އިޓަލީގެ ދިވެހި ޑޮކްޓަރު ދިވެހިންނަށް: މިއީ މަރުގެ ވައިރަހެއް، ސީރިއަސްވޭ!

ނުރައްކާތެރި ކޮރޯނާވައިރަސް އެންމެ ބޮޑަށް މިހާރު ފެތުރިފައިވާ އިޓަލީގެ އުތުރުގައި އޮންނަ ރޮވީގޯގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރު، އޭނާގެ ވަށައިގެންވާ މާހައުލު ސިފަކުރެއްވީ މިހެންނެވެ؛


ބަލި ޖެހިގެން ހާލު ދެރަވެފައިވާ މީހަކު، އައިސީޔޫގެ އެއް ދޮރުން ވައްދާއިރު، ބަލީގައި މަރުވެގެން އަނެއް މީހާ އެ ދޮރުން ނެރެނީ އެވެ. ހޮސްޕިޓަލުގައި ބާއްވައިގެން އެންމެންނަށް ފަރުވާ ދޭނެ ޖާގައެއް ނެތެވެ. ނޭވާލާން އުުނދަގޫވާ މީހުންނަށް ފިޔަވައި، އެހެން މީހުން ފޮނުވާލަނީ ގޭގައި ތިބެގެން ފަރުވާ ކުރުމަށެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި އިޓަލީއަށް ފެތުރި، މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19ގައި، ކޮންމެ ދުވަހަކު އިޓަލީން 600-800 އެއްހާ މީހުން މަރުވެ އެވެ. ވައިރަސް ހުރި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ފެނެ އެވެ.

ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައި 11 ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ދެ މީހެއްގެ ހަށިގަނޑުން ވައިރަސް ފެނި، އޭގެ ތެރެއަށް ބައެއް މީހުންނަށް ބަލި ޖެހިގެން ފަރުވާ ދެމުން އެބަ ގެންދެ އެވެ. ވައިރަހާ ދެކޮޅަށް ސަރުކާރުން ވަރަށް ބޮޑެތި އަދި އުނދަގޫ ފިޔަވަޅުތަކެއް އަޅަމުން އައި ނަމަވެސް، މިއީ ފަސޭހަކޮށްލެވެން ނެތް މައްސަލައެއްކަން، އިޓަލީގެ ތަޖުރިބާރިން އެނގެ އެވެ.

ނަން ހާމަނުކުރަން އެދިވަޑައިގެން "މިހާރު"އާ ވާހަކަަ ދެއްކެވި ދިވެހި ޑޮކްޓަރު ވެސް ދިވެހިންނަށް ދެއްވާ މެސެޖަކީ އެ އެވެ: އިޓަލީގެ ހާލަތަށް ދިޔަނުދޭން ފަރުދީ ޒިންމާ އަދާކުރާށެވެ.

އޭނާ ވަނީ ކުރިން ރާއްޖެ އާއި ލަންޑަންގައި ވެސް މަސައްކަތްކުރައްވައިފަ އެވެ. އިޓަލީގައި އުޅުއްވާތާ ފަސް އަހަރު ވެއްޖެ އެވެ. އިމަޖެންސީ މެޑިސިންއަށް ހާއްސަ ޑޮކްޓަރު ވިދާޅުވީ ހޮސްޕިޓަލުގައި އޭނާ ކޮންމެ ދުވަހަކު މިހާރު ކުރައްވާ ތަޖުރިބާއިން ދިވެހިންނާ ހަމައަށް ގެންގޮސްދެއްވަން ބޭނުން ވާހަކަތައް އެބަހުރި ކަމަށެވެ. އޭނާގެ އެންމެ ބޮޑު މެސެޖް، ދެ ލަފުޒު ބޭނުންކުރައްވައިގެން ތިން ފަހަރަށް ވިދާޅުވި އެވެ.

"ގޭގައި ތިއްބަވާ! ގޭގައި ތިއްބަވާ! ގޭގައި ތިއްބަވާ!" ޑޮކްޓަރު އާދޭސް ކުރެއްވި އެވެ.

"ޕްލީޒް. ޕްލީޒް. ޕްލީޒް."

ބިރުވެރި، ހިތްފަޅައިގެންދާ ފަދަ މަންޒަރުތަކެއް

ޑޮކްޓަރު ވިދާޅުވި ގޮތުގައި އިޓަލީގެ ތޮއްޖެހިފައިވާ ހޮސްޕިޓަލްތަކަށް ގެންނަ ކޮންމެ ބަލި މީހެއްގެ ލޮލުން ވެސް ފެންނަނީ ބިރުވެރިކަމެވެ. ނޭވާ ނުލެވިގެން ތެޅިފޮޅޭއިރު އެ މީހުން ހިތްހަމަޖައްސައިދޭން ޑޮކްޓަރުން މަސައްކަތް ކުރި ނަމަވެސް އަހަނީ އެއް ސުވާލެކެވެ. ފުރާނަ ސަލާމަތްވާނެތޯ އާއި މަރުވުމުގެ ކުރިން އާއިލާއާ ބައްދަލު ކުރެވޭނެތޯ އެވެ. އެކަމަކު އެ މީހުން މަރުވަނީ ލޯބިވާ މީހުންނާ އަލްވަދާއު ކިޔުމުގެ ފުރުސަތު ވެސް ނުލިބި އެކަނި އޮވެ އެވެ. ބަލިމީހުން ނޫން އެހެން ބަޔަކަށް ހޮސްޕިޓަލް ތެރެއަށް ވަނުމުގެ ފުރުސަތެއް ނޯވެ އެވެ.

"މިއީ ކޮންމެ ދުވަހަކު ވެސް ފެންނަ އެންމެ ބިރުވެރި މަންޒަރު. ކޮންމެ ޝިފްޓެއްގައި ވެސް ފެންނަނީ ހަމަ މި މަންޒަރު. ހިތް ފަޅައިގެންދާ ވަރުވޭ،" އޭނާ ވިދާޅުވި އެވެ.

އިޓަލީގެ ޑޮކްޓަރަކު ހޮސްޕިޓަލުގައި އަރާމުކޮށްލަނީ: އެ މީހުން ސިފަކުރާ ގޮތުން މިއީ ވަރުބަލި ދަތުރެއް

"އެފަދަ ވަގުތުތަކުގައި، މާދަމާ ނަމަވެސް މިކަން ނިމޭތޯ ދުއާކުރެވޭ."

އިޓަލީގައި ރޯގާ އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުގައި ދިވެހި ޑޮކްޓަރު މަސައްކަތް ކުރައްވަނީ އެންމެ ކުރީ ސަފުގައި ހުންނަވައިގެންނެވެ. ހަފުތާއަކު ހަ ދުވަހު، ދުވާލަކު 12-18 ގަޑިއިރު އޭނާ ހޭދަކުރައްވަނީ، މަރާ ހަނގުރާމަ ކުރަމުންދާ މީހުންނަށް ފަރުވާ ދެއްވުމަށެވެ. ވަރުބަލިވި ނަމަވެސް، ފެންނަ މަންޒަރުތަކުގެ ބިރުވެރިކަމުން އެކަން އިހުސާސެއް ނުކުރެއްވެ އެވެ.

ފަރުވާ ދީދީ ހުއްޓާ މީހުން މަރުވަމުން ދާއިރު، މިއީ ޑޮކްޓަރުންނަށް ވެސް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ދިވެހި ޑޮކްޓަރު ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ހެދުން ލައިގެން އޭނާ ގެއިން ނުކުމެވަޑައިގަންނަވަނީ، ﷲއަށް ދުޢާ ދަންނަވަމުންނެވެ. ގެއަށް ވަޑައިގެންފައި، ހަމްދު ކުރައްވަ އެވެ. އިންތިހާއަށް މީހުން މަރުވަމުންދާ އެ ދަނޑިވަޅު، ނަފްސާނީ ގޮތުން ހަމަޖެހިފައި ހުންނެވުމަށް ޑޮކްޓަރުން އެކަކު އަނެކަކަށް ވާހަކަ ދައްކައި، ވާގިވެރިވެ އެވެ.

ވައިރަސް ހުރި މީހުންގެ އަދަދު މަތިވެ، މީހުން މަރުވާ ނިސްބަތް އިންތިހާއަށް ގިނަވާން ފެށުމުން އިޓަލީ ސަރުކާރުން މިހާރު ވަނީ މުޅި ގައުމު ލޮކްޑައުންކޮށްފަ އެވެ. އެހެންވެ، މަރުވާ ނިސްބަތް، ކުރިއަށް ވުރެ ތަންކޮޅެއް މަދުވާން ވެސް ފަށައިފި އެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުން ގައުމު ބަންދުކޮށްލުމުގެ އަސަރު އަދިކިރިޔާ ފެންނަން ފެށީ އެވެ. އެކަމަކު ދެން އަނެއްކާވެސް ފެންނަނީ ކަންބޮޑުވާން ޖެހޭ މަންޒަރެކެވެ. ބަލި ޖެހިފައިވާ ޒުވާނުންގެ އަދަދު އިތުރުވަމުން ދިއުމެވެ. އެއީ ގެއިން ނުނިކުމެ ތިބެން ސަރުކާރުން ފުރަތަމަ ކުރި އަމުރަށް ނުކިޔަމަންތެރިވި މީހުން ކަމަށް ލަފާކުރެވެ އެވެ.

"ރާއްޖެ ސަމާލުވޭ، ނުރައްކާ ބޮޑު"

އިޓަލީ އަކީ ސިއްހީ ފަރުވާ ދިނުމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެކަމަކު ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ބަލިމީހުން ގިނަވުމުން ސިއްހީ ނިޒާމަށް ލޮޅުންއެރީ އެވެ. ހޮސްޕިޓަލްތައް ފުރި، ވެންޓިލޭޓަރުތައް ހުސްވެއްޖެ އެވެ. ކިިރިޔާ ވެސް ނޭވާލެވޭ މީހެއް ވިއްޔާ ފޮނުވާލަނީ ގެއަށެވެ. އެހެންވެ، ދިވެހި ޑޮކްޓަރުގެ ނަސޭހަތަކީ، ރާއްޖެ ފަދަ، ސިއްހީ ނިޒާމު އޮންނަ ގައުމުތަކުން މި ބަލިން ރައްކާތެރިވާން ހުއްޓާނުލާ މަސައްކަތް ކުރުމެވެ.

އިޓަލީގެ އުތުރުގައި ހަދާފައި ހުރި ވަގުތީ މެޑިކަލް ޓެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އެހީތެރިވަނީ. --ފޮޓޯ:އޭއެފްޕީ

"އަޅުގަނޑު އެދެން މިއީ އާދައިގެ ކަމެއްގެ ގޮތުގައި އެއްވެސް މީހަކު ނުދެކުމަށް. މިއީ މަރުގެ ވައިރަހެއް،" އޭނާ ވިދާޅުވި އެވެ.

"މިއީ ބޮޑު ބިރެއް!"

ޑޮކްޓަރު ވިދާޅުވީ ރައްކާތެރިވާން ސަރުކާރުން ގިނަ ފިޔަވަޅުތައް އެޅި ނަމަވެސް އެންމެ ބޮޑު ޒިންމާ އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެއީ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމެވެ. ގެއިން ނުނިކުންނަން އެންގުމުން އެކަމަށް އަމަލު ކުރުމެވެ. އިޓަލީގެ ހާލަތު އެހާ ބޮޑަށް ގޯސްވެގެން ދިޔައީ، އެކަން އާދައިގެ ކަމެއްގެ ގޮތުގައި ބެލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ތޮއްޖެހިފައިވާ މާލެތެރެއަށް މި ބަލި ފެތުރުމަކީ ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލެވެ. އެއް ތަނެއްގައި، ގާތްގާތުގައި ގިނަ ބަޔަކު ދިރިއުޅޭ އިރު މިއީ، ފަސޭހަކަމާ އެކު ބަލި ފެތުރިގެންދާނެ ސަބަބެކެވެ. އޭރުން ކޮންޓްރޯލްކުރުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ. އަދި އެއީ، މާލޭގައި މީހުން ބޭރަށް ނުނިކުމެ ތިިބެން ޖެހޭ އެންމެ ބޮޑު ސަބަބު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ބައްރަކަށް ކުއްލިއަކަށް މި ބަލި މަޑުކަން ފެތުރިގަތް އިރު، އެއްވެސް ގައުމަކުން އެކަމަކަށް ތައްޔާރެއް ނުވެ އެވެ. އަދި ބޭރަށް ނުކުމެ، ބަލި ފެތުރިދާނެ ފަދަ ގޮތްގޮތަށް އުޅޭ ނަމަ، އިޓަލީން މިހާރު ކުރަމުންދާ މަރުގެ ހަނގުރާމަ، ކޮންމެ ގައުމަކުން ވެސް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލި ފެތުރިދާނެ ފަދަ އާދަތައް ބަދަލު ނުކުރަންޏާ ކުރިއަށް އޮތީ ކަޅު ދުވަސްތަކެއް. މިއީ އާދައިގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ދުއާކުރަން، އަޅުގަނޑަށް އިޓަލީން ކޮންމެ ދުވަހަކު ފެންނަ މި މަންޒަރު ރާއްޖެއިން ނުފެނުމަށް އެދި."

ބަލިން ރައްކާތެރިވުމަށް އެންމެ ބޮޑަށް އޭނާ އެދިވަޑައިގެންނެވީ ބޭރުތެރެއަށް ނުނިކުމެ، ގޭގައި ތިބުމަށެވެ. މި ރޯގާގެ އެންމެ ބޮޑު އަސަރެއް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށް ނަމަވެސް، އެ މީހުންނަށް އެ ވައިރަސް ގިނަ ފަހަރަށް ފޯރަނީ ޒުވާނުންގެ ފަރާތުންނެވެ. އެކަކަށް ބަލީގެ އަސަރުކޮށް، އެ ވައިރަސް އިތުރު މީހަކަށް ފެތުރެން އެހެން މީހަކަށް ފޯރަން ޖެހެ އެވެ. އެހެންވެ، ގޭގައި މަޑުކޮށްގެން، އިތުރު މީހަކު ބަލިވިޔަ ނުދީ، އެ މަގު ބަންދުކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިކަމުން ސަލާމަތްވެވުނުހާ އަވަހަކަށް ރާއްޖެ ދާނަން"

އަލަށް ފެނުނު މި ނުރައްކާތެރި ބައްޔާ ދެކޮޅަށް ފަރުވާ ދެމުން އަންނައިރު، ޑޮކްޓަރާ މެދު އޭނާގެ އާއިލާއިން ކަންބޮޑުވެ އެވެ. އެކަމަކު އޭނާ ވިދާޅުވީ އެންމެ ބޭނުން ޖެހިފައިވާ މިވަގުތު، ބަލިމީހާ ދޫކޮށްލައްވާފައި ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޚާއްސަކޮށް މުސްލިމަކަށް ވާތީ، އެކަމާ ކުރިމަތިލާން ޖެހިލުންވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ ސަރަހައްދުގައި ދިރިއުޅުއްވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތުން ވެސް ވާނީ، އެ މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މިކަމުން ސަލާމަތްވިހާ އަވަހަކަށް އަޅުގަނޑު ރާއްޖެ ގޮސް އާއިލާއާ ބައްދަލު ކުރާނަން،" އިޓަލީގައި ޑޮކްޓަރު ވިދާޅުވި އެވެ.

އިޓަލީގެ މެޑިކަލް ޓެންޓެއްގައި މެޑިކަލް އޮފިސަރުން ހަރަކާތްތެރި ވަނީ: އެ ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި --ފޮޓޯ:އޭއެފްޕީ

ދިވެހިންނަށް އޭނާ ދެއްވަން އޮތް ނަސޭހަތްތައް ގިނަ އެވެ. ބޭރަށް ނުނިކުތުމާ އެކު، މީހުންނާ ސަލާމް ކުރުން ފަދަ ޑައިރެކްޓް ކޮންޓެކްޓު މަދުކުރުމެވެ. ގިނައިން އަތް ދޮވުމާއި ކުޑަކުދިން ގައިގައި އަތްލުމުގައި ސަމާލުވުމެވެ. މޫނާއި އަނގަޔާއި ނޭފަތުގެ އިތުރުން މައުތުވޮޝްއަކުން ކަރުތެރެ ވެސް ދޮވުމެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަަމަ ވައިރަސް ދެގުނަވާން ފަށަނީ އަރުތެރޭގަ އެވެ. ގޭތެރެ ގިނައިން ދޮވެ، ގޭތެރެ ޒީނަތްތެރިކުރަން ބަހައްޓާފައި ހުންނަ އެއްޗެހި ނަގާށެވެ. ޕްލާސްޓިކް ފަދަ ތަކެތީގައި ވައިރަސް ތިން ދުވަސް ވަންދެން ދިރިހުރެ އެވެ. ސިނގިރޭޓު ބޯ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

"މިއީ ކޮފީތަކަށް ދިޔުމާއި ސައިކަލު ބުރުޖެހުން ހުއްޓާލަންވީ ވަގުތު. މި އާދަތައް ބަދަލުކޮށްގެން އިރާދަކުރެއްވިއްޔާ މިކަމުން ސަލާމަތް ވެވިދާނެ،" އެންމެ ފަހުން އޭނާ ވިދާޅުވި އެވެ.

އިޓަލީގައި މަރާ ހަނގުރާމަކުރަމުން ދާ އެތައް ހާސް ބައެއްގެ ތެރޭގައި، ހިތްވަރާ އެކު މަސައްކަތް ކުރައްވަމުން އަންނަ ޑޮކްޓަރުގެ އެ ވާހަކައަކީ އުއްމީދެކެވެ.