ލޮކްޑައުންގައި ނަފްސާނީ ބަލިތަކަށް ވެސް ލުޔެއް ބޭނުންވޭ

ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ލޮކްޑައުން ކުރުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ނަފްސާނީ އުނދަގޫތަކަށް ހައްލު ހޯދުމަށް ހެދި ވައިބާ ގުރޫޕަށް މެސެޖު ކުރާ އެއް ބަޔަކީ ކުރީ ސަފުގައި މި ބައްޔާ ހަނގުރާމަ ކުރާ މީހުންނެވެ. ގެއަށް ނުދެވި ވަކި އިމާރާތެއްގައި އެ މީހުން ތިބެން ޖެހޭއިރު އާއިލާގެ ރައްކާތެރިކަމާ މެދު އެ މީހުން ފިކުރު ކުރެ އެވެ. ނަފްސާނީ ބަލީގެ ޝިކާރައަކަށް އެ މީހުން ވެދެ އެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ނުރައްކާތެރި މި ބަލި ދިގުލައިގެން ދާނެ މުއްދަތެއް ނޭނގޭއިރު، ސިކުނޑި އާއި ހިތުގައި އުފެދޭ އެ އުދާސްތައް ބޭރުކޮށްލާނެ ގޮތެއް ނެތުމެވެ.


ސައިކޮލިޖިސްޓް، ނަދާ ޝަރީފްގެ އާދޭހަކީ އެ މީހުންގެ އެ ކަންބޮޑުވުން އާދައިގެ ގޮތަކަށް ނުނެގުމެވެ. ލޮކްޑައުންގައި ދެމުން އަންނަ ލުއިތަކުގެ ތެރެއިން ކޮންމެވެސް ގޮތެއް، ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ހޯދައިދިނުމެވެ.

"ކިހިނެއް ވާނެތޯ އެންމެ 30 މިނިޓެއް ނަމަވެސް، ބްލޮކް ވަށައި ހިނގާލަން ނުވަތަ ދުވެލަން ހުއްދަ ދިނަސް؟" އޭނާ އެއްސެވި އެވެ.

މި ބަލިމަޑުކަމާ ގުޅިގެން، އެތައް ބަޔަކަށް ވަނީ އާއިލާއާ ދުރުގައި ހުންނަން މަޖުބޫރުވެފަ އެވެ. އަދި ފަރުވާއެއް ކޮވިޑް-19އާ ހަނގުރާމަ ކުރަނީ އެ މީހުންގެ ސަލާމަތާއި އާއިލާގެ ރައްކާތެރިކަމާ މެދު ފިކުރުކުރަމުންނެވެ. ބައެއް މީހުންގެ ވަޒީފާ ގެއްލި ނުވަތަ މުސާރަ ކުޑަކުރުމުގެ ހިތްދަތިކަމާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މާލޭގައި ތަންތަން ކުއްުޔަށް ހިފައިގެން އުޅޭ މީހުންގެ ދިރިއުޅުން އިތުރަށް ދަތިވެއްޖެ އެވެ. މި މައްސަލަތަކާ އެކު ގޭތެރޭގައި ގިނަ ދުވަހު ބަންދުވެފައި ތިބެން ޖެހުމަކީ ގިނަ މީހުންގެ ސިކުނޑިއަށް ފަސޭހަ ކަމަކަށް ނުވެ އެވެ. މަޑުމަޑުން އެކަން ބަދަލުވަނީ ނަފްސާނީ ބައްޔަކަށެވެ.

ކޮވިޑް-19އާ ހެދި މާލެ ލޮކްޑައުން ކުރިތާ ދެ ހަފުތާ ނުވަނީސް، ނަފްސާނީ މައްސަލަތައް ރިޕޯޓު ކުރި މީހުންގެ އަދަދު ވަނީ ދެ ގުނައަށް އަރާފަ އެވެ. އަދި މިހާރު އެ ފަދަ މައްސަލަތައް ތިން ގުނައަށް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ އަދަދު ވަނީ އިތުރުވެފައި-

މި ފަދަ ބަލި މީހުންނަށް ނުވަތަ ނަފްސާނީ މައްސަލަކަށް ކުރިން ނަދާމެން ދެއްވާ އެންމެ އާއްމު އިރުޝާދަކީ ބޭރަށް ނުކުމެ ފިނި ވައި ޖައްސާލުމެވެ. އެންމެ މަދުވެގެން ބައިގަޑިއިރެއްހާއިރު ހިނގާލުން ނުވަތަ ދުވެލުމެވެ. ޑޮކްޓަރެއް ކައިރިއަށް ގޮސް ތެރަޕީ ނުނެގި ނަމަވެސް، ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ބައްޔާ ކުރިމަތިލާނެ 100 ގޮތް އެނގެ އެވެ. ރައްޓެހިންނާ އެކު ކޮފީއެއް ބޯލައިގެން، ކަންކަމާ ހިޔާލު ބަދަލުކޮށްގެން ހިތްހަމަޖައްސާލެވެ އެވެ. ދަތުރެއް ގޮސްގެން ނުވަތަ މާލެ ވަށައި ދުވެލައި، ފިކުރުތައް ދުއްވާލެވެ އެވެ.

އެކަމަކު ނުރައްކާތެރި ބަލިމަޑުކަމާ ހެދި މާލެ ލޮކްޑައުންކޮށްފައި އޮތުމުން އެ ހުރިހާ ފުރުސަތުތައް ވަނީ ބަންދުވެފަ އެވެ. ބޭރަށް ނުނިކުމެ، ދެ މަސް ވަންދެން ބަންދުވެފައި ތިބެން ޖެހުމުން ގިނަ މީހުންގެ ބަލި ވަނީ ބޮޑުވެފަ އެވެ. އެކަމަކު އެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، ލޮކްޑައުންއަށް ސަރުކާރުން ދިން ލުއިތަކުގެ ތެރެއިން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަމެއް ދީފައި ނުވުމެވެ.

ރާއްޖޭން ބޭރުގައި ބައެއް ގައުމުތަކުގައި ލޮކްޑައުންއަށް ފަހު އެންމެ ފުރަތަމަ ލުއި ދިނުމުގައި ބެލި އެއްކަމަކީ ނަފްސާނީ ދުޅަހެޔޮކަމަށެވެ. އެ ފަދަ ގައުމުތަކުގައި، ވަކި ވަގުތުތަކެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދުވެލަން ފުރުސަތު ދިނެވެ. ވަކި ދުރުމިނެއް ބަހައްޓައިގެން ބޭރުގައި ކަސްރަތު ކުރެވެ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މާލޭގައި ވެސް ހަމަ އެފަދަ ފުރުސަތެއް ދެވިދާނެ. ވަކި ވަގުތެއް ދީގެން، ވަކި ޑިސްޓެންސެއް ބަހައްޓައިގެން، ދުވާލަކު ވަކި އަދަދަކަށް މީހުންނަށް ދުވެލަން ބޭރަށް ނިކުމެވޭ ގޮތް ހެދިދާނެ،" ނަފްސާނީ މައްސަލަތަކަށް ފަރުވާ ދެއްވާ ޑޮކްޓަރަކު ވިދާޅުވި އެވެ.

"ބޭނުން ވަނީ މިކަމުގައި ރަނގަޅު އުސޫލެއް އެކުލަވާލުން."

ލޮކްޑައުންއަށް މިހާރު ދީފައިވާ ލުއިތަކުގެ ތެރޭގައި ކޮންމެ ގޭބިސީއަކުން ތިން މީހަކަށް، ކޮންމެ މީހަކަށް ހަފުތާއަކު ދެ ފަހަރު، ދެ ގަޑިއިރު ބޭރުގައި އުޅެން ހުއްދަ ލިބެ އެވެ. ގެޔަށް ބޭނުންވާ ތަކެތި ހޯދަން ވިޔަފާރިކުރަން ދިއުމުގެ އިތުރުން އެހެން ބައެއް ކަންކަމަށް މިއަށްވުރެ ގިނައިރު ބޭރުގައި އުޅެވޭ ގޮތަށް ހުއްދަތައް ދޫކުރެ އެވެ. ބައެއް މީހުން ދެކޭގޮތުގައި މިހެން ދޭ ހުއްދަތަކުގެ ވަގުތު ހިމަނައިގެން ނަމަވެސް، ކަސްރަތު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ. ނޫނީ ކަސްރަތުކުރަން ވަކި ހުއްދައެއް ވެސް ދޫކުރެވިދާނެ އެވެ.

މިހާރު މިގޮތަށް ބޭރަށް ނުކުމެ، ހިނގާލުމުގެ ފުރުސަތު ދީފައި އޮންނަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. ގިނަ ދުވަހު ގޭގައި ބަންދުވެފައި ތިބުމަކީ އެފަދަ މީހުންގެ ސިއްހަތަށް ވެސް އޮތް ނުރައްކަލަކަށް ވުމުން،، ޑޮކްޓަރުންގެ ނަޒަރުގައި އެއީ ވަރަށް ބޭނުންތެރި ނިންމުމެކެވެ. އެކަމަކު ހަމައެއާ އެކު ނަފްސާނީ ދުޅަހެޔޮކަމަށް، ވަކި އުސޫލެއްގެ ދަށުން އެ ފަދަ ފުރުސަތެއް ހޯދައިދިނުމަކީ ވެސް މުހިއްމުކަމެއް ކަމަށް، ކުރިން ވާހަކަ ދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.

ފަރުވާ ހޯދަން ޖެހޭ ނަފްސާނީ ގިނަ މައްސަލަތަކެއް

ސައިކޮލިޖިސްޓް ނަދާ ވިދާޅުވި ގޮތުގައި އޭނާއާ ވާހަކަ ދެއްކި، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ގިނަ މީހުންގެ އެންމެ ބޮޑު ފިކުރަކީ އާއިލާއާ ދުރުގައި ތިބެން ޖެހުމެވެ. ހަލުއިކަމާ އެކު ފެތުރެމުންދާ ބަލިމަޑުކަމުން އާއިލާއަށް ދޭން ޖެހޭ ރައްކާތެރިކަން، އެ މީހުން ކައިރީގައި ނެތުމުން، ނުދެވޭކަމުގެ ކަންބޮޑުމެވެ.

ދުރުގައި ހުންނައިރު، ތުއްތު ދަރިފުޅާ ފޯނުން ވާހަކަ ނުދެއްކުމާއި އާއިލާއާ ވާހަކަ ދެއްކުމަށް ފަހުގައި ވެސް ގިނަ މީހުންނަށް އުނދަގޫތަކެއް ވާކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މި ފަދަ މީހުން ނިދިނައުމާއި ގިނައިން ނިދުމާއި ކަންނެތްކަން ތަހައްމަލު ކުރަން ޖެހެ އެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތައް ގިނަ ނަމަވެސް، އެންމެ އާއްމުކޮށް ދިމާވަނީ ކޮން މައްސަލައެއްކަން، އެކަމާ ގުޅޭ ދިރާސާއެއް ހަދާފައި ނެތުމުން ބުނާކަށް ނޭނގެ އެވެ. އެކަމަކު އެހެން ގައުމުތަކުގައި ވެސް އެންމެ އާއްމުކޮށް ދިމާވާ ޕޯސްޓް ޓްރައުމެޓިމް ޑިސްއޯޑާ (ޕީޓީޑީ) ނުވަތަ ހަޔާތުގެ ވަކި ހިސާބެއްގައި ދިމާވެފައިވާ ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ދެން ކުރިމަތިވާ ނަފްސާނީ މައްސަލަތައް ރާއްޖޭގައި ވެސް ގިނަ އެވެ.

ކުރިން މިހެން ދިމާވާ ކުދިކުދި ސްޓްރެސްތައް ދުއްވާލަނީ ކަސްރަތުކޮށްގެން. ހާއްސަކޮށް ބަލިން ފަރުވާ ހޯދުމަށް ކަސްރަތު ކުރާ މީހަކު އެކަން ހުއްޓާލުމުން އޭނާއަށް އެކަން ވަނީ ވަރަށް ބޮޑު ވޭނަކަށް.

ނަދާ ވިދާޅުވީ ލޮކްޑައުންއަށް ފަހު ފަރުވާ ދިން މީހުންނަށް ބަލާއިރު ޕީޓީޑީގެ މީހުން ގިނަ ކަމަށެވެ. އެއީ ކުޑައިރު ނުވަތަ ހަޔާތުގެ އެހެން ދުވަސްވަރެއްގައި ނަމަވެސް، އެބިއުސް ކުރުމާއި ބުލީ ކުރުމާއި އެހެން ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. ގޭގައި ގިނަ ދުވަސް ވާންދެން މިހެން ބަންދުވެފައި ތިބުން ވެފައިވަނީ، ހިތުން ފިލުވާލަން ދަތި އެ ހާދިސާމަތިން ހަނދާންވެ، އެކަމާ ފިކުރުކުރެވޭ ކަމަކަށެވެ.

"އެ މީހުންނަކަށް ނުއެއް ނިދޭނެ. ކާހިތްނުވުމާއި މާ ގިނައިން ކެއުން ފަދަ ކަންކަމާ ކުރިމަތިވާނެ. ލޮކްޑައުންވެފައި ވަނީ އެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައަށް އިތުރު ޓްރިގާއެއް ކަމަށް،" ނަދާ ވިދާޅުވި އެވެ.

މި ބަލިމަޑުކަމުގައި ގިނަ ކަމަށް އޭނާއަށް ފާހަގަކުރެއްވުނު އަނެއް ކަމަކީ ހެލްތު އެންޒައިޓީ އެވެ. ބަލިވެދާނެ ކަމަށް، ހާއްސަކޮށް ކޮވިޑް-19 ޖެހި އެންމެންނާ ވަކިވާން ޖެހިދާނެ ކަމުގެ ބިރު ބައެއް މީހުންގެ ބޮޑުވެ އެކަމާ ފިކުރު ކުރެވުމެވެ.

"ކުރިން މިހެން ދިމާވާ ކުދިކުދި ސްޓްރެސްތައް ދުއްވާލަނީ ކަސްރަތުކޮށްގެން. ހާއްސަކޮށް ބަލިން ފަރުވާ ހޯދުމަށް ކަސްރަތު ކުރާ މީހަކު އެކަން ހުއްޓާލުމުން އޭނާއަށް އެކަން ވަނީ ވަރަށް ބޮޑު ވޭނަކަށް،" ނަދާ ވިދާޅުވި އެވެ.

"އެހެންވެ، މިކަމަށް އެބަ ޖެހޭ ކޮންމެވެސް ހައްލެއް ހޯދަން."

ކޮވިޑް-19 ގެ ކޮޅެއް މެދެއް އަދިވެސް ނޭނގެ އެވެ. މާލޭގއަި މިހާރު ލުއިތަކެއް ދީފައިވި ނަމަވެސް ހާލަތު އިތުރަށް ގޯސްވާ ނަމަ، އަނެއްކާވެސް ކުރިން އޮތް ގޮތަށް ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންވެ، އިތުރު މަސްތަކެއް ވެސް މިހެން ގޭބަންދުގައި ތިބެން ޖެހިދާނެ އެވެ. އެކަމަކު އެ ހިތްވަރު ނެރެވޭނީ، ނަފްސާނީ ގޮތުން ވެސް ގައިގައި އެ ބާރު ހުރެގެންނެވެ. އެހެންވެ، މިއީ އަދި އަޅާނުލައި ދޫކޮށްލެވެން އޮތް މައްސަލައެއް ނޫނެވެ.