ސިއްހީ އިމަޖެންސީއަށް މަޖިލީހުން ފަހު ބަސް ބުނުން: ގޯހެއްތަ؟!

ރާއްޖޭގައި އޮންނާނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމައި، ގާނޫނު އަސާސީގައި ލިޔެފައި ވިޔަސް، އެއް ބާރުން އަނެއް ބާރުގެ ތެރެއަށް ވަނުމުގެ ތުހުމަތުތައް އަބަދުވެސް އޮވެ އެވެ. ސަރުކާރުތަކުގެ ނުފޫޒު ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ވަދެ، މަޖިލީހުގެ ބާރުތަކާއި ޒިންމާތަކަށް ހުރަސް އެޅުމުގެ ތުހުމަތެވެ. އަދި މަޖިލީހުން ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަންނަ ކަމުގެ ތުހުމަތެވެ. އަނެއް ބައި ފަހަރު އެފަދަ ތުހުމަތުތައް އަމާޒު ވަނީ ޖުޑިޝަރީއަށެވެ.


މި އަޑު އަނެއްކާވެސް ގަދަވެގެން ދިޔައީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅި ހުށަހެޅުމާ އެކު އެވެ. ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައިވާ ވަނިކޮށް މަޖިިލީހުން އެކަން ފާސްކުރަން ޖެހޭ ގޮތަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު އެ ބިލް ހުށަހެޅުއްވުން އެއް ބަޔަކު ސިފަކުރީ ސަރުކާރު ބާރުތަކުގެ ތެރެއަށް މަޖިލީހުން ވަދެގަތުމުގެ ސިލްސިލާގެ ތެރެއަށް އިތުރުވި ބޮޅެއްގެ ގޮތުގަ އެވެ.

އެ ބިލްގައި ހުށަހަޅާފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށެވެ. އަދި ގަރާރުގެ މުއްދަތު އިތުރުކުރާ ކޮންމެ ފަހަރަކު ވެސް މަޖިިލީހުން ފާސްކުރަން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ ވަގުތެއްގައި ވެސް އެ ގަރާރު އެއްކޮށް ނުވަތަ އެއިން ވަކި ބައެއް ބާތިލްކުރުން ނުވަތަ ބަދަލު ގެނައުމުގެ ބާރު ވެސް މަޖިލީހަށް ލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަޅާބަލަން ޖެހެނީ ގާނޫނު އަސާސީގެ ދަށުން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) އާ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ސްޓޭޓް އޮފް އިމަޖެންސީއެއް ރައީސް އިއުލާންކުރެއްވިޔަސް ވަކި މުއްދަތެއްގެ ތެރޭގައި އެކަން މަޖިލީހަށް ހުށަހަޅައި، ފާސްކުރަން ޖެހޭނެ އެވެ. އަދި ސްޓޭޓް އޮފް އިމަޖެންސީއަށް ބަދަލު ގެނެސް ނުވަތަ އުވާލުމުގެ ބާރު ވެސް ގާނޫނު އަސާސީން މަޖިލީހަށް ލިބެ އެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ އިއުލާންކުރައްވާ ސްޓޭޓް އޮފް އިމަޖެންސީއަށް މަޖިލީހުގެ ރުހުން ހޯދަން ލާޒިމް ވާއިރު، ހެލްތު މިނިސްޓަރަކު އިއުލާން ކުރައްވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުގެ ރުހުން ހޯދަން ޖެހުން ގޯހަކަށް ވާންވީ ކީއްވެ ހެއްޔެވެ؟.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ -- ފޮޓޯ/މިހާރު

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ހެލްތު މިނިސްޓަރަށް ލިބޭ ބާރުތައް ސްޓޭޓް އޮފް އިމަޖެންސީގައި ރައީސަށް ލިބޭ ބާރުތަކަށް ވުރެ ވެސް ބޮޑެވެ. ސްޓޭޓް އޮފް އިމަޖެންސީ އެއްފަހަރާ އިއުލާން ކުރެވޭ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށް ވިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ އެންމެ ދިގު މުއްދަތެއް ނޯވެ އެވެ. އެ ހާލަތު އެތައް އަހަރަކަށް ދިގު ދަންމާލަން ވެސް ހުރަހެއް ނެތެވެ. އެކަމަށް ހަމައެކަނި ބޭނުންވަނީ މިނިސްޓަރުގެ ބެލުމުގެ ދަށުން ހުންނަ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ލަފައެކެވެ.

ސްޓޭޓް އޮފް އިމަޖެންސީއަށް ބަސް ބުނުމުގެ ބާރު މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓަށް ވެސް ގާނޫނު އަސާސީން ލިބެ އެވެ. ނަމަވެސް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިއުލާން ކުރަން މިނިސްޓަރު ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމުގެ ގޮތުގަ އެވެ. މިނިސްޓަރަކީ ރައީސް އައްޔަންކޮށް، ވަކިކުރާ ބޭފުޅަކަށް ވިޔަސް އަދި މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީ ކުރެވުނަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމާ ނިންމުމުގެ މައްޗަށް ސީދާ ބަސް ކިއުމުގެ ބާރެއް އެއްވެސް ފަރާތަކަށް ނެތެވެ.

އަސާސީ ހައްގުތަކުގެ ނަޒަރުން ވިސްނާއިރު، ސްޓޭޓް އޮފް އިމަޖެންސީއެކޭ އެއްގޮތަށް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަސާސީ އެތައް ހައްގުތަކެއް ހިފެހެއްޓެ އެވެ. ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ދަތުރުފަތުރު ކުރުމާއި ވަޒަންވެރިވުމުގެ ހައްގާއި އުނގެނުމުގެ ހައްގާއި ވަޒީފާ އަދާކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގާއި މިނިވަންކަން ހިފެހެއްޓި، އެތައް ހާސް ބަޔަކު ގޭގައި ބަންދުވެފައި ތިބެން ޖެހުން އޭގެ ހެއްކަކަށް ފުދެ އެވެ. އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ގޮސް ގުޅެނީ އެތައް ބައެއްގެ މަސްލަހަތުތަކާ އެވެ.

ސްޓޭޓް އޮފް އިމަޖެންސީގައި ހަނިކުރެވޭ އަސާސީ ހައްގުތަކާއި ހަނިނުކުރެވޭނެ ހައްގުތައް ގާނޫނު އަސާސީން ސާފުކޮށް އެނގެން އޮތަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްގުތައް ހިފެހެއްޓެނީ ކޮން އުސޫލަކުން އަދި ކިހާ މިންވަރަކަށް ކަމެއް ވެސް ދުރާލާ ލަފާކުރެވޭކަށް ނޯވެ އެވެ. އެކަން ބިނާވެގެން އަންނަނީ ބަދަލުވަމުން އަންނަ ހާލަތެއްގެ މައްޗަށެވެ. އެކަމަކު ސްޓޭޓް އޮފް އިމަޖެންސީއެކޭ އެއްގޮތަށް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަސާސީ ހައްގުތައް ހިފެހެއްޓިގެންދާ ކަމާ މެދު ދެބަސްވެވޭކަށް ނޯންނާނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުން ރުހުން ނުދީފި ނަމަ، ދެން ވާނީ ކިހިިނެއް ހެއްޔެވެ؟. މިއީ މި ބަދަލާ ދެކޮޅަށް އުފައްދާ އެންމެ ވަރުގަދަ ސުވާލެވެ. ކަމާ ބެހޭ ފަންނީ މާހިރުން ދޭ ލަފާގެ މައްޗަށް މަޖިލީހަށް ބަސް ބުނެވޭ ގޮތަށް ހެދުން ބަލައިގަންނަން އެއް ބަޔަކަށް ދަތިވާ އެއް ސަބަބަކީ މަޖިލީހުގެ ނިންމުން އަަންނަ ގޮތަކުން ނުރައްކާތެރި ބަލިމަޑުކަމެއް އިތުރަށް ފެތުރިގެން ހިނގައިދާނެތީ އެވެ. އެއީ އެކަން އޮތް ގޮތެވެ. ނަމަވެސް އެ ކަންބޮޑުވުން އަންނަންވީ މި ބިލާ ހިސާބަކުން ނޫނެވެ. ސްޓޭޓް އޮފް އިމަޖެންސީގައި ވެސް އެ ފުރުސަތު އޮވެ އެވެ.

ގާނޫނު އަސާސީގެ ދަށުން ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރެވެނީ ހަނގުރާމަވެރި ހާލަތެއް ނުވަތަ ގުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ބޮޑެތި ކަންކަމުގަ އެވެ. އެއިން ކޮންމެ ހާލަތެއްގައި ވެސް، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ޖެހުމަށް ގާނޫނު އަސާސީން އެއްވެސް އިސްތިސްނާއެއް ނުދެ އެވެ. އެއީ ބަލިމަޑުކަމެއް ނުވަތަ ހަނގުރާމަވެރި ހާލަތެއް ކަމަށް ވިޔަސް، ފަހު ބަސް ބުނާނީ މަޖިލީހުންނެވެ. އެކަން މަޖިލީހަށް ގަބޫލު ނުކުރެވިއްޖެ ނަމަ، ސްޓޭޓް އޮފް އިމަޖެންސީ ނިމުމަކަށް ގެނައުމުގެ ބާރު މަޖިލީހަށް ލިބޭ ކަން ގާނޫނު އަސާސީން އޮޅުމެއް ނެތި ސާފުވެ އެވެ.

ތިން ބާރު ވަކިވެފައި ވިޔަސް، އޭގެ އެންމެ ބޮޑު ބޭނުމަކީ އަސާސީ ހައްގުތަކާއި މިިނިވަންކަމާ ގުޅުން ހުރި ކަންކަން އެންމެ މީހެއް ނުވަތަ މަދު ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމެވެ. އެފަދަ ކޮންމެ ކަމަކަށް ފަހު ބަސް ބުނާނީ ރައްޔިތުންގެ އެންމެ ބޮޑު ބާރު ކަމަށްވާ މަޖިލީހުން ކަމާއި އެ މަޖިލީހުގެ ނިންމުމަކީ "ރައްޔިތުންގެ ނިންމުމެއް"ގެ ގޮތުގައި ގާނޫނު އަސާސީ ގަބޫލުކުރާތީ އެވެ. ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި، މަޖިލީހުގެ ނިންމުންތަކަކީ "ރައްޔިތުންގެ ނިންމުމެއްތޯ" ނުވަތަ ޕާޓީތަކުގެ "ސިޔާސީ ނިންމުމެއްތޯ" ކުރެވޭ ބަހުސަކީ އަދި މުޅިން އެހެން މައުލޫއެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރު މަޖިލީހަށް ލިބުނަސް، ނުރައްކާތެރި ބަލިތަކާ ގުޅިގެން ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު އެއްކޮށް ގެއްލިގެނެއް ނުދެ އެވެ. ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ޝައްކު ކުރެވޭ މީހުންނާއި ތަންތަން ބަންދުކޮޮށް، ކަރަންޓީން ކުރުމާއި މީހުން އެކަހެރި ކުރުމުގެ ބާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތަސް، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިހާރު ވެސް އޮވެ އެވެ.

ހީ ވެސް ނުކުރާ ކަހަލަ ހާލަތެއް

އަސްލު ވެގެން އުޅޭ ގޮތަކީ ކޮވިޑް-19 އަކީ އެއްވެސް ގައުމަކުން، އެއްވެސް އިރަކު ހިޔާލަށް ވެސް ގެނެސްފައިވާ ހާލަތެއް ނޫނެވެ. ބައްޔެއްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އަތުވެދާނެ ކަމަށް، ކުޑަކޮށް ވެސް ވިސްނާފައެއް ނުވެ އެވެ. އެހެންކަމުން ރާއްޖޭގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ފަރުމާކޮށްފައި ވަނީ އެފަދަ ހާލަތަކަށް ބަލައިގެންނެއް ނޫނެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި، ސިއްހީ ކުއްލި ނުރައްކަލުގެ ވާހަކަ ލިއުނީ، ބައެއް މީހުން ދެކޭ ގޮތުގައި، މިހާރު މި ކުރިމަތިވެފައި އޮތް ކަހަލަ ހާލަތަކަށް ގައުމު ވެއްޓިދާނެ ކަމަށް ބަލާފައެއް ނޫނެވެ. އެހެންކަމުން އެ ގާނޫނުގައި ހެލްތު މިނިސްޓަރުގެ މަތިން، މިސާލަކަށް ރައީސަށް، އެއްވެސް ކަހަލަ ބާރެއް ދީފައެއް ނުވެ އެވެ. ރާއްޖޭގައި ފަހުގެ ތާރީހެއްގައި ބަލިމަޑުކަމެއްގެ ގޮތުގައި ކުރިމަތިވީ އިންފްލުއެންޒާ ކަހަލަ ރޯގާތަކެވެ. އޭގެ ކުރިން 1980ގެ އަހަރުތަކުގައި ނަމަ، ބޭރަށް ހިންގުމެވެ. އެކަމަކު އެއީ މުޅި ގައުމުގެ އިގުތިސާދު ހުއްޓާލަން ޖެހޭ ފަދަ ކަމަކަށް ނުވި އެވެ.

ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތު

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ހެލްތު މިނިސްޓަރަށް ލިބެނީ މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމަށް ވާއިރު، އެކަމަށް މަޖިިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ބަދަލު ނުކުރެވޭނެ ސަބަބެއް ނޯންނާނެ އެވެ. އެއީ ސަރުކާރުގެ ބާރުގެ ތެރެއަށް މަޖިލީހުން ވަނުން ކަމަށް ބުނާއިރު، ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔާ ކަމަށްވާ ރައީސް އިއުލާންކުރައްވާ ސްޓޭޓް އޮފް އިމަޖެންސީއަށް ރުހުން ހޯދަން ގާނޫނު އަސާސީގައި ލާޒިމް ކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރަށް (ސްޓޭޓް އޮފް އިމަޖެންސީ) މަޖިލީހުގެ ރުހުން ދޭން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނާއިރު އެއަށް ވުރެ ދަށް ފަރާތަކުން އިއުލާން ކުރާ އެއްޗަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ނުހެދޭނެހޭ." ޓްވީޓެއްގައި އިމްތިޔާޒް ސުވާލު އުފެއްދެވި އެވެ.

މިކަމުގައި މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދެކެވަޑައިގަންނަވާ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ފުރަތަމަ އަދި ފަހު ބަހަކީ ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭ ކަމެކެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މަޖިލީހުގެ ރުހުން އޮންނާކަށް ނުޖެހޭ. މަޖިލީހުގެ މެޖޯރިޓީ ނެތި ވެސް ރިޔާސީ ނިޒާމުގައި ސަރުކާރު ހިިންގެން ޖެހޭނެ،" އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ވިދާޅުވާ ގޮތުން އެކަމަށް މަޖިިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުން ރަނގަޅެއް ނޫނެވެ. އެކަމަކު ރައީސްގެ ދައުރެއް ނެތި، އެންމެ ވަޒީރަކަށް ނިންމޭ ނިންމުމެއްގެ ގޮތުގައި އެކަން ބާއްވަން އޭނާ ވެސް ތާއީދެއް ނުކުރައްވަ އެވެ.

"އެކަން ނިންމުމުގައި މިހާރަށް ވުރެ ބޮޑަށް ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮންނަ ގޮތަށް ބޭއްވުމަކީ ރަނގަޅު ކަމެއް،" އޭނާ ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅެވެ. ހެލްތް މިނިސްޓަރަށް އެހާ ބޮޑެތިިި ބާރުތަކެއް ލިބޭ ގޮތަށް 2012 ވަނަ އަހަރު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ލިޔުނުއިރު އެފަދަ ހަރުކަށި ފިޔަވަޅުތަކެއް އައިސްދާނެ ކަމަކަށް އެއްވެސް ބަޔަކަށް ލަފާ ކުރެވިފައެއް ނެތެވެ. އެހެނަސް، އެއީކީ އެންމެ މީހެއް ނުވަތަ މަދު ބައެއްގެ އަތްމަތީގައި ބޭއްވޭ ކަމަކަށް ވުރެ ބޮޑު ކަމެއް ކަން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ނުރައްކާތެެރި ބަލިމަޑުކަމާއި ގައުމީ ސަލާމަތަށް ނުރައްކާތެރިވުން ފަދަ ހާލަތްތަކުގައި ސިޔާސީ މީހުންގެ ބަހަށް ވުރެ ކަމާ ބެހޭ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ބަސް އަބަދުވެސް އިސްވާން ޖެހޭނެ އެވެ. އަނެއްކޮޅުން އަސާސީ ހައްގުތަކާއި މިިނިވަންކަމާއި އިގްތިސާދާ ގުޅޭ ހިސާބަށް ދިއުމުން އެކަން ކަމަށް ފާރަވެރިވެވޭނެ އަދި ޖަވާބުދާރީ ކުރުވޭނެ ގޮތެއް މަޖިލީހަށް އޮތުން ވެސް މުހިިންމެވެ. އެކަމަކު ކޮންމެ ކަމެއްގައި ވެސް އަމަލީ ގޮތުން ފިޔަވަޅު އަޅަން ޖެހެނީ ސަރުކާރުން ކަމަށް ވާތީ އެކަމަށް އޮތް ފުރުސަތު އެހާ ބޮޑަށް ހަނިކުރުން ވެސް ވާނީ މައްސަލައަކަށެވެ.