ސަފާރީގައި ހިންގި ޖިންސީ ގޯނާއާ ބެހޭ ޕްރެސް ކޮންފަރެންސް އެންމެ ފަހުން މިއަދު

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިއަ މަހު 25 ވަނަ ދުވަހުގެ ރޭ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ނިއުސް ކޮންފަރެންސެއް ބާއްވަން މަސައްކަތްކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ފުލުހުން ބުނިތާ ދެ ހަފުތާ ފަހުން މިއަދު ބާއްވަން ނިންމައިފި އެވެ.


ވަޒީފާ އަދާކުރަން ރާއްޖެ އައިސް ހުރި 27 އަހަރުގެ އަންހެންމީހާ އަށް ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ދޫކޮށްލުމާ ގުޅިގެން ފުލުހުންނަށް އަމާޒުވި ތުހުމަތުތަކަށް ކޮމިޓީގައި ޖަވާބުދާރީވެވަޑައިގެން ވާހަކަދައްކަވަމުން ޖުލައި 1 ގައި، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލަމަންނާން ޔޫސުފް ވިދާޅުވީ އެ ހަފްތާގައި ނިއުސް ކޮންފަރެންސެއް ބޭއްވުމުގެ ވިސްނުން ހުރެގެން އެކަން ކުރަން ފުލުހުން މަސައްކަތްކުރާނެ ކަމަށެވެ. އެކަމަކު އެ ޕްރެސް އެންމެ ފަހުން މިއަދު އޮންނާނެ ކަމަށް، ފުލުހުން މިހާރު ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މަންނާން ވަނީ އެ ޕްރެސް ކޮންފަރެންސް ވާނީ މީޑިއާ އަށް ހަގީގަތް ހާމަކޮށްދޭ ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އެކަމަކު މިހާތަނަށް އެ ޕްރެސް ކޮންފަރެންސް ނުބޭއްވުމުގެ އިތުރުން، މި މައްސަލައިގެ މައުލޫމާތު ހާމަކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމުގެ ސުވާލު އެ ދުވަހު އެ ކޮމިޓީގައި ވެސް ކޮށްފައިވެ އެވެ. ހާއްސަކޮށް، ކަން ހިނގި ގޮތުގެ ވާހަކަ ދެ ގޮތަކަށް ފެތުރި ބޮޑު މައްސަލަގަނޑެއް އުފެދުނީ ނޫސްވެރިންނާއި އާއްމުންނަށް ފުލުހުން ރަނގަޅަށް ޖަވާބު ނުދީ ލަސްކުރުމުން ކަމުގެ ތުހުމަތު އެބަ އޮތެވެ.

މައްސަލަ ބޮޑުވެގެން ގޮސް ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ތަހުގީގުތައް ފަށަން ޖެހުނު މި ކޭސްގައި ސާފުވާން ޖެހޭ ކަންކަން އަދިވެސް އެބަ ހުއްޓެވެ.

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކޮށްފައިވާ ގޮތުގެ ޓައިމްލައިން

ރޭޕް އާއި ގޯނާ: ދެ ގޮތަކަށް ވާހަކަ ފެތުރުނު ސަބަބު

އާއްމުންގެ ރުޅިގަނޑު ފަޅައިގެންދިޔައީ ހައްޔަރުކޮށްފައި ދޫކޮށްލި، އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކާ އާއިލީ ގުޅުން އޮތް ދެ މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ނުފޫޒުގެ ތުހުމަތު ފެންމަތިވެފައި އޮއްވާ، "މެންދުރު" ކިޔާ ވެބްސައިޓެއްގައި ޖެހި ލިޔުމަކާ ގުޅިގެންނެވެ. އަނިޔާވެރި ގޮތަކަށް އަންހެންމީހާ ރޭޕްކުރީ ކަމަށް އޭގައި ވަރަށް ތަފްސީލްކޮށް ސިފަކޮށްފައި އޮތެވެ. އަދި ފުލުހުންގެ މައި މަރުކަޒުން ނުފޫޒު ފޯރުވައިގެން އެ މައްސަލަ އޮއްބާލަން މަސައްކަތްކުރި ކަމަށާއި ފަހުން މީހަކު ގުޅައި އިންޒާރު ދީ، ރޭޕް ނުކުރާ ކަމަށް ފުލުހުންނަށާއި މީޑިއާ އަށް ކިޔައިދީފި ނަމަ، ބައި މިލިއަން ޑޮލަރު ދޭން ހުށަހެޅި ކަމަށް، އަންހެންމީހާއާ ހަވާލާދީ އޭގައި ތުހުމަތުކޮށްފައިވެ އެވެ.

އެކަމަކު އެ އަންހެންމީހާ "މިހާރު"އާ ވާހަކަ ދައްކަމުން އެ ވާހަކަތައް ދޮގުކޮށް ބުނެފައި ވަނީ އެފަދަ އިންޓަވިއުއެއް އެއްވެސް މީޑިއާއަކަށް އޭނާ ދީފައި ނުވާނެ ކަމަށެވެ. އެކަމަކު ބައެއް މީހުން އޭނާގެ އެ ވާހަކަ ގަބޫލެއް ނުކުރި އެވެ.

"މެންދުރު"ގައި ޖެހި ލިޔުމާ ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނުގައި އެ ލިޔުމާ ދިމާވާ ބައެއް މައުލޫމާތު ހުރުމުން، "މެންދުރު"ގައި ސިފަކޮށްފައި އޮތް ރޭޕާއި ނުފޫޒަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން އާއްމުންނަށް ފަސޭހަވި އެވެ. އެގޮތުން ބޮޑަށް ފާހަގަވި ތަފްސީލަކީ ސަލާމަތްވާން އޭނާ މޫދަށް ފުންމާލި ފުންމާލުމެވެ. ސަފާރީގެ ޑެކު މަތިން މޫދަށް ފުންމާލީ ޖިންސީ ގޯނާކުރި މީހާ، އޭނާއާ ދުރަށް ގޮސް އަނެއްކާވެސް އެނބުރި އަންނަ ތަން ފެނިގެން އޭނާގެ ކިބައިން ސަލާމަތްވާން ކަމަށް އަންހެންމީހާ "މިހާރު" އަށް ވެސް ބުންޏެވެ.

މޫދަށް ފުންމާލި ވާހަކަ ދިމާވިޔަސް، އަންހެންމީހާ ފުލުހުންނަށް ކިޔައިދިނީ ރޭޕެއްގެ ވާހަކަ ނޫން ކަމަށް ބަލަން ބާރު ލިބޭ ކަމެއް އެބަ އޮތެވެ. އެއީ، މި ކޭސްގެ އެއްވެސް ކަމެއް ނޫސްވެރިންނަށާއި އާއްމުންނަށް ނޭނގެނީސް އެންމެ ފުރަތަމަ ފުލުހުން އަމިއްލަ އަށް ދިން މައުލޫމާތުގައި ވެސް ބުނެފައި އޮތީ ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅި ކަމަށެވެ. ޖިންސީ ކުށުގެ ގާނޫނުގައި ކުށްތައް ދަރަޖަކޮށްފައި ހުރީ ރޭޕާއި ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ އާއި ޖިންސީ އަމަލަކީ ތަފާތު ކަންތައްތަކެއްގެ ގޮތުގަ އެވެ. ޖިންސީ ގޯނާއަކީ "ރޭޕްކުރުމަށް ނުވާ ގޮތުން، އަދި، ޖިންސީ އަނިޔާ އަށް ނުވާ ގޮތުން" ނުރުހުމުގައި ޖިންސީ ގުނަވަނެއްގައި އަތްލުން ނުވަތަ އެފަދަ ގުނަވަނަކަށް ހާނިއްކައެއް ނުވަތަ އިހާނެތި ކަމެއް ކުރުމެވެ. އަންހެންމީހާ "މިހާރު"އަށް ވެސް ކިޔައިދީފައި ވަނީ ރޭޕެއް ނުހިނގާ ކަމަށާއި މީހަކު އޭނާގެ ގުނަވަންތަކުގައި އަތްލީ ކަމަށެވެ.

އެކަމަކު ވެސް މި މައްސަލައިގައި އާއްމުންގެ ތެރޭގައި އުފެދިފައި ހުރި ޝައްކުތައް އަދިވެސް ފިލައިގެނެއް ނުދެ އެވެ.

ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ފުލުހުންނާ ސުވާލުކުރައްވަނީ. --ފޮޓޯ/މަޖިލިސް

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ފުލުހުން ޖަވާބުދާރީކުރި އިރު މެމްބަރުން އެންމެ ބޮޑަށް ކުރި އެއް ސުވާލަކީ ފުލުހުންގެ ވާހަކަ ތެދު ނަމަ، "މެންދުރު"ގެ ރިޕޯޓުގައި ހުރި ވާހަކަތައް ތަފާތީ ކީއްވެގެންތޯ އެވެ. އެއަށް ފުލުހުން ދިން ޖަވާބަކީ ހަގީގަތް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމެވެ.

"އަޅުގަނޑުމެން މި ވަގުތު އަރާ، 'ނޫނެކޭ، ތިކަންވީ ތިހެނެއް ނޫނޭ، މިހެންނޭ' އެހެން ބުނެވޭ ހާލަތެއްގައެއް ނޫން އަދި އަޅުގަނޑުމެން ވެސް މި ތިބީ. އަޅުގަނޑުމެން ވެސް ހަމަ ބަލަމުން މި ދަނީ،" ޖުލައި 1ގައި މަންނާން ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އޭގެ ހަގީގަތް ފެންނާނެ، އެނގޭނެ. އެނގުނީމަ އަޅުގަނޑުމެން މީޑިއާ އަށް ހާމަކުރާނަން. އެގޮތުން ހާމަކުރާނެ ޕްރެސް ކޮންފަރެންސެއްގެ ވާހަކަ މި ދަންނަވާލީ. އަޅުގަނޑުމެން އެބަ ތައްޔާރުވަމޭ އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭގައި ބޭއްވޭތޯ."

"މެންދުރު"ގައި ޖެހި ރިޕޯޓާ ގުޅިގެން ކޮމިޓީގައި މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ "މި ކަހަލަ ބޮޑު ވާހަކައެއް ފެބްރިކޭޓްކުރަން" މައުލޫމާތުތަކެއް ލިބުނީ ފުލުހުންގެ ތެރެއިން މައުލޫމާތުތަކެއް ލީކުކޮށްލައިގެންތޯ އެއީ ފުލުހުން "ވިސްނާލުން ރަނގަޅު އެންގަލްއެއް" ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި އެ ގޮތަށް ތުހުމަތުކުރެވޭތޯ ފުލުހުންގެ އިސް ބޭފުޅުންނާ އޭނާ ސުވާލުކުރެއްވި އެވެ. އެކަމަކު އެ ސުވާލަށް ފުލުހުން ޖަވާބެއް ނުދެ އެވެ.

މިހާރު މައްސަލަ ތަހުގީގުކުރަމުން އަންނަ ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މަރިޔަމް އަޒްމާ ކޮމިޓީގައި ވިދާޅުވިގޮތުގައި ފުލުހުންނަށް އަންހެންމީހާ ދީފައި އޮތް ބަޔާނާ ތަފާތު ގޮތަކަށް ވާހަކަ ފެތުރުމުން، އަނިޔާ ލިބުނު މީހެއްގެ ނަޒަރުން ފުލުހުން ވިސްނި އެވެ. އަދި ކަން ހިނގި ވަގުތު ނުވަތަ ހާދިސާގެ ކުރީކޮޅު އެ ވާހަކަ ދައްކަން އަންހެންމީހާ އަށް ފަހަރުގައި އުނދަގޫވެފައި އޮވެދާނެ ކަމަށް ބަލައި ދެވަނަ ފަހަރަށް އޭނާ ގެންގޮސްގެން ސުވާލުކުރުމުން ވެސް ވާހަކަ ދެއްކީ ކުރިން ބަޔާން ދީފައި އޮތް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަޒްމާ ވިދާޅުވީ އަންހެންމީހާއާ ވާހަކަދެއްކެވީ ސީދާ އޭނާ ކަމަށެވެ.

"ދެން އަޅުގަނޑުމެން އިންނާނެ ވިކްޓިމް ރިފަރަލް ހަދަން ޖެހޭ ތަންތަނަށް ރިފަރަލް ހަދާފައި. އެކަމަކު މީޑިއާގައި ސިފަވެފައި އޮތް ގޮތަކަށް ނޫން އަސްލު ކަން ހިނގީ. އެހެން ނަމަވެސް ޖިންސީ އަނިޔާގެ ކަންތައްތަކަކީ ބޮޑެތި ކަންތައްތަކަށް ވީމަ އެ ނަޒަރިއްޔާތުން އަޅުގަނޑުމެން މީގެ ތަހުގީގު ކުރިއަށް ގެންގޮސްފައި އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

މަންނާން ވިދާޅުވެފައި ވަނީ "ރޭޕެއް ނުހިނގާ ކަމަށް ރޫލް އައުޓްކުރަނީއެއް ވެސް ނޫން" ކަމަށެވެ. ފުލުހުންގެ ތަހުގީގު ކުރިއަށްދާ އިރު ލިބޭ ހެކިތަކުގެ މައްޗަށް ބުރަވެ "އެއީ ރޭޕެއް ނުވަތަ އެޓެމްޕްޓެޑް ރޭޕެއް ކަމުގައިވާ ނަމަ އެ ގޮތަށް ވެސް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން" ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ވެރިޔާ އަދި މި ވަގުތު ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާ ވެސް ހަވާލުވެ ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު "މެންދުރު"ގެ ލިޔުމަށް އިޝާރާތްކުރައްވައި ވިދާޅުވި ގޮތުގައި އެ ލިޔުން ޝާއިއުކުރި މީހުންގެ މައްޗަށް ދައުވާކުރަން އަންހެންމީހާ ބޭނުންވާތީ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ އެކަން ތަހުގީގުކުރަމުންނެވެ. އޭނާ ވިދާޅުވީ އެ ލިޔުން ވެބްސައިޓުން ނަގައި އިންސާފު ލިބެން އަންހެންމީހާ ބޭނުންވާ ކަމަށެވެ.

"މީޑިއާއެއްގައި ވިކްޓިމްއަކާ ބެހޭ މައުލޫމާތު ހާމަކޮށްގެން ތަފާތު ގޮތަކަށް އެ ކަންކަން ގެނެސްދިނީމަ މިއަދު ވެސް އެ ވިކްޓިމް އޭގެ އަސަރުކޮށްގެން އެ ކަމުގެ އުނދަގުލެއްގައި އެ އުޅެނީ. މުޅި ޕަބްލިކް ތެރޭގައި އޭނާއާ މެދުގައި ތަފާތު ގޮތަކަށް ވިސްނި އަދި އޭގެ ސަބަބުން މަގުމަތީގައި ހިނގަން އުނދަގޫވާ ހިސާބަށް ގޮސްގެން އޭނަ އެ އުޅެނީ،" ބަޝީރު ވިދާޅުވި އެވެ.

އެކަމަކު ތަފާތު ގޮތަކަށް ވާހަކަ ފެތުރި މި މައްސަލަ ހޫނުވީ މި ކަމުގެ މައުލޫމާތު ހާމަކުރުމުގައި ލަސްވުންތަކާއި އުނި ކަންތައްތަކެއް ހުރުމުގެ ސަބަބުން ކަމަށް ގަބޫލުކުރަންތޯ ކޮމިޓީގައި ސުވާލު އަމާޒުވި އެވެ. މަންނާން ވިދާޅުވީ މީޑިއާ އަށް އޮންނަ ވަޓްސްއެޕް ގްރޫޕުގައި މައުލޫމާތު ދީފައިވާނެ ކަމަށެވެ. އެކަމަކު "މެންދުރު"ގެ ރިޕޯޓަށް ފަހު ބަޔާން ނެރުމާ ދެމެދު ހޭދަވީ، އޭނާ ވިދާޅުވި ގޮތުގައި، ވިކްޓިމް އަށް އުނދަގޫ ނުވާނެ ގޮތަށް ވަރަށް ބަލައިގެން އޭނާ އަލުން ޕޮލިހަށް ގެންގޮސް އިތުރަށް ވާހަކަދައްކައި އޭނާގެ ބަޔާން އިތުރަށް ކަށަވަރުކުރަން ނެގި ވަގުތެވެ.

"ފުލުހުން ކަމަކާ ގުޅޭ ގޮތުން އެއްޗެއް ބުނަންވާނީ ބަލާފައި،" މަންނާން ވިދާޅުވި އެވެ.

"ފަހަރެއްގައި ތި ވިދާޅުވާހެން މީޑިއާ އިން ބޭނުންފުޅުވާހާ އަވަހަށް އަޅުގަނޑުމެން އެއްޗެއް ބުނެފައި ނެތިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މަގްސަދަކަށް ވީ ކަމުގެ ހަގީގަތް ހާމަކޮށްދިނުން. ކަމުގެ ހަގީގަތް ހާމަކޮށްދެވޭނީ އެ ވިކްޓިމްއާ އިތުރަށް ވާހަކަދައްކާފައި ކަމަށް ވާތީ އެކަން ނުކޮށް އަޅުގަނޑުމެން އެއްޗެއް ބުނުން ލަސްކޮށްލީ."

އަމަލުކުރީ އުސޫލުތަކާ އެއްގޮތަށްތަ؟

މި ކޭސްގެ މައްސަލަ ހޫނުވާން ފެށި މައިގަނޑު ސަބަބަކީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ބަޔަކު ކޯޓަށް ނުގެންގޮސް ދޫކޮށްލުމެވެ. އެ ކަމާ ބެހޭ ގޮތުން ފުލުހުން އެކި ފަހަރު މަތިން ދީފައިވާ ޖަވާބުތަކަކީ "ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން"، "ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން" އަދި "އެ ވަގުތާ ހަމައަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ނުފެންނާތީ" ދޫކޮށްލީ ކަމެވެ.

މަޖިލީހުގެ ކޮމިޓީގައި ފުލުހުން ބުނިގޮތުގައި ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލީ، ކުށް ސާބިތުކުރަން އިސްކަންދިނުމުގެ އުސޫލެއް ހުރިހާ މައްސަލަތަކެއްގައި ވެސް ގެންގުޅޭތީ އެވެ.

ބަޝީރު ވިދާޅުވީ "މީހަކު ހައްޔަރުކޮށްގެން ގެންގުޅެފައި އިޖުރާއަތްތަކުގެ ތެރޭގައި 30 ދުވަސް ހަމަވީމަ ކުށް ސާބިތު ނުވެގެން ނުވަތަ އޭނާގެ މައްޗަށް ހުށަހަޅާނެ ހެއްކެއް ނެތިގެން ދޫކޮށްލުމަށް ވުރެ، އަޅުގަނޑުމެންނަށް ފައިދާ ބޮޑީ އޭނާ ދޫކޮށްލާފައި ބަހައްޓައިގެން ދިގު މުއްދަތު ނަގައިގެން ވިޔަސް މައްސަލަ ސާބިތުކުރުމަށް ހެކި ހޯދުމަށް ވަގުތު ހޯދުން" ކަމަށެވެ.

"އެ ވަގުތަށް ލިބިފައި ހުރި މައުލޫމާތާއި ހެއްކަށް ބަލާއިރުގައި އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ އެ ވަގުތު ހައްޔަރުން ދޫކޮށްފައި ފަހުން މި މައްސަލަ ތަހުގީގުކޮށްގެން ޝަރީއަތަށް ހުށަހެޅުން ކަމަށް، ނޫނީ ހައްޔަރުކުރަން ޖެހިއްޖެއްޔާ ފަހުން ހައްޔަރުކުރަން ކަމަށް [ނިންމީ]،" މަޖިލިހުގެ ކޮމިޓީގައި ބަޝީރު ވިދާޅުވި އެވެ.

މައްސަލަ ނުބަލަން ނުވަތަ ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ފަރާތުން އެއްވެސް ފުލުހަކަށް އަންގަވާފައި ނުވާ ކަމަށް ޖޫން 27ގެ ރޭ ނޫސްވެރިންނަށް ފުލުހުން ޖަވާބުދީފައިވެ އެވެ. އަދި ތަހުގީގު ކުރިއަށް ގެންދަނީ އެއްވެސް ނުފޫޒެއް ނެތި އުސޫލުތަކާ އެއްގޮތަށް ކަމަށް ފުލުހުން ފަހުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެކަމަކު ޖިންސީ ގޯނާ އާއި ބަނގުރާ ބުއިމުގެ ތުހުމަތުގައި ހައްޔަރުކުރި ބަޔަކު ކޯޓަށް ނުގެންގޮސް ދޫކޮށްލައިގެން ވާނެ ކަމަކަށް ބައެއް އާއްމުން ގަބޫލެއް ނުކުރެ އެވެ.

ކޮމިޓީގައި ކުރި ސުވާލުތަކާ ގުޅިގެން އެނގުނު ކަންކަމުން ވެސް އިތުރު ޝައްކުތަކަށް ވަނީ ޖާގަ ލިބިފަ އެވެ. އެއް ކަމަކީ ފަތިހު ހިނގި ކަމެއްގައި ސަފާރީ ޗެކްކުރުން މެންދުރާ ހަމައަށް ލަސްކުރުމެވެ. އަނެއް ކަމަކީ ހައްޔަރުކުރި މީހުން ތިބީ މަސްތުގެ ހާލަތުގައިތޯ ނުބެލުމެވެ.

ސަފާރީގައި އަންމީހާ އަށް ބަނގުރާ ދިން ކަމަށް ފުލުހުން ގާތު އޭނާ ބުނެފައި އޮތް އިރު އެ ދެ މީހުން ބަނގުރަލަށް ޓެސްޓުކުރިތޯ މެމްބަރު މުހައްމަދު ނާޒިމް ސުވާލުކުރެއްވި އެވެ. އަދި ޔޫރިން ޓެސްޓެއް ކުރަން ޖެހޭކަން ފާހަގަވިތޯ ސުވާލުކުރައްވަމުން މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުން ވެސް މަސްތުވާތަކެއްޗަށް ޓެސްޓުކޮށްފައި އެބަ ހުއްޓެވެ. އެކަމަކު ޖަވާބުގައި މަންނާން ވިދާޅުވީ ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންނަށް، އެފަދަ ޓެސްޓެއް ކުރަން ޖެހިދާނެ ސަބަބެއް އޮތް ކަމަށް ފާހަގަކުރެވުނު ކަމަށް "ރެކޯޑްކޮށްފައި ނެތުނީމަ އަޅުގަނޑުމެން އެ ކަމެއް ނުކުރަން" ކަމަށެވެ.

"ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގައި އެ އުފުލޭ ތުހުމަތަކާ ގުޅެނީ، އެއާ ގުޅިގެން ފުލުހުން ދެން ކުރާނެ ކަންކަން،" ހުށަހެޅީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

އަދިވެސް ޝައްކު ނުފިލާ އޮތް މި ހާލަތުގައި އެނގުން މުހިއްމު އެއް ކަމަކީ މި ބާވަތުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް މި ގޮތަށް މީހުން ދޫކޮށްފައި އެބަހުރިތޯ އާއި އެއީ ކިތައް ފަހަރުތޯ އެވެ. އަނެއް މައުލޫމާތަކީ ފުލުހުން އަމަލުކުރަން ޖެހެނީ ކޮން ގޮތަކަށްތޯ އެވެ.

ވަކި އުސޫލެއް ނުވަތަ އެސްއޯޕީއެއް އޮވޭތޯ މަޖިލީހުގެ ކޮމިޓީގައި ސުވާލުކުރުމުން މަންނާން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުން އަމަލުކުރަން ޖެހޭ ގަވާއިދެއް ހަދާފައި އޮތް ކަމަށެވެ. އެ ގަވާއިދުގައި، މައްސަލައެއް ހުށަހެޅިއްޖެއްޔާ ފުލުހުން އަމަލުކުރާނެ ގޮތް ކަނޑައަޅާފައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު މަންނާނު ވިދާޅުވި ގޮތުގައި އެކި ބާވަތްތަކުގެ މައްސަލަތަކަށް ވަކިވަކި އުސޫލުތަކެއް އޭގައި ހިމަނާފައެއް ނެތެވެ.

"ޖިންސީ ކުށުގެ މައްސަލަތަކުގައި އަމަލުކުރަން، "ރިވައިސްކުރަން ޖެހިފައި، އެހާ ކޮމްޕްރިހެންސިވް އެއްޗެއް ނޫން ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރާ އެސްއޯޕީއެއް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ސާބިތުކަމާ އެއްކޮށް ދަންނަވަން ކެރޭ، ޖިންސީ ގޯނާއެއްގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނީމާ އަމަލުކުރަން ޖެހޭ އިޖުރާއަތްތަކާ ހިލާފު އެއްވެސް ކަމެއް މި މައްސަލައިގައި ފެންނާކަށް ނެތޭ."

މި ކަމުގައި ފުލުހުން އަމަލުކުރީ ރަނގަޅަށްތޯ ނޫންތޯ އާއްމުންނަށް ކަށަވަރުކޮށްދޭން ޖެހެނީ މިނިވަން މުއައްސަސާތަކުންނެވެ. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަނީ މައްސަލަ ބަލަމުންނެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފުލުހުން ޖަވާބުދާރީކުރި ބައްދަލުވުމުގެ އޯޑިއޯ