ރިޕޯޓް / މާލެ

ގޭބަންދުގައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް

ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، އަހަރެމެންގެ ދިރިއުޅުން ވެސް ބަދަލުވެއްޖެ އެވެ. މާލޭ ސަރަހައްދުގެ ދެ ލައްކައެއްހާ އާބާދީ މި ތިބީ ގޭގަ އެވެ. ޒަރޫޒީ ބޭނުންތަކުގައި ވެސް ބޭރަށް ނުކުންނަން އޮތީ ހުރަސްތަކެވެ. ބައެއް މީހުންނަށް ނަފްސާނީ މައްސަލަތައް ވެސް އެބަ ކުރިމަތިވެ އެވެ.

މާލެ އަކީ ދުނިޔޭގެ އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީއަށް ވުމާ އެކު، ގިނަ މީހުން އުޅެނީ ކުދިކުދި ތަންތަންކޮޅުގަ އެވެ. އަދިވެސް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުންނާއި ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ބޮޑުކަމުން، އެތައް އާއިލާއެއް އެއް އެޕާޓަންޓެއްގެ އެކި ކޮޓަރިތަކުގައި އުޅެ އެވެ. އެހެންކަމުން އާދައަކަށް ވެފައި އޮންނަނީ ގިނަ ވަގުތު ގެއިން ބޭރުގައި އުޅުމެވެ.

އެކަމަކު އެޕްރީލް 15 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުންއާ އެކު، ދިރިއުޅުމުގެ އުނދަގޫ، ހަތަރު ފާރުގެ އެތެރޭގައި، ތަހައްމަލްކުރުން ނޫން ގޮތެއް ނެތެވެ. ކެތްތެރިކަން އިސްކޮށް، މި ބަލިމަޑުކަމުން އަރައިގަތުމަށް ދުއާކުރުން ނޫން ގޮތެއް ނެތެވެ.

ކޮންމެ މީހަކަށް ވެސް މިއީ ދިރިއުޅުމުގެ މުޅިން ތަފާތު ތަޖުރިބާއެކެވެ. ޕީއެސްއެމްގެ ޕްރެޒެންޓަރު މޫސާ ރިލްވާން ދެކޭ ގޮތުގައި މިއީ "ހިތްދަތި އިހުސާސްތަކެކެ"ވެ. ބޮޑު ތިން މީހުންނާއި ކުޑަ ތިން ކުދިންނާ އެކު ދިރިއުޅެމުން އަންނަ ރިލްވާން ބުނީ ލޮކްޑައުންއާ އެކު ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ.

"ހަފްތާގެ ދުވަސްތައް މިހާރު ވަތްކެއްނުވޭ. ކުރިން ފޮލޯ ކުރަމުން އައި ޝެޑިއުލްތައް ބަދަލުވެއްޖެ. އެންމެން ވެސް ނިދާ ގަޑި ލަސްވެއްޖެ. ހެނދުނު ސައި ލަސްވެއްޖެ. ގިނަ ވަގުތު ޓީވީ ބެލުމާއި ޓެބްލެޓް ކުޅުމުގައި އެންމެން ވެސް މިތިބެނީ،" ރިލްވާން ބުންޏެވެ.

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލޭގެ ސަރަހައްދެއް ބަންދުކޮށްފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ގޭގޭގައި ޖާގަ ކުޑަކަމުންނާ ވެސް އެކު، ގިނަ މީހުން އެއްޗެހި ގަނެފައި ހުންނަނީ އެ ދުވަހަށް ވާ ވަރަށެވެ. ނުވަތަ ބޭނުންވުމާ އެކު، ކަންމަތީ ފިހާރައަށް ގޮސް ގަނެލަނީ އެވެ. އެހެންކަމުން މި ކުއްލި ލޮކްޑައުންއާ އެކު ޒަރޫރީ ބޭނުންތަކަށް ތަކެތި ލިބުމުގައި ވެސް ކުރިމަތިވީ ބޮޑެތި ދަތިތަކެވެ. އެންމެ ކުޑަވެގެން ހަފުތާއަކަށް ވެސް މަޑުކުރެވެން ނެތި، ހަމަ އެ ދުވަހުން އެ ދުވަހަށް ވެސް ގަންނަން ބޭނުން އެއްޗެހީގެ ލިސްޓް ދިގެވެ.

"ފުރަތަމަ ދެ ދުވަހު ކުޑަކޮށް ދަތިވި. އެކަމަކު މިކަންތައްގަނޑު ފެށުން ހިސާބުން ތިނެއް ނުވަތަ ފަސް ދުވަހަށް ވާވަރަށް ސްޓޮކް އަބަދުވެސް ބަހައްޓަން،" ރިލްވާން ބުންޏެވެ.

ޑެލިވަރީއަށް އެދުނު މީހުންގެ އަދަދު ގިނަވެ ފިހާރަތަކުގެ ޑެލިވަރީ ސިސްޓަމް ބޮއްސުންލީ އެވެ. މާލޭ ބައެއް ސަރަހައްދުތަކުން ޑެލިވަރީގެ ކަންކަން މިހާރު ހަމަޔަކަށް އެޅުނު ނަމަވެސް އަދިވެސް އެކަން ހައްލުނުވާ ހިސާބުތައް ވެސް އެބަ އޮތެވެ. މައްޗަންގޯޅީގައި ދިރިއުޅޭ މީހަކު، ނަން ނުޖަހަން ޝަރުތުކޮށް ބުނީ، އޭނާގެ ގެ ހުންނަ ސަރަހައްދުގެ ފިހާރަތަކުން ކާޑުގެ ބާވަތްތައް ހުސްވެފައި ހުންނަތާ ދެތިން ދުވަސް ވެއްޖެ ކަމަށެވެ.

"ވަރަށް ލިމިޓްކޮށް ކައިގެން މިއުޅެނީ. ގިނަ ފަހަރަށް ނޫޑްލްސް ކޮޅަކުން ނޫނީ ބާސްމަތީ ހަނޑޫ ކޮޅަކުން މިއުޅެނީ. ފުށާއި [އާދައިގެ] ހަނޑޫ ހޯދަން ވަރަށް އުނދަގޫ މި ހިސާބުގައި،" ދެ ކުދިންނާއި އަންހެނުންނާ އެކު ދިރިއުޅޭ އެ މީހާ ބުންޏެވެ.

ބާޒާރުން މީހަކު ތަރުކާރީތަކެއް ކޮތަޅަށް އަޅަނީ: ޒަރޫރީ ބޭނުންތަކަށް ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކާޑުގެ ބާވަތްތަކުގެ އިތުރުން ޕާން ލިބުމުގައި ވެސް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވެސް މަދެވެ. މިނެރަލް ވޯޓާ ފެން ނުލިބިގެން ބައެއް މީހުން މިހާރު ވަނީ ވޯޓާ ސަޕްލައި ފެން ބޯން ފަށައިފަ އެވެ. އެމްޑަބްލިޔުއެސްސީން މާލޭގެ ގެތަކަށް ފޯރުކޮށްދޭ ސަޕްލައި ފެނަކީ ބުއިމަށް ވަރަށް ރައްކާތެރި އެއްޗެކެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ގައުމު ހުއްޓުމަކަށް އައިސް މީހުންގެ މުސާރަތައް ކުޑަވެ އަނެއް ބައެއްގެ ވަޒީފާތައް ގެއްލިއްޖެ އެވެ. އެހެންކަމުން ހަރަދު ކުޑަކުރަން ވެސް ގިނަ ގެތަކަކުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ކެއިންބުއިމުގައި ވެސް ވީހާވެސް މަދުން އެއްޗެހި ބޭނުންކުރުމުގެ ރަނގަޅު އާދަ، އެތައް ބައެއްގެ ދިރިއުޅުމުގެ ތެރެއަށް އެބަ ވަދެ އެވެ.

"ހަމައެކަނި ވާވަރަށް އެކަނި އެއްޗެހި މިގެންނަނީ. ކުރިން ރޯދަޔާ ދިމާކޮށް ސްޓޮކް ކުރަން. އެކަމަކު މިހާރު ނެތް އެކަން ކުރެވޭކަށް. ބޭނުން ވާވަރަށް އެކަނި މިކުރަނީ،" އާއިލާއާ އެކު މާލޭގައި ދިރިއުޅެމުން އަންނަ އަންހެނަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"ވަރަށް ލިމިޓްކޮށް ހަމަ. ހަމަ ސަވައިވް ވާވަރަށް އެކަނި އެއްޗެހި ގަންނަނީ."

އެއްވެސް ވަރަކަށް އިސްރާފު ނުވާނެ ގޮތަށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސަން ގިނަ ބަޔަކު މިހާރު އިސްކަންދެ އެވެ. ލޮކްޑައުންގެ ކުރިން ކޮފީއަށް ކުރި ހޭދަ އާއި ސައިކަލް ފަދަ ވެހިކަލްތަކަށް ޕެޓްރޯލް އަޅަން ދިޔަ ހަރަދު މިހާރު ވަނީ ހުއްޓިފަ އެވެ. އެހެންކަމުން ބައެއް މީހުންނަށް އެއީ މިވަގުތު ގޭތެރޭގެ ހަރަދުތައް ހަމަޖައްސަން ރައްކާކުރެވޭނެ ފައިސާ އެވެ.

މި ލޮކްޑައުންގައި ގޭތެރޭގައި އެކި މީހުން އެކި ކަންކަން ކުރަން ވަނީ ފަށައިފަ އެވެ. ހުސް ވަގުތު ބޭކާރު ނުކުރަން، ކުރެހުމާއި ފޮތް ލިއުމާއި އަތްތެރި މަސައްކަތްކުރުން ފަދަ ކަންކަމުގައި ވެސް ބައެއް މީހުން ބިޒީވެއްޖެ އެވެ. އަދި ކަސްރަތުކުރަން ވަރުހުންނަ މީހުން، ގޭގެ ކުޑަ ހުސް ޖާގަ އެކި ގޮތްގޮތަށް އަންނަނީ ބޭނުންކުރަމުންނެވެ. އެކަމަކު ގޭގައި ޓްރެޑްމިލް ފަދަ އެއްޗެއް ނެތް މީހުންނަށް އެއީ ވެސް ގޮންޖެހުމެކެވެ.

"އިކްއިޕްމެންޓެއް ބޭނުން ނުކޮށް ކުރެވޭ އެކިއެކި ކަސްރަތުތައް ކުރަން. އެކަމަކު އަސްލު ޖިމްގައި ނޫން ވީމަ ވަރަށް އުނދަގޫ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

އަނެއް ބަޔަކު ގެންދަނީ ގޭތެރޭގައި ހާފު މެރަތަން އާއި ފުލް މެރަތަން ވެސް ޖަހަމުންނެވެ. އަނެއް ބަޔަކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހާގެ ހާޓް ރޭޓް ވަރަށް މައްޗަށް ޖައްސާލެވޭ ކަހަލަ ކަސްރަތުތައް ކޮށްލަ އެވެ.

މި މަހުގެ ނިޔަލަށް މިހާރު އޮތް ލޮކްޑައުން އެ މުއްދަތުގައި ނިމިދާނެ ކަމަށް ބައެއް މީހުން ހީކޮށްފާނެ އެވެ. އެކަމަކު އެއީ އެހެން ނިންމާ ކަމެއް ނޫނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަޖުރިބައަކީ، ދެ ހަފުތާއަށް ވުރެ ވެސް ދިގު މުއްދަތަކަށް ދެމިގެންދިއުމެވެ. އެކަމަކު މާލޭގައި ބަލި ފެތުރުން ދަށަށް ގެންދެވިއްޖެ ނަމަ، ކޮންމެވެސް ކަހަލަ ލުއިތަކެއް ދިނުން އެކަށީގެންވެ އެވެ.

އޭގެ ކުރިން މި އޮތީ އާ ތަޖުރިބާތަކަކާ އެކު، ދިރިއުޅުން ކުރިއަށް ގެންދިއުމެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 36%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑްމުންޑޯ

23 April 2020

ކަލޯ ހަސަދާ މުޅިދުނިޔެވެސް މިވަނީ މިބަލިން ސަލާމަތްކޮއްދިނުމުގެ ގާބިލުކަމެއްނެތިފައި ،

The name is already taken The name is available. Register?

ހަސަދު

23 April 2020

އެންމެން ބަންދުގައި، މީގެން ސަލާމަތް ކޮށްދިނުމުގެ ގާބިލް ކަމެއް ސަރުކާރަކު ނެތް. މިކަން ހަމަ ދިގު ދެމިގެންދާނެ ކަމަށް ފެންނަނީ. 2 މަސް ތިން މަސް އެއްއަހަރު. ހުރިހާ ވިޔަފާރި ފުޑިއްޖެ، އެތަށް ބަޔެއް މަގުމަތި ވެއްޖެ. ބަލި ފެތުރެނީ ކޮންގޮތަކުން ކަމެއްވެސް ނޭގެ. ދެން ގައުމަށް އޮތް އެންމަ ރަނގަޅު ހައްލަކީ ސަރުކާރު އިސްތިއުފާ ދީފައި ކަންވާކަހަލަ ބަޔަކާ ހަވާލު ކުރުން.

The name is already taken The name is available. Register?

އެސްކޮބާރ

23 April 2020

މާލެއަކީ ގޮވަން ތައްޔާރަށް އޮތް ޓައިމް ބޮމެއް. މިހާރު ލޮކްޑައުން ތެރޭ މިއޮތީ އަތަށް ގޮވާފަ. އަދިވެސް މާލޭގެ މައްސަލައަށް ހައްލެއް ހޯދާކަށް ނުވޭތަ. ނަވާނަވައިގެ ޒުވާނުންވެސް އުޅެނީ ކުއްޔާއި ގެއިން ނެރެލުން ފަސްނުވެގެން. އެވެސް ކުރަންޖެހޭ ކަންތައް. އެކަމަކު އެއީ ބޭސްމަލަން ހައްލު. މާލެއިން މީހުން މަދުކޮށް ރަށްރަށުގައި ގިނަބަޔަކު އާބާދުކޮށް ރަށްރަށުގައި ކިޔެވުމާއި ސިއްހަތާއި ވަޒީފާ ލިބޭނެގޮތަކަށް މިހާރުން ފެށިގެން ހަމަޖައްސަން އެބަޖެހޭ

The name is already taken The name is available. Register?

ނިރު

23 April 2020

ތަލިން ކުޅުހިކި ބުނާނެ އެއްޗެއް ނޭގުނީ އެމް ޑަބްލިޔު އެސްސީ އިންނާ މިފްކޯއިން ޑެލިވަރީ ކުރުން ހުއްޓާލި ވާހަބުނީމަ .... މިއީ މިސަރުކާރުން މިކަމަށް ތައްޔާރުވެ ތިބި ވަރު ...

The name is already taken The name is available. Register?

ާަަނަސްރު

23 April 2020

މިލޮކްްްޑައުން 14 ދުވަހަށްފަހު ދޫކޮށްލުމަކީ ހެދޭނެ އަނެއްގޯހެވެ. މަދުވެގެން މަހެއް ދެމަހެއްވަރު ހިފަހައްޓާލައިގެން ނޫނީ ރަގަޅު ހިސާބަކަށް ނުދެވޭނެއެވެ. ކެތްތެރިވާށެވެ.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

23 April 2020

ނިދާގަޑި ލަސްކުރާކަށްނުޖެހޭ. ކުރިން އަވަހަށްނުނިދެނީ ހިސަބަށްވުރެ ބިޒީވީމާ. މިހާރު އަވަހަށްނުނިދެނީ ހިސާބަށްވުރެ ބިޒީނުވީމާ. އެއްކޮޅަކުންވެސް ސަލާމަތެއްނެތް.

The name is already taken The name is available. Register?

ހެޔޮ ހިތުން

23 April 2020

ޝަކުވާ ކުރާ ބޭފުޅުންގެ ހިތަށް އަރުވާލަންވީ އެފްރިކާގެ ފަޤީރު ޤައުމު ތަކުގެ ރައްޔިތުން ތާ އަބަދު ދިރިއުޅޭ ހާލާއި ސީރިޔާ އާއި ޔަމަނު ފަދަ ހަނގުރާމަ ވެރި ހާލަތާ އެކު ކޮވިޑް 19 އާއި ވެސް ހަނގުރާމަ ކުރާ ޤައުމު ތަކުގެ ރައްޔިތުންގެ ހާލަތު ހުންނާނެ ގޮތެކެވެ. އަހަރެމެން ޝަކްވާ ކުރަނީ ފުޅީ ބަންދު ކުރި ފެނާ ޕާނާ ބާޒް މަތީ ހަނޑު ބަނޑުފުރާ ނުލިބިގެން ނެވެ. އެ މީހުން އެތިބެނީ ބޭނުން ކުރި ފެން ފޮދެއް ބޯން ވެސް ނުލިބިގެން ނެވެ.

The name is already taken The name is available. Register?

ބުޅާ ލޯބި

23 April 2020

މިވަބާއިން ސަލާމަތް ވުމައްފަހުވެސް އެ އާދަ ތަައް ދޫނުުކޮއްލަމާ. ކޮފީ ތަކައް ދިއުން މަދު ކޮއްލަމާ. ޢިސްރާފް ކުރުމުންވެސް ދުރުހެލިވަމާ. ޢެކަކު އަނެކަކައް ހެޔޮކޮއް ހިތުން އިތުރުކޮއްލަމާ. ޥަކިން ހާއްސަކޮއް އަޅުކަންތަކައް ދޭ ސަމާލުކަން އިތުރުކޮއްކަމާ.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

23 April 2020

ބައެއްމީހުން ސްޓޮކްވެސްކުރި. އެތަނުންމީހެއްގެ އިންޓަވިއުޖަހާލިނަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454