ސްޕެއިންގައި ދިވެއްސަކު ކުރި ތަޖުރިބާ ދިވެހިންނަށް

މިދިޔަ ފެބުރުއަރީ 29ގައި، ބަޔޯމެޑިކަލް އިންޖިނިއަރު މުހައްމަދު އަންވަރު ސްޕެއިނަށް ފުރީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެ، މިހާ ބޮޑު ބަލިމަޑުކަމަށް ވެދާނެ ކަމަށް ހީކޮށްގެންނެއް ނޫނެވެ. ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ އިތުރުން، އެ ރޯގާ އޭރު ފެތުރިފައިވަނީ މަދު ގައުމެއްގަ އެވެ. ބަލީގައި މުޅި ދުނިޔެ އިން ވެސް އޭރު މަރުވެފައިވަނީ 2،900 މީހުންނެވެ.


އެކަމަކު "ހަޔާތުގައި އެއް ފަހަރު ލިބޭނެ ފަދަ ފުރުސަތެއް" ކަމަށް ހީކޮށް އަންވަރު ސްޕެއިންގެ ބާސެލޯނާއަށް ފުރި އިރު އެ ބައްޔަށް ރާއްޖެ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ބައްޔަށް ޝައްކު ކުރެވޭނެ މީހަކު އެތެރެ ވެދާނެ ކަމަށް ހުޅުމާލެ އާއި ފަރުކޮޅުފުށީގައި އައިސޮލޭޝަން ފެސިލިޓީ ހެދި އެވެ. ވައިރަހަށް ރާއްޖޭގައި މީހުން ވެސް ޓެސްޓު ކުރަން ފަށައިފި އެވެ. ބޭރު ބައެއް ގައުމުތަކުން އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީނު ކޮށް، ބައްޔާ ގުޅޭ ގޮތުން ގައުމީ ފެންވަރުގައި މީހުން ހޭލުންތެރިކުރުން ވެސް ދިޔައީ ކުރިއަށެވެ.

ރާއްޖެއިން ބޭރުވެ، ގަތަރުގެ ދޯހާ އެއާޕޯޓުގައި ފައިޖެހުމާ އެކު ކޮރޯނާވައިރަސްގެ މައްސަލަ ރާއްޖޭގައި މާ ސީރިއަސްކޮށް ނަގާފައިވާކަން އަންވަރަށް އެނގުނެވެ. އެތައް ލައްކަ ބައެއް ހޭލަމޭލަވެ އުޅުނު އެ އެއާޕޯޓުން އެއްވެސް ނުތަނަވަސްކަމެއް ނުފެނެ އެވެ. އެތަނާއި ދެން ބޯޓު ޖެއްސި، ބާސެލޯނާގެ އެއާޕޯޓުގައި ތާމަލް ކެމެރާއެއްހާ ހިސާބު ވެސް ބަހައްޓާފައެއް ނެތެވެ. އެހެންވެ އޭނާގެ ވިސްނުމަށް އައީ މިހެންނެވެ؛ ބައްޔާ މެދު ދިވެހިން މާ ސީރިއަސްވީ އެވެ.

ސްޕޭނުގެ ވެލެންސިއާގެ ބީޗެއްގައި ބަޔަކު ހިނގާލަނީ: ސްޕޭނުގައި މީހުން ބޭރަށް ނުކުމެ އުޅުން މިހާރު ވަނީ މަނާކޮށްފައި. --ފޮޓޯ:އޭއެފްޕީ

ބަޔޯމެޑިކަލް އިންޖިނިއަރެއްގެ ގޮތުން އަންވަރުގެ މަސައްކަތަކީ ސިއްހީ އާލާތްތަކާއި މެޝިންތައް އިންސްޓޯލްކޮށް އެތަކެތި ބޭނުންކުރަން ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމެވެ. ސްޕެއިނަށް ދިޔައީ ވެސް އެ ފަދަ މުހިއްމު ތަމްރީނު ދަތުރެއްގަ އެވެ. ދަތުރަށް ފުރީ، ހުޅުމާލެ އާއި ފަރުކޮޅުފުށީގައި އައިސޮލޭޝަން ފެސިލިޓީ ގާއިމްކުރަން އަަމަލީ ގޮތުން ބައިވެރިވެ އުޅުމަށް ފަހު ކަމަށް ވާތީ ބަލީގެ މައުލޫމާތާއި ރާއްޖެއިން އެ ބައްޔާ މެދު ދެކެމުން އައި ގޮތް އޭނާއަށް ވަނީ އެނގިފަ އެވެ. އޭނާއަށް ހީކުރެވުނު ގޮތުގައި މުޅި ދުނިޔެއިން ވެސް އެ ބައްޔަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

އެކަމަކު ސްޕެއިނުން އޭނާއަށް ފެނުނީ ތަފާތު މަންޒަރެކެވެ. ކޮރޯނާވައިރަސްއާ މެދު ރާއްޖެ ކިތަންމެ ސީރިއަސް ވެފައިވީ ނަމަވެސް، އެ ހާސްކަމެއް އެ ގައުމުގައި ނެތެވެ. ފެނުނީ ހަމަ އާދައިގެ ދިރިއުޅުމެވެ. އެކަމާ ކަންބޮޑުވެ އޭނާ ސުވާލުކުރި ނަމަވެސް އެ ގައުމުގެ މީހުން ބުނަމުން ދިޔައީ އެއީ އާދައިގެ ރޯގާއެއް ކަމަށެވެ. އަދި ބަލީގެ އަސަރު ހަމައެކަނި ކުރާނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވެސް އެމީހުން ދެކެ އެވެ.

"ސަރުކާރުން ވެސް މާ ބޮޑަކަށް އަޅައެއް ނުލާ،" އަންވަރު ކިޔައިދިނެވެ.

ސްޕެއިނުގައި ހަލުއި ސްޕީޑުގައި ރޯގާ ފެތުރެން ފެށީ އޭނާ އެ ގައުމުގައި ހުއްޓަ އެވެ. ބަލަބަލާ ތިއްބައި، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރުވެ، ދެ ވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ގައުމަށް ސްޕެއިން ވެއްޖެ އެވެ. މަސް ދުވަސް ވެސް ނުވަނީސް، ބަލި ޖެހުނު މީހުންގެ އަދަދު ދޮޅު ލައްކައަށް އަރައި 16،900 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އަންވަރު ބުނިގޮތުގައި ސްޕެއިނުގައި އޭނާ ހޭދަކުރި ދެ ހަފުތާގެ ތެރެއިން، ފުރަތަމަ ހަފުތާގައި ފެނުނީ ހަމަ އާއްމު ދިރިއުޅުމެކެވެ. ކައިބޮއި ހެދުމާއި މަޖާކުރުމެވެ. އެކަމަކު އެ ހަފުތާ ނިމުނު އިރު ކާމޭޒުމަތިންނާއި ހަބަރު ޗެނަލުތަކުން އެ ބައްޔާ ގުޅޭ ހަބަރުތައް ފޮނުވަން ފަށައިފި އެވެ. ސްޕެއިނުގެ މެޑްރިޑުން ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި ވާހަކަ އާއި އެހެން ސަރަހައްދުތަކުން ވެސް އެ ރޯގާ ފެންނަން ފެށި ވާހަކަ އެވެ. އެކަމަކު އޭރު އޭނާއާ އެކުގައި އުޅުނު މީހުންގެ ވާހަކައަކީ "[ސްޕެއިނުގެ] 55 މިލިޔަން މީހުންގެ ތެރެއިން ބަލި ޖެހުނީ އެންމެ 43 މީހުންނަށް ކަމެވެ. އެއީ ވަރަށް ކުޑަ އަދަދެއް ކަމާއި އެކަމާ ހާސްނުވުމަށެވެ."

ކޮވިޑް-19ގެ ބަލިމީހަކަށް ނަރުހަކު އެހީތެރިވަނީ: މިއީ ނުރައްކާތެރި އަދި އެހާމެ އަވަހަށް ފެތުރޭ ބައްޔެއް .-- ފޮޓޯ: އޭއެފްޕީ

އެކުވެރިންގެ ވާހަކަތަކުގެ ސަބަބުން އަންވަރު ޖެހިލުމެއް ނުވެ އެވެ. މަޝްހޫރު ބާސެލޯނާ ކުޅުނު މެޗެއް ބަލަން ވެސް އޭނާ ދިޔަ އެވެ. އެއީ ރޯގާއާ ހެދި ސްޕެއިން އެއްކޮށް ލޮކްޑައުންކޮށްލުމުގެ ކުރިން އެ ޓީމު ކުޅުނު އެންމެ ފަހު މެޗެވެ. ލައްކައެއްހާ މީހުންގެ ޖާގައިގެ އެ ދަނޑުގެ 80 ޕަސެންޓު ފުރިފައި އޮތް އިރު، އެތަނުގައި އިނުމަކީ ކިހާ ނުރައްކާތެރިކަމެއް ކަން އޭނާއަކަށް ވެސް އޭރު އިހުސާސެއް ނުކުރެވެ އެވެ.

"އެކަމަކު މެޗު ނިންމާފައި ގެއަށް އައި އިރު ހިތަށްއެރި އެތަނުގައި ބަލި ޖެހިފައި އިން މީހަކު އިން ނަމަ ވާނީ ކިހިނެއް ބާއޭ،" އަންވަރު ބުންޏެވެ.

ސްޕެއިންގެ އެހެން ޓީމެއް ކަމަށްވާ ވެލެންސިއާ އާއި އިޓަލީގެ އެޓްލާންޓާގެ ފުޓުބޯޅަ މެޗު މިލާންގައި ކުޅުނީ ކޮވިޑް-19 އިޓަލީގައި ވަރަށް ބޮޑަށް ފެތުރެމުން ދަނިކޮށެވެ. އެކަމަކު 44،000 މީހުންގެ ޖާގައިގެ ދަނޑަށް ވަން އެއްވެސް މީހަކު، އެނބުރި ސްޕެއިނަށް ދިޔުމުން ސްކްރީންކޮށްފައެއް ނުވެ އެވެ. ބޭރުގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުން، މިއީ ސްޕެއިންގައި ރޯގާ ފެތުރެން ދިމާވި އެންމެ ބޮޑު އެއް ސަބަބެވެ.

އަންވަރު ދެކޭގޮތުގައި ކޮރޯނާވައިރަސްއަށް ތައްޔާރުވާން، ސްޕެއިނަށް ވަގުތު ލިބުނެވެ. ޗައިނާގައި ބަލި ފެތުރެން ފެށި ހިސާބުން، އެކަން ރާއްޖެއިން ނެގި ފަދަ ސީރިއަސްކޮށް ނެގި ނަމަ އެހާ ނުރައްކާތެރި ދަރަޖައަށް ނުދިޔައީސް ކަމަށް އޭނާއަށް ގަބޫލުކުރެވެ އެވެ.

ދިވެހިންގެ ފަރާތުން ހަމަ އެ މަންޒަރު

ސްޕެއިންގެ ހާލަތު އެންމެ ސީރިއަސް ނުވަނީސް އަންވަރަށް އެނބުރި ރާއްޖެ އާދެވުނެވެ. އެކަމަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓު ޖެއްސުމާ އެކު އޭނާ ބާލަން އައީ، ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓުގައި މުޅިން ނިވާވެފައި ތިބި ދެ މީހުންނެވެ. ބޯޓުގެ ފަހަތު ދޮރުން ބާލައިގެން ގޮސް އެރުވީ އެމްބިއުލާންސް އަކަށެވެ. އޭރު އެ މަންޒަރު ފެނުނު ކޮންމެ މީހަކު ވެސް ދިޔައީ ފޮޓޯ ނަގައި ވީޑިއޯ ކުރަމުންނެވެ.

އެއާޕޯޓުގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް އޭނާ ބޭލުމަށް، އެމްބިއުލާންސްގެ ޑްރައިވަރު ވެހިކަލްގެ ދޮރު ހުޅުވައި ދިން ނަމަވެސް، ދޮރު ހުޅުވާލުމަށް ފަހު އޭނާ ބިރުން ދުއްވައިގަތެވެ. އެ އަމަލުން އަންވަރަށް އަސަރުތަކެއް ކުރި ނަމަވެސް، ބައްޔާ މެދު ބައެއް ދިވެހިންގެ މެދުގައި އޮތް ބިރުވެރިކަން އެނގުނެވެ.

މާލޭގައި ހިންގި ކާފިއުގެ ވަގުތު ނިމުމާ އެކު މަގުމައްޗަށް މީހުން ނުކުންނަނީ

އަންވަރު ގެންދިޔައީ ވަރު ރިސޯޓުގައި ހުންނަ ކަރަންޓީނު ފެސިލިޓީއަށެވެ. އެތަނުގައި އޭނާ 26 ދުވަސް ހޭދަކުރުމަށް ފަހު، ނެގި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ވުމުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަންވަރު އުއްމީދުކުރީ، އެއާޕޯޓުން އޭނާ ފެނުމުން މީހުންގެ މޫނުމަތިން ފެނުނު ބިރުވެރިކަން، މާލޭގެ އާއްމުންގެ ފަރާތުން ވެސް ފެންނާނެ ކަމަށެވެ.

އެކަމަކު ރާއްޖޭން ފެނުނީ އެ މަންޒަރެއް ނޫނެވެ. އަންވަރު ސިފަކުރި ގޮތުގައި އެއީ ހަމަ މީގެ ދުވަސްތަކެއް ކުރިން ސްޕެއިނުން ފެނުނު މަންޒަރެވެ. ހަމަ އެ އަޅާލުން ކުޑަވުމާއި ފަރުވާކުޑަކަމެވެ. ސްޕެއިނާ ހިލާފަށް ރާއްޖޭގެ ސަރުކާރާއި ސިއްހީ ދާއިރާއިން ބައްޔާ މެދު ސީރިއަސްކޮށް ވިސްނައި ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް، އެކަންކަމަށް ބޯނުލަނބާ އެތައް ބަޔަކު ނުފެނެ އެވެ. އަދިވެސް ގިނަ މީހުން ދެކެނީ މިއީ އާދައިގެ ރޯގާއެއްގެ ގޮތުގަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ ހަފުތާގައި ތިން ގަޑިއިރަށް ކާފިއު ހިންގާފައި އޮތް ނަމަވެސް، ބޭރުގައި އުޅޭ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. ބޭރަށް ނުކުމެ ނޫޅެން ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދޭހެން ވެސް ހީނުވެ އެވެ. ކާފިއު ވަގުތު ނިމުމާ އެކު، މަގުތައް އޮންނަނީ މީހުންނައިގެން ފުރިފަ އެވެ.

"ރައްޔިތުންގެ ތެރޭގައި އަދިވެސް އޮތީ އެކަކު އަނެކަކަށް ބަސް ކިޔުން. މަގުމަތިން މީހުން މަދެއް ނުވޭ. ޗުއްޓީއެއް ކަމަށް ބަލައި ރަށްރަށުގައި މަހަށް ގޮސް، ބާބެކިއުތައް ހަދަނީ،" އަންވަރު ބުންޏެވެ.

އޭނާ ދެކޭގޮތުގައި މިއީ ފަރުދީ ޒިންމާ ނަގަންވީ ވަގުތެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށް، ބޮޑު "ޗުއްޓީއެއް" ދިނުމުން ގޭގައި ތިބެންވީ އެވެ. ފޫހިވެގެން ގޭގައި ތިބެން ދަތިވި ނަމަވެސް، މިއީ އުނދަގޫ ވަގުތެއް ކަމަށް ބަލައި އަމުރުތަކަށް ކިޔަމަންވާންވީީ އެވެ.

ކުރިއަރާފައިވާ ބޮޑު ގައުމެއްގައި ކޮވިޑް-19 ބާރަށް ފެތުރެމުން ދިޔަ އިރު މީހުންގެ ދިރިއުޅުން އަންވަރު ތަޖުރިބާކޮށްފި އެވެ. އޭނާގެ ހިތްހަމަޖެހުމަކީ އެ ފަދަ ގައުމަަކަށް ވުުރެ ބޮޑަށް، ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކެވެ. އެކަމަކު ގިނަ ދިވެހިންގެ ފަރާތުން ފެންނަ އަމަލުތަކުން އޭނާ ކަންބޮޑުވެ އެވެ. އަންވަރު އެދެނީ ސްޕެއިންގެ ހާލަތު ނަމޫނާއަކަށް ނަގައިގެން ކޮވިޑް-19 އަށް ތައްޔާރުވެގެން ތިބުމަށެވެ.