ވިޔަފާރިތައް ބަނގުރޫޓު ވިޔަދީގެންް ނުވާނެ، ފިޔަވަޅު އަޅާ!

ހުރިހާ ރައްޔިތުންގެ ވެސް ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. އެންމެން ވެސް ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. ވަޒީފާގެ ބިރުވެރިކަން މި ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އަންނަ މަހު ވެސް މުސާރަ ކުޑަނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ކާބޯތަކެތީގެ އަގު ބޮޑުވެދާނެ ކަމުގެ އިޝާރާތްތަކެއް ވެސް މިދަނީ ލިބެމުންނެވެ. ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދަނީ އެވެ. ރާއްޖޭގެ އިގްތިސޯދު ނާޒުކޭ ބުނަން ޖެހެނީ މިހެން ވާތީ އެވެ.


ކޮވިޑް-19ގެ ނުރައްކާ މިހާ ހިސާބަށް އައިއިރު، މިހާރު ފެށިފައި މިއޮތީ އަމިއްލަ މީހާގެ ޖީބަށް އެނގުންވާ މަރުހަލާ އެވެ. އެހެންވެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މިއީ އެންމެ މުހިންމު އެއް ވަގުތެވެ. ތަޖުރިބާކާރު ވިޔަފާރިވެރިން ވިދާޅުވާ ގޮތުގައި، އިގްތިސާދަށާއި އާންމު ވިޔަފާރިތަކަށާއި ވަޒީފާތަކަށް ވަރަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ އިރު، ވިޔަފާރިތައް ދަމަހައްޓައިގެން އެއަށް ފަރުވާއެއް ހޯދުމަކީ އެންމެ މުހިންމު ކަންތަކެެވެ. މިއީ، ބައެއް ބޮޑެތި ވިޔަފާރިވެރިން ގަބޫލުކުރައްވާ ގޮތުގައި، އަމިއްލަ ބާރު ކެނޑިފައިވާ ވަގުތެކެވެ. އެހެންވެ، ރާއްޖޭގެ ފައިނޭންސް އިންސްޓިޓިއުޝަންތަކާއި ސަރުކާރުން މިކަމާ ދޭތެރޭ ފުންކޮށް ވިސްނުން ވަރަށް މުހިންމެވެ. ކޮރޯނާ ވައިރަސްގެ "އިގްތިސާދީ ވައިރަސް" ނައްތާލަން ވެސް ހަރުދަނާ ޕްލޭނެއް އެބަ ބޭނުންވެ އެވެ.

ވިޔަފާރިތައް އޮތީ ކޮން ހާލަތެއްގައި؟

ރާއްޖޭގައި ވެސް ޕްރައިވެޓް ސެކްޓަރު ވަރަށް ބޮޑެވެ. ވަރަށް ގިނަ ކުންފުނިތައް ހިންގަނީ ޓޫރިޒަމް ދާއިރާ އަށް ބަރޯސާ ވެގެންނެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ބާރު ކަމަށް ވެފައި، އެ ދާއިރާ އަށް އަންނަ ކޮންމެ ލޮޅުމެއްގެ ނޭދެވޭ އަސަރު މުޅި ރާއްޖޭގެ އިގްތިސާދަށް ކުރެ އެވެ. މިސާލަކަށް، ހޯލްސޭލް ކުރާ ބާޒާރުމަތީގެ ފިހާރައެއްގެ މަހެއްގެ ވިޔަފާރީގެ 70-80 ޕަސެންޓަކީ ރިސޯޓްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުން ކަމަށް ވާއިރު، މިހާރު އެ ވިޔަފާރީގެ ބޮޑު ބައެއް އޮންނާނީ ހުއްޓިފަ އެވެ. ހަމަ އެގޮތަށް ސަރުކާރު ވެސް ބަރޯސާ ވެފައި އޮތީ ޓޫރިޒަމަށެވެ. އަދި ދެން ހުރި ހުރިހާ ވިޔަފާރިއެެއްހެން މި އެނބުރެނީ މި ދެންނެވި އިގްތިސާދީ ބުރުގެ ތެރޭގަ އެވެ.

ފިހާރައަކުން މީހަކު ޗޮކްލެޓް ގަންނަނީ: ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައި -- ފައިލް ފޮޓޯ: މިހާރު

ކޮވިޑް-19ގެ ބިރުވެރިކަން މުޅި ދުނިޔެ އަށް ފެތުރުމާ އެކު ރާއްޖޭގައި މިހާރު ވަނީ އޭގެ އެންމެ ނޭދެވޭ ތަޖުރިބާތައް ކުރަން ފަށައިފަ އެވެ. ވިޔަފާރި ކުންފުނިތަކުން ވަނީ ފައިސާ ހޭދަކުރުން ކޮންޓްރޯލްކޮށްފަ އެވެ. އަމިއްލަ ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކާބޯތަކެތި ވިއްކާ ތަންތަނުގެ ވިޔަފާރި ވެސް ދެބައިކުޅަ އެއްބައި ދަށަށް ހިނގައްޖެ އެވެ. ވަރަށް ހަރުދަނާކޮށް ހިންގަމުން އައި ބޮޑެތި އަދި މެދު ފަންތީގެ ބައެއް ކުންފުނިތަކުން ވަނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތު އެ މީހުންގެ ކުންފުނިތަކުގެ އެންމެ ކުރިއަށް ނެރެފަ އެވެ. ހަރަދު ކުޑަކުރުމުގެ ކޮންމެ ސިޔާސަތަކުން ވެސް ވަރަށް ގިނަ ބަޔަކަށް ނޭދެވޭ އަސަރު ކުރެ އެވެ. މީގެ ކުރިން ރާއްޖެ ދުށް ބޮޑެތި ބައެއް ކާރިސާތަކުގެ ތެރޭގައި ވެސް މި ތަޖުރިބާ ވަނީ ވަރަށް ހިތިކޮށް ފެނިފަ އެވެ. އެ ފަހަރުތަކުގައި ވަރަށް ގިނަ ވިޔަފާރިތައް ހުއްޓުމަކަށް އައެވެ. އަދި އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. އެ ތަޖުރިބާ އަދި ކުރިއަށް ވުރެ މިފަހަރު ހިތިވެދާނެ އެވެ.

އެންމެ ބޮޑު އަސަރެއް ކުރާނީ ވަޒީފާތަކަށް

މުސާރަ ކުޑަކުރުމަކީ މި ދަނޑިވަޅު ވަރަށް ގިނަ ކުންފުނިތަކުން އެންމެ ފުރަތަމަ އަޅާ ފިޔަވަޅެވެ. ވަރަށް ގިނަ ކުންފުނިތައް ބަރޯސާ ވަނީ އެހެން ކޮންމެވެސް ވިޔަފާރިއެއް ކުރާ ބަޔަކަށެވެ. އެހެންކަމުން އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުން އަޅާ ކޮންމެ ފިޔަވަޅެއްގެ އަސަރު ގިނަ ކުންފުނިތަކަކަށް ކުރެ އެވެ. ބައެއް ކުންފުނިތަކުން ބައެއް މުވައްޒަފުންނަށް ނޯޕޭ ލީވް ދެނީ އެވެ. ބައެއް ރިސޯޓްތައް ބަންދުކުރުމުގެ މަރުހަލާގައި އޮތް އިރު، މޭ މަހުން ފެށިގެން ޓޫރިޒަމްގެ އޮފް ސީޒަން ފެށޭތީ އިގްތިސާދު އަލިވާނެ ދުވަހެއްގެ އިންތިޒާރު ދިގުދެމިގެން ދާނެ އެވެ.

ބައެއް ވިޔަފާރިވެރިން ވިދާޅުވާ ގޮތުގައި މިކަހަލަ ހާލަތެއްގައި އަމިއްލަ އިޚުތިޔާރުގައި ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތެވެ. ކުރެވޭނެ ހަމައެކަނި ކަމަކީ ހިންގުމުގެ ޚަރަދު ކުޑަކޮށް މުވައްޒަފުންގެ އަދަދު މަދުކުރުމެވެ. ކުންފުނީގެ ސަލާމަތަށްޓަކައި އެއީ، އަޅަން ކިތަންމެ ބޭނުން ނުވިޔަސް، ކުރަން ޖެހޭނެ ކަމެކެވެ.

ބައެއް ދާއިރާތަކުން ވަޒީފާގެ ގޮތުގައި ބަލަމުން އަންނަ މަސައްކަތްތައް ވެސް މިހާރު ވަނީ ހުއްޓުމަކާ ގާތްވެފަ އެވެ. މަޖޫރީންނާއި ޑްރައިވަރުންނާއި ޓުއަ އޮޕަރޭޓަރުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިބީ އަތްއުރާލައިގެންނެވެ. މިއީ އަދި ފެށުމެއް ކަމަށް ބަލައި، ބައެއް މީހުން ތިބީ މާދަމާ ވާނެ ގޮތެއް ނޭނގި ބިރުންނެވެ.

ދެން އޮތީ ކޮން ހައްލެއް؟

ތަޖުރިބާކާރު ބައެއް ވިޔަފާރިވެރިން ވިދާޅުވާ ގޮތުގައި ހަމައެކަނި ގޮތަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ސަރުކާރުތަކުން ވެސް އަޅަމުން އަންނަ އިގްތިސާދީ ފިޔަވަޅުތައް އަވަސްކުރުމެވެ. މިސާލެއްގެ ގޮތުން އެއް ބޭފުޅަކު ދެއްވި ޚިޔާލަކީ މި މަހު ހުށަހަޅަން ޖެހޭ ރިސޯޓްތަކުގެ ކުލި ލަސްކޮށްލުމާއި މި ދަނޑިވަޅު އިންކަމް ޓެކްސް އާއި ޖީއެސްޓީ ކަހަލަ ޓެކްސްތައް ވެސް ލަސްކޮށްލުމެވެ. އެއީ ވެސް ލިބޭނެ ކުޑަ ލުޔެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ދޯންޏަކަށް ފޮށިގަނޑެއް އަރުވަނީ: އިގްތިސާދަށް އަޅާލަން ޖެހޭ މުހިންމު ވަގުތެއް -- ފައިލް ފޮޓޯ: މިހާރު

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެ ގިންތީގައި ހިމެނޭ ވިޔަފާރިތައް ހިމާޔަތް ކުރުމަށް ހާއްސަ ޕެކޭޖްތަކެއް ސަރުކާރުން ކަނޑައަޅައި އެކަން ވިހާވެސް އަވަހަކަށް ތަންފީޒު ކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

ރާއްޖޭގައި ގިނަ ކުންފުނިތައް ހިންގަނީ މާ ބޮޑު ބެކަޕެއް އޮވެގެން، އަދި މާ ގިނަ ފައިސާތަކެއް ފަހަށް ރައްކާކޮށްގެންނެއް ނޫނެވެ. ގިނަ ތަންތަނުން ދެކޮޅު ޖައްސަނީ އެ މަހަކު ލިބޭ އާމްދަނީންނެވެ. މި މަހު އާމްދަނީ ނުލިބުނަސް، ކޮންމެވެސް މުވައްޒަފުންތަކެއްގެ މުސާރަ ތާށިވެ އެވެ. އެކަމަކު ބައެއް ކުންފުނިތަކުގައި ގިނަ އަދަދަކަށް ދިވެހިން ގެންގުޅެ އެވެ. އެހެންކަމުން ވަޒީފާތަކަށް ބަލައި، އެފަދަ ކުންފުނިތަކަށް ސަރުކާރު އިސްވެ އޮވެ، މާލީ އެހީތެރިކަމުގެ ޚާއްސަ ޕެކޭޖްތަކެއް ލިބޭނެ ގޮތް ހެދުން އަވަސްކުރަން ޖެހެ އެވެ.

އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި މި ހާލަތުން ރިސޯޓްތައް އަރައިގަތުމަށް ޓަކައި ބީއެމްއެލް އިން ތައާރަފުކުރި ކަހަލަ ލޯނުތަކެއް ކުދި އަދި މެދު ފަންތި އަށް ވެސް ދޫކުރުން މުހިންމެވެ. މިކަހަލަ ދަނޑިވަޅެއްގައި ވިޔަފާރިތައް ހިފެހެއްޓޭތޯ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސަރުކާރުން މަސައްކަތް ކޮށްދިނުމަށް ވިޔަފާރިވެރިން އެދެ އެވެ.

މިއީ ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަން ވެސް ބޮޑު ވަގުތެކެވެ. އެކަމަކު މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގައި ސަރުކާރުތަކުން ވަނީ ރަނގަޅު ސިޔާސަތުތަކެއް ތަންފީޒުކޮށްފަ އެވެ. އެކަމުގައި ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ވަނީ މުހިންމު ރޯލެއް ވެސް ކުޅެފަ އެވެ. އެކަމަކު މިއީ ކުރިއަށް ވުރެ ބޮޑަށް އެ ނަމޫނާ ދައްކަން ޖެހޭ ވަގުތެކެވެ.

ގައުމެއްގެ އިގްތިސާދުގެ މައި އިންޖީނު ހިންގަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންނެވެ. އެއީ އެންމެ ގިނަ ވަޒީފާތައް އޮތް ދާއިރާ އެވެ. އެންމެ ގިނަ ވަޒީފާތައް ވެސް ހުރީ އެ ދާއިރާގަ އެވެ. އާންމު ދިރިއުޅުމުގެ ހާލަތަށް ބަދަލު އަންނާނީ ވެސް އެ ވިޔަފާރިތަކުންނެވެ. އެހެންކަމުން މިއީ ސަރުކާރުން އެ ވިޔަފާރިތައް ނަގަހައްޓަންވީ ވަގުތެވެ.