ޒާހިލް: ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރަޔަކަށް

ގޮތް ނޭނގޭ ކަމެއްގައި ދަރިޔަކު އުފުލަމުން ދާ ވޭން ތަހައްމަލްކުރުމަކީ، ދަރިން ދެކެ ލޯބިވާ، މައިންބަފައިންނަށް ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމުގެ އުފާވެރިކަން ގުރުބާންކޮށް، ދަރިފުޅުގެ ހިމާޔަތުގައި އެ މީހުން ތިބެނީ ނުކުމެ އެވެ. މާލީ ގޮތުން ތަނަވަސްކަން ނެތަސް، ކޮންމެވެސް ގޮތަކުން ފައިސާ ލިބޭތޯ އެ މީހުން މަސައްކަތްކުރެ އެވެ. ބަލީގެ ހަގީގަތް ހޯދައި، ލިބެން ހުރި އެންމެ ރަނގަޅު ފަރުވާއަކަށް އުއްމީދުކުރެ އެވެ.


ހދ. ނެއްލައިދޫގައި ރަމްޒިއްޔާ ހާރޫން، އޭނާގެ 17 އަހަރުގެ އިބްރާހިމް ޒާހިލްއާ އެކު ދިރިއުޅެމުން އެ ދަނީ، އެ އުއްމީދާއި، އެ ހިތްވަރުގަ އެވެ. ޒާހިލްގެ ބައްޕަ، މުހައްމަދު ރަޝީދު ފުލްމޫން ރިސޯޓްގައި ވަޒީފާ އަދާކުރަމުން، އާއިލާގެ ހަރަދުތައް ބަލަހައްޓަމުން އެދަނީ، އެންމެ ކުޑައިރުއްސުރެ ވެސް ގޮތް ނޭނގޭ ސިއްހީ މައްސަލަތަކެއްގައި އުޅެމުން ދާ ދަރިފުޅަށް، ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ދުވަހެއް ގެނެސްދިނުމުގެ ދުއާއާ އެކު އެވެ.

ޒާހިލް އަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އުއްމީދުތަކެއް ނުގެއްލެ އެވެ. އެހެންކަމުން ބަލި އެނދުގައި ދުވަސްތައް ވޭތުކުރިޔަސް، އަލި މުސްތަގުބަލަކަށް ދެކޭ ހުވަފެން މި އާއިލާގެ ތެރޭގައި މަރެއް ނުވެ އެވެ.

ޒާހިލް: އަބަދުވެސް އުޅެން ޖެހިފައި ވަނީ ސިއްހީ މައްސަލަތަކެއްގައި

ޒާހިލްގެ ބަލީގެ ހަގީގަތެއް ނޭނގުނު

ހަންފޮޅުމާއި ބިހި ނެގުމަކީ އާންމުކޮށް ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ޒާހިލްގެ ހަށިގަނޑުގައި ބިހި ނަގައި ހަންފޮޅޭކަން ފާހަގަ ވާން ފެށީ އެންމެ ތިން މަހުގަ އެވެ. މާލެ އާއި އިންޑިއާގައި ދެއްކި ޑޮކްޓަރުންގެ ޖަވާބަކަށްވީ "އެއީ ކަމެއް ނޫން، ބޭސް އުނގުޅީމާ ރަނގަޅުވާނެ" މި އެވެ.

އެ ރަނގަޅުވުމެއް ދާއިމީ ގޮތަކަށް ނުފެނުނެވެ. ބޭސް ކައި އަދި ބޭސް އުނގުޅުމުން ބައެއް ފަހަރަށް އެ ނިޝާންތައް ފިލާހެން ހީވެ އެވެ. އެކަމަކު ދެން ކުރިމަތިލާން ޖެހޭ އެހެން މައްސަލަތައް ގިނަވެ، ޒާހިލްގެ ދިރިއުޅުން ފަރުވާއެއް ނެތް ކަމެއްގެ ތެރެއަށް ވެއްޓުނެވެ.

"ތިން މަހުގައި ފާހަގަކުރެވުނު ބިހި ނަގައި، ހަންފޮޅޭކަން. ހަތް މަހުން ފެށިގެން ދެ އަތާއި ދެ ފައިގައި ހުންނަނީ މަދިރި ހެފީމާ ހުންނަ ގޮތަށް ފިއްގަނޑު ނަގާފައި. އެ ފިއްގަނޑުތައް ކަޅުވެފައި ހަރުކޮށް ހުންނަނީ،" ރަމްޒިއްޔާ ބުންޏެވެ.

"ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އިސްތަށިތައް ވެސް ތަތްލާފައި ހުންނަ ކަން. އެހާ ހިސާބުން އަޅުގަނޑުމެން ކަންބޮޑުވާން ފެށީ. ދެން މާލެ ބަދަލުވާން ހިތަށްއެރީ."

އެކަމަކު ވިލިމާލެއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ޒާހިލްގެ ސިއްހީ ފަރުވާއަށް ދެމަފިރިން ހުސްވެގެން ތިއްބަސް، ބަލީގެ ހަގީގަތެއް، އެކަން ރަނގަޅުކުރާނެ ގޮތެއް، އެނގުނު ޑޮކްޓަރަކާ ބައްދަލެއް ނުވި އެވެ. އިންޑިއާގައި 2007 އިން 2012 އަށް ދިރިއުޅުނު އިރު ވެސް ދާއިމީ ހައްލެއް ނުލިބުނެވެ. އޭގެ ބަދަލުގައި ދެން ކުރިމަތިލާން ޖެހުނީ މާ ބޮޑު ނުރައްކަލަކާ އެވެ: ކާ އެއްޗެހި ހަޖަމްނުވެ ބޮޑުކަމު ދެވެން ފެށުމެވެ.

"ޑޮކްޓަރަށް ދެއްކުމުން ބުނީ ބަނޑުގައި ފަންޏެއް އުޅެނިންޏޭ. ބޭސް ދީގެން އެ ފަނި ނައްތާލި،" ރަމްޒިއްޔާ ބުންޏެވެ.

ޒާހިލް އަށް ފަހުން ދިމާވާން ފެށި ގޮހޮރުގެ މައްސަލަތަކާއި ކުޑައިރުއްސުރެ އޭނާ ތަހައްމަލްކުރަމުން ދިޔަ ހަމުގެ ބައްޔާ ގުޅުން ހުރި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ގޮހޮރުގެ މައްސަލަތައް ސީރިއަސް ވީ އިރު، އިންޑިއާ ދޫކޮށް އާއިލާ ވަނީ އަނެއްކާ ރަށަށް ބަދަލުވެފަ އެވެ.

"ހޮޑުލާއިރު ކަޅު ކުލައިގައި ހުންނަނީ. ޑޮކްޓަރުން ބުނީ ހަށިގަނޑުގެ ތެރެއަށް ލޭ އެތެރެވާތީ ކަޅުވަނީ ކަމަށް،" ރަމްޒިއްޔާ ކިޔައިދިނެވެ.

ގޮހޮރުގެ އޮޕަރޭޝަނަށް ފަހު ޒާހިލް ނެއްލައިދޫގައި: އާއިލާ އިން އެދެނީ ދީލަތި އެހީއަކަށް

ގޮހޮރު އޮތީ ފޫގޮސް!

އޭނާ ބުނި ގޮތުގައި އާސަންދައިގެ ދަށުން އެހީ ހޯދައިގެން މިދިއަ އަހަރު ބެންގަލޫރަށް ގޮސް ގޮހޮރުގެ އޮޕަރޭޝެއްކޮށް، "ފޫގޮސްފައި ހުރި ބައި ބައްދާ ހަޖަމްވާ ގޮތަށް ހެދި" އެވެ.

އެ އޮޕަރޭޝަނަށް ފަހު އެއް މަސް ދުވަސް ވަންދެން ޒާހިލް ނުކައި ހުންނަން ޖެހުނެވެ. އެ މުއްދަތު ހަމަވެގެން ކާން ފެށިތާ ތިން ދުވަސް ފަހުން އާދަޔާ ހިލާފަށް ދުޅަވެ، އަނގައިން ލޭ އަންނަން ފެށި އެވެ. ނަމަވެސް ޒާހިލްގެ ދެ ވަނަ އޮޕަރޭޝަނެއް ކުރެވޭނީ ތިން މަސް ފަހުން ކަމަށް ބުނުމުން ދަރިފުޅު ގޮވައިގެން ރަމްޒިއްޔާމެން އެނބުރި ރާއްޖެ އައީ އެވެ.

ޒާހިލްގެ ކާތަކެތި ދަތުރުކުރާ ހޮޅި ވަނީ ހަލާކުވެފަ އެވެ. މިހާރު އޭނާ އަށް ކާންދެނީ ބަނޑަށް ހޮޅި ލައްވައިގެން ދިޔާ އެއްޗިއްސެވެ.

"ބަނޑު ތޮރުފައިގެން ހޮޅި ލައްވާފައި ކާން މި ދެނީ. ރަނގަޅަށް ނުކެވޭތީ ހަށިގަނޑު ވަރަށް ދެރަ،" ރަމްޒިއްޔާ ބުންޏެވެ.

"ހަށިގަނޑު ރަނގަޅުވެއްޖެ ނަމަ ދާއިމީ ހޮޅިއެއް ލައްވާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ. އެހެން ނޫނީ މިހާރު ވެސް ކާންދޭ ގޮތަށް އެކަން ކުރަން ޖެހޭނީ."

ޒާހިލް އަކީ ރަމްޒިއްޔާ އާއި ރަޝީދުގެ ތިބި ހަތަރު ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޭނާގެ ދޮއްޓަށް ދެ ދައްތަ އާއި ހަގަށް އަންހެން ކޮއްކޮޔަކު ހުރެ އެވެ.

އުމުރުން މިވީ 17 އަހަރުގައި ޒާހިލް އަށް އަބަދުހެން އުޅެން ޖެހިފައި ވަނީ ސިއްހީ މައްސަލަތަކުގަ އެވެ. އަދި މިހާރު ކުރިމަތިވެފައި އޮތް އުނދަގުލާއި ހިތްދަތިކަން، ހަމުގެ މައްސަލަތަކަށް ވުރެ މާ ބޮޑެވެ. އާއިލާ އިން ބުނާ ގޮތުގައި އޭނާ އަށް ދާއިމީ ހައްލެއް ލިބެން އޮތީ މި ސަރަހައްދަށް ވުރެ ސިއްހީ ހިދުމަތް ތަރައްގީވެފައިވާ ގައުމަކަށް ގޮސްގެންނެވެ. އެހެންކަމުން ރަމްޒިއްޔާ އިސްވެ ހުރެ، ސޯޝަލް މީޑިއާގައި މިހާރު އަންނަނީ އެހީ ހޯދުމުގެ ކެމްޕޭނެއް ކުރަމުންނެވެ.

"އަޅުގަނޑުމެން އުއްމީދެއް ކަނޑައެއް ނުލަން. އަޅުގަނޑުމެން އުއްމީދު މިކުރަނީ ދީލަތި ފަރާތްތަކުގެ އެހީގައި ތަންކޮޅެއް ދުރު ގައުމަކަށް ގޮސް ފަރުވާއެއް ލިބޭނެ ކަމަށް،" ރަށުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ރަމްޒިއްޔާ ބުންޏެވެ.

އެޑިޓަރުގެ ނޯޓު:

އިބްރާހިމް ޒާހިލް އަށް އެހީއެއް ދެއްވަން ބޭނުންފުޅު ނަމަ...

އެކައުންޓް ނަންބަރު: 7730000089085

މުހައްމަދު ރަޝީދު، ފޯން: 7931608