ބޯޑަރު ހުޅުވާލާނެ ޔަގީންކަން ނެތި، އެޖެންސީތައް ކަންބޮޑުވެފައި!

ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮންނަތާ ތިން މަސް ވުމަށް ފަހު އަންނަ މަހުގެ ތެރޭގައި ބޯޑަރު އަލުން ހުޅުވާލާ ވާހަކަތައް ވަނީ ދެކެވެން ފަށައިފަ އެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވެސް އެކަން ވަނީ އިއުލާންކުރައްވައިފަ އެވެ. އެކަމަކު ޓޫރިސްޓުން ގެންނަ އެޖެންސީތަކުގެ ޝައްކުތަކެއް އެބަހުއްޓެވެ. އެ މީހުން ބުނާ ގޮތުން އެއީ ޔަގީންވާން ޖެހޭ ތާރީހެކެވެ. އަދި އެކަން ޓޫރިޒަމް މިނިސްޓްރީން ރަސްމީކޮށް ސީދާ ތާރީހެއް އިއުލާން ކުރަން ޖެހޭ ކަމަށް އެ މީހުން ދެކެ އެވެ. އެހެން ނޫން ނަމަ، ދިމާވާ މައްސަލަތައް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.


ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ޖުލައިގައި ބޮޑަރު އިއުލާނު ކުރި ނަމަވެސް، އެއާލައިންތަކުން ބުކިންއަށް ހުޅުވާލުމަށްޓަކައި އެއާޕޯޓުންނާއި އޭވިއޭޝަނުން ހުއްދަތައް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެ ހުއްދަތައް ނުލިބޭތީ، އެއާލައިންތަކުގެ ބުކިންނަށް ހުޅުވައި ނުލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އަށް ފަހު ފަހުން ހުޅުވަން ނިންމާފައިވާ ލަންކާ ފަދަ ގައުމުތަކުން ވެސް އޭވިއޭޝަންގެ ހުއްދަތައް ލިބި، އޮގަސްޓަަށް ބުކިންތައް ހެއްދުމުގެ ފުރުސަތު އެބަ އޮތް ކަަމަށެވެ.

ފިރާގަކީ ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެސް ވެރިޔާ އެވެ. އޭނާ ވިދާޅުވީ، މިިހާރު ވެސް ކެނޑިނޭޅި ބޭރުގެ ޓްރެވެލް އޭޖެންސީތަކުން ރާއްޖޭގެ ތާރީހުތައް އޮޅުން ފިލުވަން ބޭނުންވެގެން ގުޅަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ތާރީހުތައް ފައިނަލްކޮށް ޔަގީން ނުކުރެވޭތީ ބުކިންތައް ނުފެށޭ ކަމަށް ވިދާޅުވި އެވެ.

އެއާޕޯޓުގެ އެރައިވަލް ޓާމިނަލް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަވަހަށް ޑޭޓްތައް އެބަ އެނގެންޖެހޭ. ޖުލައި އެކެއްގައި ހުޅުވާލާ އިރު އޭގެ މާކުރިން އަސްލު ތާރީހު އެނގުނީމަ ތައްޔާރު ވެވޭނީ،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ، މިއީ ފިހާރައެއް ހުޅުވުން ކަހަލަ ކަމެއް ނޫން ކަމަށާއި ބުކިން ހެއްދުމަށާއި މުޅި އޮޕަރޭޝަން ފެށުމަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ. މިހާރު އޮތް ގޮތުން ބޯޑަރު ހުޅުވައިގެން ޓޫރިސްޓުން އައުމަށް ރާއްޖެ އަށް ހަ މަހެއް ނުލިބޭނެ އެވެ. ސަބަބަކީ ޖުލައި މަހު ރާއްޖެ ހުޅުވާލައިގެން ބުކިންތައް ލިބި ފްލައިޓްތަކުގެ އޮޕަރޭޝަން ފެށޭ ވަރު ވާނީ އޮގަސްޓް ހިސާބުގައި ކަމަށް ވާތީ އެވެ.

ޖުލައި މަހު ހުޅުވާ ނަމަ، މިއަށް ވުރެ އަވަހަށް ސަރުކާރުގެ ޕްލޭންތައް ވަރަށް އަވަހަށް ފެންނަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި މިހާރުގެ ހާލަތަށް ބަލައި އިރު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ ހަތަރު ލައްކަ ވަރަކަށް ޓޫރިސްޓުން ކަަމަށެވެ. އެ އަދަދު ވެސް ގެނެވޭނީ އެކަމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކޮށްގެންނެވެ.

ސަރުކާރުގެ އަމާޒަކީ ޖުލައި މަހު ބޯޑަރުތައް ހުޅުވާލައި އަހަރު ނިމޭ އިރު 980،000 ޓޫރިސްޓުން ގެނައުމެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އަށް 380،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެން ކަމުން ބާކީ އޮތް މުއްދަތުގައި ގެންނަން ޖެހޭނީ 600،000 ޓޫރިސްޓުންނެވެ.

ލަކްސް ރިިސޯޓުގެ ރީޖަނަލް ޑައިރެކްޓަރު ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސެއިން އަފީފު ވިދާޅުވީ، ކުރިން މަސައްކަތް ކުރީ ޖުލައި 1 އަށް ބުކިންތަކަށް ހުޅުވާލުމަށް ކަމަށެވެ. ތާރީހުތައް ސާފު ނުވާތީ ރާއްޖޭގެ 80 ޕަސެންޓް ރިސޯޓުތައް މިހާރު ހުޅުވާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ޓޫރިސްޓުންތަކެއް ޗެކިން ކައުންޓަރުތަކުގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ބުކިންނަށް ވެސް ވަގުތު ބޭނުންވާނެ. މި ހާލަތުގައި ގިނަ ރިސޯޓުތަކުގެ މުވައްޒަފުން އަދި ތިބީ ރިސޯޓާ ދުރުގައި. ރިސޯޓުތައް ހުޅުވައިލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެސް ވަރަށް ގިނަވާނެ،" އޭނާ ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ޖުލައި ގައި ހުޅުވާލައިފި ނަމަ، ބައި މިލިއަނެއްހާ ޓޫރިސްޓުން ރާއްޖެ އަށް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މަސައްކަތް ކޮށްފި ނަމަ އެކަން ކާމިޔާބު ވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރުމަށްޓަކައި، ސަރުކާރުގެ ޕްލޭންތައް އަވަހަށް އިއުލާނުކޮށް، ޔަގީން ތާރީހުތަކެއް ދިނުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓްރެވަލް އޭޖެންސީއެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި، ބޭރުގެ އޭޖެންސީތަކުން ތާރީހުތައް ކޮންފާމް ނުވެގެން އުޅޭ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުގެ އިދާރާތަކަށް ޕްރެޝާ ކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށާއި ސަބަބަކީ މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އާންމުންގެ ސިއްހަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ބަނދަރު ސަރަހައްދުގައި ބައެއް ޓޫރިސްޓުން މަޑުކޮށްލައިގެން-- ފޮޓޯ: މިހާރު

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ރިސޯޓުތައް ހުޅުވަން ތައްޔާރުވުމަށް އެންމެ މަދުވެގެން އެއް މަސް ދުވަސް ބޭނުންވާ ކަމަށެވެ. ބުކިންތައް ހެއްދުމަށްޓަކައި ދުވަސް ޔަގީން ނުވާތީ އޮޕަރޭޓަރުންގެ ޝަކުވާ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ތަންތަން ހުޅުވަން ނިންމާފައި ވަނީ އޮކްޓޫބަރުގައި. އަޅުގަނޑުމެން ހުޅުވާނެ ދުވަހެއް އަދި ނޭންގޭ. އަދި ނުލިބޭ އެޗްޕީއޭގެ ފައިނަލް ގައިޑްލައިނެއް ވެސް. މިހާރު އޮތް ގޮތުން އެންމެ އަވަހަށް ވިއަސް ހުޅުވޭނީ ޖުލައި ފަހުކޮޅު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސީރިއަސްކޮށް އޮޕަރޭޓަރުންނާ އެކު ބުކިންތަކުގެ މަސައްކަތްތައް ކުރިއަށް ގެންދެވެން އޮތީ ދުވަސްތައް ޔަގީން ކުރެވިގެން ކަމަށެވެ.