ކޮންޓެކްޓުތައް މަދުވިޔަސް ކޮވިޑް ކޮންޓްރޯލްވާ ތަނެއް ނުފެނޭ

ކޮވިޑް-19 ޖެހޭ މީހުންނާ ކޮންޓެކްޓްވާ މީހުންގެ އަދަދު ކުރިއަށް ވުރެ މަދުވެއްޖެ އެވެ. އެކަމަކު ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު އަދިވެސް ގިނަކަމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ރޭ ބުނިގޮތުގައި، ހިތްހަމަޖެހުމެއް ނެތެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ޖުލައި 30 އިން ފެށިގެން މާސްކު އެޅުން މަޖުބޫރުކުރުމާއި މި މަހު 4ގައި ފެށި ހިފެހެއްޓުންތަކުގެ ނަތީޖާ ފެންނަން ތިން ހަފްތާ ވަރު ނަގާނެ ކަމަށެވެ. އެއީ ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަން ގިނަވެގެން 14 ދުވަސް ނަގާތީ، ބަލި ޖެހުނުކަން އާއްމުކޮށް އެނގެނީ އެ މުއްދަތު ހަމަވާ ފަހުން ކަމަށް ވާތީ އެވެ. އެގޮތުން ބަލާ ނަމަ، ކޭސްތަކުގެ އަދަދު ދަށަށް ދާން ފަށާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފްތާ ތެރޭގަ އެވެ.

"ވޭތުވެދިޔަ ދެތިން ހަފްތާގައި ވެސް ހަމަ 100އަށް ވުރެ މަތީގައި މި އުޅެނީ ޑެއިލީ ފެންނަ ކޭސްތަކުގެ އަދަދު. އެހެންވީމާ އަދިއެއް އަޅުގަނޑުމެންނަކަށް ކޮންޓްރޯލްވެފައެއް ނުއެއް ނެތް މުޅިއަކުން، އަޅުގަނޑުމެން މިހާރު ނަގާފައި ހުރި މެޝާސް އިން،" ނިއުސް ކޮންފަރެންސެއްގައި ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭގެ އެޕިޑީމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ހުށަހެޅުއްވި ޕްރެޒެންޓޭޝަނުން ފެނުނު ގޮތުގައި ބަލި ޖެހޭ މީހުންގެ ކޮންޓެކްޓްސް މަދުވެ މިހާރު އުޅެނީ އެވްރެޖްކޮށް ގާތްގަނޑަކަށް ހަތެއްގަ އެވެ. އެކަމަކު އޭނާ ވިދާޅުވީ ކޮންޓެކްސްޓް މަދަސް، ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު އިތުރުވަމުންދާހާ ހިނދަކު، "އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހިތްހަމަޖެހުމެއް ނުލިބޭނެ" ކަމަށެވެ. ކޮންޓެކްޓްތައް މަދުވުމާ އެކުއެކީގައި، ކޭސްތަކުގެ އަދަދު ވެސް މަދުވާން ޖެހޭނެކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ.

"އެ ދެ ކަންތައް ފުރިހަމަވާ ކަމަށް ވެއްޖެއްޔާ ބެލެވޭނީ އެއީ ރަނގަޅު އަލާމާތެކޭ. އެކަމަކު ކޮންމެ ދުވަހަކު މި ފެންނަ ކޭސްތަކުގެ އަދަދު އެހާ މަތިކޮށް ފެންނަ އިރު، އަދި ވީކްލީ ކޮންޓެކްޓްސް ޕާ ކޭސް މަދުވި ކަމުގައި ވިޔަސް، އެއީ ބަލި ފެތުރުން ކޮންޓްރޯލްވީ ކަމަކަށް ނުބެލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަކުގެ ފަރާތުން ބަލި ޖެހޭ މީހުންގެ އަދަދު ވެސް މަދުވެއްޖެކަން އެޗްޕީއޭ އިން ރޭ އާއްމުކުރި މައުލޫމާތުން އެނގުނެވެ. ހަފްތާ އިން ހަފްތާ އަށް އެ އަދަދު ބަދަލުވަމުންދާ ގޮތަށް ބަލާ އިރު 10 ވަނަ ހަފްތާ ފެށުނު އިރު ހުރީ ހަތަރެއްގަ އެވެ. އެކަމަކު 18 ވަނަ ހަފްތާ އަށް ދިޔަ އިރު 7-8 އަށް އެރުމަށް ފަހު ތިރިވެފައި މިހާރު ހުރީ 2-3ގައި ހިފެހެއްޓިފަ އެވެ. އެކަމަކު ވެސް، ކުދިކުދި ކްލަސްޓާތައް ގިނަވެފައި ކޭސްތަކުގެ އަދަދު ދަށަށް ނުދާތީ މި ބަދަލުން ވެސް ހިތްހަމަޖެހުމެއް ނެތެވެ.

"ކުދިކުދި ކްލަސްޓާސްތައް ގިނަވީމާ ވާ ގޮތަކީ އެންމެ މީހެއްގެ ފަރާތުން މަދު ބަޔަކަށް ބަލި ޖެހުނު ކަމުގައި ވިޔަސް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާ ކަމަށް ވެއްޖެއްޔާ އޯވަރޯލް ބަލި ޖެހޭ ފަރާތްތައް ވާނީ އިތުރު،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ބަލި ފެތުރޭ މިންވަރު ބުނެދޭ އަނެއް މިންގަނޑެއްގެ ގޮތުން، ގުޅުމެއް ނެތް ކޭސްތަކުގެ ހާލަތު މިހާރު ހުރި ގޮތް ދައްކާލި އިރު ވެސް މާ ބޮޑު ތަން ދަށަކަށް ނުދެ އެވެ. އެފަދަ ކޭސްތަކުގެ އަދަދު އުޅެނީ ހަފްތާއަކު 300 އިން މަތީގަ އެވެ. އެއީ އަދިވެސް ކުރިއާ އަޅާބަލާ އިރު ވަރަށް މަތީ އަދަދެކެވެ.

"ނޮން-ލިންކްޑް ކޭސެސް އިތުރުވަންޏާ އޭގެ މާނައަކީ ބަލި، އަޅުގަނޑުމެންނަށް ނޭނގޭ ގޮތްގޮތުން އެބަ ފެތުރެއޭ. އެހެން ގޮތަކަށް ބުނާ ނަމަ އެ މީހާ އަށް ބަލި ޖެހުނީ ކިހިނެއްކަން ނުހޯދި ހުރި އެތައް ބައިވަރު ކޭސްތަކެއް އެބަ ފެނެއޭ. އެހެން ގޮތަކަށް ބުނާ ނަމަ، ކޮމިއުނިޓީ ސްޕްރެޑް ވަރަށް ގަދައަށް އެބަ ހިނގައޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ކޭސްތައް މަދުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަދި ސީދާ އޭގެ އަސަރު އަޅުގަނޑުމެންނަށް ނުފެނުމަކީ އެކަށީގެންވާ ކަމެއް. މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ކޭސްތަކަކީ އޭގެ ކުރިން އިންފެކްޝަން އެ މީހުންނަށް ޖެހިފައި ތިބި މީހުން ކަމަށް ވުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.