އޮޑިޓަ ޖެނެރަލަށް ފެނުނު ކޮރަޕްޝަން އޭސީސީއަށް ނުފެނޭ؟

ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ އަޑު ގަދަވީ، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ ކަޓުވާލައި ވަކި ބަޔަކަށް ދިން ކަމުގެ ޝަކުވާތަކުންނެވެ. އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް މާ ކުޑަ އަގެއް ހުށަހަޅާފައި އޮއްވައި އަމިއްލަ ކުންފުނިތަކަކާ އެ މަސައްކަތް ހަވާލުކުރީ އަގުބޮޑުކޮށް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވެސް ޖަލްސާތަކުގައި ތުހުމަތު ކުރެއްވި އެވެ. މި ޕްރެޝަރު ބޮޑުވުމުން އެޕްރީލް، 13، 2020 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނެރުނު ބަޔާނަކުން ރައްޔިތުންނަށް ޔަގީންކަން ދިނީ އެކަމުގައި ގޯހެއް ހަދާފައިވޭތޯ ތަހުގީގު ކުރަމުން އަންނަ ކަމެވެ.


ރާއްޖެ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ހޯދުމުގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކުގައި ވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏެވެ. ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ އޮޑިޓެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައި މަޖިލީހުން މެއި 20 ގައި ފާސްކުރީ އޭސީސީގެ ތަހުގީގު ހިނގަނިކޮށެވެ.

ޖެހިގެން އައި ދުވަހު އޭސީސީން ވަނީ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި މައްސަލައިގައި ދިރާސާ ރިޕޯޓެއް ނެރެފަ އެވެ. އޭގެ ތާރަފްގައި ވަނީ، ތަހުގީގުުކުރާ މައްސަލައިގައި އެހާ ތަނަށް އިދާރާތަކުން ހޯދުނު ލިއުންތައް ދިރާސާކޮށް ފާހަގަކުރެވުނު ކަންކަމަށް ނެރުނު ޚުލާސާ ރިޕޯޓެއް ކަމެވެ. ލިޔެކިއުން ހޯދަމުން އަންނަ ކަމަށް ބުނެފައިވާ އެ މައްސަލައިގައި އޮތީ، ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ކުންފުނިތަކާއި އަގުތަކާއި ހަވާލުކުރި ގޮތެވެ. އޭގެ ފަހުން ހަތަރު މަސް ފާއިތުވި އިރު ވެސް އޭސީސީ ފެންނަނީ އެ ތަހުގީގުގައި ތާށިވެފައި ތިއްބަ އެވެ. ނަތީޖާއަކާ ހަމައަށް އަދި ނުދެވެ އެވެ. ރައްޔިތުންގެ ޝަކުވާތަކުގައި އުއްމީދުކުރި ވަރުގެ ބާރުމިނެއް ނެތި ފެންނަނީ ލަސްކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: އޮޑިޓް ރިޕޯޓް ނެރުނުއިރު އޭސީސީގެ ތަހުގީގު ނުނިމޭ މައްސަލައިގައި ދަނީ ކަންބޮޑުވުންފާޅުކުރަމުން.

އެކަމަކު، މާ ފަހުން ވެންޓިލޭޓަރު މައްސަލަ ބަލަން ފަށައި އޮޑިޓް އޮފީހުން މިވަނީ ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއަރުވާލައިފަ އެވެ. އޭސީސީން ޚުލާސާ ރިޕޯޓް ނެރުނުއިރު ނުފެނުނު ނުވަތަ އާއްމުނުކުރި ބޮޑެތި މަކަރާއި ހީލަތާއި ނާޖާއިޒު ފައިދާއަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ފެންމަތިކޮށްފަ އެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް 75 ވެންޓިލޭޓަރު ގެންނަން ހިންގި މުއާމަލާތަކީ ބޮޑު ކޮރަޕްޝަނެއް ކަން ސާފުކޮށް އެ އޮތީ އޮޑިޓުން ފެންނާށެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މަޝްވަރާގެ މަތިން ހޮވި އިތުބާރު ހިފޭ ކުންފުންޏެއް ކަމަށް ހެލްތު މިނިސްޓްރީން ތަކުރާރުކޮށް ބުނިބުނުމަކީ ދޮގެއްކަން، އޮޑިޓުގައި އޮތީ ހެއްކާ އެކު ހާމަކޮށްފަ އެވެ. ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަން ހޯދުމެއް ނެތި ދެ ފަހަރެއްގެ މަތިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނީ އެވެ.

މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކުރަންވެގެން އެސްޓީއޯ ކަޓުވާލި ގޮތް ވެސް ސާފެވެ. ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތައް ހޮވި ގޮތާއި ބިޑް ކޮމިޓީގެ ދައުރާއި މާލީ ޒިންމާދާރުވެރިޔާގެ ޒިންމާ އަދާކޮށްފައި ނުވުމާއި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގި ކަންކަން އެ އޮތީ ތަފްސީލްކޮށްދީފަ އެވެ. މި ރިޕޯޓް ނެރުމާ އެކު އޭސީސީ އަށް ފާޑުކިއުން އަމާޒުވީ ސަބަބުތަކެއް ހުރެގެންނެވެ.

މިހާ ބޮޑު ޚިޔާނާތެއް ކުރު މުއްދަތެއްގެ ތެރޭގައި އޮޑިޓުން ފަޅާއަރުވާލި އިރު އޭސީސީގެ ތަހުގީގު ލަސްވާ ސަބަބާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. މައްސަލަ ބަލާކަން ހާމަކުރިތާ މަސްތަކެއް ވީ އިރު ވެސް މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

އޮޑިޓް ރިޕޯޓް އާއްމުކުރުމާ އެކު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގަތް އިރު ހެލްތުގެ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ އެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އޭސީސީ އަށް ފާޑުކިއުން އަމާޒުކުރައްވައި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިން ކުރެއްވި ޓުވީޓެއް.

އެގްޒެކިއުޓާސްގެ ޑިއުޑެލިޖެންސް އޭސީސީން ހެދި ގޮތް!

އޭސީސީގެ ދިރާސީ ރިޕޯޓުގައި ފެންނަން ހުރި ބައެއް ކަންކަމާ މެދު ވެސް ދަނީ ސުވާލު އުފައްދަމުންނެވެ. އެއް ކަންބޮޑުވުމަކީ އެގްޒެކިއުޓާސް ކުންފުނީގެ ޑިއުޑެލިޖެންސް ހެލްތު މިނިސްޓްރީން ދިން މައުލޫމާތަށް ނިންމާލާފައި އޮތުމެވެ. އެ މިނިސްޓްރީން ހޯދި ލިއުންތަކަށް ބަލައި، އޭސީސީގެ ރިޕޯޓުގައި އާއްމުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، ކުންފުންޏަކީ ގާބިލް ބައެއް ކަމަށް ދޭހަވެ އެވެ. ދުބާއީގައި ހުއްދަތައް ނަގައި އެ ހުއްދަ އާކުރަމުން ވިޔަފާރި ކުރަމުން އައި ބައެކެވެ.

އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ނުލިބެނީސް ދައުލަތުން 34 މިލިއަން ރުފިޔާ މަހެއްހާ ދުވަހުގެ ތެރޭގައި ދިން ކުންފުނީގެ މާލީ ގާބިލްކަމާއި ތަޖުރިބާއަށް ބަލައި ފުރަތަމަ ރިޕޯޓުގައި ވެސް އޭސީސީން ނިންމަން ޖެހޭނީ ހެލްތުން ދިން މައުލޫމާތަކަށް ނޫނެވެ! ކޮރަޕްޝަންގެ ތުހުމަތު ކުރެވޭއިރު، ފުރަތަމަ ރިޕޯޓު ވެސް އާއްމުކުރަން ޖެހޭނީ ހެލްތުން ދިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފަ އެވެ.

ބޮޑު ހޭދަކުރި ކުންފުންޏަކީ އެކަމަށް ގާބިލް ބައެއްތޯ ބަލާފައި ނެތުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ހެދި ގޯހެއް ކަން އޮޑިޓް ރިޕޯޓުގައި ވެ އެވެ. ވެންޓިލޭޓަރުތައް ގެނައުމުގެ ކުރިން އެ ކުންފުނިން ދިވެހި ސަރުކާރާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައެއް ނުވެ އެވެ. އެ ކުންފުނީގެ ގާބިލްކަން ދެނެގަތުމަށް މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް މީގެ ކުރިން އެ މީހުން ހިންގާފައިވާ ޕްރޮޖެކްޓްތަކަށް ވެސް ބަލައިފައެއް ނުވެ އެވެ. ކުންފުނީގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއްގެ އިތުރުން މާލީ ގާބިލްކަން ވަޒަންކުރަން އޮޑިޓްކޮށްފައިވާ ކުންފުނީގެ މާލީ ބަޔާނާއި މާލީ ގާބިލްކަން އެނގޭނެ ފަދަ އެހެން މައުލޫމާތު ވެސް ހެލްތު މިނިސްޓްރީން ހޯދާފައި ނުވާ ކަމަށް އޮޑިޓުގައިވެ އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ އޮޑިޓަރުން އެއީ ކޮން ކަހަލަ ކުންފުންޏެއްތޯ ބެލިއިރު، އެތަނުގެ ވެބްސައިޓެއް ވެސް ނެތް ކަން ފާހަގަވި ކަން އޮޑިޓުގައި ލިއެފައިވެ އެވެ.

އެކަމަކު އޭސީސީން ބުނެފައި ވަނީ އެގްޒެކިއުޓާސްގެ ޑިއުޑެލިޖެންސް ހަދަން ހެލްތުން ހޯދާފައިވާ ލިއުންތަކުން އެނގޭ ގޮތުގައި، އެއީ އިބްރާހިމް އަލީ ގަމްބަރު އަލީ އަލްބޫޝީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސޯލް އެސްޓެބްލިޝްމެންޓެކެވެ. އެއީ ކޮމާޝަލް ރަޖިސްޓްރީގައި ހިމެނޭ ފަރާތެއް ކަން ހެލްތު މިނިސްޓްރީން އޭސީސީއަށް ފޮނުވި ލިއުންތަކުން އެނގޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ކުންފުނީގެ ތަފްސީލް ދެމުން އޭސީސީން ބުނީ އެއީ އެޕްރީލް 15 1977 އިން ފެށިގެން ދުބާއީގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ މެމްބަރެއް ކަމަށެވެ. އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް އެޕްރީލް 14، 2020 އަށް ހަމަވެފައިވާ އިރު ލައިސަންސް އާކުރަން ނޮވެމްބަރު 11، 2019 ގައި ފައިސާ ދައްކާފައިވެ އެވެ. ކޮމާޝަލް ލައިސަންސް އެޕްރީލް، 25، 2020 ގައި އާކުރި އެވެ. އެ ކުންފުނީގައި މިހާރު އޮތް ލައިސަންސް ހަމަވާނީ އެޕްރީލް، 14، 2020 އަށް ކަމަށާއި ދުބާއީގެ ކޮމާޝަލް ރަޖިސްޓްރީންނާއި ޗެމްބާގެ މެމްބަ ރަޖިސްޓްރީން އެ ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ކުންފުނީގެ ތަފްސީލްތައް ހިމަނާފައިވެ އެވެ.

"ޚުލާސާ ރިޕޯޓެއްގައި ވެސް ކަންކަން ހާމަކުރާއިރު އޭސީސީ ފަދަ މުއައްސަސާއަކުން ކުންފުނީގެ ޑިއުޑެލިޖެންސް ހަދައި ނިންމަންވާނީކީ ތުހުމަތުކުރެވޭ މީހުން ދިން މައުލޫމާތަކަށް ނޫން. ހިއްސާދާރުންނަކީ ކޮބައިތޯ؟ އެ މީހުން ކޮށްފައިވާ މަސައްކަތްތަކަކީ ވެސް ކޮބައިތޯ އޭސީސީން ބަލާލަން ޖެހޭނެ ރިޕޯޓް އާއްމުކުރުމުގެ ކުރިން،" ކޮރަޕްޝަންގެ މައްސަލަތަކުގައި އުޅުއްވާ ގާނޫނީ ވަކީލަކު، ނަން ހާމަނުކުރަން އެދިވަޑައިގަންނަވަމުން، ވިދާޅުވި އެވެ.

ވެންޓިލޭޓަރު ވިޔަފާރީގައި ނޫޅޭ މި ކުންފުންޏަކީ ބޮޑު އޮޅުވާލުމެއް ކަން ފަޅާއަރައިގެން ބެލިއިރު، އެނގިފައިވާ ގޮތުގައި، އެއީ ހަމުގެ ކްލިނިކެއް ހިންގާ ބައެކެވެ. ޑަބްލިއުއެޗްއޯއާ މަތިކޮށް އެ ކުންފުންޏަށް ފައިސާ ދީ، ރާއްޖެ ގެނުވި 11 ވެންޓިލޭޓަރަކީ ވެސް، ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާދޭން ބަލާ ނަމަ، "ފޭކެކެ"ވެ. ޑޮކްޓަރުންގެ ޓީމަކުން ނިންމާފައި ވަނީ، އެއިން އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.

މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޫކުރި 30 މިލިއަން

މާލިއްޔަތު ގަވާއިދުގައިވާ ގޮތުގައި މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމާއި ތަކެތި ގަތުމުގެ ބީލަންތަކުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ވުރެން ޖުމްލަ އަގުގެ 15 ޕަސެންޓަށް ވުރެން އިތުރަށް އެޑްވާންސް ފައިސާ ދޫކުރެވޭނީ މިނިސްޓަރަށް ލިއުމުން ހުށަހަޅައި ހުއްދަ ލިބިގެންނެވެ. މިކަން އޭސީސީގެ ޚުލާސާ ރިޕޯޓުގައި ފާހަގަކޮށްފައިވިޔަސް ޕާފޯމަންސް ގެރެންޓީއެއް ނުބަހައްޓައި ދެ ފަހަރެއްގެ މަތިން 30 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގެ ކަންބޮޑުވުމެއް އޭސީސީގެ ރިޕޯޓުން ފެންނާކަށެއް ނެތެވެ.

އެކަމަކު ޕާފޯމަންސް ގެރެންޓީ ނުބަހައްޓައި އެއްބަސްވުންތައް ހަވާލުކޮށްގެން މައްސަލަތައް ނުކުމެފައި ވަނީ ވެސް އަލަކަށް ނޫނެވެ. ވެންޓިލޭޓަރުތައް ހޯދުމުގައި ވެސް މި އުސޫލުން ކަން ހިނގާފައިވާ އިރު އޭސީސީން މިކަމުގެ ސީރިއަސް ކަމެއް ފުރަތަމަ ރިޕޯޓުގައި ބުނެދީފައެއް ނުވެ އެވެ. ނިޒާމް ހަރުދަނާކުރަން ކުރާ ތަހުގީގުތަކުން ހޯދޭ ކަންކަން އާއްމުކުރާއިރު، އެފަދަ ކަމެއް އޮތް ނަމަ ސިއްރުކޮށްފައި ތަހުގީގު މުޅިން ފުރިހަމަވަންދެން ބާއްވަންވީ ސަބަބެއް ނެތެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި ގެރެންޓީއާ ނުލައި އެ ފައިސާ ދޫކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ. އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއާ މެދު އެޓާނީ ޖެނެރަލްގެ ލަފައެއް ހެލްތުން ހޯދިޔަސް އެ ލަފާދިން ގޮތަށް ފިނޭންސްގެ ހުއްދަ ހޯދާފައި ނުވާ ކަން އޮޑިޓުގައިވެ އެވެ.

އޭސީސީން ދިފާއުވެ ދިން ރައްދު!

ކޮވިޑް-19އާ ގުޅޭ ޚިޔާާނާތްތައް އޮޑިޓް ރިޕޯޓްތަކުން ފަޅާއަރުވާލައި، އޭސީސީގެ ލަސް ދުވެއްޔަށް އަމާޒުވެފައިވާ ފާޑުކިއުންތަކުގެ ދިފާއުގައި ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެ ކުންފުނިން މެއި މަހު އާއްމުކުރި ދިރާސާ ރިޕޯޓާ ގުޅޭ ގޮތުން މީޑިއާ އިން އޭރު ސުރުޚީ ޖެހި ގޮތަށް ފާޑުކިޔައި އެކަން ސާފުކޮށްދޭން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތަހުގީގު އަދި ނުނިމޭ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އޭރު ރިޕޯޓް ނެރުނީ ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި ތަހުގީގަށް ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭ ގޮތަށް ޚުލާސާ ރިޕޯޓެއް ކަމަށެވެ. އެއީ ކޮމިޝަނުން ވަކި ގޮތެއް ނިންމައި ނެރުނު ރިޕޯޓެއް ނޫން ކަމަށް ވެސް ބުންޏެވެ.

"އެ ރިޕޯޓު އާއާމުކުރުމުގެ މައިގަނޑު އެއް މަގުސަދަކީ މި މައްސަލަ އަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވެފައި، އެ މައްސަލަ ކުރިއަށް ނުދާކަމަށް ދޭހަވާ ގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގެ ތަހުގީގުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުމެވެ. މި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައި ނެތް ކަމަށް މި ކޮމިޝަނުން ނިންމާފައިވާކަން ދޭހަވާ ގޮތަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އެ މައްސަލައިގެ ތަހުގީގު މިހާރު އޮތީ ފުރިހަމަކުރުމުގެ މަރުހަލާގަ އެވެ. މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ ކަންކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލްއާ އެކު މި ހަފުތާ ތެރޭގައި މަޝްވަރާކުރަން ފަށާނެ އެވެ.

ޚިޔާނާތުގައި ފިޔަވަޅު އެޅޭ ވަރަށް ތުހުމަތުތައް ސާފު!

ވެންޓިލޭޓަރު ހޯދުމާ ގުޅޭ ގޮތުން އޮޑިޓް ރިޕޯޓުން ފެންމަތިކުރި ކޮރަޕްޝަންތައް އިތުރަށް ބަލަން ރައީސް އޮފީހުން މިވަނީ އޭސީސީ އާއި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މި މައްސަލައިގައި ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފެންނަން އޮތް މައްސަލަތަކުގައި ދެން ކުރަން އޮތް ކަމަކީ، ތުހުމަތުކުރެވޭ މީހުންގެ ބަޔާން ނެގުން ކަމަށެވެ. އޮޑިޓުން ފެންނަން އޮތް މި ޚިޔާނާތް، ލަސްނުވެ ފިޔަވަޅު އެޅޭހާ ސާފުކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ދެން ޖެހޭނީ ކަނޑައަޅަން ތަހުގީގަށް ގެންނަން ޖެހޭ މީހުންނާއި އިސްކަންދޭން ޖެހޭ ގޮތް،" ވަކީލަކު ވިދާޅުވި އެވެ.

އޭސީސީގެ ވައުދަކީ ނުފޫޒެއްގެ ދަށުނުވެ، ރައްޔިތުންގެ މަސްލަހަތުތަކާ ގުޅޭ މައްސަލަތައް އަވަހަށް ބެލުމެވެ. އެކަމަކު ވެންޓިލޭޓަރު މައްސަލައިން ވެސް ފެނުނީ އޭސީސީގެ ލަސްކަމެވެ. ޝަކުވާ އާއި ފާޑުކިއުން އަމާޒުވެފައިވާ ސަބަބަކީ އެ އެވެ. އިތުބާރު އުފައްދަން ބޭނުން ނަމަ މައްސަލަތައް މިހާރަށް ވުރެން އަވަސްކޮށް، ކޮރަޕްޝަން ހުއްޓުވުމާއި ފިޔަވަޅު އެޅުމުގައި ނަތީޖާ ނެރެން ޖެހެ އެވެ.