ވިޔަފާރި / މިފްކޯ

ދިވެހި މަސްވެރިކަން ވެސް، ބިލިއަން ޑޮލަރަށް ނާރަންވީ ކީއްވެ؟

އެންސިސް ފިޝަރީޒްގެ އެއް ޑައިރެކްޓަރު ވާހިދު: ރާއްޖޭގެ މަސްވެރިކަން މިހާރަށް ވުރެ ދެ ގުނަ މައްޗަށް ޖެއްސޭނެ . ފޮޓޯ: ނިޝާން އަލީ /މިހާރު

01 ސެޕްޓެމްބަރ 2020 - 09:15

26 comments
happy icon 65%

ކޮރޯނާވައިރަސްއާ އެކު ރާއްޖޭގެ ޓޫރިޒަމް ފުނޑިގެން ދިއުމުން، ސިޔާސީ މީހުންނާއި އާންމުން ދައްކަން ފެށީ މަސްވެރިކަމާއި ދަނޑުވެރިކަން، ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީތަކަށް ހެދުމުގެ ވާހަކަ އެވެ. އެކަމަކު ހަގީގަތަކީ އެއީ އަދި އެހާ ފަސޭއިން، އެހާ ކުރު މުއްދަތެއްގައި ހާސިލް ކުރެވެން ނެތް އުއްމީދުތަކަކަށް ވުމެވެ. އަދި ސަރުކާރުގެ ސިޔާސަތަށާއި އާންމުންގެ ވިސްނުމަށް ވެސް ވަރަށް ބޮޑު ބަދަލެއް އައިސްގެން ނޫނީ، ޓޫރިޒަމްއާ ވާދަކުރެވޭ ވަރުގެ އިންޑަސްޓްރީތަކެއް ރާއްޖޭގައި ހެދޭނެ ގޮތެއް ނެތެވެ.

އެކަމަކު މަސްވެރިކަމަކީ ރާއްޖޭގެ ދިރުން ކަމާ މެދު ޝައްކެއް ނެތެވެ. އެ ދިރުމުން ލިބެން އޮތް ތަނަވަސްކަމުގެ މިންވަރު، ޒަމާނީ ބަދަލުތަކާ އެއްވަރަށް ރާއްޖެއަށް ހޯދިފައި ނެތްކަން، ދާއިރާގެ ތަޖުރިބާކާރުން ވެސް ގަބޫލުކުރެ އެވެ. އޭގެ ސަބަބަކީ މަސްވެރިކަމުގައި ސަރުކާރުން ގެންގުޅެމުން އަންނަ ހިފެހެއްޓުންތަކާއި، ހުވަފެނެއްގެ ތެރޭގައި މަސްވެރިން ބައިތިއްބައިފައި ތިބުމެވެ. "ހުވަފެނީ އަގުތަކެއް"، މިފްކޯ މެދުވެރިކޮށް ދެމުން އައުމެވެ. މިފްކޯއާ އެކު ކަޅުބިލަމަހުގެ މަސްވެރިކަން މަރުގެ ތުންފަތްމަތީގައި ބޭއްވުމެވެ.

އިއްޔެ ރައްޔިތުންގެ މަޖިލިހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްކެވި ވާހަކަ އިން ވެސް، އެކި ސަރުކާރުތަކުން ވާރުތަވަމުން ދާ އެ ހުވަފެން އެ އޮތީ އެނގޭށެވެ. އޭނާ ވިދާޅުވީ މިފްކޯ އިން މިހާރު ވެސް މަސް ގަންނަ އަގުން، ކިލޯއަކަށް ތިން ރުފިޔާ އާއި ހަތަރު ރުފިޔާއާ ދެމެދުގެ މިންވަރަކުން ގެއްލުންވާ ކަމަށެވެ.

"މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވުމުގައި ގިނަ މައްސަލަތަކެއް އެބަހުރި. މި މައްސަލައިގެ އަސްލު ގުޅިފައިވަނީ މިފްކޯއިން މަސް ގަންނަމުންދާ އަގު. މިހާރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ އެކްސްޕޯޓް ބާޒާރުގައި ލިބޭ އަގަށް ބަލާއިރު ގެއްލުމުގައި،" ޒަހާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވާހަކަ ދެއްކެވީ، މިފްކޯއަށް މަސް ކިރުވާ މަހަށް، މަސްވެރިންނަށް ފައިސާ ލިބުމުން ލަސްވުމުގެ ޝަކުވާ، މެމްބަރުން ކުރެއްވުމުންނެވެ.

އެ "ހުވަފެން" ތެރޭގައި މަސްވެރިން ބައިތިއްބުމުގެ މާނައަކީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަށް ވުރެ މަތިކޮށް، މިފްކޯއިން މަސް ގަތުމެވެ. އެކަމަށް މަގުފަހިކޮށްދެނީ ސަރުކާރުން ސަބްސިޑީ ދީގެންނެވެ. އެހެންކަމުން މިފްކޯ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގާބިލްކަމެއް ނެތް، އަބަދުވެސް ސަރުކާރުގެ މާލީ އެހީއަށް ބަލަބަލާ އޮންނަ ކުންފުންޏެކެވެ. މި ސިޔާސަތު ދެމެހެއްޓުމުގެ ބޭނުމަކީ މަސްވެރިންގެ ޝަކުވާތަކުން ސިޔާސީ ގެއްލުންތަކަކާ ސަރުކާރަށް ކުރިމަތިލާން ޖެހިދާނެ ކަމަށް އޮންނަ ބިރެވެ. އިންތިހާބުތަކުގައި ވޯޓު ގެއްލުމުގެ ބިރެވެ.

އެކަމަކު މި ބިރު ކަނޑާނުލައި، ރާއްޖޭގެ މައި މަސްވެރިކަން، ޒަމާނީ މާކެޓްގައި ވާދަކުރެވޭނެ ގޮތެއް ނެތެވެ. އާ އިންވެސްޓަރުން ހޯދެން އަންނަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކޮށް، މާކެޓް ހުޅުވާލައިގެންނެވެ. ނަމަވެސް ކަޅުބިލަމަހުގެ މާކެޓަށް އިތުރު ބަޔަކު ވަނަނުދީ ސަރުކާރުތަކުން ހިފަހައްޓައިގެން އޮންނަތާ މިހާރު 20 އަހަރަށް ވުރެ ގިނަ ވެއްޖެ އެވެ. އެއާ ހިލާފަށް ކަންނެލީގެ މަސްވެރިކަން އޮތީ ހުޅުވާލައިފަ އެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަބްދުލް ހަލީމް އަބްދުލް ލަތީފު، އެޕްރީލް 9، ގައި "މިހާރު"ގައި ލިއުއްވި ކޮލަމެއްގައި ވިދާޅުވި ފަދައިން "މަސްވެރިކަމަކީ، އަޅުގަނޑުމެން އެހެން ފަރާތަކަށް މާ ބޮޑު ބަރޯސާވުމެން ނެތި ފުޅާކުރެވެން އޮތް ހަމައެކަނި ސިނާއަތެ"ވެ.

މަސްވެރިކަމުގެ "ދުރު ރާސްތާގެ ތަސައްވަރެއްގެ ތެރެއިން އުފަންވާ ސިޔާސަތުތަކެއް އެކުލަވާލައި، ޕްރޮގްރާމްތަކެއް ހިނގުމުގެ މުހިންކަން މިދުވަސްވަރު މިއޮތީ އިހުނަށް ވުރެ ބޮޑަށް ފެންނާށެވެ،" އިގުތިސާދީ މި އަޑިގަނޑަށް އިޝާރަތްކުރައްވަމުން، އޭނާ ލިއުއްވި އެވެ.

ވާދަވެރި މާކެޓެއްގައި ސަބްސިޑީގެ ރޯލް ކުޑަވާން ޖެހޭ

މަސްވެރިކަމުގެ ކުރިމަގާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް އޮޅުންފިލުވަން "މިހާރު"ގެ ފަރާތުން އެންސިސް ފިޝަރީޒްގެ އެއް ޑައިރެކްޓަރު އަބްދުލް ވާހިދުއާ ބައްދަލުކުރި އެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކަންނެލި ބޭރުކުރާ ކުންފުންޏަކީ އެންސިސް އެވެ. އޭގެ އިތުރުން މިދިއަ އަހަރު އެންސިސް އިން ވަނީ ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީއެއް ވެސް ހުޅުވައިފަ އެވެ.

ރާއްޖޭގެ އިގުތިސާދުގައި މަސްވެރިކަން މިހާރު ހިއްސާކުރާ 3.5 ޕަސެންޓަށް ވުރެ މާ މައްޗަށް ޖެއްސިދާނެ ކަމަށް، ވާހިދު ގަބޫލުކުރައްވަ އެވެ. އެކަމަކު އެއީ، އޭނާ ވިދާޅުވި ގޮތުގައި، ވާދަވެރި މާކެޓްގައި މަސްވެރިކަމުގެ ވިޔަފާރި ހިންގާނެ ފުރުސަތު ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހުޅުވިގެންނެވެ.

އޭނާގެ ނަޒަރުގައި މަސްވެރިކަމަކީ، ޓޫރިޒަމްއާ ހިލާފަށް، ރާއްޖޭގެ އިޖުތިމާއީ ގުޅުންތައް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ އިންޑަސްޓްރީއެކެވެ. މަސްވެރިކަން ބިނާވެފައި އޮތީ "އާއިލާއެއް"ގެ ގޮތަށެވެ. ދިވެހި މަސްވެރިންނަކީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް މަސްވެރިކަމުގެ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނެއް ނޫނެވެ. އެއީ ކޮންމެވެސް ދޯންޏަކަށް ނިސްބަތްވާ އަދި ލިބޭ އެއްޗެއް އެންމެންގެ މެދުގައި ވަކި ގޮތަކަށް ބަހައިގެން، އުޅެމުން އަންނަ ބައެކެވެ. ކަނޑައެޅޭ ވަކި މުސާރައެއްގެ ބަދަލުގައި، މަސްވެރިންގެ އާމްދަނީ އޮންނަނީ ގިނައިން ލިބޭ ނަމަ، އެންމެންނަށް ވެސް ގިނަވާނެ އުސޫލަކަށެވެ. އަގު ދަށް ނަމަ އެންމެންގެ އާމްދަނީ ވެސް ދަށްވެ އެވެ.

"އެންސިސް" އިން ހުޅުމާލޭގައި ހެދި ދަޅުމަސް ފެކްޓަރީ: ވާހިދު ވިދާޅުވަނީ މާކެޓް ހުޅުވާލުމުން ކުރިއެރުން ލިބޭނެ ކަމަށް .---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު ޓޫރިޒަމް އިންޑަސްޓްރީގެ މުއްސަނދިކަން ބެހެނީ އެގޮތަކަށެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ މަސްވެރިކަމަކީ، ވާހިދު ވިދާޅުވި ގޮތުގައި، އިޖުތިމާއީ ވަރަށް ބޮޑު ގުޅުމެކެވެ. ރާއްޖޭގެ ދެމެހެއްޓެނިވި އަދި ތިމާވެއްޓަށް ގެއްލުން ކުޑަ މަސްވެރިކަން، ދުނިޔޭގެ ބާޒާރުގައި މާކެޓްކުރުމުގައި ވެސް، ދިވެހި މަސްވެރިކަމާ ގުޅިފައި ހުރި އާދަޔާ ހިލާފު ސިފަތައް، ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

އެކަމަކު މަސްވެރިކަމަށް އޮތް ހުރަހަކީ، ސަރުކާރުގެ ސިޔާސަތު، ޒަމާނާ އެއްގޮތަށް ހުޅުވިގެން ނުދިއުމެވެ. ނުވަތަ މާ ލަސްވުމެވެ. މި ލަސްކަމުގެ ތެރޭގައި އަދިވެސް އޮތީ މާކެޓްގެ ހަގީގަތަށް ވުރެ ސަރުކާރުގެ ރޯލް ބޮޑުކޮށްފަ އެވެ. މިސާލަކަށް މިފްކޯއަށް ދޭ ބޮޑު ސަބްސިޑީ އެވެ. އެއީ ވާހިދު ވިދާޅުވި ގޮތުގައި، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމެއް ނޫނެވެ.

"ކޮންމެ އަހަރަކު ވެސް ސަރުކާރަށް މި އޮންނަނީ ވަރަށް ބައިވަރު ފައިސާތަކެއް ދޭން ޖެހިފައި. އެއަށް ވުރެ އަޅުގަނޑަށް ހީވަނީ މިހާރު ސަރުކާރުން އެ ވިސްނަވާ ގޮތަށް ސެކްޓަ އޯޕަންކުރީމާ ސަރުކާރުގެ ބާޑަން [ބުރަ] ވެސް އޭގައި ކުޑަވެގެން ދާނެ. އަޅުގަނޑުމެންނަށް އިތުރަށް ޕޮޓެންޝަލް ރިއަލައިޒްކުރެވޭނީ، އަޅުގަނޑުމެންނަށް [ވާދަވެރިކަން] އިތުރުކުރެވޭނީ ވެސް އެގޮތަށް [ހުޅުވާލައިގެން]،" ވާހިދު ވިދާޅުވި އެވެ.

މިދިއަ އަހަރުގެ ސެމްޕެމްބަރު މަހު އަމަލްކުރަން ފަށާފައިވާ މަސްވެރިކަމުގެ އާ ގާނޫނުން، ކުރިއަށް ވުރެ ބޮޑަށް ރާއްޖޭގެ މަސްވެރިކަން ހުޅުވޭނެ އެވެ. އެހެންކަމުން އެއީ ވާދަވެރި މާކެޓަކަށް ކަޅުބިލަމަހުގެ މަސްވެރިކަން ވެސް ވަނުން ކަމަށް، ވާހިދު ގަބޫލުކުރައްވަ އެވެ. އޭގެ ސަބަބުން މިފްކޯ ވެސް، ގިނަ ބަޔަކާ ވާދަކުރަން މަޖުބޫރުވެ، ސަރުކާރުގެ ސަބްސިޑީ ވެސް ކުޑަކުރަން ޖެހޭނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

ސަބްސިޑީއަކީ ހައްލެއް ނޫނެވެ. އެއީ ބުރައެކެވެ. އަދި އޭގެ ސަބަބުން ކުންފުނީގެ ގާބިލްކަން ވެސް ކުޑަވެ އެވެ. މަސްވެރިންނަށް ވެސް މާކެޓްގެ ހަގީގަތް އޮޅި، މިފްކޯއަށް ބަރޯސާވާން ޖެހެ އެވެ. އެކަމަކު ވާދަވެރި މާކެޓެއް އައުމުން އެބައެއްގެ ގާބިލްކަން ނެތި ވާދައެއް ނުކުރެވޭނެ އެވެ. އަދި ގާބިލްކަން ބޮޑުނުކޮށް ސަލަމާތެއް ވެސް ނުވާނެ އެވެ.

އެކަމަކު ކަޅުބިލަމަހުގެ މާކެޓް ހުޅުވާނުލައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން، ދުނިޔޭގެ ބާޒާރުގައި ހުރި ވާދަވެރިކަން ރާއްޖޭގައި އުފެދި، އިތުރަށް ފުޅާކުރަން އާ އިންވެސްޓްމަންޓްތައް ގެންނާނެ ބަޔަކު ނެތެވެ. އެހެންކަމުން ބައެއް ދުވަސްވަރު ރާއްޖެއަށް ބާނާ މަސް ކިރޭނެ ގޮތެއް ނޯވެ އެވެ. ވާހިދު ވިދާޅުވި ގޮތުގައި، އެއީ ދެމެހެއްޓެނިވި ގޮތް ނޫން ކަމަށް ވިޔަސް، އެ ސަބަބުތަކާ ހެދި ސަބްސިޑީ ދޭން ވެސް ސަރުކާރަށް މަޖުބޫރު ވެ އެވެ.

"ކޮންމެ ގޮތެއް ވިޔަސް މަސްވެރިން ބާނާ މަސް ގަނެވެން އެބަ ޖެހޭ. ކެޕޭސިޓީ އެވަރަކަށް ބިލްޑްކުރެވިފައެއް ނެތް، ސެކްޓަރު އެވަރަކަށް އޯޕަންކުރެވިފައި ނެތީމާ. ގިނަ ބަޔަކު ނެތް އިންވެސްތްކޮށްފައި ކެޕޭސިޓީ ބިލްޑްކުރާކަށް،" ވާހިދު ވިދާޅުވި އެވެ.

"އެހެންވީމަ އެންމެން މި ދާން ޖެހެނީ މިފްކޯއަށް. ގިނަ ކުންފުނިތަކުން [މަސް] ގަންނަމުން ދާ ކަމަށްވަންޏާ މާކެޓްގެ ކޮމްޕެޓިޓިވްނެސްގެ ތެރެއަށް އެ މާކެޓް ވެސް އެދިޔައީ. ދިޔައިމާ ދެން ސަރުކާރުން ސަޕޯޓެއް މިފްކޯއަށް ދެއްވި ކަމުގައި ވީ ނަމަވެސް ސަޕޯޓް ކުޑަކޮށްލެވޭނެ ގުރެޖުއަލީ [މަޑުމަޑުން]."

މާކެޓް ހުޅުވާލުމުން ވާދަވެރިކަން އުފެދޭނެ މިސާލެއްގެ ގޮތުގައި، ވާހިދު ދެއްކެވީ، ކަންނެލީގެ މަސްވެރިކަމެވެ. އެއީ ކުރިން މިފްކޯ އިން އެކަނި ކުރަމުން އައި މަސްވެރިކަމެކެވެ. އޭރު އެންމެ ގިނައިން ކަންނެލި އެކްސްޕޯޓް ކުރީ ވެސް މިފްކޯ އިންނެވެ. އެކަމަކު އެ މާކެޓް ހުޅުވާލުމުން "މިއަދު މިފްކޯ އެ ވިޔަފާރީގައި ނުވެސް ނެތް" ކަމަށް، ވާހިދު ވިދާޅުވި އެވެ.

"އެއީ [ވާދަވެރިކަމުގެ] ތެރެއިން ގޮސް ޕްރައިވެޓް ސެކްޓަރުން މާކެޓް ޝެއާ ނެގީމާ މިފްކޯއިން އެ ވިޔަފާރި ވައިބަލް ނުވެގެން އެ ހުއްޓުނީ. މިއަދު ކޮންމެހެން މަސްވެރިންނެއް ސަރުކާރުން ސީދާ [ކަންނެލި] ނުގަނެގެންނޭ [ކިޔައިގެން] މާ ބޮޑަކަށް އެވާހަކައެއް ނުއެއްދައްކާ. މަސްވެރިން ބާނާ ހުރިހާ މަހެއްހެން އެބަ ގަނޭ ކުންފުނިތަކުން."

އާމްދަނީ ދެ ގުނަ ކުރެވިދާނެ

މަސްވެރިކަމުން ރާއްޖެ އަށް ލިބޭ އާމްދަނީ އުޅެނީ ގާތްގަނޑަކަށް އަހަރަކު 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގަ އެވެ. މިއީ އަހަރަކު ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބޭ ޓޫރިޒަމް ދާއިރާއާ އަޅާބަލާ އިރު ވަރަށް ކުޑަ ނިސްބަތެކެވެ. އެކަމަކު ވާހިދު ގަބޫލުކުރައްވާ ގޮތުގައި، މަސްވެރިކަމުގެ ސިޔާސަތަށް ގެންނަ ބަދަލުތަކާ އެކު، މިހާރުގެ އާމްދަނީ ދެ ގުނައަށް ވުރެ ވެސް މަތިކުރުމުގެ ފުރުސަތު އެބަ އޮތެވެ.

"ރާއްޖޭގައި މިހާރު ޓޫރިޒަމް ފުޅާވެފައި އޮތް ވަރުން ނުދަންނަވާނަން އެއާ އެއްވަރުގެ ނިސްބަތަކަށް ޖީޑީޕީގެ ޝެއާ ނެގިދާނެއޭ،" ވާހިދު ވިދާޅުވި އެވެ.

"ގައިމުވެސް މިހާރަށް ވުރެ ވަރަށް ބޮޑު ތަނުން އިތުރުކުރެވޭނެ އަޅުގަނޑުމެންނަށް. މިސާލަކަށް ރާއްޖެއަށް ރެވެނިއު ވަންނަ ވަރަށް ވުރެ އަޅުގަނޑު ގަބޫލުކުރަން ދެ ގުނައަށް ވުރެ ވެސް ބޮޑުކޮށް، ރެވެނިއު ވެއްދޭނެ މަސްވެރިކަމުން."

އެކަމަކު އެއީ ކަޅުބިލަމަހުގެ މަސްވެރިކަން ހުޅުވާލުމާއި، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދަން، މިހާރަށް ވުރެ ބޮޑަށް މަސައްކަތް ވެސް ކޮށްގެންނެވެ. ރާއްޖޭގެ މަހުގެ އެކްސްޕޯޓަށް އޮތް ގޮންޖެހުންތައް ކުރިއަށް ވުރެ ގިނަ އެވެ. ސްރީ ލަންކާ އާއި ފިލިޕީންސް ފަދަ ގައުމުތަކުން ޔޫރަޕަށް ބޭރުކުރާ މަހަށް ޑިއުޓީގެ ލުއި ލިބެ އެވެ. އެކަމަކު ރާއްޖެއަށް އެ އިނާޔަތްތަކެއް މިހާރު ނެތެވެ. އެހެންކަމުން ރާއްޖޭގެ މަސް، ޔޫރަޕަށް މިހާރު ބޭރު ކުރަމުން އަންނަނީ ސްރީ ލަންކާއިން އެކްސްޕޯޓްކުރާ އަގަށް ވުރެ 18-22 ޕަސެންޓް ބޮޑުކޮށެވެ.

މިފްކޯ މަސް ފެކްޓަރީ: މިފްކޯއަށް މަސް ގަންނަނީ މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް

ވާހިދު ވިދާޅުވި ގޮތުގައި، އެކަންކަމަށް ހައްލު ހޯދަން، ރާއްޖެއަށް ވެސް މަޝްވަރާގެ މޭޒުގައި ދެއްކޭނެ ވާހަކަތައް ހުންނާނެ އެވެ. ރާއްޖޭގައި ކުރާ ކަހަލަ ދޮށީގެ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް، އެ ގައުމުތަކުން ނުކުރެ އެވެ. ރާއްޖޭގެ މަސް ވިއްކުމުގައި ތަފާތު އެ ސަބަބުތަކުން އެޑްވާންޓޭޖް ނެގެ އެވެ. ހަމައެކަނި ބޭނުންވަނީ، އޭނާ ވިދާޅުވި ގޮތުގައި، "ދިވެހި މަސްވެރިކަމުގެ މި ތަފާތު ވާހަކަ އެއް ޕެކޭޖެއްގައި މާކެޓްކުރު"މެވެ.

ކޮވިޑް-19އާ އެކު ރާއްޖޭގެ އިގުތިސާދު މި އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެތައް ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީ އަލުން ކޮޅަށް ޖެހޭނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. އެކަމަކު މަސްވެރިކަން އޭގެ ނިސްބަތުން ކުރިއަށް އެބަ ދެ އެވެ. ކުރީގެ އަގުގައި ނޫން ކަމަށް ވިޔަސް މަސް އެކްސްޕޯޓްކުރެވެ އެވެ. އެހެންކަމުން ކޮރޯނާވައިރަސްގެ މި ހިތްދަތި ތަޖުރިބާގެ ތެރެއިން ނުކުންނަ އިރު، ކުރިމަގުގެ އިގުތިސާދީ ބިންގާ ވަރުގަދަކުރަން ދުއްވައިގަންނަން ޖެހިފައި މި އޮތީ މަސްވެރިކަމަށެވެ. ޓޫރިޒަމްއާ އެއްވަރު ނުވިޔަސް، މަސްވެރިކަން ވެސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އިންޑަސްޓްރީއަކަށް ނުހެދެންވީ ސަބަބެއް، ވާހިދު ކަހަލަ އަމިއްލަ އިންވެސްޓަރުންގެ ކުރިމައްޗަކު ނެތެވެ.

"އެންމެ ސެކްޓާއެއް އޮތީމާ އޭތި ހުއްޓުނީމާ މުޅި ގައުމު ހުއްޓޭ ހިސާބަށް ގޮސް މި އޮތީ. އެހެންވީމާ މަސްވެރިކަން ގްރެޖުއަލީ ޑިވެލޮޕްކުރަން ޖެހޭ ކަމެއް. އޭގައި ސްޓޭޖް ބައި ސްޓޭޖް އަންނާނީ،" ވާހިދު ވިދާޅުވި އެވެ.

"ފުރަތަމަ ކަންނެލި ވެސް ރާއްޖެއިން އެކްސްޕޯޓެއްނުކުރޭ. ކަނޑުމަސްވެރިކަން އެކަނި އޮތީ. އެކަމަކު ކަންނެލި ވެސް މި އައީ. އެހެންވީމާ އެގޮތަށް އިންވެސްޓާސް މީގެ ތެރޭގައި އިންވޯލްވެގެން އަބަދުވެސް ކްރެއޭޓިވްކޮށް ހޯދާނެ ކޮބައިތޯ މާކެޓްގެ [ފުރުސަތުތަކަކީ]،" ވާހިދު ވިދާޅުވި އެވެ.

"އެ ފުރުސަތު އޮންނަން އެބަ ޖެހޭ. އެ ފުރުސަތު ދީގެން އިންވެސްޓާސް އަބަދުވެސް ހޯދާނެ. ކަނޑުމަހުގެ ލައިސަންސް ނުދީ މިދިއަ ދުވަސްތައް އެއީ އަޅުގަނޑުމެންނަށް ގެއްލުނު ދުވަސްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

މާޒީ ދެން އަތެއް ނުލެވޭނެ އެވެ. އެކަމަކު ކުރިމަގު އަތުލެވެން އެބަ އޮތެވެ. އެހެންކަމުން އިގުތިސާދީ މި ލޮޅުންގަނޑުގެ ހިތި ތަޖުރިބާ އަކީ، ކުރިމަގުގެ ތަނަވަސްކަން އިތުރުކުރުމުގެ ފިޔަވަޅަކަށް ހަދަން އެބަ ޖެހެ އެވެ. އެއީ ރާއްޖޭގެ މަސްވެރިކަމުގެ ވާދަވެރިކަން ބޮޑުކޮށް، މާކެޓްތައް އިތުރުކޮށް، އުފެއްދުންތައް ގިނަކޮށް، ދުނިޔެއަށް ނުކުތުމެވެ. މަސްވެރިކަމުގައި ވެސް، ޓޫރިޒަމެކޭ އެއްގޮތަށް، މަތީ މާކެޓާއި މެދު މާކެޓާއި އާދައިގެ މާކެޓް އެބަ އޮތެވެ. އެންސިސް މަސް ފެކްޓަރީގައި، މަތީ މާކެޓަށް ތައްޔާރުކޮށްފައި އެ ހުންނަ ކަންނެލި މަސްގަނޑުތައް، ރާއްޖޭގެ އާންމު ބާޒާރުން ލިބޭކަށް ނުހުންނާނެ އެވެ. އެއީ ޔޫރަޕަށް، އެެމެރިކާއަށް ބޮޑު އަގުގައި ވިއްކާ އުފެއްދުންތަކެވެ.

ޓޫރިޒަމް ގޮތަށް ރާއްޖޭގެ "މަސްވެރިކަން ވެސް ޕޮޒިޝަން ކުރެވޭނެ އެކި ކަންކަމަށް،" ވާހިދު ވިދާޅުވި އެވެ.

ދިވެހި މަސްވެރިކަން ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއަކަށް ހެދެން އޮތްކަން ގަބޫލުކުރަން ޖެހެ އެވެ. ކުރިމަގަށް ފިޔަވަޅެއް އެޅޭނީ އެގޮތަށް ފުރަތަމަ ގަބޫލުކޮށްގެންނެވެ.

26 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 9%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖ ވީރު

02 September 2020

މިފްކޯއަކީ ސިޔާސީ ޕާޓީއެއް.ވެރިކަން ބަދަލުވާ ކޮންމެފަހަރަކު ޕާޓީ ކުދިންކޮޅަށް މަތިމައްޗަށް ވަޒީފާގެ ކުރިއަރުންދީ އުޑެއްބުޑެއްނުދަންނަ މީހުންނަށް މެނޭޖަރުކަންދީ ކޮންމެރަށެއްގައި އައިސް ޕްލާންޓް އަޅާ ޕާޓީ ކުދިންކޮޅަށް ވަޒީފާ ދީ ކަމެއް ނުކުރިޔަސް ޕުލާންޓް ބަންދުކޮށްފައި ހުއްޓަސް ރަށުގައި ބައިތިއްބައިގެން ކުންފުންޏާ ނުބައްދަލު މުސާރަދީ ހަދަނީ.ދެން ގެއްލުން ނުވިއްޔާ ނަސީބެއްނުން.

The name is already taken The name is available. Register?

ނޭވާހޮޅި

01 September 2020

ކަލޭމެން މަސްކައްކާ ވަޒީފާއެއްނިކަން ދިބަލައަހަރެމެނަށް މާސްޓަރޒް ސެޓިފިކޭޓް ހިފައިގެންދާނަން ތިތަނަށް ވަޒީފާހޯދަން ..އެގިއްޖެ

The name is already taken The name is available. Register?

ޖާބެ

01 September 2020

ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުންް މުއްސަދި ނުވަނީ ، ދެން މަދު ޕްލެޔަަރުންގެ ވާހަކަ ދައްކާއިރު އަލައް ނިކުއްނަ އިރައް ފުޑާލާނެ ބޮޑެތި އެއްޗެހިތައް ވެގެން. ދިވެހިންގެ ވިސްނުން އަބަދުވެސް މިހުންނަނީ ވ.ބެކްވޯޑްކޮށް . މިއީ ހަގީގަތަކީ

The name is already taken The name is available. Register?

ދަންނަމ

01 September 2020

ބުނަން ވާހަކައެއް، މިހާރުން މިހާރައް ދަންޑުވެރިކަން ފުޅާ ކުރަންވީ، މިހާރުވެސް ލަސްވެޖެ. ރާއްޖެ އެކި ޒޯން ތަކައް ބަހާލައިގެން، އެކި ޒޯންތަކުގަ އެކިބާވައްތައް ހައްދަން ފަށަންވީ، ފެބުރުއަރީގަ މިކަން ފެށިނަމަ މިހާރު ރާއްޖެގަ ކަބޯތަކެތީގެ ޔަގީން ކަން ލިބުނީސް. އެކަމަކު ކީކުރާނީ. ތޫރިޒަމް، ތޭތިޒަމެ ކިޔާފަ މިކަން ކުރާކައް ނޫޅޭ.

The name is already taken The name is available. Register?

ޖީއެމް2

01 September 2020

ކަންނެތް ބުއްދިބޭނުންނުކުރާ ވަގުތު ބޭކާރުކުރާ ސަރުކާރެއް މީ...ޔާމިނު ހުރިނަމަ ތިކަންކަން ފަށާފަ އޮންނާނީ

The name is already taken The name is available. Register?

ރަދުން

01 September 2020

ކަލޯމެންނަށްވައްކަންކުރަންނޭގޭތީވެ.

The name is already taken The name is available. Register?

މުހައްމާފުތާ

01 September 2020

އެންސިސް އަކީ ދިވެހި އާއްމު ރައްޔިތުމީހާ ފެލައިގެން މުއްސަނދިވެފަ އޮތް ކުންފުއްޏެއް. ފިނިކޮށްފަ ހުންނަ މަސްއަރީގެ ކޮޅުގެ ބައި މިހާރު ވިއްކަނީ 90ރ އަށް ކިލޯއެއް. ހެޔޮވާނީކިހިނެއް! ސަރުކާރުން ވަންނަން ޖެހެނީ މިހެންވެ. މިހާރު އެއުޅެނީ މިކަމުން ސަރުކާރު ކުންފުނި ބޭރުކޮށްފަ ރައްޔިތުމީހާ އިތުރަށް ފެލަންވެގެން!

The name is already taken The name is available. Register?

ނަޖުމުއްދީން

01 September 2020

ހުސް ފޮނިވާހަކަ.

The name is already taken The name is available. Register?

ގޮދުނުދޯރު

01 September 2020

މިފްކޯ އަކީ މިހާރު 100 ޕަސަންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް ނޫން. އެހެންކަމުން ސަބްސިޑީ ގާނޫނީ ގޮތުން ދެވިދާނެބާ؟ އެހެންކަމަށްވާނަމަ އެހެން ކުންފުނިތަކަށް ސަބްސިޑީ ހަައްގު ނުވާނެބާ؟

The name is already taken The name is available. Register?

ކޮސްގޮވާ

01 September 2020

ސަރުކާރުގެ ދޯދިޔާ ސިޔާސަތުން މިރާއްޖޭގައި މަސްވެރިކަން ކުރިނާރަނީ. ޓޫރިޒަމްއަކީ ވެސް އަމިއްލަ މީހުންގެ މަސައްކަތް، މިމަސައްކަތައްވެސް ޓޫރިޒަމް ގަވާއިދުހެން ހަދާ ރެގިއުލޭޓްކުރަން ފެށުމުން ވަނީ ގެއްލުން. ސިޔާސަތު ވާންޖެހޭ ޕްރިޑިޓެބްލް އެއްޗަކަށް. ހަމައެކަނި ރާއްޖެން އެކްސްޕޯޓް ކުރާ މުދަލަށް ބޭރުގައުމުތަކުން ލިބެން ޖެހޭ ޓެކްސް އިނާޔަތްވެސް ނުލިބޭ. މޯލްޑިވް ފިޝް މާކެޓްކުރަނީ ލަންކާ މީހުން.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

01 September 2020

ދަޑުވެރިކަން ކުރިއެރުވޭނީ ސީދާ އާންމުރައްޔިތުންނަށް މަގު ތަނަވަސްކޮއް ދީގެން. ހުރިހާ ޤައުމެއްގައިވެސް މިކަންހިގަނީ ހަމަމިގޮތަށް. ރާއްޖޭގައި މިޖެހެނީ ކައުންސިލް ނޫނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބައިއެޅޭގޮތަށްނޫނީ ދަޑުވެރިކަންވެސް ނުކުރެވެން. ރާއްޖޭގެ ރައްޔިތުންނަށް ގޯތީގައި ދަޑުގޮވާން ކުރެވޭނެގޮތްހަދާ އުފެއްދުން މާރުކޭޓަށް ފޯރުވޭނެމަގު ދައުލަތުން ތަނަވަސްކޮއްދެއްވާ. ހެޔޮ އަދި އަވަސް ފެށުމަކަށް ވާނެ. ގޯތިންބޭރަށް ދިއުން އެއީ ފޭސް 2.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!