ދަރިފުޅުގެ މަރުގެ ހަގީގަތް ހޯދަން ބައްޕަ މަރުފަލި ޖަހަނީ

އިބްރާހީމް ރަޝީދު (ބުރޯ) ވެސް އެ ރޭ އާއިލާގެ ބައެއް މީހުންނާ އެކު ގޭތެރޭގައި އުޅެނިކޮށް، 9.40 ހާއިރު ގެއަށް އައިސް ވަނީ ފުލުހުންގެ ދެތިން މީހުންނެވެ. ބުރޯ ކައިރިން އެދުނީ އެ މީހުންނާ އެކު އައިޖީއެމްއެޗަށް ދިއުމަށެވެ. އެއީ ބުރޯގެ ފިރިހެން ދަރިފުޅު ނަދާލް ރަޝީދު، 25، އޭގެ އިރުކޮޅެއް ކުރިން، އިމާރާތެއްގެ މަތިން ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސްފައި އޮތުމުންނެވެ.


އެއީ ޑިސެމްބަރު 13، 2014 ދުވަހުގެ ރެ އެވެ. ދަރިފުޅުގެ ހަށިގަނޑު އޭރު އޮތީ ފުލުހުންގެ ތަހުގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ދަރިފުޅު އޮތީ މަރުވެފައި ކަމަށް ފުލުހުންނާއި ހޮސްޕިޓަލުން ބުންޏަސް، ބުރޯ އަށް އެކަން ގަބޫލުކުރަން ފަސޭހައެއް ނުވި އެވެ. ފުލުހުންގެ ތަހުގީގު ނިމުމުން ހިނެވުމަށްޓަކައި އާ ސަހަރާ އަށް ގެންދިޔަ އެވެ. ހިނަވައި ނިމުމުން ބުރޯ އޭނާގެ ދަރިފުޅުގެ ހަށިގަނޑު ނިކަން ރަނގަޅަށް ބަލައިހެދި އެވެ. ދަރިފުޅުގެ ހަށިގަނޑުން ފާހަގަކުރެވުނު ނިޝާންތަކުގެ ފޮޓޯ ނެގި އެވެ.

ނަދާލްގެ މަރުގައި ގޮތް ނޭނގޭ ސިއްރުތަކެއް ހުރި ކަން ބުރޯ އަށް ގަބޫލުކުރެވުނީ އެ ނިޝާންތަކުންނެވެ. އެހާ ހިސާބުން ބުރޯ އެ މަރުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފެށި އެވެ. ބުރޯގެ ބަހުން ނަމަ، "އެ މަރުގެ އިންސާފު ހޯދުމަށް ބަފަޔަކު ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ދޮރުދޮށުގައި މުގޯލި އަޅަމުން ހިނގާތާ" ދޮޅު އަހަރު ވީ އެވެ.

ނަދާލްގެ މަރުގެ ހަގީގަތް ނުހޯދި އަދި ތުހުމަތުކުރެވޭ ބަޔަކު ވެސް ނުހޯދި ދުވަސްތައް ގުނަމުން ދާން ފެށުމުން ބުރޯ އެތައް ފަހަރަކު ފުލުހުންނާ ބައްދަލުކުރި އެވެ. ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިނަށާއި ހޯމް މިނިސްޓަރު އުމަރު ނަސީރަށް ޝަކުވާ ދެންނެވި އެވެ. އަދި މިހާރުގެ ޕްރޮސެކިއުޓަ ޖެނެރަލް ބިޝާމް އަށް ވެސް ޝަކުވާ ދެންނެވި އެވެ.

ތުހުމަތުކުރެވޭ މީހުން ކުށުން ސަލާމަތްވާން ކުރެވެން އޮތްހާ ކަމެއް ކުރަން ދިގު މުއްދަތެއް ލިބި، ދަރިފުޅުގެ މަރުގެ ހަގީގަތް ނުހޯދި އަހަރު ވާން ގާތްވުމުން ރައީސް އަބްދުﷲ ޔާމީނަށް ވެސް ބްރޯ ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ. ލިޔުމުން ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ތަހުގީގީ އިދާރާތަކުން ތަހުގީގުކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށެވެ.

އެހެންކަމުން ބުރޯ މިހާރު ހުރީ ދާންވީ ކޮޅެއް ނޭނގިފަ އެވެ. ޓަކި ޖަހަންވީ ކޮން ދޮރެއްގައި ކަމެއް، އާދޭސް ކުރާނީ ކާކު ކައިރީގައި ކަމެއް ނޭނގިފަ އެވެ. ބުރޯ ވެސް ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއް ކުރިޔަސް، މަރުވި ދަރިފުޅު ދެން އަލުން ދުނިޔެއަކަށް ނާންނާނެ އެވެ. ނަމަވެސް އެ މަރުގެ ހަގީގަތް ހޯދުމަކީ ދައުލަތުގެ ޒިންމާއެއް އަދި ވާޖިބެއް ކަމަށް ވެސް ބުރޯ ދެކެ އެވެ. ތުހުމަތުކުރެވޭ މީހުން ހިފައި ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާ ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.

ނަދާލް ރަޝީދު، 25، ގެ މަރުގެ ހަގީގަތް ހޯދުމަށް އޭނާގެ ބައްޕަ އިބްރާހީމް ރަޝީދު (ބުރޯ) ދަނީ މަސައްކަތް ކުރަމުން. ފޮޓޯ ފޭސްބުކް

ނަދާލްގެ މަރަކީ، ހިނގި ހާދިސާއެއް ނޫން ކަމަށާއި، ބަޔަކު ކުރި ކަމެއް ކަމަށް ބުރޯ ގަބޫލުކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ނަދާލްގެ މަރު އޭނާއާ ބައްދަލުކުރީ އިމާރާތެއްގެ ހަ ވަނަ ބުރީގައި ރައްޓެހި ބަޔަކާ އެކުގައި އުޅެނިކޮށެވެ.

އެރޭގެ 9.20 ހާއިރު މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއްގެ ޑްރައިވަރަށް ކުއްލިއަކަށް ފެނުނީ މަތިން ވެއްޓިގެން އައި އިންސާނެއްގެ ހަށިގަނޑު އޭނާގެ ކާރުގެ ކުރިމަތިން މާ ދުރު ނޫން ހިސާބަކަށް މަގުމައްޗަށް ޖެހުނު ތަނެވެ. ނަމަވެސް ވެއްޓުނީ ކޮން އިމާރާތަކުން ކަމެއް، އިމާރާތުގެ ކޮން ބުރިއަކުން ކަމެއް ނޭނގެ އެވެ.

"އެ ޑްރައިވަރު ވަގުތުން ކާރު ހުއްޓާފައި، އެ ހިސާބުގައި ތިބި މީހުންގެ އެހީތެރިކަމާ އެކު ޓެކްސީ އަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައީ. ޑްރައިވަރު އެބަ ބުނޭ ގެންދިޔަ އިރު ވެސް ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތޭ. ފުރާނަ ވެސް ހުރިހެނެއް ހިޔެއް ނުވެޔޭ،" ބުރޯ ކިޔައިދިނެވެ.

ނަދާލްގެ ހަށިގަނޑު ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހަށިގަނޑުން ފެންނަން ހުރީ އެވަގުތު މަތިން ވެއްޓި ބިންމަތީގައި ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ އަލާމާތްތަކެއް ނޫން ކަމަށް ބްރޯ ގަބޫލުކުރެ އެވެ.

"އެންމެ ފުރަތަމަ ކަމަކީ ދަރިފުޅު މަތިން ވެއްޓި ބިމުގައި ޖެހުނުތަނާ ހަމަ ވަގުތުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަކަން. އެކަމަކު ދަރިފުޅު ހިނަވައި ކަފުންކޮށް މޫނު އެޅި އިރު ވެސް އޭނާގެ ދެ ލޮލެއް ނުލެއްޕުނު. ހޮސްޕިޓަލަށް ގެންދިޔައިމަ ވެސް އެންމެ ފުރަތަމަ ޑޮކްޓަރުން ކުރާނެ ކަމަކީ އޭނާގެ ހަށިގަނޑުގައި ފުރާނަ ހުރި ކަން ނުވަތަ ނެތް ކަން ކަށަވަރުކުރުން. އެކަން ކަށަވަރު ކުރަން ފަސް މިނެޓް ވެސް ނުނަގާނެ. ފުރާނަ ނެތް ކަން ކަށަވަރުވުމާ އެކު، ދެ ލޯ ހުޅުވިފައި ހުރިއްޔާ ދެ ލޯ ލައްޕައިލާނެ. އެކަމު ވަޅުލި އިރު ވެސް ދެ ލޮލެއް ނުލެއްޕޭ،" ބުރޯ ބުންޏެވެ.

އެހެންކަމުން ބުރޯ ލަފާކުރަނީ އޭނާގެ ދަރިފުޅު އިމާރާތުގެ މަތިން ވެއްޓި މަރުވީ ނޫން ކަމަށެވެ. އަދި އޭނާ ވެއްޓުނީ ނޫން ކަމަށާއި، ކޮންމެވެސް ގޮތަކުން އޭނާ މަރައިލުމަށް ފަހު މަތިން ވައްޓައިލީ ކަމަށް ބްރޯ ގަބޫލުކުރެ އެވެ. އެކަމަށް ބާރު ލިބޭ ކަންތަކެއް ވެސް އެބަ ހުއްޓެވެ.

ނަދާލް އިމާރާތުގެ މަތިން ވެއްޓި ޖެހުނީ މަގުގެ، އިމާރާތް ހުރި ފަޅި ނޫން އަނެއް ފަޅީގެ ޕޭމަންޓް ކައިރި އަށެވެ. ގާތްގަނޑަކަށް 25 ފޫޓު ފުޅާމިނުގެ މަގުގެ އަނެއް ފަރާތުގެ ބިންމައްޗަށް ނަދާލް ޖެހުނީ، އޭނާ އުޅުނު އިމާރާތާ 17 ފޫޓު ދުރަށެވެ.

ސައެންޓިފިކް ހަގީގަތްތަކަށް ބަލާއިރު އެއީ ވެދާނެ ކަމެއް ނޫނެވެ. ހަތް ބުރީގެ އިމާރާތަކުން ކައްސާލައިގެން ވެއްޓޭ މީހަކު އިމާރާތާ އެހާ ދުރަކަށް ނުދާނެ އެވެ. އިމާރާތާ 3-5 ފޫޓަށް ވުރެ ދުރަށް ނުދާނެ ކަމަށް ބުރޯ ގަބޫލުކުރެ އެވެ.

ޑިސެމްބަރ 13، 2014 ގައި މއ. ބޭރުމަތީގޭ ހަވަނަ ބުރިން ވެއްޓި މަރުވި ނަދާލް ރަޝީދު، 25، ގެ މަރުގެ ހަގީގަތް ހޯދުމަށް އޭނާގެ ބައްޕަ އިބްރާހީމް ރަޝީދު (ބުރޯ) ދަނީ މަސައްކަތް ކުރަމުން. ފޮޓޯ ފޭސްބުކް

ދެން އޮތީ ނަދާލް އަމިއްލަ އަށް ފުންމައިލީ ކަމަށް ބެލުމެވެ. ވެއްޓޭ މީހާގެ ބަރުދަނާއި ވައިގެ ބާރުމިނާއި ބިމަށް ދަމާ ބާރު (ގްރެވިޓީ)ގެ ގުޅުމަށް ބަލާއިރު، އެ އުސްމިނުގެ އިމާރާތަކުން އަމިއްލަ އަށް ފުންމައިލިއަސް އެންމެ ދުރަށް ވެސް ދާނީ 8-10 ފޫޓު ދުރަށެވެ. ނަމަވެސް ނަދާލް ވެއްޓުނީ އިމާރާތާ 17 ފޫޓު ދުރަށެވެ.

"ދަރިފުޅު ވެއްޓުނު މަންޒަރު ފެނުނު ޓެކްސީ ޑްރައިވަރު އެބަ ބުނޭ ދަރިފުޅު ބިމަށް އައިސް ޖެހުނީ އޭނާގެ ބުޑު ތިރިއަށް ވާ ގޮތަށް، ދެ ފަޔާއި ދެ އަތް މައްޗަށް އޮންނަ ކަހަލަ ގޮތަކަށޭ. އެހެން ވިއްޔާ، އަޅުގަނޑަށް ގަބޫލުކުރެވެނީ ދަރިފުޅުގެ ދެ އަތާއި ދެ ފައިގައި ހިފާފައި އިމާރާތުގެ މަތިން އެއްލައިލީ ކަމަށް. މަރާލިތާ އެތައް އިރެއް ފަހުން ބިން މައްޗަށް އެއްލައިލީ ވެސް،" ބުރޯ ވިދާޅުވި އެވެ.

އެ ގޮތަށް ބުރޯ ގަބޫލުކުރަނީ، އޭނާގެ ދަރިފުޅު ބިމަށް ވެއްޓުނުތަނާ ހަމަ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު ވެސް، އޭނާ ވަޅުލުމާ ހަމައަށް ވެސް ދެ ލޯ މެރިފައި ނުވާތީ އެވެ. އެހެންކަމުން ނަދާލް ހޮސްޕިޓަލަށް ގެންދިޔައީ އޭނާ މަރުވިތާ އެތައް ގަޑިއިރެއް ފަހުން ކަމަށް ބުރޯ ގަބޫލުކުރެ އެވެ.

"އާންމު ގޮތެއްގައި މައްޔިތާގެ ދެ ލޯ ލައްޕައިނުލެވެނީ، އޭނާގެ ބްލަޑް ސާކިއުލޭޝަން ވެސް މުޅިން ހުއްޓި ރައިގަމޯޓިސްގެ (ހަށިގަނޑު ހަރުދަނޑިވާ) ހާލަތަށް ހަށިގަނޑު ދިޔައިމަ. އެގޮތަށް ދެ ލޯ ލައްޕައިނުލެވޭނީ މަރުވިތާ ހަތް ގަޑިއިރަށް ވުރެ ގިނަ އިރުވީމާ،" މެޑިކަލް ޑޮކްޓަރަކު ވިދާޅުވި އެވެ.

ނަދާލްގެ މަރުވި ކަމަށް ފުލުހުން ބުނަނީ މއ. ބޭރުމަތީގޭގެ ހަވަނަ ބުރިން މަގުމައްޗަށް ވެއްޓިގެންނެވެ. ނަމަވެސް ނަދާލްގެ ބައްޕަ ބުރޯ ގަބޫލުކުރަނީ އޭނާގެ ދަރިފުޅު މަރާލާފައި އެތައް ގަޑިއިރެއް ފަހުން، އެ ގޭގެ ޓެރަސް މަތިން މަގުމައްޗަށް އެއްލައިލީ ކަމަށެވެ.

ދަރިފުޅު މަރައިލީ ކަމަށް ބުރޯ ގަބޫލުކުރަނީ ދަރިފުޅުގެ ބޮލުގެ ޒަޚަމްތައް ހުރި ގޮތުންނެވެ. އަދި ބިންމައްޗަށް ވެއްޓި ޖެހުމުން ވެސް އޭނާގެ ހަށިގަނޑުގެ އެއްވެސް ތަނަކުން މާ ގިނައިން ލޭ ފައިބައިފައި ނުވާ އިރު، އޭނާގެ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނުގެ ޑިސްޕްލޭގެ ބިއްލޫރިގަނޑުގައި ލޭ ހުރުމަކީ ވެސް، ނަދާލް ވެއްޓުމުގެ ކުރިން އޭނާ މަރައިލީ ކަމަށް ބުރޯ ގަބޫލުކުރާ ސަބަބެކެވެ.

މި ފަދަ ކިތަންމެ ޝައްކުތަކެއް ހުރި ކަމުގައި ވިޔަސް، ނަދާލްގެ މަރުގެ ހަގީގަތް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ނަދާލް މަރުވިތާ އަހަރެއްހާ ދުވަސް ފަހުން ފަސް މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މަހެއް ވެސް ނުވަނީސް އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.