ރިޕޯޓް / ހިއުމަން ޓްރެފިކިން

ހިއުމަން ޓްރެފިކިންގެ "ދާދާ"އިން ހޯދުން އަވަސްކުރޭ!

ސައްހަލިޔެކިއުން ހޯދަން ރަޖިސްޓްރީވާން ހުޅުވައިލުމުން ގަލޮޅު ދަނޑަށް އެއްވެ ތިބި ބިދޭސީންތަކެއް. ހިއުމަން ޓްރެފިކިންގެ މައްސަލަތައް ރާއްޖޭގައި ތަހުގީގު ކުރެވޭލެއް މަދު. ފައިލް ފޮޓޯ

މަސައްކަތެއް ހޯދަން ޒިކުރާ މިސްކިތް ކައިރީގައި އަބަދުވެސް ބިދޭސީން ތިބޭނެ އެވެ. ގޭގައި ނުވަތަ ކޮންމެވެސް ތަނެއްގައި ކަމެއް ކޮށްލަން ބޭނުން މީހާ ގޮސް، އެތަނުން ބިދޭސީއަކު ގޮވައިގެން ދާންވީ އެވެ. އެއީ ވެސް ކޮންމެވެސް ބަޔަކު ޒިންމާވެގެން ރާއްޖެ އެތެރެކޮށް، ދޫވެފައި ނުވަތަ ފިލައިގެން އުޅޭ މީހުންނެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ޕާސްޕޯޓް ވީދާލައި، ރާއްޖޭގެ ތެރެއަށް އަމިއްލައަށް ގެއްލިގެން އުޅޭ ބައެކެވެ.

އެކަމަކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި އެކަން ހިނގަނީ އެ މަގަކުން ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޖޫން 22 ގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޓޫރިސްޓް ވިސާގައި އެތެރެވެ، ރާއްޖޭގައި ފިލައިގެން އުޅެނީ ވަރަށް މަދު ބައެއް ކަމަށެވެ.

"ގިނަ ކަންތައްތައް ވެފައި ހުރި ގޮތަކީ އެމީހުންނަށް ވެސް ތަނެއް ދޮރެއް ނޭނގި [އޮޅުވާލައިގެން] ގެނެސް އެމީހުންގެ ޕާސްޕޯޓްތައް އަތުލާފައި އެމީހުން މަގުމައްޗަށް ދޫކޮށްލާފައި ހުރީ. އެހެންވީމާ މިއަދު މައުސޫމް ބައެއްގެ މައްޗަށް އަޅުގަނޑުމެންގެ ހުރިހާ ނަފްރަތެއް މި އަންނަ އިރު ހަގީގަތުގައި އެކަން ކުރީ ސަރުކާރުތަކުން،" ފައްޔާޒް ވިދާޅުވި އެވެ.

އެއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ އެވެ. ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުން ބިދޭސީއަށް ވެސް އޮޅުވާލައިގެން ބޮޑު ފީއެއް ނަގައި، މި ކޮޅަށް ގެނެސް، އޭނާ ބޭނުންވި ވަޒީފާ ނުލިބި، އޭނާ އުއްމީދުކުރި ވަރުގެ އާމްދަނީއެއް ވެސް ނުހޯދި، އެންމެ ފަހުން ހާލުގައި ޖެހެނީ އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކިންގެ ގާނޫނާ ހިލާފު މި ވިޔަފާރީގެ ނިސްބަތް، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަށް ވުރެ ވެސް ބޮޑުވާނެ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މާ އަނިޔާވެރި ވައްކަމެކެ"ވެ.

"މިއީ އިންސާނުންތަކަށް ހަމަ ހޭއަރުވާލައިގެން ކޮށްފައި އޮތް ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.

ކޮމިޓީގެ އެ ބައްދަލުވުމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވެސް ބައިވެރިވެވަަޑައިގެންނެވި އެެވެެ.

އޭނާ އާއި ފައްޔާޒާ ދެ ބޭފުޅުންނާ ވެސް މެމްބަރުން އެންމެ ބޮޑަށް ކުރެއްވި ސުވާލަކީ ބިދޭސީން ގިނަވާ މައްސަލަ ހައްލުކުރަން ކުރެއްވީ ކޮން ކަމެއްތޯ އެވެ. އެ ސުވާލަށް ކޮންޓްރޯލާ ދެއްވި ޖަވާބު ނުނިމެނީސް ފައްޔާޒްގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މި މީހުން ޑީޕޯޓްކޮށްގެން ނުވާނެ އިނގޭތޯ. މިމީހުން ހައްޔަރުކޮށްްގެން ކިހިނެއްތޯ މިކަންކަން [ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގަނީ] ބަލައި ތަހުގީގު ކުރަން ޖެހޭނެ ނޫންތޯ މި މައްސަލަ؟: ފައްޔާޒް

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކޮންޓްރޯލާ ދެއްކެވީ ރާއްޖެއަށް މީހުން ގެންނަ އެޖެންޓުން ހޯދާއި ޑީޕޯޓްކުރުމެވެ. ހަގީގަތުގައި އެއީ ރާއްޖޭގެ ހިއުމަން ޓްރެފިކިން ރިންގްތަކުގައި އެންމެ ބޮޑު ދައުރެއް އޮތް މީހުންނެވެ. ކޮންޓްރޯލާ އެމީހުންނާ ބެހޭ ގޮތުން ދެއްކެވި ވާހަކައިން ވެސް އެކަން އެނގެ އެވެ.

"ދިވެހިންގެ [ހިއުމަން ޓްރެފިިކިން] ނެޓްވޯކްގައި އެބަ އުޅޭ ބިދޭސީ ފަރާތްތަކެއް ވެސް. އެހެންވީމާ އަޅުގަނޑުމެން މިހާރު މިި ޓާގެޓް ކުރަނީ މިފަދަ، އެބޭފުޅުންގެ ބަހުރުވައިން ބުނާ ނަމަ އެބޭފުޅުންގެ ދާދާ، އެކަހަލަ ފަރާތްތައް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސްފައި އެފަރާތްތައް ޑީޕޯޓްކޮށްލަން. މީގެ އެންމެ މީހަކު އަތުވީމާ އެއީ ގާތްގަނޑަކަށް އާއްމު ފަންސާސް މީހުން،" ހަނަފީ ވިދާޅުވި އެވެ.

އެކަމަކު އެ ވާހަކަ ހުއްޓުވާފައި ފައްްޔާޒް ވިދާޅުވީ ދާދާ ގެނެސް ތަހުގީގު ނުކޮށް ޑީޕޯޓްކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހާ ބޮޑެތި ކަންކަން ހިންގާފައިވާ މީހަކު، ހައްޔަރުކޮށްގެން ތަހުގީގު ނުކޮށް ޑީޕޯޓް ކުރަނީ ކީއްވެތޯ އޭނާ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

"މި މީހުން ޑީޕޯޓްކޮށްގެން ނުވާނެ އިނގޭތޯ. މިމީހުން ހައްޔަރުކޮށްްގެން ކިހިނެއްތޯ މިކަންކަން [ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގަނީ] ބަލައި ތަހުގީގު ކުރަން ޖެހޭނެ ނޫންތޯ މި މައްސަލަ؟" ފައްޔާޒް އެއްސެވި އެވެ.

ރާއްޖޭގައި ހިއުމަން ޓްރެފިކިން ހުއްޓުވަން އަޅަންް ޖެހޭ ފުރަތަމަ ފިޔަވަޅަކީ، އޭނާ ވިދާޅުވި ގޮތުގައި، ފުރިހަމަ ތަހުގީގެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކަހަލަ ބޮޑު ނެޓްވޯކެއް ހިންގި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަބޫ ހަނީފާ މިދިޔަ އަހަރު ފަހުކޮޅު ޑީޕޯޓްކޮށްލުމުން ވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާގެ ތަހުގީގެއް ހިންގައި، އޭނާއާ އެކު ބައިވެރިވާ އެހެން މީހުން ހޯދުމަކީ، ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް، ގަބޫލުކުރެވެ އެވެ. އެކަމަކު އޭގެ ފަހުން އިމިގްރޭޝަނުންް އެބުނީ އަދިވެސް ކަން އަންނަނީ އެގޮތަށް ކަަމަށެވެ. އެހެންކަމުން އިމިގްރޭޝަންގެ ވެރިންގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދެ އެވެ.

އެކަމަކު ހަނަފީ ވިދާޅުވީ މައްސަލަތައް ހައްލުކުރަން ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. އެވާހަަކައަށް ވެސް ފައްޔާޒް ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ ދައްޗެއް އޮތް ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީއާ ވެސް ހިއްސާކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ހިއުމަން ޓްރެެފިކިންގެ ތެރެއިން ރާއްޖެއަށް އެތެރެކޮށްފައިވާ އެތައް ހާސް ބިދޭސީ މަސަައްކަތްތެރިންގެ ނާޖާއިޒް ފައިދާ ނެގުން އޮތީ ކުރިއަށެވެ. މިދިއަ ބުރާސްފަތި ދުވަހު ބ. އަތޮޅު ބޮޑިފިނޮޅުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމުގެ ހަގީގީ ސަބަބަކީ ވެސް އެ އެވެ. އެއީ ހިއުމަން ޓްރެފިކިންގެ ބޮޑު މިސާލެކެވެ.

ސީލް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގެ ބައެއް މަސައްކަތްތަކާ ހަވާލުވެގެން އުޅޭ ރިޒް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންގެ ތެރޭގައި ސައްހަ ލިޔެކިއުން ނެތް ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ވަނީ އެނގިފަ އެވެ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިނގައި، އެތަނުގައި ތިބި ދިވެހިން ރަށުން ފޭބިޔަ ނުދީ ހިފެހެއްޓީ ރިޒްގެ ގިނަ މުވައްޒަފުންނަށް މުސާރާ ނުދޭތާ ހަތަރު މަހަށް ވުރެ ގިނަ ވެފައި ވަނިކޮށެވެ. ރިޒްއަކީ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން، ހިއުމަން ޓްރެފިކިންއަށް ފެތޭ ކުށްތަކަށް އަރައިގަތުމަކީ، ވަރަށް ސީރިއަސް މައްސަލައެކެވެ.

ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ވަކީލުން އެ މުވައްޒަފުންްނާ ވާހަކަ ދެއްކުމަށް ފަހު ބުނީ މުސާރަ ނުލިބޭތާ ހަ މަސްވީ މީހުން ވެސް އެރަށުގައި އެބަ ތިބި ކަމަށެވެ.

މިހުރިހާ ކަމެއް ނިއުޅެމުން ދާއިރު ވެސް ރިޒްގެ ވެރިންނާ ތަހުގީގީ އިދާރާއަކުން ސުވާލެއް ކުރިކަން މިހާތަނަށް އެނގޭކަށް ނެތެވެ.

އަބޫ ހަނީފާއި ރިޒްގެ މައްސަލާގައި ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުގެ ތަހުގީގުކުރުމަކީ ހިއުމަން ޓްރެފިކިން ހުއްޓުވަން އަަޅަން ޖެހޭ ފުރަތަމަ ފިޔަވަޅެވެ. އެފިޔަވަޅަށް ރާއްޖޭގައި ނޭޅިގެން މި އުޅެނީ ކޮން ސަބަބަކާ ހެދި ކަމެއް ނޭނގެ އެވެ. އެކަމަކު ނުފޫޒު ގަދަ ބައެއް މީހުން ހިމެނޭ ނަމަ، ތަހުގީގަށް ހުރަސްއެޅޭކަން، ރާއްޖެ އިން ވަރަށް ސާފުކޮށް ފެނެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، އެ ތަހުގީގު ކުރިއަށް ދާނެތޯ، ސުވާލު އުފެދެ އެވެ.

"ދާދާ"އިން ޑީޕޯޓްކުރުމަކީ ހައްލެއް ނޫނެވެ. ހުރިހާ "ދާދާ"އިން ހޯދައި، އެ މީހުންނަށް ހައްގު އަދަބު ދޭންވީ އެވެ. އެހެން ނޫނީ، އެމްއެމްޕީއާރުސީގެ ހިޔާނާތަށް ވުރެ ބޮޑު މި ކޮރަޕްޝަން ހުއްޓުމަކަށް ނާންނާނެ އެވެ.

42 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 7%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމިޝަނަރު5

05 July 2020

ސޯލިހަށްވެސް ނުކުރޭ ދޯ މިކަމަށް ރިޔާސީ ކޮމިޝަނެއް ހަދަން.

The name is already taken The name is available. Register?

ބޮޑު ވަޒީރު

05 July 2020

ތިކަމެއް ނުވާނެ. ތިމައްސަލާގައި ޗުޕްވެސް ވެރިކަން ކުރާ ޕާޓީގެ ރައީސް ވިދާޅެއް ނުވާނެ. އެހެން ހުރިހާ ކަމަކަށް އެ ބޭފުޅާ ބަސްވިދާޅުވާނެ. ކިތަށް މެމްބަރުން ތިބީ ތިވިޔަފާރިން ފައިދާ ނަގާފައި.

The name is already taken The name is available. Register?

ކަރުކެހޭ އަލ

05 July 2020

ތިޔަވާހަކަ ދައްކަމީހާކައިރީގަ އަހާބަލަ ލޮކްޑައުނުގަ ކިތައްރައްވިއްކާފަ އެމްއެމްޕީއާރސީ ޔާވާދަކޮއް ކުރިޔައް ކެޑިތޯ ކިތަންމިލިޔަންތޯ ބައިއެޅި ކޮޕންބަޔަކައްތޯ

The name is already taken The name is available. Register?

ޖާބެ

05 July 2020

ތަހުޤީގުކުރުމުގަ އަނެއް ދިހައަހަރު ނިމޭއިރު ބިދޭސީންގެ އާބަދީ 1 މިލިއަނައް ، އެޤައުމުގެ ސަރުކާރުންވެސް ފަހުން ބަލައި ނުގަންނާނެ ތިޔައީ އެޤަޢުމުގެ ރައްޔިތުންކަމައް ދެންކިހިނެއް ހަދަނީ މިހަރުވެސް ތިޔައެއްމްބަސީއިން ލިޔެކިޔުންތައް ހަދާދިނުމުގަ ޖެއްސުން ނުކުރާކަމެއް ނޭންގޭ ނޫސްވެރިން ނިކަން ސާފުކޮށްލަބަކަ ކިހާބަޔަކުތޯ އެމީހުންނައް އިގިގެން ތިބީ ލިޔެކިިޔުން ހަދަން. މިކަމުގަ ނިޡާމުގެ މައްސަލަ ވރައްވެސް ބޯޑު އެއީ އިމިގްރޭޝަންފެ ޒިންމާ އަދި ފުލުހުން

The name is already taken The name is available. Register?

ވިހަނާފުށި

05 July 2020

މިކަމަކީ ބަންގާޅީންވެސް ހިންގާކަމެއް މިކަމުގަ ވަރަށް ގިނަ ފަރާތްތައް ބައިވެެރިވޭ އިމިގްރޭޝަނު މީހުންވެސް ބައިވެެރިވޭ ޖަލުގަ އޮތް ގައިދީ މީހާ އަކީވެސް ވަރަށް ގިނަ މީހުން އެތެރެކޮށްލި މީހެއް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުގެ ބޭނުމެއް ނެތް

The name is already taken The name is available. Register?

މުޑަހަންޖާ

05 July 2020

ރަށްރަށުގަވެސް މިހާރު އިލީގަލް އޭލިއަނުން ގިނަވަމުންދަނީ. ކަމާބެހޭ އޮފިސްތަކާއި އެންބަސީވެސް ހުރީ ކ.މާލޭގަ ކަމަށްވާތީ އެފަދަ އެންމެން މާލެއަށް ފޮނުވާލަން ކައުންސިލްތަކުން އަވަސްވެގަންނަންޖެހޭ.

The name is already taken The name is available. Register?

މުރަކަ

05 July 2020

އެ 25 ކުންފުނި ހޯދައި ސިފައިންނަށް އެމައުލޫމަތު ވަނީ މިސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އިމިގުރޭޝަނުން ފޯރުކޮށްދީފައި، ދެން ސަފާރީ ރޭޕްކޭސް އަށް ވީގޮތަށް އެކަންވެސް ވީ....

The name is already taken The name is available. Register?

ޕްރިންސް އެޕްސްޓީން

05 July 2020

"ބިދޭސީންގެ މައްސަލަ" ހައްލު ކުރުމަކި ބައެއް މުއްސަނދިންނަށް އެތަށް މިލިއަން ޑޮލަރެއްގެ ގެއްލުންވާނެ ކަމެއް ކަމަށް ލަފާކުރެވޭ ، އެމީހުން ފުރީ ސްލޭވް ލޭބާ އިން މަހުރޫމް ވެގެން ދާނެ ، އެއްވެސް ސަރުކާރަކަށް ހައްލު ނުވި މައްސަލައެއް ، ގަވައިދާ ހިލާފަށް އުޅޭ މީހަކު ލައްވާ މަސައްކަތް ކުރުވުން ކުށަކަށް ހަދަން ޖެހޭ ، އެއީ މުސާރަ ނުދީ މަސައްކަތްކުރުވާ އެމީހުން އެކްސްޕްލޮއިޓް ކުރަން މަގުފަހިވެގެން ދާނެ ކަމެއް ، ގާނޫނީ ހައްލެއް ބޭނުންވޭ

The name is already taken The name is available. Register?

ޑޯން

05 July 2020

ކޮންމްޕޭނީން މުސާރަނުދިނަސް ނުޖެހެދޯ ފުލުހުންނާ ހަގަކުރާމަކުރާކަށް.....

The name is already taken The name is available. Register?

ހާމިދު ޝާހިދު

05 July 2020

ރަނގަޅު އާޓިކަލްއެކެވެ. ކަމުގެ އަސްލަށް ވާސިލުވުމުގެ މުހިންމު ކަން ފާހަގަ ކޮށްފައިވާ އާޓިކަލްއެކެވެ. މިފަދަ އާޓިކަލް އިތުކުރާނަމަ މިމައްސަލަތައް ހައްލުވެގެން ދާނެއެވެ. އަދި، މިކަމުގައި އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކައާއި، ކުރީގެ ސަރުކާރުތަކުގެ އިމިގްރޭޝަން ވެރިންނާވެސް ސުވާލުކޮށްލިނަމަ އިތުރު މުހިންމު މަޢުލޫމާތުތަކެއް ތިލަވެގެންދާނެއެވެ. މިކަމަކީ، ރައީސް މައުމޫނުގެ ޒަމާނުންސުރެއް ހިނގަމުންދާ ހައްލުނުވެ އޮތް މައްސަލައެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!