ޑޮކް.އެމްވީ: ޑިޖިޓަލް ހެލްތުގެ ފެށުން، ސިއްހީ ދާއިރާ އަށް ބޮޑު ބަދަލެއް

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ހޯދަން އުފުލަން ޖެހޭ ތަކުލީފު އިންތިހާ އަށް ބޮޑެވެ. ބޭނުންވާ ޑޮކްޓަރަކު ޑިއުޓީގައި އިންތޯ ބަލަން ފޯނު ކުރަން ޖެހެ އެވެ. އެތައް އިރަކު ކިއޫގައި މަޑުކުރަން ޖެހެ އެވެ. އެ ވަރުން ވެސް އެޕޮއިންޓްމަންޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ނޯވެ އެވެ. ޓެކްނޮލޮޖީގެ އެހީގައި އެކަން ހައްލުކުރެވޭތޯ ހޮސްޕިޓަލުތަކުން ކޮންމެވެސް ވަރަކަށް މަސައްކަތްކޮށްފައި ވިޔަސް، އަދިވެސް އެދެވޭ ހައްލެއް ނުލިބެ އެވެ.


އެހެންވެ، ވަރަށް ގިނަ ދިވެހިން ރާއްޖޭން ބޭރަށް ބޭސްފަރުވާ ހޯދަން ދެ އެވެ. އެކަށީގެންވާ ފަރުވާ ރާއްޖޭން ލިބެން ނެތުމާއި އެ ހިދުމަތްތަކަށް ކުރާ އިތުބާރު ކުޑަވުމުގެ އިތުރަށް، އެޕޮއިންޓްމަންޓް ހޯދަން ބޮޑު ބުރައެއް އުފުލަން ޖެހުމަކީ ވެސް އޭގެ ސަބަބެކެވެ. އެކަމަކު، އަލަށް ބޭރަށް ދާ މީހުންނަށާއި ލިބޭ ކުރު ޗުއްޓީގައި ފަރުވާ ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް ބޭރުގެ ހޮސްޕިޓަލުތަކުން އެޕޮއިންޓްމަންޓް ހޯދަން ހަދަންޖެހޭ ގޮތް ނޭނގުން ފަދަ ކަންކަން ކުރިމަތިވެ އެވެ.

އެ ހުރިހާ ކަމެއްގެ ހައްލު ހޯދައި ދިނުމުގެ މަސައްކަތް ދިވެހި ކުންފުންޏަކުން މި ވަނީ ފަށާފަ އެވެ. އީ ކޮމާސްގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެވްރިތިން ރެޑުން މިދިޔަ ހަފުތާގައި ތައާރަފްކުރި ޑޮކް.އެމްވީ އެއީ އޭގެ ފެށުމެކެވެ.

ފަސޭހަ މަގެއް

އެވްރިތިން ރެޑުން ޑޮކް.އެމްވީ ހެދީ ލަންކާގެ އެންމެ ބޮޑު މުވާސަލަތީ ކުންފުނި ކަމަށްވާ ޑައިލޮގާއި އާސިރީ ގުޅިގެން ހިންގާ ޑިޖިޓަލް ހެލްތާއި ލަންކާގެ އިނޯވާ ކުންފުންޏާ ގުޅިގެންނެވެ. އެހެންވެ، ޑޮކް.އެމްވީ މެދުވެރިކޮށް މިހާރު ވެސް ލަންކާގެ އެންމެ ބޮޑެތި ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ 11 ތަނަކަށް އޮޕޮއިންޓްމަންޓް ހައްދައި ފައިސާ ދެއްކެ އެވެ. އޭގެ ތެރޭގައި، އާސިރީ، ނަވަލޯކާ، ޑާޑަންސް، ނައިންވެލް އަދި ޔޫނިއަން ހޮސްޕިޓަލްސް ހިމެނެ އެވެ.

ޑޮކް.އެމްވީ މެދުވެރިކޮށް އެ ތަންތަނަށް އޮޕޮއިންޓްމަންޓް ހައްދަން ވަރަށް ފަސޭހަ އެވެ. ވެބްސައިޓަށް ވަދެ ނުވަތަ އައިފޯނަށާއި އެންޑްރޮއިޑަށް ހާއްސަކޮށް ހަދާފައިވާ އެޕުން ފުރަތަމަ ވެސް ބޭނުންވާ ޑޮކްޓަރެއްގެ މައުލޫމާތު ހޯދާލެވެ އެވެ. ޑޮކްޓަރުގެ ނަން އެނގޭ ނަމަ ސީދާ ނަމުން ހޯދައި އެ ޑޮކްޓަރަކު ޑިއުޓީގައި އިންނަ ތާރީހާއި ގަޑީގެ އިތުރުން ހޮސްޕިޓަލު ދެނެގަނެވެ އެވެ. ނަން ނޭނގުނަސް، ބައްޔަކާ ގުޅޭ ދާއިރާއަކުން ފަރުވާ ދޭ އެކި ޑޮކްޓަރުންގެ މައުލޫމާތާއި އެ ޑޮކްޓަރަކު އިންނަ ހޮސްޕިޓަލަކާ އެ ނޫން ވެސް މައުލޫމާތު ހޯދެ އެވެ.

ޑޮކް.އެމްވީ ލޯންޗުކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި ހަފުލާގައި އެ ޕްލެޓްފޯމް ދައްކާލަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެ އަށް ފަހު، އެ ބޭނުންވާ ޑޮކްޓަރަކު ބަލާ ދުވަސްތަކުގެ ތެރޭން ފަސޭހަ ދުވަހަކާއި ވަގުތެއް ހިޔާރުކުރުމަށް ފަހު، ފައިސާ ދެއްކުމުން އެޕޮއިންޓްމަންޓް ހެއްދުނީ އެވެ. އެހާ ވެސް ފަސޭހަ މި ޕްލެޓްފޯމުގައި އަދި ހިމަނާފައި ވަނީ ލަންކާގެ ހޮސްޕިޓަލުތައް އެކަންޏަސް، ރާއްޖޭގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކަށް ވެސް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ އެވެ.

"ރާއްޖޭގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކާ ވެސް އަޅުގަނޑުމެން މިދަނީ ވާހަކަ ދައްކަމުން. ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެ ތަންތަނުން ވެސް މި ޕްލެޓްފޯމުގައި ބައިވެރިވާނެ،" އެވްރިތިން ރެޑުގެ ސީއީއޯ މުހައްމަދު ރިފާއު ވިދާޅުވި އެވެ.

ރާއްޖެ ފަދަ ގައުމަކަށް ބޭނުންތެރި

ޑޮކް.އެމްވީގެ ބޭނުން އެންމެ ބޮޑަށް ހިފާނީ ބަލި މީހުން ކަމަށް ވިޔަސް، މިއީ ހަމައެކަނި އެޕޮއިންޓްމަންޓް ހައްދަން ހާއްސަ ޕްލެޓްފޯމެއް ނޫނެވެ. ޑޮކް.އެމްވީ މެދުވެރިކޮށް ޑޮކްޓަރުންގެ މައުލޫމާތު ހޯދުމާއި ޑޮކްޓަރުންގެ ޑިއުޓީ ބެލުމާއި ހޮސްޕިޓަލުތަކުގެ ކިއޫ ނަމްބަރު ދާ ވަރު ބެލެ އެވެ. އަދި ޑޮކްޓަރުންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް، ބަލިމީހުންގެ ލިޔެކިއުންތައް ރައްކާކޮށް އެ ތަކެތި ބަލާލައި އެހެން ޑޮކްޓަރުންގެ ލަފާ ހޯދުން ފަދަ ކަންކަން ކުރެވެ އެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ޑޮކް.އެމްވީ ފަދަ ޕްލެޓްފޯމެއް މުހިއްމު ވަނީ އެހެންވެ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރޭން އާބާދީގެ ނިސްބަތުން މޮބައިލާއި އިންޓަނެޓްގެ ހިދުމަތް އެންމެ ގިނައިން ބޭނުން ކުރާ ރާއްޖޭގައި މިފަދަ ޕްލެޓްފޯމެއްގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށް އެވްރިތިން ރެޑުން ދެކެ އެވެ. ހާއްސަކޮށް، ކުދިކުދި ރަށްރަށުގައި ދިރިއުޅޭ މީހުން ޑޮކްޓަރަށް ދައްކަން މާލެ އައުމުގެ ކުރިން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައި ފައިސާ ދެއްކުމުން މާލޭގައި ތިބެންޖެހޭ ދުވަސްތަކުގެ އަދަދު މަދުވެ، އަތުން ދާ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ރިފާއު ވިދާޅުވި އެވެ.

"ޑިޖިޓަލް ހެލްތު ސާވިސަސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތް އެހެން ލެވެލްއަކަށް މި ދަނީ. ރާއްޖޭގައި ހެލްތު ސާވިސަސް ނުލިބި ތިބި، އެޕޮއިންޓްމަންޓު ނުހެއްދި ތިބި އެތައް ބަޔަކަށް ވަރަށް ބޮޑު ފަސޭހައެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ޑޮކް.އެމްވީގެ އައިފޯން އެޕްލިކޭޝަން: މި ޕްލެޓްފޯމް މެދުވެރިކޮށް ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ހަދައި ފައިސާ ދެއްކުން ފަދަ ހިދުމަތްތައް ފަސޭހަ އިން ލިބޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ދެ ކުންފުނިން ވެސް އެކަން ފާހަގަކުރެ އެވެ. އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި ޑޮކް.އެމްވީ ފަދަ ޑިޖިޓަލް ހެލްތުގެ ހިދުމަތްތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެ ގޮތުން، އާއްމު ސިއްހީ ހިދުމަތްތައް ނުލިބޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެންމެ މަތީ ފެންވަރުގެ ބޭސްފަރުވާއާ ބެހޭ މައުލޫމާތު ލިބި، ފަސޭހަކަމާ އެކު އެ ހިދުމަތްތައް ހޯދޭނެ ފުރުސަތު ލިބިގެން ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުވާސަލާތީ ކުންފުނިތަކާއި ސިއްހީ ދާއިރާ ގުޅިގެން ރާއްޖޭގެ ސިއްހީ ހިދުމަތްތަކަށް އިންގިލާބެއް ގެނެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް ފަސޭހަކޮށްދިނުމުގެ ގާބިލުކަން ލިބިފައިވޭ،" ސިންހަ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުގެ ސީއީއޯ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވެސް ވަނީ ޑޮކް.އެމްވީގެ ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވެސް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ޑޮކް.އެމްވީ ފަދަ ހިދުމަތެއްގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ. ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން މި ޕްލެޓްފޯމުގެ ބޭނުން ހިފާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިޖިޓަލް ހެލްތު ހިދުމަތްތަކަކީ ކުރިމަގު. އެވްރިތިން ރެޑުން މި އެޅީ މުހިއްމު ފިޔަވަޅެއް،" އިސްމާއިލް ވިދާޅުވި އެވެ.

ކާއެއްޗެއްސަށް އޯޑަރުކޮށް ރެސްޓޯރަންޓުތަކުން ބުކިން ހެދޭ ފުޑްހަބުގެ ހިދުމަތް ވެސް ދޭ އެވްރިތިން ރެޑުން ތައާރަފްކުރި ޑޮކް.އެމްވީއާ އެކު ޑިޖިޓަލް ހެލްތު މި ވަނީ ރާއްޖޭގައި ފެށިފަ އެވެ. ދެން އޮތީ މި ޕްލެޓްފޯމް އެހެން ހަރުފަތަކަށް ގެންދިއުމުގެ ދަތުރެވެ. އޭގެ ފުރަތަމަ ފިޔަވަޅަކީ، އެޕޮއިންޓްމަންޓް ހައްދަން އިތުރަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ޑޮކް.އެމްވީގައި ރާއްޖޭގެ ހޮސްޕިޓަލުތަކާއި ކްލިނިކުތައް ހިމެނުމެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމުގެ ޔަގީންކަން އެވްރިތިން ރެޑުން ދޭއިރު، އެއީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.