ފުރަތަމަ ކޭސް: ކުއްލި ހާސްކަމަކާއި ބިރުވެރިކަމެއް! އެކަމަކު ނަތީޖާ ވަރަށް ރަނގަޅު

އިޓަލީގެ އެ ޓޫރިސްޓް ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ފެށުމާ އެކު ހެން ބަލިވި އެވެ. އޭރު ހަލުވިކަމާ އެކު ފެތުރި ގައުމުތައް ބިރުވެރިކަމެއްގެ ތެރޭގައި ހުއްޓުމަކަށް ގެންނަމުން ދިޔަ ކޮރޯނާވައިރަސް ރާއްޖެއަށް އައިކަން އެނގޭކަށް ނެތެވެ. އެކަމަކު އޭނާ ބަލިވީ އެ ވައިރަސްގެ ސަބަބުންނެވެ. ރިސޯޓްގެ މެނޭޖްމަންޓުން އެކަން އެޗުޕީއޭގެ ސަމާލުކަމަށް ގެންނާކަށް ބޭނުމެއްނުވި އެވެ. އޭނާ ބަލިވެ ހުއްޓާ ފުރުވާލީ އެވެ.


އިޓަލީއަށް ދެވުމާ އެކު އޭނާ ޓެސްޓްކޮށް، ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އެވެ. އެކަން ރިސޯޓަށް އެނގުނު އިރު، އޭނާއަށް ފަރުވާ ދިން ޑޮކްޓަރާއި އެހީތެރިޔާގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފަށައިފި އެވެ. އެހާ ހިސާބުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމާ އެކު ރިސޯޓް އެކަހެރިކޮށް، ގައުމު އެލާޓަށް އަ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް އިޓަލީ ޓޫރިސްޓުގެ މައުލޫމާތު ލިބިވަޑައިގަތީ ށ. ފުނަދޫގައި ޑެންޓަލް ޚިދުމަތް ފައްޓަވައި ދެއްވައި މާލެ ފުރާވަޑައިގަތުމަށް މާފަރު އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އެޗްޕީއޭގެ އެންގުމަކީ، އިޓަލީގެ ޓޫރިސްޓަށް ފަރުވާދިން ޑޮކްޓަރު "ހައި ރިސްކު" ކޭސްއަކަށް ވުން ގާތް ކަމަށެވެ.

މިނިސްޓަރު އަމީން، ފުނަދޫގައި ދަތުގެ ފަރުވާގެ ޚިދުމަތް މިދިޔަ މަހުގެ ހަ ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވަނީ: ރާއްޖޭގައި ކޮރޯނާވައިރަސްގެ ރާއްޖޭގެ ފުރަތަމަ ކޭސް އެނގިވަޑައިގަތީ މި ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކުރެއްދޫގައި އިޓަލީގެ ޓޫރިސްޓަށް ފަރުވާދިން ޑޮކްޓަރަށް ސީދާ ގުޅުއްވައި، މައުލޫމާތު ހޯއްދެވީ އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގެވެ. ކޮވިޑް-19 އަށް ތައްޔާރުވެފައި އޮތް ޑޮކްޓަރުން ހިމެނިވަޑައިގަންނަވާ ޓާސްކް ފޯހާއި މައުލޫމާތު ހިއްސާކުރައްވައި، މިނިސްޓަރުގެ ސަމާލުކަމަށް ގެންނެވީ ވަގުތުން ފިޔަވަޅު އަޅަން ޖެހިފައި އޮތް ކަމެވެ.

މިނިސްޓަރު އަމީން "މިހާރު" އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން އަންގަވައި އެ މަނިކުފާނުގެ އިރުޝާދާ އެކު ޓާސްކް ފޯސް ހަރަކާތްތެރިވެ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޒިންމާއެއްގެ ގޮތުގައި ރިސޯޓް މޮނިޓަރިންގެ ހާލަތަށް ވަގުތުން ގެނައި ކަމަށެވެ. ފުރަތަމަ ކޭސް އަށް ވިޔަސް ކަމާ ބެހޭ ފަރާތްތަކުން އެޓެންޑްވިލެއް އަވަސް ކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ.

"މިއީ، ކޭސް ވަން އަށް ވުން އެކަށީގެންވާ ކަމަށް ބަލައި ސިސްޓަމް ހިނގައިގަންނަން ދެން ވެސް ވަކިވަކި މީހުން ތިބީ ތައްޔާރަށް. ހައި ރިސްކް މި ކޭސް ފެނުނުއިރު، ހުރީ އެސްއޯޕީސްތައް ލިޔެ, އެއަށް އަމަލުކުރަން ޖެހޭ ގޮތްތައް ވެސް ލިއެފައި،" އަމީން ވިދާޅުވި އެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭރުވީ، ރިސޯޓުގައި އުޅުނު ބައެއް މުވައްޒަފުން ކައިރި ރަށްތަކާ އެކު ވަރަށް ގިނަ ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ކަމަށް ފެތުރުނު އަޑެވެ. މިކަމާ ގުޅިގެން ބައެއް ރަށްތަކުގެ ރައްޔިތުން ތިބެން ޖެހުނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ.

ބަލި ހާލަތު އެނގުމުން ޝޮކުވި، ޓީމު ދިޔައީ ނައިފަރުން!

ސިއްހީ ދާއިރާގައި، އުޅުއްވައި 10 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެވި ނަމަވެސް ކޮރޯނާވައިރަހުގެ ރާއްޖޭގެ ފުރަތަމަ ކޭސްގެ މައުލޫމާތު ނެންގެވުން ޑރ. ނަޒްލާ އަށް އެހާ ފަސޭހައެއް ނުވި އެވެ. އިޓަލީގެ ޓޫރިސްޓަށް ފަރުވާދިން ޑޮކްޓަރު، ކަން ހިންގައި ދިޔަ ގޮތް ކިޔައިދެމުން ދިޔަ ވަރަކަށް، އެ ވައިރަސް އެކަކު އަނެކަކުގެ ކިބައިން އާއްމުންގެ ތެރެއަށް ފެތުރިފައި އޮވެދާނެ މިންވަރަކާ ދޭތެރޭގައި އޭނާ ހާސްވެ، ކަންބޮޑުވެވަޑައިގަތެވެ.

އިޓަލީ މީހާ ފުރީ ވެސް ބަލިވެ އުޅެމުންނެވެ. ފެބުއަރީ، 25، 2020، ގައި އޭނާ ރިސޯޓުގެ ރެސްޓޯރަންޓް ތެރެއަށް އަނބުރައިގަނެގެން ވެއްޓުނެވެ. ޖެހިގެން އައި ތިން ދުވަހު ވެސް ރިސޯޓުގައި ފަރުވާ ހޯދި އެެވެ. އަދި އެއީ، ކޮވިޑް-19އަށް ވެދާނެތީ ކޮންމެވެސް ވަރަކަށް ރިސޯޓުގައި މަޝްވަރާތަކެއް ދިޔަ އެވެ. އޭނާ މާޗް 1، ގައި ފުރަން ގޮސް އެއާޕޯޓްގައި ހުއްޓާ ވެސް އަނބުރައިގަނެގެން ވެއްޓުނެވެ. އަދި ޕައިލެޓްގެ ސަމާލުކަމަށް ދަތުރުވެރިންގެ ބަޔަކު އެކަން ގެނައުމުން، އޭނާ ބޯޓުން ބޭލި އެވެ.

ކޮވިޑް-19 އާ ގުޅޭ މީޑިއާ ބްރީފިންއެއްގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"މި ހުރިހާ ކަމެއް ހިނގި ކަމެއް އަޅުގަނޑު ގުޅިއިރަކު ނޭނގޭ. [އިޓަލީ މީހާ އަށް ފަރުވާދިން] ރިސޯޓުގެ ޑޮކްޓަރުގެ ސިމްޕްޓަމްސްއާ އެއްޗެހި ޑިވެލޮޕްވެފައި ހުރި ކަމެއް ވެސް ނޭނގޭ. ވާހަކަ ދައްކަން ފެށީމަ ހިތަށްއެރި ފުރަތަމަ ވެސް މި ވެދާނެއޭ ޕޮޒިޓިވްއަކަށް. ކަންބޮޑުވީ ފެތުރިފައި އޮތް މިންވަރު އަންދާޒާ ވެސް ކުރަން ނޭނގޭތީ އޭރު. ވަގުތުން، ވިސްނުނު ދެން ކުރަންވީ ކަންކަން ވެސް އަޅުގަނޑުމެން ތައްޔާރުވެފައި ތިބުމާ އެކު. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓާއެއް ވެސް ހަދައިގެން މަސައްކަތް ކުރަމުން އައީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިޓަލީގެ ޓޫރިސްޓަށް ނުފުރިގެން މާލޭގައި މަޑުކުރީ އެވެ. މާގިރި ހޮޓަލުގައި ހުރެފައި، ޔުނިވާސަލްގެ ޓިކެޓް އޮފީހަށް ވެސް ދިޔަ އެވެ. އޭނާ ރާއްޖެ އިން ފުރީ މާޗް 2 ގަ އެވެ.

"މި މައުލޫމާތަށް ބަލައި ފުރަތަމަ ވެސް އަޅުގަނޑުމެން ނިންމީ ކޮންޓެކްޓް ޓްރޭސިން ހަދައި އޭނާއާ ކޮންޓެކްޓްވީ އެންމެން އައިސޮލޭޓް ކުރަން،" ޑރ. ނަޒްލާ ވިދާޅުވި އެެވެ.

އެކަން ކުރަން، ކުރެއްދު އަށް ދިޔައީ ޅ. ނައިފަރު ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އެވެ. ޑޮކްޓަރަކާއި ނަރުހަކު ހިމެނޭ ގޮތުން ޓީމެއް އެ ރިސޯޓަށް ދިޔައިރު، މާ ކުރިން ވަނީ ސާމްޕަލް ނަގަން ބޭނުންވާނެ ތަކެއްޗާއި ރައްކާތެރިވުމުގެ ގޮތުން ބޭނުންވާނެ ހުރިހާ ޕްރޮޓެކްޓިވް ގިއާ ވެސް ފޯރުކޮށްދީފަ އެވެ.

"މި ބައްޔަށް އަޅުގަނޑުމެން ހުރިހާ އަތޮޅަކުން ވެސް ރެޕިޑް ރެސްޕޮންސް ޓީމުތަކެއް ހޯދައި ސާމްޕަލް ނަގާނެ ގޮތާއި ޕީޕީ އެޅުމާއި އެކަހަލަ ތަމްރީންތައް ވެސް ދީފައި ހުންނާނީ. ފަރުކޮޅުފުށި ވެސް ހުރީ ތައްޔާރުކޮށްފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ހިނގި ކަމެއް އަޅުގަނޑު ގުޅިއިރަކު ނޭނގޭ. [އިޓަލީ މީހާ އަށް ފަރުވާދިން] ރިސޯޓުގެ ޑޮކްޓަރުގެ ސިމްޕްޓަމްސްއާ އެއްޗެހި ޑިވެލޮޕްވެފައި ހުރި ކަމެއް ވެސް ނޭނގޭ. ވާހަކަ ދައްކަން ފެށީމަ ހިތަށްއެރި ފުރަތަމަ ވެސް މި ވެދާނެއޭ ޕޮޒިޓިވްއަކަށް. ކަންބޮޑުވީ ފެތުރިފައި އޮތް މިންވަރު އަންދާޒާ ވެސް ކުރަން ނޭނގޭތީ އޭރު: ޑރ. ނަޒްލާ

އެންމެ ފުރަތަމަ ވެސް ޓެސްޓްކުރީ، އިޓަލީގެ ޓޫރިސްޓާ ޑައިރެކްޓް ކޮންޓެކްޓްވި، ބަލީގެ އަލާމާތްތައް ހުރި މީހުންނެވެ. ޑޮކްޓަރާއި ޓޫރިސްޓަށް ޚިދުމަތްދިން އެހެން މީހަކު ޕޮޒިޓިވްވުމުން އެ މީހުންނަށް ފަރުވާދޭން ފަރުކޮޅުފުއްޓަށް ގެންދިޔައީ އެވެ.

ކޮންޓެކްޓް ޓްރޭސިން: އެންމެ އުނދަގޫވި އެއް ކަންތައް!

ނައިފަރުން ރިސޯޓަށް ދިޔަ އާރުއާރުޓީމަށް ލިބުނު މައުލޫމާތުން، ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހޭނެ ކަމަށް ބެލެވުނު މީހުންގެ އަދަދު 90 އަށް އެރި އެވެ. އެންމެ އުނދަގޫ ކަމަށް ވީ، އިޓަލީގެ ޓޫރިސްޓާ ދިމާވި މީހުންނާއި އެ މީހުންނާ ފަހުން ބައްދަލުވި މީހުން ހޯދުމެވެ.

"ރިސޯޓުގައި އެ ވަގުތު ތިބި 60 މީހުން އައިޑެންޓިފައި ކުރެވިފައި. އޭގެ ތެރޭގައި ޓޫރިސްޓުންނެއް ނެތް. އެންމެން [އިޓަލީ މީހާއާ ކޮންޓެކްޓްވި ޓޫރިސްޓުން] ވަނީ ފުރައިގެން ގޮސްފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެހެންވިޔަސް ރިސޯޓެއްގައި ނަމަ، ޓޫރިސްޓަށް ޚިދުމަތް ދޭ އެންމެން ވެސް ހިމެނޭނީ ހައި ރިސްކް މީހުންގެ ތެރޭގައި ކަމަށް ވާތީ، އެއްވެސް މީހަކު އަތުން ދޫނުވާނެ ހުރިހާ ގޮތަކަށް ކޮންޓެކްޓް ޓްރޭސިން ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުން އޭގެ ތެރެއިން 60 އަށް ވުރެ ގިނަ މީހުން އެކަހެރި ވެސް ކުރި އެވެ.

ރިސޯޓް ނިންމައި ދެން ކޮންޓެކްޓް ޓްރޭސިން ހެދީ އެއާޕޯޓުގަ އެވެ. ސީ ޕްލޭންގައި އެއާޕޯޓަށް ގޮސް ޓާމިނަލް ތެރޭގައި ހުއްޓާ އަނބުރައިގަނެގެން ވެއްޓުމުން އެއާޕޯޓް މުވައްޒަފުންގެ އެހީއާ އެކު ކްލިނަކަށް ގެންގޮސް ފަރުވާ ހޯދިކަން ވެސް އެނގުނީ، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކޮންޓެކްޓް ޓްރޭސިންގެ ތެރޭގަ އެވެ.

ކުރެއްދޫ އައިލެންޑު ރިސޯޓު: ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި ރިސޯޓުގެ ދެ މީހުން.

ސީ ޕްލޭންގައި އޭނާ އެކު ދަތުރުކުރި ޓޫރިސްޓުންނާއި ކްރޫ އިން ވެސް ހޯދި އެވެ. އެއާޕޯޓު ކްލިނިކުން އޭނާ އަށް ފަރުވާދިން މީހުން ދެނެގަނެ، ފިޔަވަޅުތައް އެޅި އެވެ. އޭރު އެއާޕޯޓުގައި އޭނާ އަށް ފަރުވާދިން ބިދޭސީ ނަރުސް ހުރީ އޭނާގެ ގައުމުގަ އެވެ. ރާއްޖޭގައި ބަޔަކު ޕޮޒިޓިވްވެފައިވާ ކަން އެ ނަރުހަށް ގުޅައި ރައްކާތެރިވުމުގެ ފިޔވަޅެއްގެ ގޮތުން އައިސޮލޭޝަނަށް ދާން ޖެހޭ ކަން ވެސް އެޗްޕީއޭ އިން އެންގި އެވެ.

"މިއީ، މިހާތަނަށް އަޅުގަނޑުމެން ހެދި އެންމެ އުނދަގޫ ކޮންޓެކްޓް ޓްރޭސިން. މިހާ އުނދަގުލެއް ނޫން އެހެން ކޭސްތައް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިޓަލީގެ ޓޫރިސްޓް މާގިރި ހޮޓަލުގައި މަޑުކުރިކަން އެނގުމުން، އެތަނުގައި ވެސް ކޮންޓްރެކް ޓްރޭސިން ހެދި އެވެ. އޭނާ ދިޔަ ތަންތަނާއި މަޑުކުރި ތަންތަނާއި ވާހަކަ ދެއްކި މީހުން ވީޑިއޯ ބަލައިގެން ހޯދައި ލިސްޓެއް އެކުލަވާލީ އެވެ.

"މިގޮތަށް ބަލަމުން ދަނިކޮށް އެނގުނީ އޭނާ ޓިކެޓް ނަގަން ދިޔަ ކަން. ނަސީބަކުން ޕަބްލިކް ޓްރާންސްޕޯޓެއް ނޫން ބޭނުންކުރީކީއެއް. އެއާޕޯޓުން މާގިރި އަށް އައީސް ވެސް އަދި އެތަނުން ޓިކެޓް ނަގަން ދިޔައީ ވެސް އެ ހޮޓަލުގެ ވެހިކަލެއްގައި. އަޅުގަނޑުމެންނަށް އެހެންވެ އައިޑެންޓިފައި ކުރެވުނު އޭނާއާ ދިމާވާނެހެން ހީވާ ހުރިހާ އެންމެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޓިކެޓް ނަގަން ގޮސް އުޅެނިކޮށް ދިމާވި މުވައްޒަފު ވެސް އައިސޮލޭޝަނަށް ލި އެވެ.

ފުރަތަމަ ޓެސްޓުން ދެ މީހަކު ޕޮޒިޓިވްވެ، ކޮންޓެކްޓް ޓްރޭސިން ހަދައި އިތުރު ތިން މީހަކު ޕޮޒިޓިވްވީ، ނަޒްލާ ވިދާޅުވި ގޮތުގައި، އައިސޮލޭޝަންގައި ތިއްބަ އެވެ. ވަގުތު ގެއްލިފައި އޮއްވައި މަސައްކަތް ފަށައިގެން ވެސް އަތުން އެއްވެސް ކަމެއް ދޫނުކޮށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކާމިޔާބު ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

"އޭރު އޭގެ މާނައަކީ އުނދަގޫތަކަކާ އެކު ވެސް އަޅުގަނޑުމެންނަށް ކޮންޓެކްޓް ޓްރޭސިން ހެދުނީ ރަނގަޅަށޭ. ޕޮޒިޓިވްވި ދެ މީހުންނާ ގުޅޭ ކޮންޓެކްޓްސްގެ ތެރެއިން އައިސޮލޭޓްކުރި ތިން މީހަކު ޕޮޒިޓިވްވީ،" އޭނާ ވިދާޅުވި އެވެ.

އިޓަލީ މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދަން، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ތިން ދުވަސް ހެދި އެވެ.

ފުރަތަމަ އިމްތިހާނުން ފާސްވި

މިނިސްޓަރު އަމީން ސިފަކުރެއްވި ގޮތުގައި، ކުރެއްދޫ ކޭސްއަކީ މި ވައިރަހުގައި ރާއްޖޭގެ ފުރަތަމަ އިމްތިހާނެވެ. ދުރާލައި ފިޔަވަޅު އަޅައި ތައްޔާރުވެފައި އޮތުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ލިބުނު ހިތްހަަމަޖެހުން ބޮޑު ކަމަށް ވިދާޅުވި އެވެ.

"ކޭސް ޒީރޯއަކީ ފުރައިގެން ދިޔަ އިޓަލީ މީހާ. ކޮވިޑްގެ އައި ފުރަތަމަ ޓެސްޓަކީ ނިޝާންތައް ފެނުނު ޑޮކްޓަރު. މި ހާލަތު އައިއިރު، ހުރިހާ ގޮތަކުން ތައްޔާރުވެފައި ތިބީ،" އަމީން ވިދާޅުވި އެވެ.

"ފުރަތަމަ އިމްތިހާނަކީ އެ ކޭސް. އެ ޓެސްޓުން ވަަރަށް ރަނގަށް ފާސްވި."

ކޮވިޑް-19 އާ ގުޅޭ ޚާއްސަ ކޮމިޓީއެއްގެ ބައްދަލުވުމެއް މިނިސްޓަރު އަބްދުﷲ އަމީން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އަމީން ވިދާޅުވީ މުޅި ދުނިޔެ އަށް ދިމާވެފައި މިއޮތް މުސީބާތުގައި, ރާއްޖެ ވެސް އަދިވެސް ވަރަށް ގިނަ އިމްތިހާންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މާލެ ތެރެއަށް ފެތުރިއްޖެ ނަމަ ވެސް ދެން އަމަލުކުރަންވާނެ ގޮތަކަށް ޓާސްކްފޯސް ތައްޔާރަށް ތިބި ނަމަވެސް އެ އިމްތިހާނަކުން ފާސްވާން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ އިމްތިހާނަކީ އެ ކޭސް. އެ ޓެސްޓުން ވަަރަށް ރަނގަށް ފާސްވި: އަމީން

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ފެނުނު ހުރިހާ ކަމެއް ވަނީ ރަނގަޅުކޮށްފަ އެވެ. މިނިސްޓަރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، އިޓަލީ މީހާ ޕޮޒިޓިވްވި ކަން އެނގުމާއި ނޭވާ ހިފަހައްޓާލައިގެން ތިބެ ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދިޔަލެއް ފުރިހަމަ ކަމަކީ ފުރަތަމަ ކޭސްގައި ދިވެހިންގެ ނަސީބެވެ. އޭގެ ފަހުން، މިހާތަނަށް ހޯދިފައިވާ ކާމިޔާބީއަކީ ދުރާލައި ތައްޔާރުވެ، އެންމެން ގުޅިގެން ކުރާ ބުރަ މަސައްކަތް ކަމަށް އަމީން ވިދާޅުވި އެވެ.