހަމައެކަނި އިޓަލީގެ ޓޫރިސްޓުންނަށް ބަރޯސާނުވާ ގެސްޓްހައުސްއަކީ އެ އެވެ. އެކަމަކު އިޓަލީ ޓޫރިސްޓުން އައުން ހުއްޓާލުމުން ޖުޕިޓާއަށް ވެސް ކޮންމެވެސް ވަަރެއްގެ ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ދަނީ ބުކިންތައް ކެންސަލް ވަމުން. ބޮޑު ގެއްލުމަކާ ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.

ކެޔޮދޫގެ ގާތްގަނޑަކަށް ހުރިހާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ފޮނުވަނީ އިޓަލީގެ އެޖެންޓުންނެވެ. އެހެންކަމުން ކޮރޯނާވައިރަސްގެ ސަބަބުން އިޓަލީއަށް ކުރިމަތިވެފައި އޮތް ނުރައްކަލުގެ އިގުތިސާދީ ގެއްލުން އެންމެ ބޮޑަށް ކުރަމުންދާ ރާއްޖޭގެ އެއް ރަށަކީ ކެޔޮދު އެވެ.

އެރަށުގެ ބޯވެލި ގެސްޓްހައުސްގެ އަލީ މަނިކު ވިދާޅުވީ މިވަގުތު ތިބި ނުވަ ވަރަކަށް އިޓަލީ ޓޫރިސްޓުން ފުރުމުން އެތަން ވެސް ހުސްވާނެ ކަމަށާއި އެ ހިސާބުން އާމްދަނީގެ މަގު އެއްކޮށް ބަންދުވާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ގެެއްލުމެއް. މީހުންގެ ވަޒީފާތައް މިކަމުން ގެއްލޭނެ. މިކަމުން ވިޔަފާރިއަށް ލިބޭނެ ގެއްލުން އަންދާޒާ ވެސް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކެޔޮދޫގެ ބޯވެލި ގެސްޓްހައުސްގެ ރޫމެއް: އިޓަލީ މީހުން ނައުމުން ގެސްޓްހައުސް އޮންނާނީ ހުހަށް

ކުރިއަށް އޮތް ހަފްތާގައި ރަށުގެ 10 ގެސްޓްހައުސް އޮންނާނީ ފަޅަށެވެ. މިއީ ގެސްޓްހައުސްގެ ވިޔަފާރި ރަަށުގައި ފެށި ފަހުން އެހާ ބޮޑު ހުސްކަމެއް އަންނަ ފުރަތަމަ ފަހަރެވެ. ގާތްގަނޑަކަށް 170 އެނދު އެރަށުގައި ހުންނަ އިރު، ގެސްޓްހައުސް ވިޔަފާރިއަށް ކުރިމަތިވާ ހީނަރުކަމުން ރަށުގެ އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ވެސް މިހާރު ބޮޑު އަސަރެއް ކުރާނެ އެވެ.

ކެޔޮދޫގެ އިތުރުން އއ. އުކުޅަހަކީ ވެސް ގިނަ އަދަދަކަށް އިޓަލީ ޓޫރިސްޓުން ދާ ރަށެކެވެ. އެ ރަށުގެ ގެސްޓްހައުސްތަކުގެ 70 ވަރަކަށް ޕަސެންޓް ހިއްސާކުރީ އިޓަލީގެ ޓޫރިސްޓުންނެވެ.

އެ ރަށުގެ ހޮލިޑޭ ހެވެން އުކުޅަސްގެ ވެރިފަރާތް، އަހުމަދު ޝާމިރު ސައުދުﷲ ވިދާޅުވި ގޮތުގައި މިދުވަސްވަރު ޖަރުމަނު ފަދަ ގައުމުތަކުން ޓޫރިސްޓުން އައި ނަމަވެސް، އިޓަލީ މީހުން އައުން ހުއްޓާލުމުން ކުރިމަތީގައި އޮތީ ބޮޑެތި ގޮންޖެހުންތަކެކެވެ.

ބީޗް ރެޒިޑެންސް ގެސްޓްހައުސްގެ މޫސާ ނައީމް، އޭނާގެ ގެސްޓްހައުސްގެ ހާލަތު ސިފަކުރެއްވީ "ބުކިން އުޅެނީ ޒީރޯގައި" ކަމަށް ވިދާޅުވަމުންނެވެ. އެހެން އަހަރުތަކުގައި މި ދުވަސްވަރު ގެސްޓްހައުސް އޮންނަނީ ފުރިފަ އެވެ.

"މިއީ މި ވިޔަފާރީގައި އެންމެ ބޮޑަށް ގެއްލުންވި ދުވަސްވަރު. އަޅުގަނޑުމެންގެ މައިގަނޑު މާކެޓަކީ އިޓަލީ. އާންމުކޮށް އިޓަލީ އާއިލާތައް އަންނާނީ،" އޭނާ ވިދާޅުވި އެވެ.

އިޓަލީއަކީ އަބަދުވެސް ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު އެއް ގައުމެވެ. މިދިއަ އަހަރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އަދި މިދިއަ މަހު ދެ ވަނައަށް އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ވެސް އިޓަލީގެ ރައްޔިތުންނެވެ. އެކަމަކު ރިސޯޓްތަކާއި ގެސްޓްހައުސްތައް އެއްކޮށްލުމުން، މިހާރު މި ފެންނަނީ އިޓަލީ މީހުން ހުސްވެފައި އޮތް މަންޒަރެވެ. މި ވެއްޓުމުން އަރައިގަނެވޭނީ އިޓަލީގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްކޮށްގެންނެވެ. އެ ހަނގުރާމައިގައި އިޓަލީ ސަރުކާރުން މިހާރު ގެންދަނީ ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.