ރަށަށް ތިޔަ ދަނީ ބަލި ވެސް ހިފައިގެން

ކޮވިޑް-19 ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ފެތުރެމުން ދިޔައިރު، އެ ގައުމުތަކުގެ ބައެއް މީހުން ދުށް ގޮތުގައި އެ ބަލި ރާއްޖޭގައި ކޮންޓްރޯލްކުރާކަށް މާ އުނދަގުލެއް ނުވާނެ އެވެ. ގުދުރަތީ ގޮތުން، ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އުފެދިފައި އޮތުމަކީ، ފަސޭހައިން ގައިންގަޔަށް އަރާ މި ބަލިން ރައްކާތެރިވުމަށް އޮތް ނަސީބެއް ކަމަށް އެ މީހުންނަށް ހީވި އެވެ.


މިދިޔަ މާޗު މަހު ރާއްޖޭން ބަލީގެ ފުރަތަމަ ކޭސް ފެނުނުތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ހީކުރުންތައް މުޅިން ގޯސް ނޫންކަން އެނގެ އެވެ. އާބާދީގެ ނިސްބަތުން ބަލި ޖެހޭ މީހުންގެ އަދަދު ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ވުރެ ރާއްޖޭގައި ގިނަ ނަމަވެސް. މި ބަލި ފެތުރެމުން ދަނީ ތޮއްޖެހިފައިވާ މާލޭގަ އެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން ރަށްރަށުގައި އޮތީ ކޮންޓްރޯލްވެފަ އެވެ.

އެކަމަކު މާލޭގައި ބަލި ކޮންޓްރޯލްވުމުގެ ނިޝާންތައް މިހާރު ފެންނަމުން އަންނައިރު، ރަށްރަށުގައި ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުންނެވެ. މިއީ ނުރައްކަލުގެ އިންޒާރެކެވެ. ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށް އަޅާފައިވާ "ހޯމް ކަރަންޓީނު"ގެ އުސޫލުތަކަށް މީހުން ބޯނުލަނބާ ކަމުގެ ހެއްކެކެވެ.

ރާއްޖޭގެ ރަށްތަކެއް: ދުރުދުރުގައި ރަށްތައް ހުރުމުމުން ކޮވިޑް ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކުރަން ފަސޭހަވާނެ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގުގެ ބަހުން ނަމަ މިއީ، ވޭތުވެ ދިޔަ ހަ މަސް ދުވަހު، ބަލި ކޮންޓްރޯލް ކުރުމުގައި ހޯދި ކުރިއެރުން ގެއްލިގެން ހިނގައިދާނެ ކަމެކެވެ.

"އެހެންވެ، އަޅުގަނޑުމެންގެ އާދޭހެއް މިއީ ހޯމް ކަރަންޓީނަށް ދާ ބޭފުޅުން އުސޫލުތަކާ އެއްގޮތަށް އުޅުއްވުން،" އޭނާ ވިދާޅުވި އެވެ.

ރަށަށް ދެވެނީ ބަލި ހިފައިގެން ކަމަށް ވެސް ވެދާނެ

ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނުނީ ކުރެއްދޫ ރިސޯޓުން، މިދިޔަ މާޗު 7 ގަ އެވެ. އެހާ ހަމައަށް ބަލި ހަމައެކަނި އޮތީ އެ ރަށުގަ އެވެ. އެކަމަކު އޭގެ އެޕްރީލް 15ގައި މާލެ ތެރެއިން ބަލި މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑްގެ ބިރު ފެތުރުނެވެ. މާލޭން ބަލި މީހަކު ފެނުނުތާ ދެ ވަނަ ދުވަހު ރާއްޖޭގެ އެންމެ އުތުރަށް އެ ބަލި ދިޔަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް، ބަލީގެ ނުރައްކާ ބޮޑުވެފައިވަނީ ތޮއްޖެހިފައިވާ މާލޭގަ އެވެ.

ވެރިރަށުގައި ބަލި ފެތުރެން ފެށުމާ އެކު، މާލޭން ރަށްރަށް ދިޔުމުގައި ސަރުކާރުން ވަނީ ހަރުކަށި ގަވައިދުތަކެއް ހަަދައިފަ އެވެ. ލޮކްޑައުންގެ މުއްދަތުގައި މާލެއަށް އަރާ ފޭބުން މަނާކޮށްފައިވާއިރު މިހާރު ރަށްރަށަށް ދާ މީހުން އެންމެ ފުރަތަމަ ޖެހޭނީ 14 ދުވަހުގެ "ގޭބަންދެއް" ނުވަތަ ހޯމް ކަރަންޓީނެއް ފުރިހަމަކުރާށެވެ. ގިނަ ބައެއްގެ ނަޒަރުގައި، މިހާތަނަށް ރަށްރަށުގައި މި ބަލި ނުފެތުރި އޮތުމުގެ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.

ގއ. ކަނޑުހުޅުދޫގައި މީހަކު ޕިކަޕެއް ދުއްވަނީ: ރަށްރަށުން ވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުން

ރާއްޖޭގައި ކޮވިޑް ފެތުރެމުން މި ދާ ހަ މަހުގެ ތެރޭގައި މާލޭން 2،705 މީހަކު ވަނީ ރަށްރަށަށް ގޮސްފަ އެވެ. އެ މީހުން ރަށަށް ދިޔައީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ އުޅަނދުފަހަރުގަ އެވެ. އާއްމުންގެ ތެރެއަށް އެ މީހުންނަށް ނުކުތުމުގެ ފުރުސަތު ލިބެނީ ހޯމް ކަރަންޓީނުގެ މުއްދަތަށް ފަހު އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެހާ ގިނަ ބަޔަކު ރަށްރަށަށް ގޮސްފައިވާއިރު، ރަށްރަށުގައި ބަލި ނުފެތުރުމަކީ ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަން ފުރިހަމަވީ، ބައްޔާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އިރުޝާދުތަކާ އެއްގޮތަށް، ކަރަންޓީނުގެ އުސޫލުތަކާ އެއްގޮތަށް އެންމެން ވެސް އަމަލު ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ބައެއް ރަށްރަށުގައި މި މަންޒަރު މިހާރު ދަނީ ބަދަލުވަމުންނެވެ. ޕޮޒިޓިވް ގިނަ ކޭސްތަކެއް ރަށްރަށުން ފެންނަމުން ދާއިރު، އޭގެ ތެރޭގައި ގިނައީ ހޯމް ކަރަންޓީނުގައި ތިބޭ މީހުންނެވެ. އެކަމަކު އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ނުރައްކާ ވަނީ، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ބޭރަށް ނުކުމެ އުޅޭތީ އެވެ. ދެ ހަފުތާގެ މުއްދަތު ހަމަކޮށް، ސާމްޕަލް ނަގައި އޭގެ ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން މަޖުބޫރު ނަމަވެސް ބައެއް މީހުން، ރޭގަނޑު ގަޑީގައި ބޭރަށް ނުކުތުމާއި ސައިކަލް ބުރުޖަހަން ދިޔުން ފަދަ ކަންކަން މިހާރު އާއްމެވެ.

މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ނ. މަނަދޫ ވެސް ބިރުވެރިކަމަކަށް ވެއްޓުނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ނަތީޖާ ނުލިބެނީސް ނުކުމެ އުޅެނިކޮށް، އޭނާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. ސާމްޕަލް ނެގި ދުވަހުން ފެށިގެން ނަތީޖާ ލިބުމާ ހަމައަށް އާއްމުކޮށް ރަށުތެރެއަށް ނުކުމެ އެހެން މީހުންނާ ބައްދަލުކޮށް ހެދި ކަމަށް އެޗްޕީއޭން ބުނެފައި ވެ އެވެ.

ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރި ބުރަ މަސައްކަތާއި އެ ދުވަސްތަކުގައި ރައްޔިތުން ތަހައްމަލުކުރި ބުރަ އެއްވެސް ބޭނުމެއް ނެތް ގޮތުުގައި ދާނީ ބޭކާރު ވެގެން

އެ މީހާއާ ބައްދަލުވި ކަމަށް ބެލެވޭ 11 މީހަކު އެ ރަށުން ވަނީ އެކަހެރިކޮށްފަ އެވެ.

ގދ. ހޯނޑެއްދޫން މިހާތަނަށް 38 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއީ މާލެ ފިޔަވައި ރަށެއްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ކޯޒްވޭއަކުން އެ ރަށާ ގުޅާލާފައި އޮންނަ މަޑަވެލި ވެސް، ބަލި ފެތުރިދާނެ ކަމުގެ ބިރަށް، މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބުމަށް ފަހު ދޫކޮށްލުމުގެ ކުރިން ސާމްޕަލް ނެގި އާއިލާއެކެވެ. ދެން ޕޮޒިޓިވްވީ އެ އާއިލާގެ އެހެން ގެއެއްގައި އުޅޭ ބައެކެވެ.

ރަށެއްގެ މަގުމަތިން ބަޔަކު ހިނގާފައި ދަނީ: ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލްކުރެވިފައި އޮތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން

ރަށުގައި ބަލި ފެތުރުމުގެ ތުހުމަތު އެ ރަށުގެ ބައެއް މީހުން އަޅުވަނީ އެންމެ ފުރަތަމަ ޕޮޒިޓިވްވި އާއިލާގެ ބޮލުގަ އެވެ. އެކަމަކު މިހާތަނަށް އެކަން ސާބިތު ކުރެވިފައެއް ނުވެ އެވެ. ރަސްމީ އިދާރާތަކުން މިހާތަނަށް ބުނެފައިވާ ގޮތުގައި ޕޮޒިޓިވް ކޭސްތަކާ އެ މީހުންނާ އޮތް ގުޅުމަކީ އެ ގެއިން ގެންދިޔަ ފޮށިގަނޑެކެވެ.

ކޮވިޑް-19ގެ ބިރު އެއްގޮތަކަށް ވެސް ނެތް ކަމަށް ބެލެވޭ ރަށްރަށުން ބަލިވެގެން މާލެ ގެންނަ ބައެއް މީހުން ޓެސްޓު ކުރާއިރު، އެ ބައްޔަށް ޕޮޒިޓިވްވެ އެވެ. އެއާ އެކު ރަށުގެ މީހުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ހޯމް ކަރަންޓީނުގައި ތިބޭ މީހުންނަށެވެ. ރަށު ތެރޭގައި ބަލި ފެތުރެނީ ކޮންމެވެސް ގޮތަކުން އެ މީހުން ބޭރަށް ނުކުންނާތީ ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވާ މީހުންގެ ސަބަބުން ތިމާގެ ރަށާއި ގާތް ރައްޓެހިންނާއި އަވަށްޓެރިންގެ އިތުރުން އެހެން މީހުން ވެސް ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ. އުސޫލާ ހިލާފުވެގެން ފިޔަވަޅު އެޅި ނަމަވެސް އެކަން ކުރެވޭއިރު، ކަރަންޓީނުގައި ހުންނަ މީހާ ގިނަ ބަޔަކާ ބައްދަލުވެ، އެ މީހުން ބައްޔަށް ހުށަހެޅިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރިއެރުންތަކެއް ހޯދި ނަމަވެސް، ފަރުވާކުޑަކޮށްލައި ބައެއް މީހުން އުސޫލުތަކާ ހިލާފުވުމުން އެ ހުރިހާ މަސައްކަތެއް ދާނީ ބޭކާރުވެގެންނެވެ.

މާލެ ދަތުރު ކުރާ ބޯޓެއްގައި ގިނަ ބަޔަކު އެނބުރި ރަށަށް ދަނީ: ކަރަންޓީނުވުމަށް މިހާރު ވެސް ގިނަ ބަޔަކު ރަށަށް ދޭ

"ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރި ބުރަ މަސައްކަތާއި އެ ދުވަސްތަކުގައި ރައްޔިތުން ތަހައްމަލުކުރި ބުރަ އެއްވެސް ބޭނުމެއް ނެތް ގޮތުުގައި ދާނީ ބޭކާރު ވެގެން،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެންގެ އިލްތިމާސެއް މިއީ ހުރިހާ ބޭފުޅުން ވެސް އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުން."

އޭނާ ވިދާޅުވީ ހޯމް ކަރަންޓީނަށް ރަށަށް ދާ މީހުންނަށް އެކަމުގެ އުސޫލުތައް މިހާރު އޮޅިފައި ނޯންނާނެ ކަމަށާއި ރަށަށް ދިޔުމުގެ ހުއްދަ ދެނީ ވެސް، ކަރަންޓީނުގައި ހުންނާނެ ތަނެއް ކަނޑައެޅުމަށް ފަހު ކަމަށެވެ. އެކަމަކު އެ މީހުން މޮނީޓާ ކުރަން ދާއިރު، ބައެއް މީހުން ބޭރަށް ނުކުމެ އުޅޭތަން ފެންނަ ކަމަށް ވިދާޅުވި އެވެ. އެހެން މީހުން ބައްޔަށް ހުށަހެޅުނަ ނުދިނުމަކީ، ކަރަންޓީނުގައި ހުންނަ މީހާގެ އަމިއްލަ ޒިންމާއެކެވެ.

"މިކަމުގައި ތިމާކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ. ބޭރަށް ނުކުންނައިރު އެނގެން ޖެހޭނެ މިއީ ކަރަންޓީނުގައި ހުންނަން ޖެހޭނެ މީހެއްކަން،" އޭނާ ވިދާޅުވި އެވެ.

އުސޫލާ ހިލާފުވާ މީހުންގެ ފަރާތުން ދިމާވާ އަނެއް މައްސަލައަކީ މައުލޫމާތު ދޭން ދެކޮޅުހެދުމެވެ. އެޗްޕީއޭން ބުނިގޮތުގައި ބޭރަށް ނުކުމެ، އެ މީހުން ބައްދަލުވެ އުޅުނު ހުރިހާ މީހުންގެ މައުލޫމާތު ދޭން ބައެއް މީހުން ފަސް ޖެހެ އެވެ. އެކަމުގައި އެންމެ ރައްކާތެރި ގޮތަކީ އެއްވެސް ފޮރުވުމެއް ނެތި، އެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުމެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުގެ އުސޫލާ މީހަކު ހިލާފުވި ނަމަވެސް އެކަން ސާބިތުކުރަން، އެކަށީގެންވާ ވަރަށް ހެކި ނުހުރެދާނެ ކަމަށެވެ. އެޗްޕީއޭގެ ހަގީގީ ބޭނުމަކީ މީހުންނަށް ޖަޖްކޮށް ފިޔަވަޅު އެޅުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވީހާ ވެސް އަވަހަކަށް، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ ބަލި ފެތުރުނަ ނުދިނުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ކޮވިޑް-19ގެ ނުރައްކާ ރާއްޖޭގައި އަދިވެސް ބޮޑެވެ. ބަލީގައި 30އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު މީގެ ދުވަސްކޮޅެއް ކުރިން 100 އިން މަތީގައި ހުރުމަށް ފަހު، އެ ނަމްބަރުތައް މިހާރު އަންނަނީ ދަށް ވަމުންނެވެ. ތަޖުރިބާކާރުން ދެކެވަޑައިގަންނަވަނީ މިއީ ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުއްމީދެއްގެ ގޮތުގަ އެވެ. އެކަމަކު އެކަން ހާސިލް ވާނީ ހުރިހާ އެންމެން ވެސް އިރުޝާދުތަކަށް ތަބާ ވެގެން، އެކަމަށް މަސައްކަތްކޮށްގެންނެވެ.