ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟

މި ވައިރަހަށް ފިލައިގެން އަބަދަކު ގޭތެރޭގައި ނުތިބެވޭނެ އެވެ. ކޮވިޑް-19ގެ ބިރަށް މާލެ ލޮކްޑައުންކޮށް، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާއެކެވެ. ވަޒީފާތައް ގެއްލުމާ އެކު އާމްދަނީގެ ދޮރުތައް ބަންދުވެ ކުލި ނުދެއްކި އާއިލާތައް ބިކަވެދާނެ ކަމުގެ މާޔޫސް ކަމެވެ. މި ހާސްކަމުގައި ދިރިއުޅުން ހުއްޓި ގިނަ ބަޔަކަށް ކުރިމަތިވި ނަފްސާނީ އުނދަގޫތައް ވެސް ކުޑައެއް ނޫނެވެ.


ބަންދުވެ ތިބެން ޖެހިފައިވާ މި ހާލަތުން އަރައިގަތުން ނޫން ވިސްނުމެއް އެކެއްގެ ސިކުނޑީގައި ވެސް މިވަގުތަކަށް ނެތެވެ. ހީކުރާހާ ފަސޭހައެއް ނޫނެވެ. އެކަމަކު ވެސް ބަލި ޖެހޭ މީހުންގެ އަދަދަށް ބަލާއިރު ހިތްހަމަޖެހުމެއް އެބަ އޮތެވެ.

މާލޭގައި ބަލި ފެތުރޭ މިންވަރަށް ބަލައި ހެދި ޕްރޮޖެކްޝަންސްތަކުން ދެއްކީ ބައްޔަށް ޕޮޒިޓިވް 6،000 މީހުންނާ އެކު މި މަހުގެ 31 ގައި ރާއްޖެ ޕީކަށް އަރާނެ ކަމަށެވެ. މި ހާލަތުގައި، އެޑްމިޓްކުރަން ޖެހޭ އަދަދު އިތުރުވެ ފަރުވާ ދިނުމުގައި ވެސް ތަކުލީފުތަކަކާ ކުރިމަތިވާނެ ކަމަށް ބެލެވުނެވެ. އެކަމަކު ކަމާ ބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތަކަށް 70 ޕަސެންޓް މީހުން ބޯލެނބުމުގެ ނަތީޖާ އަކީ އެ ލަފާކުރުންތަކާ ގާތަށް ވެސް ބަލީގެ ހާލަތު ނުދިއުމެވެ.

މިއީ ކުރިއެރުމެއް ކަމަށް ބަލައި ދެން އޮތީ އެހެން ވިސްނުމެކެވެ. ލޮކްޑައުން އުވާލައި ނިއު ނޯމަލް (އާ އާއްމު ހާލަތަކަށް) ދިއުމެވެ. ނުވަަތަ ވައިރަހަށް އަތު ނުވެ އުޅެވޭނެ ރައްކާތެރި ގޮތްތަކެއް ހޯދުމެވެ.

މާ ލަހެއް ނުވެ ލޮކްޑައުން އުވާލަން ސަރުކާރުން ވިސްނުން ގެންގުޅޭ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އާއްމުން ތަކުލީފުގައި ބޭތިއްބުމަކީ ވެސް މި ބަލިމަޑުކަމުން އަަރައިގަތުމުގައި ހައްލެއް ނޫން ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީން: ލޮކްޑައުން ލަސްނުވެ އުވާލަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވި

މިނިސްޓަރު މިގޮތަށް ވިދާޅުވީ ނިއު ނޯމަލްއަކަށް ރާއްޖެ ހުޅުވާލަން އާއްމުންނާއި މުއައްސަސާތަކުން އަމަލުކުރާނެ ގޮތްތަކުގެ ގައިޑްލައިނެއް ތައްޔާރުކުރަމުން އަންނަނިކޮށެވެ. މީގައި، ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތާއި ސަރުކާރުގެ އޮފީސްތަކުގައި އަމަލުކުރަން ޖެހޭ އުސޫލްތަކާއި އާއްމުން ގިނައިން ޖަމާވާ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓާއި ޕާކުތަކާއި ބާޒާރުމަތި ފަދަ ތަންތަނުގައި ޚިދުމަތް ހޯދާނެ ރައްކާތެރި އިންތިޒާމްތައް ލިޔެވިފައި ހުންނާނެ އެވެ.

"މީގެ އިތުރުން، އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުގެ ކަންކަން ހުޅުވާލާނީ ކިހާ މިންވަރަކަށްތޯ؟ މާލެ އިން ރަށްރަށަށް މުދާ އުފުލުމާއި ރަށްރަށުން މާލެ އަށް އައުމުގައި ކޮން ކަހަލަ ބަދަލުތަކެއްތޯ ގެންނާނީ ބަލާނެ. އަދި ސިއްހީ ހިދުމަތް ހޯދަން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ކޮން ކަހަލަ ބަދަލުތަކެއްތޯ ގެންނާނީ ވެސް ބަލާނެ. [ނިއު ނޯމަލްގެ ކުރިން] މިއީ މިހާރު އަޅުގަނޑުމެން ވިސްނާ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އާ މިސްރާބަށް ސަރުކާރުން މިވަނީ މަސައްކަތް ފަށައިފަ އެވެ. ހާލަތު ބަދަލުވާން ބޭނުންވާ އިރު، ނިއު ނޯމަލް އަކަށް ދާން އާއްމުން ތައްޔާރު ހެއްޔެވެ؟

"ދަސްކުރަންވީ ވައިރަހާ އެކު އުޅެން"

މި ވައިރަސް ދުނިޔެއިން ފިލައިގެން ދާނެ ދުވަހެއް ސިއްހީ މާހިރުންނަށް ލަފާކުރާކަށް ނޭނގެ އެވެ. ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއެއެޗްއޯ) އިން އިރުޝާދު ދެނީ އަދި ސިއްހީ މާހިރުން ވެސް ބާރު އަޅަނީ ވެކްސިނެއް ހޯދެން ދެން ވެސް މި ވައިރަހާ އެކު ދިރިއުޅެން ދަސްކުރާށެވެ.

މި ނޫން ގޮތެއް ނެތް ކަމަށް ދެކި ގިނަ ގައުމުތަކުން އަންނަނީ ލޮކްޑައުން ހުޅުވާލައި ޚިދުމަތްތަކުގައި ރައްޔިތުންނަށް ލުއި ދެމުންނެވެ. އޭގެތެރޭގައި ޗައިނާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، އެތައް ބަޔަކު މަރުވި އިޓަލީ ވެސް ހިމެނެ އެވެ. އެކި ބައިބަޔަށް ބަހާލައިގެން ގިނަ ގައުމުތަކުގައި އަންނަނީ ޚިދުމަތްތައް ހުޅުވާލަމުންނެވެ.

އެ ގައުމުތަކުގައި އޮފީސްތަކާއި ސްކޫލްތަކާއި ރެސްޓޯރަންޓްތަކާއި ޕާކުތަކާއި ޖިމްތައް ފަދަ އާއްމުން ޖަމާވާ ތަންތަން ހުޅުވަމުން އަންނަނީ، ރައްކާތެރި ކަމުގެ ވަރުގަދަ ފިޔަވަޅުތަކަށް އިސްކަންދީގެންނެވެ. ބައެއް ގައުމުތަކުގައި، އެންމެ ބޮޑު ބަދަލެއް ގެންނަން ޖެހުނީ ސްކޫލްތަކަށެވެ. އެއްފަހަރާ 20 ކުދިން ކިޔަވާ ކްލާސް ރޫމްތައް 10 ކުދިންނަށް މަދުކޮށްލީ އެވެ. ކުދިންގެ ދުޅަހެޔޮކަމާއި ހަރަކާތްތެރިވުން އިތުރު ކުރުމުގެ ވެސް އާ ގޮތްތަކެއް ހޯދީ އެވެ. ބައެއް ގައުމުތަކުގައި ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ވެއިޓަރުން ވެސް ނުތިބެ އެވެ. ޚިދުމަތް ދޭ ކައުންޓަރުތައް ބަދަލުކޮށްލީ ވައިރަހުން ރައްކާތެރިވެވޭ ގޮތަށެވެ.

ބަލި ޖެހުނު އަދަދާއި މަރުވި މީހުންނާއި ބަލިން ރަނގަޅުވީ އަދަދުތަކަށް ބަލައި ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި ސްވިޑެން ހިމެނެ އެވެ.

އެ ގައުމުގައި މި ވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅީ ގައުމު ލޮކްޑައުން ނުކޮށެވެ. ސްކޫލްތަކާއި އޮފީސްތައް ހުޅުވައި އާއްމު ދިރިއުޅުން ކުރިއަށް ގެންދިޔައީ ހަރުދަނާ ފިޔަވަޅުތައް އަޅައިގެންނެވެ. ކާމިޔާބީގެ ފަހަތުގައި އޮތީ އެ ކަންކަމަށް އެ ގައުމުގެ ރައްޔިތުން އަމަލުކުރިލެއް ފުރިހަމަ ކަމެވެ.

ނިއު ނޯމަލްއަކަށް ދިވެހިން ވިސްނާއިރު، އެންމެ ގާތުން ސްރީ ލަންކާ އަކީ ވެސް އުއްމީދެކެވެ. އެ ގައުމު ލޮކްޑައުންކުރިތާ ދެ މަސް ވަނިކޮށް މި ހަފުތާގައި ހުޅުވާލީ އާއްމުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްވުމުންނެވެ. މި ބަލީގައި ލަންކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 54 ދުވަހުން 1،000 އަށް ނާރަ އެވެ. ސޯޝަލް ޑިސްޓެންސިންގައި އެ ގައުމުން ނަމޫނާ ދެއްކި އެވެ.

ފަންސާސް ދެ ދުވަހަށް ފަހު ލަންކާ ހުޅުވާލުމުން ސަރުކާރު މުވައްޒަފުންތަކެއް ބަހެއްގައި މަސައްކަތަށް ދަނީ. --ފޮޓޯ:އޭއެފްޕީ

މި ގައުމުތަކުން ހޯދި ކުރިއެރުން ގުޅިފައި އޮތީ ރިވެތި އަޚުލާގާ އެވެ. ގާނޫނުތަކަށް ބޯލަނބައި ސިއްހީ މާހިރުންގެ އިރުޝާދަށް ފުރިހަމަ އަށް ކިޔަމަން ވުމާ އެވެ.

"ހައްލަކަށް ދާން ޖެހޭ މައްސަލަތައް ގިނަ"

އެހެން ގައުމުތަކުގެ ފަހަތުން ރާއްޖެ ނިއު ނޯމަލްއަކަށް އެނބުރޭއިރު، ހައްލު ހޯދަން ޖެހޭ މައްސަލަތައް ވެސް އެބަ ހުއްޓެވެ. އާއްމުންނާއި ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅޭ މާލޭގެ ތޮއްޖެހުން ބޮޑުވެފައި އިޖުތިމާއީ މައްސަލަތައް މިއޮތީ އިންތިހާގަ އެވެ. މި ހާސްކަމުގެ ތެރޭގައި، މި ބަލި ފެތުރުމާ ހަމައަށް އެތައް ބަޔަކު ދިރިއުޅެމުން އައީ ފަރުވާކުޑަކޮށެވެ. ދުވާލު ވަޒީފާގައި ހޭދަކުރާ ގަޑި ނިމުމުން، އާއިލާ އަށް ބެލުމެއް ނެތި ގިނަ މީހުންގެ ހުރިހާ ވަގުތެއް ބޭކާރު ކުރަނީ ކޮފީތަކަށެވެ.

ދިރިއުޅޭ މާހައުލުގެ ސާފުތާހިރު ކަމަށް ނުބެލުމަކީ ވެސް ހައްލު ނުވި މައްސަލައެކެވެ. ޖެހުނު ތަނަކަށް ކުނިކޮތަޅުތައް ވެސް އުކާލަނީ އެވެ. ހަށިގަނޑަށް ގެއްލުން ހުރި އެނާޖީ ޑްރިންކު ބޮއެފައި ދަޅުތައް އުކަލަނީ ސައިކަލްތަކުގެ ވަށިގަނޑަށް ނުވަތަ މަގުމައްޗަށެވެ. ޕޭވްމަންޓް މަތީގައި ސިނގިރެޓް ބޮއެފައި ދުން ބުރުވަނީ ހިނގާ މީހުންގެ ގަޔަށެވެ. މަގުމައްޗަށް ކުޅު ޖެހުން ވެސް އެ ހާލަތުގަ އެވެ.

ދެން އޮތީ ބިދޭސީންގެ މައްސަލަ އެވެ؛ ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި އަދަދު 1،000 އަށް އެރިއިރު ދެބައިކުޅަ އެއްބަޔަކީ ނިކަމެތި ހާލުގައި ދިރިއުޅޭ ބިދޭސީންނެވެ. ބަލި ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އެންމެ ހާލުގައި އުޅޭ ބިދޭސީންނަށް ވަނީ ވަގުތީ ގޮތުން ގޮތްތަކެއް ހޯދައިދީފަ އެވެ. އެކަމަކު ނިސްބަތުން އެއީ މަދު ބައެކެވެ. ހާލުގައި އުޅޭ ގިނަ ބަޔަކު އަދިވެސް ތިބީ އެވެ.

ލޮކްޑައުންގެ ހާލަތު އުވާލާއިރު، ބިދޭސީންގެ މައްސަލައިގައި ވެސް އެކަށީގެންވާ ހައްލަކާ ހަމައަށް ދާން މިއޮތީ ޖެހިފަ އެވެ. އެ މީހުން ބާކީކޮށް، ނިއު ނޯމަލްއެއްގައި ނަތީޖާ ނެރެވޭނެ ގޮތެއް ނެތެވެ.

މި މައްސަލަތައް މިހެން ހުއްޓަސް އާ އާއްމު ހާލަތަކަށް އުއްމީދުކުރާއިރު އެންމެ މުހިއްމީ ފަރުދީ ޒިންމާ އެވެ. ލޮކްޑައުންގައި، ތަޖުރިބާކުރަން ޖެހުނު އުނދަގޫތަކާއި ފިލާވަޅުތަކުން ދަސްކުރަންވީ ރިވެތި އުޅުމެވެ.

"އަހަރެމެންނަށް ވެސް ވާނެ، އާދަތައް ބަދަލުކޮށްލަންވީ"

ލޮކްޑައުން އުވާލުމާ އެކު އިސްކަންދޭނެ ކަންކަން އަންނަނީ ތަރުތީބުކުރަމުންނެވެ. ގިނަ މީހުންގެ ލިސްޓުގައި ރަށްރަށަށް ދިއުމާއި ކޮފީތަކާއި ބާޒާރުކުރުމާއި ދުވަން ދާން ފެށުން ފަދަ، މަސް ދުވަހުގެ ތެރޭގައި ނުކުރެވި ހުރި ގިނަ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އަންނަނީ ހާމަކުރަމުންނެވެ.

އެކަމަކު ސިއްހީ ތަޖުރިބާކާރުންގެ ނަސޭހަތަކީ އިހަށް އެފަދަ ކަންކަމާ ދުރުހެލިވުމެވެ؛ ނިއު ނޯމަލްގައި ވެސް އެންމެންގެ ރައްކާތެރިކަމަށް ޕްލޭންތައް މަޑުޖައްސާލުމެވެ.

ލޮކްޑައުން އުވާލިއަސް އެންމެ އިސްކަންދޭ ކަމަކަށް ސޯޝަލް ޑިސްޓެންސިން ހެދުމެވެ. ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުތުމެވެ. ގެއިން ނުކުމެ ލިފްޓަށް އަރާއިރު ވެސް އެކަކު އަނެކަކާ ދުރުމިން ބެހެއްޓުމެވެ. ބޭރަށް ނުކުންނަ އިރު އާއްމު ގޮތެއްގައި މާސްކް އެޅުމެވެ.

މީހަކު މާސްކް އަޅަނީ: ލޮކްޑައުން ހުޅުވާލިއަސް ބޭރުތެރެއަށް ނުކުމެ އުޅޭއިރު މާސްކް އަޅަން ސިއްހީ ދާއިރާގެ ބޭފުޅުން އިރުޝާދު ދެއްވާ.

ރަހުމަތްތެރިންނާ ބައްދަލުވުމުން ކުރިން ސަލާންކުރާ ގޮތުގެ ބަދަލުގައި، އެކަށީގެންވާ ދުރު މިނެއްގައި ތިބެ ހާލު އަހާލުމެވެ. އާއިލީ ގުޅުންތައް ވެސް ވައިރަހުން ރައްކާތެރިވެވޭނެ ގޮތަކަށް ބަދަހިކުރުމަށެވެ.

މަގުމައްޗާއި ފިހާރަތަކާއި ބަޒާރާއި އެ ނޫން ވެސް ތަންތަނުގައި ވެސް އެކަކު އަނެކަކަށް ބަލައިގެން އުޅުމެވެ. ގެއިން ބޭރަށް ނުކުންނަ މީހަކީ ވައިރަސް ހިފައިގެން ގެއަށް ވަދެދާނެ މީހަކަށް ވާތީ، އެ ގެއެއްގައި ތިބޭ އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމެވެ.

ނިއު ނޯމަލްގައި ތިން މަސް ދުވަހު އުޅެން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ކުރާއިރު، މި އާދަތަކަށް އަށަގެންފި ނަމަ އޮތީ އުފާވެރި ދުވަސްތަކެކެވެ.

ފަރުވާކުޑަކޮށްފި ނަމަ ގޯސް ވެދާނެ!

ހެލްތު މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މާލެ ލޮކްޑައުންކޮށް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވައި އެޅި ހަރުދަނާ ފިޔަވަޅުތަކަށް ރައްޔިތުން ވަނީ އަަމަލުކޮށްފަ އެވެ. ނަތީޖާއަކީ، މި މަހުގެ 31 އަށް ލަފާކުރި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުކުރެވުން ކަން ފާހަގަކުރެއްވި އެވެ.

"މި ބަލި ފެތުރުން މަޑުޖެހިގެން ދިޔަ އެންމެ ބޮޑު ސަބަބަކަށް ވަނީ ލޮކްޑައުން ހާލަތަށް ރައްޔިތުން އިޖާބަ ދިނުން. އެހެންކަމުން މިހާރު ހުރި ލަފާކުރުންތަކާ އެއްވަރަކަށް ޕީކުގައި އަދަދުތައް މައްޗަކަށް ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބާޒާރުމަތިން މީހަކު މަސް ގަނެގެން ހިފައިގެން ދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން / މިހާރު

އަމީން ވިދާޅުވީ މި ނަތީޖާ އަށް ބަލައި ނިއު ނޯމަލްއަކަށް ދާ އިރު ވެސް ސަރުކާރުގެ ވިސްނުމަކީ މަރުވާނެ ބަޔަކު މަރުވާން އަދި ބަލި ޖެހޭނެ ބަޔަކަށް ޖެހެން ދޫކޮށްލުމެއް ނޫން ކަމަށެވެ. އޭގެ ކުރިން ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުން ވެސް ވިސްނަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭ ކަމަކީ މި ބަލިން އަދި ފަސޭހަވެގެން ދިޔައީކީއެއް ނޫން. އިތުރަށް އަދި މި ބަލި ފެތުރޭ އިރުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވެގެންދާ ހާލަތުގައި ވެސް ބަލީގައި ބޮޑުވަރު ވަނީ ނިސްބަތުން މަދު ބައެއް. ނަމަވެސް އެ މަދު ބައެއްގެ އަދަދު އިންތިހާ އަށް އިތުރުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ނުރައްކާ ވަރަށް ބޮޑު،" އަމީން ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ހާލަތުގައި [ލޮކްޑައުންގައި] އަޅުގަނޑުމެންނަށް ދެމިނުއެއް ތިބެވޭނެ. ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ހުޅުވާލަން ގެންގުޅޭ ވިސްނުމާއި އާބާދީ އާއި ދިރިއުޅޭ ގޮތަށް ބަލާފައި ހުޅުވާލުންތައް ކުރިއަށް ދާނެ. އެހެންވީމަ އެ ހާލަތަށް އެންމެން ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެއް."

ވައިރަހަށް އަތު ނުވެ ނިއު ނޯމަލްއެއްގައި އުޅުމުގައި ވެސް އެންމެ ވަރުގަދަ ފަރުވާއަކީ ފަރުދީ ޒިންމާ އެވެ. ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ތަބާވުމާ އެކު، އަމިއްލަ އަށް މިކަމުން އަރައިގަތުމުގެ ވިސްނުމާ އެކު ކުރާ މަސައްކަތްތަކެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާގައި ސިކުނޑި ތައްޔާރުވާންވީ ނިއު ނޯމަލްގެ އާދަކާދަތަކަށެވެ.