ސެންޗޫރިއަން ގޮވައިގެން ކެޕްޓަން މާނު ހިއްސާގެ ބާޒާރު ބަދަލުކޮށްލުމުގެ ދަތުރަށް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ވުޖޫދަށް އައުމާ އެކު ގިނަ ބަޔަކު އެ ކުންފުނީގެ ހިއްސާ ގަންނަން އަވަސްވެ ގަތެވެ. މަދު ބައެއްގެ އަތްމަތީގައި އޮތް ޓޫރިޒަމް ސިނާއަތުގައި އެންމެ އާދައިގެ މީހާ އަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވުނެވެ. ސަތޭކަ ރުފިޔާ އަށް ވިއްކި ހިއްސާ ބޮޑެތި އަދަދުތަކުން ގަތީ ރާއްޖޭގެ އެންމެ ފައިދާ ބޮޑު ސިނާއަތުން ކޮންމެވެސް މިންވަރެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.


އެކަމަކު، އެތައް އަހަރެއް ވީ އިރު ހިއްސާ ގަތް އެތައް ހާސް ބަޔަކު އަދިވެސް ތިބީ ފައިދާއެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. ފައިދާއެއް ނުލިބޭ ތާނގައި އެ ކުންފުންޏަށް މާ ބޮޑު ކުރިއެރުމެއް ވެސް ނުލިބެ އެވެ. ކުންފުންޏާ މެދު އުއްމީދުކުރާ ބަޔަކު ވެސް ނެތެވެ.

އެއީ ރާއްޖޭގެ ހިއްސާގެ ބާޒާރު މިހާރު އޮތް ހާލަތް ދައްކައިދޭ ކުޑަކުޑަ މިސާލެކެވެ. ކުރިއަރާފައިވާ އިގްތިސާދުތަކުގައި ހިއްސާ ގަނެ، ވިއްކުމަކީ ފަހަށް ރައްކާކުކުރުމުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމަށް ވިޔަސް، ރާއްޖޭގައި އެއީ އިތުބާރު ހުރި ކަމެއް ނޫނެވެ. މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ހިއްސާ ގަނެގެން ފައިދާ ވާނެ މާ ބޮޑު ފުރުސަތެއް ނެތެވެ. އެއީ ބޮޑު ޖޯކަކަށް ވެސް ބައެއް މީހުން ނަގަ އެވެ.

އަހުމަދު މައުމޫން (ކެޕްޓަން މާނު) މިހާރު އަމާޒު ހިފާފައި ވަނީ އެ ހަގީގަތް ބަދަލުކޮށްލެއްވުމަށެވެ. އޭނާގެ މޭސްތިރިކަމުގައި ހިންގަމުން އަންނަ ސެންޗޫރިއަން، ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އާއްމުކޮށް ހިއްސާ ވިއްކަން ފަށަން ތައްޔާރުވެއްޖެ އެވެ.

ސެންޗޫރިއަން އެންމެ އުހަށް

ސެންޗޫރިއަން އަކީ ރާއްޖޭގެ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ނެޝެނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ގައި މައުމޫން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މަސައްކަތުގެ ނަތީޖާ އެވެ. ސަރުކާރުގެ ވަޒީފާ އިން ވަކިވެވަޑައިގެން އަމިއްލަ ވިޔަފާރިއެއް ފެއްޓެވުމަށް ބޭނުންކުރެއްވީ އޭރު ލިބިވަޑައިގެންނެވި ތަޖުރިބާ އެވެ.

މައުމޫން "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާގެ އެންމެ ބޮޑު އުއްމީދަކީ ހިއްސާގެ ބާޒާރަށް ހެޔޮ ބަދަލެއް ގެނައުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ފިލާވަޅުތަކުގެ އަލީގައި އުފެއްދެވި ސެންޗޫރިއަން މިހާރު ވަނީ އެ ދާއިރާ އިން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ކުންފުންޏަށް ވެފަ އެވެ. އެ ކުންފުނިން މުދާ އެތެރެކޮށް، ގުދަންކޮށްފައި ބަހައްޓައި ދިނުމާއި ރާއްޖޭގެ އެކި ހިސާބުތަކަށް އެ ތަކެތި ގެންގޮސްދިނުމާއި އެކަމާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ދެ އެވެ. އަދި ރާއްޖޭން ބޭރުގެ އެންމެ ބޮޑެތި ޝިޕިން ލައިންތަކުގެ އެޖެންޓުކަން ކުރުމުގެ އިތުރަށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާއި އެ ނޫން ވެސް މުދާ އެ ކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދޯނިފަހަރުގައި ރިސޯޓުތަކަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް 2010 ގައި އުފެއްދި ސެންޗޫރިއަން އިން ދެ އެވެ.

"އާއްމުންނަށް ވިޔަފާރީގައި ބައިވެރިވެވުން، ކުންފުނި ކުރިއަށް ގެންދިއުމަކީ ލިބޭ އެންމެ ބޮޑު އުފާ. އެކަން ހާސިލްވެއްޖެ." -- މައުމޫން

އެކަމަކު، އެއީ ގޮންޖެހުންތައް ބޮޑު މަސައްކަތެކެވެ. ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރު އައިމަން ޖަމީލް ވިދާޅުވި ގޮތުގައި ގުދަންކުރުމުގެ ވަސީލަތްތަކުގެ ދަތިކަން ބައެއް ފަހަރު ކުރިމަތިވެ އެވެ. މިސާލަކަށް، ރިސޯޓުތަކަށް ބޭނުންވާ ފިނިކުރި ކާނާގެ ބާވަތްތައް މަތިންދާބޯޓުގެ ކާގޯ އިން ބާލައިގެން، ފިނިހޫނުމިނަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް އުފުލައި ގެންދަން ޖެހޭ ތަނަކަށް ގެންދިއުމުގެ ކުރިން ހަމަ އެ ފިނިހޫނުމިނުގައި ދެމެހެއްޓުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ބުރަ މަސައްކަތެކެވެ.

"ރިސޯޓުތަކުން ބޭނުންވާ ދުވަހަކަށް، ގަޑިއަކަށް ދޯނި ފޮނުވުން ކަހަލަ ކަންކަން އެއީ ފަސޭހަ ކަމެއް ނޫން. އެކަމަކު، މިހާތަނަށް އައިއިރު ވެސް އެއްވެސް މައްސަލައެއް ނުޖެހި، އިތުބާރާ އެކު އެކަން އެބަ ކުރިއަށް ގެންދެވޭ،" އައިމަން ވިދާޅުވި އެވެ.

އައިމަން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިއްސާ ވިއްކަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ކުންފުނިން ހޯދާފައިވާ އިތުބާރު ދަމަހައްޓައި ޝިޕިން އަދި ލޮޖިސްޓިކްސްގެ ދާއިރާ އިތުރަށް ތަރައްގީކުރަން ބޭނުންވާ ވަސީލަތްތައް ގާއިމްކުރާށެވެ. އެ ގޮތުން، ކުންފުނީގެ 49 ޕަސެންޓް (6،757،800) ހިއްސާ، 25 ރުފިޔާގެ މަގުން ވިއްކައިގެން ހޯދަން އަމާޒުކުރާ 168،945،000 ރުފިޔާ އިން މުދާ އުފުލާ 10 ދޯންޏާއި ޓަގަކާއި ބާޖަކާއި ދެ އުފުއްޔާއި އާގުބޯޓެއް ގަތުމުގެ އިތުރަށް، ގުދަން ހަދައި ތަރައްގީކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސެޓް ގަންނަން ބަލާއިރު އެއީ ފުދޭ ވަރެއްގެ ބޮޑު އިންވެސްޓްމަންޓެއް. އެކަމަކު، އެއީ މި ދާއިރާ ކުރިއަރުވަން ކޮންމެހެން ވެސް ކުރަން ޖެހޭ އިންވެސްޓްމަންޓެއް. އެހެންވީމަ، ހިއްސާ ވިއްކައިގެން އަޅުގަނޑުމެން ރެއިޒްކުރަން އަމާޒުކޮށްފައިވާ ފައިސާ އިން ބޮޑު ބައެއް މި ދާއިރާގެ ތަރައްގީ އަށް ބޭނުންވާ އެސެޓް ގަންނަން ހާއްސަކޮށްފައި ވަނީ،" އައިމަން ވިދާޅުވި އެވެ.

ކުންފުނީގެ ކުރިމަގަށް މުހިއްމު ފިޔަވަޅެއް

މިވީ ހައެއްކަ އަހަރުދުވަހުގެ ތެރޭގައި ސެންޗޫރިއަން ވަނީ ކަސްޓަމަރުންގެ އިތުބާރު ހޯދުމުގެ އިތުރަށް، މާލީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް ދައްކައިދީފަ އެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިން މިނިވަން އޮޑިޓް ފާމަކާ ހަވާލުކޮށްގެން ހެދި ހިސާބުތަކުން ދައްކާ ގޮތުން އަހަރުން އަަހަރަށް ސެންޗޫރިއަން އިން ވަނީ ފައިދާ އިތުރުކޮށްފަ އެވެ. އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީތަކަށް ވެސް ރަނގަޅު ފައިދާއެއް ވަނީ ލިބިފަ އެވެ.

"ހިއްސާ ވިއްކައިގެން ރެއިޒް ކުރަން ބޭނުންވާ ވަރުގެ ތެރެއިން ވެސް ވަރަށް ކުޑަ މިންވަރެއް ހިންގުމުގެ ހަރަދަށް ކަނޑައަޅާފައި ވަނީ. ދެން މުޅިން ވެސް ހުންނާނީ އެސެޓަށް އިންވެސްޓް ކުރަން. އެ ކަމުން ވެސް އެބަ އެނގޭ ފައިނޭންޝަލީ ރަނގަޅު، ސްޓޭބަލް ހާލަތެއްގައި ކުންފުނި އޮތްކަން،" މައުމޫން ވިދާޅުވި އެވެ.

ސެންޗޫރިއަންގެ ޕްރޮސްޕެކްޓަސް އާއްމުކުރުމަށް މިދިޔަ މަހުގެ 29 ގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފަދަ ރަނގަޅު ހާލަތެއްގައި އޮތް ސެންޗޫރިއަން އިން ހިއްސާގެ ބާޒާރަށް ނުކުތީ އިންވެސްޓް ކުރަން ބޭނުންވާ ފައިސާ ހޯދުމަށް ވުރެ ބޮޑު، މާ މުހިއްމު އަޒުމަކާ އެކުގަ އެވެ. ކުންފުނީގެ ކުރިމަގު އުޖާލާކޮށް، އެތައް ޖީލުތަކަކަށް ކުންފުނި ދަމަހައްޓައި ގެންދިއުމުގެ ބޭނުމުގަ އެވެ. "އަޅުގަނޑާއި އައިމަންއާ ދެ މީހުން މި ތަނުގައި ނެތަސް" އެހެން ބަޔަކު ސެންޗޫރިއަންގެ ދަތުރު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ހޯދާށެވެ. އެހެންވެ، މިނިވަން ޑިރެކްޓަރުންގެ ބޯޑެއް އެކުލަވާލައި ކޯޕަރޭޓް ގަވަނެންސްގެ އުސޫލާ އެއްގޮތަށް ކުންފުނި ހިންގަން މިހާރު ވަނީ ފަށާފަ އެވެ.

"އެންމެ ފުރަތަމަ ވެސް ވިޔަފާރި އަށް ވަންއިރު އަޅުގަނޑު ދެކެމުން އައި ހުވަފެނެއް ހިއްސާ ވިއްކުމަކީ. ހާއްސަކޮށް، ހިއްސާ ވިއްކުމާ އެކީ ކުންފުނީގެ ހިންގުމަށް އަންނަ ކުރިއެރުން އެއީ އަޅުގަނޑު އަބަދު ވެސް ގަބޫލުކުރާ އުސޫލެއް،" މައުމޫން ވިދާޅުވި އެވެ.

ހިއްސާގެ ބާޒާރުގެ ހިޔަނި

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހިއްސާ ވިއްކަން ފަށާއިރު، ސެންޗޫރިއަން އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިއްސާގެ ބާޒާރުގައި މިހާތަނަށް ކަންތައް ވެފައިވާ ގޮތެވެ. އެމްޓީޑީސީ އާއި ސަރުކާރު ހިއްސާވާ އެހެން ބައެއް ކުންފުނިތަކުން ވެސް ކޮށްފައިވާ ތަޖުރިބާ މާ ރަނގަޅެއް ނޫނެވެ.

އެކަމަކު، މައުމޫން ގަބޫލުކުރައްވާ ގޮތުގައި އެމްޓީޑީސީ ފަދަ ކުންފުނިތަކަށް ހިއްސާގެ ބާޒާރުގައި ހިނގައި ނުގަނެވުނީ އެކަން ކުރަން އޮންނަ ގޮތަށް ނުކުރުމުންނެވެ. ސަތޭކަ ރުފިޔާގެ ހިއްސާ ގަންނަ މީހަކަށް ޖެހިގެން އަންނަ އަހަރު ސަތޭކަ ރުފިޔާ ފައިދާގެ ގޮތުގައި ބެހުމަކީ ހިއްސާގެ ބާޒާރު ކުރިއެރުވޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ސެންޗޫރިއަންގެ އަމާޒަކީ، މައުމޫން ވިދާޅުވި ގޮތުގައި، އެކަން ބަދަލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބޭނެ ގޮތަށް ބައްޓަން ކުރުމެވެ.

"ބޭންކުގައި ފައިސާ ބެހެއްޓުމުން މި ލިބެނީ ދެތިން ޕަސެންޓު ވަރުގެ ރިޓާންއެއް. އެކަމަކު، އަޅުގަނޑުމެންގެ ވިޔަފާރިން އެންމެ މަދުވެގެން 16 ވަރަކަށް ޕަސެންޓުގެ ރިޓާންއެއް އެބަ ނެރެވޭ،" އޭނާ ވިދާޅުވި އެވެ.

ހިއްސާ ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ސެންޗޫރިއަން އިން އިތުރު ޔަގީންކަމެއް ވެސް ދެ އެވެ. އެއީ ކުންފުނީގެ ސާފު ފައިދާގެ 50 ޕަސެންޓް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމެވެ. އަދި ހިއްސާއަކަށް ޖެހޭ މިންވަރު، ފަސް އަހަރުގެ ތެރޭގައި އެއް ވަރެއްގައި ހިފަހައްޓަން ނިންމުމަކީ ވެސް، މައުމޫން ގަބޫލުކުރައްވާ ގޮތުގައި، ކުންފުންޏާ މެދު ހިއްސާދާރުންގެ އިތުބާރު ބޮޑުވާނެ ފިޔަވަޅެކެވެ.

ހިއްސާގެ ބާޒާރު ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަން މައުމޫނާއި އައިމަން އަދި ސެންޗޫރިއަންގެ މުޅި ޓީމަށް ވެސް އެބަ އޮތެވެ. އެ ދަތުރުގައި މިހާރު ވެސް ހޯދާފައި ވަނީ، މައުމޫން ސިފަކުރެއްވި ގޮތުގައި، ބޮޑު ކާމިޔާބީއެކެވެ. މިދިޔަ މަހުގެ 29 ގައި ސެންޗޫރިއަންގެ ޕްރޮސްޕެކްޓަސް އާއްމުކުރި ފަހުން މިހާތަނަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ހިއްސާގެ ބާޒާރުގައި ކުންފުނި ކުރިއަށް ގެންދަން ލިބޭ ބޮޑު ހިތްވަރެކެވެ.

"އާއްމުންނަށް ވިޔަފާރީގައި ބައިވެރިވެވުން، ކުންފުނި ކުރިއަށް ގެންދިއުމަކީ ލިބޭ އެންމެ ބޮޑު އުފާ. އެކަން ހާސިލްވެއްޖެ،" މައުމޫން ވިދާޅުވި އެވެ.