މި ފެންނަނީ "ކޯޕަރޭޓް އިންސާފު"!

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ބޮޑު ހަަމަނުޖެހުމަށް ފަހު ޑިވެލޮޕަރު ދިޔައީ ބ. ތުޅާދޫ ކޯޓަށެވެ. ބޮޑުފިނޮޅު ތަރައްގީ ކުރާ ސީލް މޯލްޑިވްސް އިން ކޯޓަށް ހުށަހެޅީ އެ ކުންފުނީގެ އެއް ކޮންޓްރެކްޓަރު ކަމަށްވާ ޒިޒް ޕްރައިވެޓް ލިމިޓެޑުން ބޮޑުފިނޮޅަށް ގެންގޮސްފައި ތިބި ބިދޭސީންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން، އެމީހުން ހިންގި ހަމަނުޖެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާށެވެ.


ރިޒް ކުންފުނިން މުސާރަ ނުދީ ބޮޑުފިނޮޅަށް އުކާލާފައި ތިބި ބިދޭސީން ރުޅި އައިސްގެން ހިންގި ހަމަނުޖެހުމުގައި ސީލް މޯލްޑިވްސް އާއި އެކުންފުނީގެ އެހެން ކޮންޓްރެކްޓަރުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެހެންވެ ބަދަލު ހޯދަން ކުރި ދައުވާއާ އެކު ސީލުން އެދުނީ ބޮޑުފިނޮޅުގައި ތިބި ރިޒްގެ މުވައްޒަފުން އެރަށުން ބޭލުމުގެ އަމުރަކަށެވެ. ތުޅާދޫ ކޯޓުން އެ އަމުރު އެގޮތަށް ނެރުނެވެ. އެކަމަކު ބުދަދުވަހު ނެރުނު އެ އަމުރު ތަންފީޒުކުރަން ފުލުހުން މިހާތަނަށް ކުރި މަސައްކަތެއް އެނގޭކަށް ނެތެވެ.

އަމުރު ތަންފީޒުު ނުކުރުމުގެ ނަތީޖާއަކަށް ވީ ބިދޭސީންނާ ހަވާލު ނުވެ ރިޒުން ދައްކާ ބަހަނާތަކާ އެކު ކުރިއަށްދާން އެ ކުންފުންޏަށް ހިތްވަރު ލިބުމެވެ. އެހެންވެ، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުގެ ބަދަލުގައި ރިޒުން ދިޔައީ ޖުޑިޝަލް ސާވިސް ކޮމިޝަނަށެވެ. މައްސަލަ ބެލި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅީ އެވެ.

ޖޭއެސްސީން އެ މައްސަލަ ބަލައިގަނެ، މެޖިސްޓްރޭޓަށް ފިޔަވަޅެއް އަޅައިފި ނަމަ ހަގީގަތުގައި އެ ކުރެވޭ ކަމަކީ އަމުރު ގޯސް ނުވެ ގާޒީ ކުށްވެރިވުމެވެ. އަމުރު ގޯސްވިކަމަށް ވާނީ މަތީ ކޯޓަކުން އެ އަމުރު ބާތިލު ކުރުމުންނެވެ. ޝަރުއީ ނިޒާމު ދަންނަ ހަމައަކީ އެ އެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް މި ހާލަތުގައި ލިބިފައި އެ އޮތީ، އެއް ބައެއްގެ ނަޒަރުގައި، "ކޯޕަރޭޓް އިންސާފެކެވެ". އެހެނީ އާއްމުކޮށް ކަން ހިނގާ އުސޫލާ ހިލާފަށްް ހާއްސަ އިމްތިޔާޒްތަކެއް، މެމްބަރެއްގެ ކުންފުންޏަކަށް ވުމުން އެވަނީ ލިބިދީފަ އެވެ. ކޯޓުގެ އަމުރު ނުހިންގާ ޕާކްކޮށްލާފައި އެއޮތީ އިސްތިއުނާފު ވެސް ނުކޮށެވެ.

ހުޅުމާލޭގައި ސިފައިންނަށާއި ފުލުހުންނަށް ހާއްސަކޮށްގެން ހަދާ ފްލެޓްތަކުގެ ޕްރޮޖެކްޓް ހިންގާ އައިލެންޑް އެކްސްޕާޓާ މެދު ވެސް ރާއްޖޭގައި އަމަލްކުރަމުން ދަނީ ހާއްސަ ގޮތަކަށް ކަމަށް ފެނެ އެވެ. ސަބްކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުންނާއި ސީދާ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެ ފްލެޓް ޕްރޮޖެކްޓް ހިފައިގެން އެކުންފުނި އުޅޭތާ އަށް އަހަރު ވެއްޖެ އެވެ. އެކަމަކު އެ ފްލެޓްތަކުން ބޯހިޔާވަހިކަންް ހޯދުމުގެ އުއްމީދުގައި ފައިސާ ދެއްކި ސިފައިންނާއި ފުލުހުންނަށް އެއިން ތަނަކަށް ވަދެވޭ ދުވަހެއް ނަ އެވެ. ބިދޭސީ މުވައްޒަފުންނަށް މުސާރައެއް ނުދެ އެވެ. އެކަމަކު އައިލެންޑް އެކްސްޕާޓަށް ލިބޭ އެއްޗެއް މަދެއް ވެސް ނުވެ އެވެ.

ޕްރޮޖެކްޓް ދިގުދަންމައި ދުނިޔޭގެ އެއްވެސް ގައުމެއްގައި، އެފަދަ މަސައްކަތެއްގައި، ގަބޫލުނުކުރާނެހާ ދުވަސް އިސްރާފު ކުރީމާ ފިޔަވަޅެއް ނޭޅެ އެވެ. އައިލެންޑް އެކްސްޕާޓުން މުސާރަ ނުދީގެން 200 ވަރަކަށް ބިދޭސީ މުވައްޒަފުން ނުކުމެ ހަމަނުޖެހުން ހިންގީމާ ވެސް އެކުންފުންޏާ ސުވާލެއް ކުރާ ތަނެއް ނުފެނެ އެވެ.

ލޭބަ ރިލޭޝަންސް އޮތޯރިޓީ އަބަދުވެސް ނިދާފައި

ރިޒް ކުންފުންޏާއި އައިލެންޑް އެކްސްޕާޓުން ގެނެސްފައި ތިބި ބިދޭސީންގެ މައްސަލަ ކޮންޓްރޯލުން ނެއްޓި ހަމަނުޖެހުންތައް ހިންގީމާ އެކަމާ އެންމެ ބޮޑަށް އުޅޭނެ ކަމަށް އެންމެން ވެސް ހީކުރީ ލޭބަ ރިލޭޝަންސް އޮތޯރިޓީ އެވެ. އެ އޮތޯރިޓީ ވުޖޫދަށް އައި ސަބަބު ކަމަށް ވާ "ވަޒީފާއާ ބެހޭ ގާނޫނު" ގައި ބުނެފައިވާ ގޮތުން އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލައި، އިދާރީ ގޮތުން އަަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ އޮތޯރިޓީގެ ޒިންމާއެކެވެ.

އެކަންރަނގަޅަށް ކުރުމަށްޓަކައި ލޭބަ ރިލޭޝަންސް އޮތޯރިޓީއަށް ބޮޑެތި ބާރުތަކެއް ވެސް ގާނޫނުން ދީފައިވެ އެވެ. މަސައްކަތްކުރާ ސައިޓްތަކެއް ވަދެ، ކަންތައްތައް ހިނގާ ގޮތް ބެލުމާއި ސުވާލު ކުރުމުގެ ބާރު ލިބެ އެވެ. ވަޒީފާ އަދާކުރުމާއި މަަސައްކަތް ކުރުމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ބަލަހައްޓަން ޖެހޭ ރެކޯޑްތައް ދޭން އެންގުމާއި އެފަދަ ރެކޯޑްތަކުގެ ކޮޕީ ނެގުމުގެ ބާރު ވެސް އެ އޮތޯރިޓީއަށް އެބަ އޮތެވެ.

މި ހުރިހާ ޒިންމާއަކާއި އިޚުތިޔާރުތަކެއް ލިބިފައި އޮތަސް، ރިޒް އާއި އައިލެންޑް އެކްސްޕާޓްގެ މައްސަލާގައި ލޭބާ ރިލޭޝަންސް އޮތޯރިޓީ ފެންނަނީ ނިދާފައި އޮއްވަ އެވެ.

އައިލެންޑް އެކްސްޕާޓުން މުވައްޒަފުންގެ މުސާރައިގައި އަމަލުކުރަމުން އަންނަ ގޮތުގެ ތަފްސީލު ލޭބަ ރިލޭޝަން އޮތޯރިޓީއަށް ދީފައި ވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޯން ސޮންގްޕަންޔާ، "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. އޭނާ އެދުވަހު ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާ ކަމަށާއި އެ ތަފްސީލްތައް އެލްއާރުއޭއާ ހިއްސާކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެދުދޮގު ބަލަން އެލްއާރުއޭއަށް ގުޅުމުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ނުލިބުނެވެ. އެކަމަކު ނުރަސްމީކޮށް އެނގުނު ގޮތުގައި އެލްއާރުއޭއިން އައިލެންޑް އެކްސްޕާޓްގެ މައްސަލަ ބަލަމުންނެއް ނުގެންދެ އެވެ.

އެހެން އެކަން އޮވެ، ޖުލައި 13 ގައި އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން އަނެއްކާ މުޒާހަރާއަށް ނުކުމެ، ފުލުހުންނާ ކުރިމަތިލައި، ބޮޑު ހަމަނުޖެހުމެއް ހިންގީ އެވެ. އޭގެ ފަހުން ވެސް މިހާރު މިވަނީ ހަފްތާއެކެވެ. އެކަމަކު އެލްއާރުއޭއިން އެޅި ފިޔަވަޅެއް، އަޅާ ފިޔަވަޅެއް، ކުރާ ކަމެއް އާންމުންނަކަށް ހާމައެއްނުކުރެ އެވެ.

ކުންފުނިތަކާއި ވިޔަފާރިވެރިން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގައި ދައުލަތުން މިހާ ބޮޑަށް ފަހަތު ފަޔަށް ބުރަވާތީ އާއްމުން ތިބީ މާޔޫސްވެފަ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި ނުފޫޒު ގަދަ ފަރާތްތަކުން އެތައް ބައެއްގެ ހައްގުތައް ހިފަހައްޓާ އިރު ރާއްޖޭގައި އިންސާފު ލިބޭކަށް ނެތެވެ. ބިދޭސީން ހިންގި ހަމަނުޖެހުންތަކުގެ ވެސް ހަގީގީ ސަބަބަކީ ހައްގުތައް ލިބޭނެ ކަމުގެ އުއްމީދެއް ނެތި މާޔޫސްވުން ކަމަށް ވެދާނެ އެވެ.

ނުފޫޒު ގަދަ މީހުންގެ ކުންފުނިތަކަށް ލިބެމުން ދަނީ ހާއްސަ އިމްތިޔާޒްތަކެއް ކަން މި ދެ މައްސަލައަށް ބެލިޔަސް ސާފުކޮށް މިއޮތީ ފެންނާށެވެ. ބައެއް މީހުން ސިފާކުރާ ގޮތަށް ރިޒް އާއި އައިލެންޑް އެކްސްޕާޓަށް "ކޯޕަރޭޓް އިންސާފެ"ވެ. އެއަށް ވުރެ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް މުވައްޒަފުން ހައްގު ހޯދާނީ ދެން ކިހިނެއް ހެއްޔެވެ؟