އާއިލާއާ އެކު އުލިގަމު ބަނދަރުގައި ދެ މަސް ދުވަސް؛ ތަފާތު ތަޖުރިބާއެއް!

ޔޮޓުގައި ކަނޑަށް ނުކުތްއިރު، އެމްބާ ލިމްގެ ދެމަފިރިންނާއި ދެ ދަރިންގެ މިސްރާބު ހުރީ މެލޭޝިއާ އިން ސްރީ ލަންކާއަށެވެ. އެކަމަކު ވަކި ހިސާބަކުން، ރާއްޖެ އަންނަން ނިންމައި، އުލިގަމު ބަނދަރަށް ގާތް ކުރީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ. އެ މީހުންނަށް ރާއްޖެ އާދެވުނީ ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް މާލެތެރެއިން ފެނި، ވެރިރަށް ލޮކްޑައުންކުރި ފަހުންނެވެ. އެހެންވެ، ހާލަތުގެ ގޮތުން ރާއްޖެ ދޫކޮށް ދެވެން ނެތުމުން، އާންމުކޮށް ޔޮޓް ބަނދަރުކޮށް އުޅޭ އުލިގަމުގެ ބޭރުގައި ޔޮޓް އަޅައިގެން އެ އާއިލާ ތިބޭތާ ދެ މަހަށް ވުރެ ގިނަ ވެއްޖެ އެވެ. މި ޔޮޓާ އެކު އަށް ޔޮޓެއް އުލިގަމުގައި ނުފުރިފައި އެބަ އޮތެވެ.


ކެނެޑާގެ އެ އާއިލާ މީގެ 12 އަހަރު ކުރިން ފެށިގެން ޔޮޓުގައި ގައުމުތަކަށް ދަތުރުކުރަމުން އައި ނަމަވެސް، އެމްބާ އޭނާގެ ޔޮޓްގައި ހުރެ ފޯނުން "މިހާރު" އަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި މިއީ ތަފާތު ތަޖުރިބާ އެކެވެ. އެއްގަމަށް ފޭބުމުގެ ފުރުސަތު ނުލިބި، ގަދަ މޫސުމުގައި ކަނޑުމަތީގައި ތިބެން ޖެހުންވީ ހީކުރިވަރަށް ވުރެ ގޮންޖެހުން ބޮޑު ކަމަކަށެވެ.

ޔޮޓްތަކުގައި އުލިގަމަށް އަންނަ މީހުންނަށް އެ ރަށަށް ފޭބޭނެ އެވެ. އެކަމަކު ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެޗްޕީއޭ އިން އަންގާފައި ވަނީ އެއްގަމަށް އެ މީހުންނަށް ނުފޭބޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ބަަލިމަޑުކަން ފެތުރިގަތުމަކީ އެމްބާގެ އާއިލާ ވެސް ވަރަށް ކަންބޮޑުވި ކަމެކެވެ. ކެނެޑާގެ ސަރުކާރުން އެ މީހުން އަނބުރާ ގެންދަން ވެސް ބޭނުންވި އެވެ. އެކަމަކު އެމީހުން ދުށް ގޮތުގައި، ޔޮޓުގައި ގިނަ ދުވަހަށް ބޭނުންވާ ވަރަށް ކާތަކެތި ހުރުމާއެކީ، އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ތިބި ތަނެއްގައި ތިބުމެވެ.

އުލިގަމު ބަނދަރުގައި އޮތް ޔޮޓުތަކެއް: ކޮރޯނާވައިރަހާ ހެދި އެނބުރި ނުދެވިގެން އަށް ޔޮޓެއް އެ ރަށު ބަނދަރުގައި އެބަ އޮތް

އެމްބާގެ އާއިލާ ދަތުރަށް ފުރަނީ ދިގު މުއްދަތަކަށްވާ ވަރަށް ކާއެއްޗެހި ބަރުކޮށްގެންނެވެ. ފެނާއި ކާޑުގެ ބާވަތްތަކާއި ޕާސްތާ ޔޮޓުގައި ހުންނައިރު، ތަރުކާރީ އާއި މޭވާ އަދި އެހެން އެއްޗެހި ގަންނަނީ އެ މީހުން މަޑުކުރާ ގައުމަކުންނެވެ.

"އަހަރެމެން އެއްޗެހި މި ހޯދަނީ އުލިގަމުން. އެކަމަކު ހާލަތުުގެ ގޮތުން ބައެއް އެއްޗެހި ލިބުން ދަތި." އެމްބާ ބުންޏެވެ.

އެމްބާގެ ދެމަފިރިންގެެ އިތުރުން ޔޮޓުގައި ދެން ތިބީ އެ މީހުންގެ ނުވަ އަހަރުގެ އަންހެން ދަރިފުޅާއި 13 އަހަރުގެ ފިރިހެން ދަރިފުޅެވެ. ވޭތުވެ ދިޔަ 12 އަހަރުގެ ތެރޭގައި އެ އާއިލާއިން ވަނީ ދުނިޔޭގެ އެތައް ގައުމަކަށް ޒިޔާރަތްކޮށްފަ އެވެ. މާސިންގާ ކަނޑުތަކުގައި ދަތުރުކޮށް، އެކި ގައުމުތަކަށް ބަނދަރުކޮށް އެ މީހުންގެ ސަގާފަތާއި ކާނާ އާއި ދިރިއުޅުން ތަޖުރިބާ ކުރުމަކީ އެ އާއިލާގެ އުފަލެވެ. އެކަމަކު، ބަނދަރުކޮށްފައި އޮތް އެ ޔޮޓުގައި އެ މީހުން ކުރާނެ މާގިނަ ކަމެއް ނެތެވެ. އެހެންވެ، ދަރިން ތިބީ ފޫހިވެ، ކޮންވެސް ވަރަކަށް މާޔޫސްވެފަ އެވެ.

"ކުދިން ވެސް ހޯމްވޯކްތައް ހަދައި، އެ މީހުންގެ ބުޅަލާއެކީ ކުޅެނީ،"

އެމްބާ ބުނިގޮތުގައި ދަތުރުކުރާއިރު މޫސުން ގޯސްވެ، ގައުމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަނދަރުކޮށްފައި އޮންނަން ޖެހެ އެވެ. އެއީ ފޫހިކަމެއް ނަމަވެސް ހިތްހަމަޖައްސާލަނީ، މޫސުން ރަނގަޅުވުމާއެކު އެއްގަމަށް ފައިބައި، އާ ބަޔަކާ އަނެއްކާ ވެސް ބައްދަލުކުރެވޭނެތީ އެވެ.

"މިފަހަރު ވަރަށް އުނދަގޫވޭ އެއްގަމަށް ނުފޭބޭނެކަން އެނގޭތީ. ޔޮޓުގައި ކުރާނެ ކަމެއް ނެތް." އެމްބާ ބުންޏެވެ.

"ކުދިން ވެސް ހޯމްވޯކްތައް ހަދައި، އެ މީހުންގެ ބުޅަލާއެކީ ކުޅެނީ،"

އެއްގަމަށް ނުފޭބޭތީ އެމްބާގެ އާއިލާ އަށް މޭވާ އާއި ތަރުކާރީ އަދި އެހެން ބައެއް އެއްޗެހި ގެނެސްދެނީ އުލިގަމުގައި ހުންނަ އެ މީހުންގެ އެޖެންޓެވެ. އެ މީހުންގެ އާއްމު ކާނާ އަކީ އުލިގަމުން ލިބެން ހުރި ތަކެއްޗެވެ.

އުލިގަމުގައި ޔޮޓްތައް ބަނދަރުކޮށްފައި ހުރި ޔޮޓްތަކެއް އެ ރަށުން ފެންނަ ގޮތް. -- ފޮޓޯ: ސައިފް

އެމްބާ ބުނި ގޮތުގައި، ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި، ބީރައްޓެހި ގައުމެއްގައި ތާށިވެފައި ތިބެން ޖެހުމަކީ އެ މީހުންގެ އާއިލާ އާއި ރައްޓެހިން ވަރަށް ކަންބޮޑުވި ކަމެކެވެ. އެކަމަކު އޭނާ އެ މީހުންގެ ހިތްހަމަ ޖައްސައިދެނީ މި ކަހަލަ ވަގުތެއްގައި ތިބެން ރާއްޖެއަށް ވުރެ ރަނގަޅު ގައުމެއް ނެތް ކަމަށް ބުނެ އެވެ.

ފަޅުރަށެއްގައި ދެމަފިރިން އެކަނި

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ހެދި، އުލިގަމު ބަނދަރުގައި އަށް ޔޮޓު ތާށިވެފައި އެބައޮތެވެ. އޭގެ ތެރޭގައި ރާއްޖޭގައި ތިބޭތާ ގިނަ ދުވަސްވީ އާއިލާތައް ވެސް ހިމެނެ އެވެ. އެކަމަކު މި ދުވަސްވަރު ކަނޑު މާ ބޮޑަށް ގަދަވުމުން ޔޮޓްތައް ވަނީ އެ ހިސާބު ފަޅުރަށެއްގެ ނިވާ އޮންނަ ހިސާބަށް ގެންގޮސްފަ އެވެ. އެއީ އުލިގަމު ބަނދަރަށް ވަދެ ޔޮޓްތަކަކަށް ތިބެވެން ނެތުމުންނެވެ.

މީގެ ހަތަރު އަހަރު ކުރިއްސުރެ ދަތުރުކުރަމުން އަންނަ އެމެރިކާގެ ދެމަފިރިން ކަމަށްވާ ލެސްލީ ގޮޑްފްރޭ އާއި އެންޑްރޫ ގޮޑްފްރޭ ވެސް ރާއްޖޭގައި ތިބޭތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ސްރީ ލަންކާއިން ފުރައިގެން އެ މީހުން ހަ ދުވަހުގެ ތެރޭގައި އުލިގަމު ބަނދަރަށް ގާތްކުރީ މާޗު 12 ވަނަ ދުވަހު އެވެ.

ލެސްލީ އާއި އޭނާގެ ފިރިމީހާ: ރާއްޖެ އެނބުރި އަންނަން ބޭނުންވޭ

ފޮނި އުއްމީދުތަކާއެކު، ވަރަށް ރީތި މަންޒިލެއް ކަމަށް ދެކިގެން އެ މީހުން ރާއްޖެއަށް ކުރި ދަތުރަށް ވެސް ހުރަސް އެޅީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމެވެ. ވެރިރަށް ލޮކްޑައުންކޮށް، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އިރު، އެހެން ގިނަ ގައުމުތަކުގެ ބޯޑަރު ވެސް ބަންދުކޮށްފައި ހުރުމުން އެނބުރި ދެވޭނެ ގޮތެއް ނެތެވެ. އެހެންވެ، ކިތަންމެ އުނދަގޫ ހާލަތެއް ނަމަވެސް، ޖެހުނީ އުލިގަމު ބަނދަރުގައި މަޑުކޮށްގެން ތިބޭށެވެ.

ލޯޔަރެއް ކަމަށްވާ ލެސްލީ ބުނި ގޮތުގައި ގަދަ މޫސުމެއްގައި ކުޑަ ޔޮޓެއްގައި ބަނދަރުކޮށްގެން ތިބެން ޖެހުމަކީ ބިރުވެރި އަދި ގޮންޖެހުން ބޮޑުކަމެކެވެ. އަދި އެއްގަމަށް ފޭބޭނެ ދުވަހެއް ބުނަން ނޭނގޭތީ ވަރަށް އެކަނިވެރި އިހުސާސެއް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ލެސްލީމެންގެ ނަސީބު ރަނގަޅެވެ. ކަރަންޓީނުވެފައި ތިބެން ޖެހޭ 14 ދުވަހުގެ މުއްދަތު ހަމަވުމާއެކު، އެ މީހުންގެ އެޖެންްޓުގެ ބުރަ މަސައްކަތާއެކު ފަޅުރަށަކަށް އެ މީހުން ފޭބުމުގެ ފުރުސަތު ލިބުނެވެ.

ލެސްލީމެންގެ ޔޮޓު ކައިރީގައި އޭނާގެ ފިރިމީހާ މޫދަށް އެރެނީ: ރާއްޖޭގައި އެ މީހުން ކުރަމުން އަންނަނީ ތަފާތު ތަޖުުރިބާއެއް

މޫސުން ގޯސްވުމުގެ ސަބަބުން، އެ މީހުން ހިޔާވަހިކަން ހޯދީ ހއ. މަތީރަށާއި އިންނަފިނޮޅުންނެވެ.

"މިހާރު އަހަރުމެންނަށް މި ފަޅުރަށަށް ފައިބައި ބީޗުގައި ހިނގާލުމުގެ ފުރުސަތު އެބަ އޮތް. ކަސްރަތުކޮށްލައި ބީޗުގައި ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އަނެއްކާ ވެސް އެނބުުރި ޔޮޓަށް ދަނީ،" ލެސްލީ ބުންޏެވެ.

އުލިގަމުގައި މީގެ މަހެއްހާ ދުވަސް ކުރިން ޔޮޓްތައް ބަނދަރުކޮށްފައި. -- ފޮޓޯ: ސައިފް

އިންޓަވިއުގައި ތަކުރާރުކޮށް ލެސްލީ ފާހަގަކުރީ ދިވެހިންގެ ހެޔޮކަމެވެ. ޔޮޓަށް ކާއެއްޗެއްސާއި އިންޖީނަށް ބޭނުންވާ ތެޔޮ ގެނެސްދީ، ސަރުކާރަށް އެ މީހުންގެ އަޑު އިއްވައިދިނުމެވެ. އޭނާ ބުނި ގޮތުގައި އެހެން ގައުމެއްގައި ނަމަ، ޔޮޓުތައް އަނބުރާ ފޮނުވާލާނީ އެވެ. އެކަމަކު ގަދަ މޫސުމެއްގައި، އެ މީހުން އަނބުރާ ކަނޑަށް ފޮނުވާނުލައި، ހިޔާވަހިކަން ދިނުމަކީ ދިވެހިންގެ ހެޔޮކަން ކަމަށް ބުންޏެވެ.

ލެސްލީ ދެމަފިރިންގެ ޔޮޓު، ސޮންރައިސާ ކަނޑުގައި: އެ މީހުން މިހާރު ތިބީ އުލިގަން ބަނދަރުގައި

އެމްބާ އާއި ލެސްލީގެ އާއިލާ ވެސް ރާއްޖޭގައި ހޭދަކުރީ އެ މީހުން އުއްމީދުކުރި ފަދަ ދުވަސްތަކެއް ނޫނެވެ. އެމީހުން އެނބުރި ދާނީ، އެއްގަމަށް ނުފައިބައި، ދިވެހިންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ނުލިބި އެވެ. އެކަމަކު، އެ މީހުން ތިބީ އެނބުރި އަންނަ ގޮތަށެވެ.

"މިއީ ވަރަށް ރީތި ގައުމެއް. ޔަގީނުން ވެސް އެނބުރި އަންނާނަން،" ލެސްލީ ބުންޏެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވާން ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު ރާއްޖޭގެ ރިސޯޓްތަކުގައި ތިބި އެތައް ޓޫރިސްޓުންނެއް ވެސް ބަންދުވި އެވެ. އެކަމަކު އެ މީހުންނަށް ވެސް މި ބަންދުގެ ތަޖުރިބާ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށާއި މޫދުން ލިބުނީ އެހެން މީހުންނާ ތަފާތުކޮށެވެ.