ފުރަތަމަ ކުޑަ ކާފިއު: އެންމެން ވެސް ސަމާލުވޭ!

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ރަސްމީ ފަރާތްތަކުން އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މިވަނީ ކާފިއު ހިންގައިފަ އެވެ. މިއީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، މިހާތަނަށް މާލެ ސަރަހައްދުގެ އާންމުންގެ ހިނގައިބިނގާވެ އުޅުން ހުއްޓުވާ ފުރަތަމަ ފަހަރެވެ.


މިއަދު މެންދުރު 12 އިން ފެށިގެން ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެކަމަކު މިހާރު ކޮންމެ ފިޔަވަޅެއް ވެސް، ކޮންމެ ނިންމުމެއް ވެސް މި އަންނަނީ ކޮމިޔުނިޓީ ސްޕްރެޑަކަށް ކޮރޯނާވައިރަސް ދިއުން ހުއްޓުވުމުގެ މަގުސަދުގަ އެވެ. މިހާތަނަށް ރާއްޖެ އިން ކޮރޯނާވައިރަސް ނުވަތަ އެ ވައިރަސް އިން ޖައްސާ ކޮވިޑް-19 ފެނިފައި ވަނީ މުޅިން ވެސް ރާއްޖެ އިން ބޭރުން އައި މީހުންގެ ފަރާތުންނެވެ. ނުވަތަ އެ މީހުންނާ ގުޅުން ހުރި ބައެއްގެ ހަށިގަނޑުންނެވެ.

ކޮމިޔުނިޓީ ސްޕްރެޑް ނުވަތަ މުޖުތަމައުގެ ތެރޭގައި އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް ދަތުރުކުރުމުގެ މަރުހަލާ އިން ރާއްޖެ މިހާތަނަށް ސަލާމަތްވެފައި އޮތުމަކީ ވެސް، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި މި ނުރައްކަލުން ސަލާމަތްވުމުގެ މައިގަނޑު މަސައްކަތް ކުރަމުން އަންނަ ފަންނީ މީހުންނާއި މުޅި ޓީމަށް ވެސް އޮތް ވަރަށް ބޮޑު ނަސީބެކެވެ. އެހެންކަމުން އެ ނަސީބު އެގޮތުގައި ބޭއްވޭތޯ ކުރަމުން އަންނަ މަސައްކަތް އެކި ވަގުތު، އެކި ހާލަތުގައި، ހަރުދަނާކޮށް އެބަ ވަރުގަދަ ވެސް ކުރެ އެވެ.

މިއަދުގެ ހަވީރު 5 ން ރޭގަނޑު 8 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާފައިވާއިރު، ހުޅުމާލޭގެ މައި މަގު ހަވީރު ފެންނަ ގޮތް.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެއް ބައެއްގެ ނަޒަރުގައި ބޭރަށް ނުކުމެ އުޅުން ހުއްޓުވުން މިހާރު ވެސް ލަސްވެއްޖެ އެވެ. އެކަމަކު ރަސްމީ ފަރާތްތަކުން ދެކޭ ގޮތުގައި ފިޔަވަޅު އަޅަމުން އަންނަނީ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލައިގެންނެވެ.

މިހާތަނަށް އާންމުންނަށް ބުރައަކަށް ވެދާނެ އުސޫލުތައް ވެސް ދަމަހައްޓަމުން އެބަ ގެންދެ އެވެ. އޭގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރުމާއި، ރިސޯޓްތަކުން މުވައްޒަފުން އެހެން ރަށްރަށަށް ނުދެވޭނެ ގޮތް ހެދުމާއި ބޭރުން ރާއްޖެ އަންނަ ހުރިހާ ދިވެހިން ކަރަންޓީންކުރުން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ތިން ގަޑިއިރުގެ ކާފިއުއެއް މިއަދުން ފެށިގެން ކުރިއަށް ގެންދަނީ، އެއް ގޮތަކުން ބަލަންޏާ، އާންމުން އެކަމަށް ތައްޔާރުވާނެ ފުރުސަތު ހޯދައިދޭށެވެ. އެ ވަގުތު ދިގުކޮށް، އާންމުންގެ މަގުމަތީ ހަރަކާތްތަކަށް މިއަށް ވުރެ ބޮޑު ހުއްޓުމެއް ގެނައުމަކީ ވެސް ކަމާ ބެހޭ ހާއްސަ ކޮމިޓީގެ އަތްމަތީގައި އޮތް ބާރެކެވެ.

ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، މިފަދަ ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ. މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެސް އެ ބާރުގެ ބޭނުން ކުރަން ޖެހުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 78-1977 ގައި މުޅި ރާއްޖެއަށް ކޮލެރާ ބޭރަށް ހިންގުން ފެތުރި އެތައް ބަޔަކު މަރުވެ، ގައުމުގައި ބިރުވެރިކަން އުފެދުނެވެ. އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1982 ވަނަ އަހަރު ޝިގެއްލާ ފެތުރި، އެ ބޭރަށް ހިންގުމުގައި ވެސް އެތައް ބަޔަކު މަރުވި އެވެ. މި ދެ ފަހަރު ވެސް ރައްޔިތުން ނުކުމެ، ފެން ވަޅުތައް ކޮލަރިން ކުރުން ފަދަ ކަންކަން، ރަސްމީ ފަރާތްތަކުގެ އެހީތެރިކަމާއި އިރުޝާދާ އެކު ކުރިއަށް ގެންދިޔަ އެވެ.

މާލޭގައި މިއަދު ހަވީރު 5 ން މިރޭގެ 8 އަށް ކާފިއު ހިންގާފައިވާއިރު، ފުލުހަކު މަގުމަތި ބަލަހައްޓަނީ އަދި ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގެ މަސައްކަތުގައި: މިއަދުން ފެށިގެން އެޗްޕީއޭ އިން ވަކި ގޮތެއް ކަނޑައަޅަންދެން ކޮންމެ ދުވަހެއްގެ ވެސް މި ގަޑީގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގާނެ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ޒަމާނުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގައި، ގިނަ ބަޔަކު މަރުވާނެ ފަދަ ހާލަތަކަށް ގައުމު ވެއްޓުން ދުރެވެ. އެކަމަކު ކޮރޯނާވައިރަސް ކުރިމަތިވީ މުޅި ގައުމުގެ އިގުތިސާދު ވެސް ފުނޑުވެ، ހުރިހާ ކަމެއް ހުއްޓުމަކަށް ގެނެވޭނެހާ ފުޅާ މިންވަރަކަށެވެ.

މުޅި ދުނިޔޭގެ ހާލަތު ވެސް އޮތީ އެގޮތަށެވެ. ކުރިއަރާފައިވާ އަދި މިކަހަލަ ބަލިމަޑުކަމަކުން އަވަހަށް ސަލާމަތްވެވޭނެ ފަދަ ސިއްހީ ނިޒާމުތައް އޮތް ގައުމުތައް ވެސް މިއަދު ވަނީ، ހަދާނެ ގޮތް ހުސްވެ، ކުއްލި ނުރައްކަލުގަ އެވެ. އެހެންކަމުން ރާއްޖެ ފަދަ ގައުމުތަކުން މިހާރު ކުރަމުން މި އަންނަނީ، ރާއްޖޭގެ ފެންވަރުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކަމަށް ބަލަން ޖެހެ އެވެ.

މިއަދު މި ފެށި ކާފިއުގެ ވަގުތުތައް، އެޗުޕީއޭ އިން ވަކި ގޮތެއް އަންގަންދެން ކުރިއަށް ދާނެ އެވެ. މިއީ މިއަދަށް ނޫނީ މާދަމާއަށް ހާއްސަ ނިންމުމެއް ނޫނެވެ. ސަރުކާރުގެ އޮފީސްތައް ތިން ވަނަ ހަފުތާއަކަށް ބަންދުކުރުމުގެ ނިންމުން މިހާރު ވެސް އޮތުމުން، އެންމެ މަދުވެގެން ވެސް މި ހަފުތާގައި ރައްޔިތުން މި އުސޫލު ގަބޫލުކޮށް، ގޭގައި މަޑުކުރަން ޖެހޭނެ އެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން ޓެގް ޓީމަށް ވެސް އެންމެ އުނދަގޫ ކަމަކީ އެކި ގައުމުތަކުގެ ރިސްކް ލެވެލް ދެނެގަންނަން ދަތިވުމެވެ. އެހެންކަމުން ރާއްޖޭގައި ވެސް އެ ނުރައްކާ ބަދަލުވެދާނެ ގޮތް ސީދާ ކަނޑައަޅަން ނުވަތަ ބުނަން އުނދަގޫވެ އެވެ.

"އަޅުގަނޑުމެންނަށް އެ ގައުމެއްގެ ރިސްކް ލެވެލް އުނދަގޫވާނެ ވަގުތުން ވަގުތަށް އެނގެން. ތަންކޮޅެއް ފަހުން އެނގޭނީ އެ ސާޖް އަންނަ އިރު،" ޑރ. ނަޒުލާ ވިދާޅުވި އެވެ.

މިހާތަނަށް އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ކޮރޯނާވައިރަސް އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މި ދުވަސްވަރު ބޭރުން ރާއްޖެ އަންނަ ދިވެހިން އެ މީހުންގެ ގެތަކަށް ދޫކޮށްލުމުން ކޮމިޔުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވެ އެވެ. އެހެންކަމުން ސަރުކާރުން ނިންމީ އެ އެންމެން ކަރަންޓީންކުރާށެވެ. އެގޮތުން 800 އަށް ވުރެ ގިނަ މީހުން ވަނީ ރިސޯޓްތަކުގައި އެކަހެރިކޮށްފަ އެވެ.

މާލޭގައި މިއަދު ހަވީރު ކާފިއު ހިންގާފައިވާ ވަގުތުގައި ނުކުމެ އުޅުނު ޓެކްސީ ޑްރައިވަރަކާ ފުލުހަކު ސުވާލު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައްޔިތުން ގަބޫލުކުރަން ޖެހެނީ ނުރައްކަލުގެ ހާލަތު ބަދަލުވާ ވަރަކަށް އާންމު ދިރިއުޅުމުގެ ހާލަތަށް ވެސް އިތުރު އުނދަގޫތައް ކުރިމަތިވާނެ ކަމެވެ. މިއީ ހުރިހާ ގައުމެއްގައި ވެސް މުޅި ގައުމު ގުޅިގެން މަސައްކަތްކުރާ ވަގުތެވެ. ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދަށް ފުރަތަމަ ކޮޅު ބޯނުލެނބުމުގެ ހިތި ނަތީޖާ އިޓަލީންނާއި އެމެރިކާ އިން އެބަ ފެނެ އެވެ. އެކަމަކު ސަރުކާރުގެ ފިޔަވަޅުތަކަށް އިތުބާރުކޮށް އެއްބާރުލުން ދިން ގައުމުތައް ކަމަށްވާ ސިންގަޕޫރާއި ދެކުނު ކޮރެޔާ އަދި ތައިވާން ފަދަ ގައުމުތައް މި ނުރައްކަލުން ތަންކޮޅެއް އަވަހަށް އެބަ ސަލާމަތްވެ އެވެ.