ކޮވިޑް-19

ގެސްޓު ހައުސްތައް ހުޅުވަނީ – އަހަރެމެން ތައްޔާރުތަ؟

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މި މަހުގެ 15 ގައި ހުޅުވާއިރު، އެޗުޕީއޭގެ ގައިޑްލައިންތަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ.

02 އޮކްޓޯބަރ 2020 - 15:25

11 comments

ކޮވިޑުގެ ސަބަބުން އިގުތިސާދީ ގޮތުން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި ލިބެމުންދާ އެއް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފަ އެވެ. އެއީ އެންމެ ސަބަބަކާ ހުރެ އެވެ؛ ޓޫރިސްޓުން އައުން ހުއްޓުމުންނެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ނާރެވެ. ޓޫރިޒަމް ބަރޯސާވެފައި އޮތީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގެ މައްޗަށެވެ. ގުޅިފައި ވަނީ، ވަޒަންވެރިވެގެން، ދިރިއުޅޭ ތަން ވަގުތީ ގޮތުން ދޫކޮށް އެހެން ތަނެއް ބަލާލަން، ހިތްހަމަޖައްސާލަން ކުރާ ދަތުރަކާ އެވެ. އެއްތަން ވުމުގެ މައްޗަށެވެ. އެހެންވެ، ކޮވިޑުގެ ސަބަބުން އެ ކަންކަމަށް ހުރަސް އެޅުމުން ރާއްޖޭގެ އިގުތިސާދު އަޑިއަޅާލީ އެވެ.

ކޮވިޑުގެ ސަބަބުން ވެއްޓިފައިވާ އިގުތިސާދީ އަޑިގަނޑުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ދިވެހި ސަރުކާރުގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ޓޫރިޒަމް އަލުން ކުރީގެ ހާލަތަށް ރުޖޫއަ ކުރުމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމާ އެކު މަޑުމަޑުން ރާއްޖޭގެ އިގުތިސާދަށް ދިރުން އަންނަން ފަށައިފި އެވެ. އެކަމަކު، ޓޫރިޒަމްގެ މެދުފަންތީގެ ވިޔަފާރި ކަމަށްވާ ގެސްޓް ހައުސްތައް އަލުން އޮޕަރޭޝަނަށް ގެނެވިފައި ނެތުމުން އަދިވެސް އާއްމު އިގުތިސާދު އޮތީ "ވެންޓިލޭޓަރުގަ" އެވެ. އިގުތިސާދީ ގޮތުން އެ ތަން ވަރަށް ބޮޑަށް އެބަ ދައްކަ އެވެ.

އިގުތިސާދީ ދުވެލީގެ ސްޕީޑް ހަލުވިވުމާއި ގެސްޓު ހައުސް ވިޔަފާރި އަލުން ހުޅުވާލުމާ ވަރަށް ބޮޑު ގުޅުމެއް އެބައޮތެވެ. އެ ތަންތަން ހިންގާ ގިނަ މީހުންނަކީ މެދުފަންތީގެ އާއްމު ވިޔަފާރިވެރިންނެވެ. ގެސްޓު ހައުސް ތަރައްގީކޮށްފައި ވަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެންނެވެ. އެ ތަންތަނާ ގުޅިފައިވާ އެތައް އާއްމު ކުދި ވިޔަފާރިވެރިން އެބަތިއްބެވެ. އެއީ، އެ މުޖުތަމައެއްގެ އެތައް ބަޔަކަށް، ހާއްސަކޮށް ޒުވާނުންނަށް، ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާ ވިޔަފާރިއެކެވެ. ވަށައިޖެހޭ އިގުތިސާދަކަށް، ގެސްޓު ހައުސް ހުޅުވުމުން މިއޮތީ ޒާތަކަށް މަޖުބޫރުވެފަ އެވެ.

ސުވާލަކީ ރިސޯޓުތައް އޮޕަރޭޝަނަށް ގެނައިއިރު ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ނުދިނީ ކީއްވެބާ އެވެ؟ ހަގީގަތަކީ ގެސްޓު ހައުސްތައް ހުޅުވައިލަން ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އަދި އެ ކަމަށް ގެސްޓު ހައުސް ވިޔަފާރިކުރާ ފަރާތްތަކުން ކެނޑިނޭޅި އެދިއެދި ތިއްބަސް، ރިސޯޓުތައް ހުޅުވައިލާ ފަސޭހަ އިން އެކަން ވާން ނެތް ކަމެވެ. އެއީ، ރިސޯޓުތައް ހިންގަނީ ރާއްޖެ އަށް ހާއްސަ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓަށް ކަމަށް ވާތީ އެވެ. ރިސޯޓު މުވައްޒަފުން ވެސް ތިބޭނީ އެ ތަނުގައި ކަމަށް ވުމުން އާއްމު މުޖުތަމައާ ކޮންޓެކްޓެއް ނެތި ރިސޯޓުތައް ހިންގޭނެތީ އެވެ.

ރިސޯޓުތަކާ ހިލާފަށް، ގެސްޓު ހައުސް އަށް އަންނަ މީހާއާ ރަށުގެ ރައްޔިތުންނާ ކޮންޓެކްޓްވާނެ އެވެ. އެތަނުގެ މުވައްޒަފުން ދުވަހުގެ މަސައްކަތަށް ފަހު ދާނީ އާއިލާ ކައިރިއަށެވެ. އެހެންވެ އެއީ ބޮޑު ގޮންޖެހުމެކެވެ.

އެ ހަގީގަތް އެ ގޮތަށް އޮތަސް، އެންމެ ފަހުން ސަރުކާރުން މިވަނީ ގްރޭޓާ މާލެ އޭރިއާ ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މި މަހުގެ 15 އިން ފެށިގެން ހުޅުވަން ހުއްދަ ދޭން ނިންމައިފަ އެވެ. އެއާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހާއްސަ އުސޫލެއް ހަދާފަ އެވެ. އެ އުސޫލު ބުނާ ގޮތުން، ގެސްޓު ހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހޭނެ އެވެ.

އެޗުޕީއޭ އިން ބުނާ ގޮތުގައި، ގެސްޓު ހައުސްތަކަކީ މެދުނުކެނޑި ޓޫރިސްޓުން ދާ ތަނަކަށް ވާތީ، އެ ތަންތަން މެދުވެރިކޮށް އާއްމު މުޖުތަމައަށް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑެވެ. މިގޮތަށް ކަރަންޓީން ވާ މީހުން އަމަލު ކުރަން ޖެހޭނީ މާލެ އިން ރަށްރަށަށް ގޮސް ކަރަންޓީންވާ މީހުން އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތަށެވެ. މާނަ އަކީ، މިސާލަކަށް ކ. މާފުށީގައި ގެސްޓު ހައުސް އޮޕަރޭޓްކުރަން ފަށާ ހިސާބުން ފެށިގެން އެ ރަށުގެ މީހަކު އެހެން ރަށަކަށް ދާ ނަމަ، އެ ދާ ރަށެއްގައި އެ މީހަކު 14 ދުވަސް ވާންދޭން ކަރަންޓީނުވާން ޖެހުމެވެ.

މި އުސޫލާ އެކު މިވަނީ ވަރަށް ގިނަ ސުވާލުތަކެއް އުފެދިފަ އެވެ. ގެސްޓު ހައުސް ހިންގާ ވިޔަފާރިވެރިން ބުނަނީ ރަށުގެ ހުރިހާ އެންމެން ރަށު ބަންދުވާ ގޮތަށް ގެސްޓު ހައުސްތައް ނުހިންގޭނެ ކަމަށެވެ.

"ދަރަވަންދޫ މީހުން ޑޮކްޓަރަށް ދައްކަން އަދި ވިޔަފާރި ކުރަން ދާން މި ޖެހެނީ ކައިރި ރަށްރަށަށް. މިހާރު އޮތް ގޮތުން ގެސްޓެއް އަންނަ އިރަށް އެންމެން ލޮކްޑައުން މިވަނީ. އެހެންވާކަށް ރައްޔިތުން ވެސް، ގެސްޓު ހައުސް ހުޅުވަން ހުއްދައެއް ނުދޭނެ،" ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދައްކަމުން، ގެސްޓު ހައުސްގެ ވެރިމީހަކު ބުންޏެވެ.

މިކަމުގައި އޮތީ ކޮން ހައްލެއް ހެއްޔެވެ؟ ގެސްޓު ހައުސް ނުހުޅުވާ ވާކަށް ވެސް ނެތެވެ. އެތައް ވިޔަފާރިއެއް އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގަ އެވެ. އަނެއްކޮޅުން، ރައްޔިތުންގެ ސިއްހަތު ކޮމްޕްރޮމައިޒްވާ ގޮތަށް ވިޔަފާރިކުރަން ހުއްދައެއް ވެސް ނުދެވޭނެ އެވެ.

ގެސްޓު ހައުސް ވިޔަފާރިވެރީގައި ހަރަކާތްތެރިވާ އެހެން މީހަކު ބުނީ، މި ކަމުގައި އޮންނަންވީ މެދުމިނުގެ ހައްލެއް ކަމަށެވެ. އެގޮތުން، އޭނާގެ ހިޔާލަކީ، ހާއްސަ އެސްއޯޕީއެއް ހަދައި ގެސްޓުންނަށް ބޭރަށް ދެވޭނީ ހަމައެކަނި ބީޗަށް ކަމަށް ހެދުމެވެ. އަދި އެ ގޮތަށް ބޭރަށް ދާއިރު މާސްކު އަޅައިގެން ދިއުމަށް މަޖުބޫރުކޮށް، އެ ކަންކަން ބެލޭނެ ހަރުކަށި އުސޫލެއް ހަދަން ވެސް އޭނާ ލަފާދިނެވެ.

"ގެސްޓު ހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް އެ ތަނުގައި ވަގުތީ ގޮތުން ކައިބޮއެ، ނިދަން ގޮތްތަކެއް ހެދިދާނެ. މިސާލަކަށް 10 ކޮޓަރި ހުންނަ ނަމަ، އޭގެ ތެރެއިން ތިން ކޮޓަރި އެއީ މުވައްޒަފުންގެ އެކޮމަޑޭޝަނަށް ބަދަލުކޮށް ބާކީ ހަތް ކޮޓަރި ހުޅުވަން ހުއްދަ ދެވޭނެ،" އޭނާ ބުންޏެވެ.

ގެސްޓު ހައުސް ހުޅުވުމަށް ކައުންސިލުން ބަލަން ޖެހޭ ކަންތައްތައް:

- ރަށުގައި އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިތޯ ބެލުން.

- ރަށުގައި ކޮވިޑް ޓާސްކް ފޯހެއް އޮތްކަން ޔަގީން ކުރުން.

- ޓޫރިސްޓަކު ކޮވިޑް- 19އަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އޭނާ ފެސިލިޓީ އަށް ގެންދާނެ އުޅަނދެއް ތައްޔާރުވެފައި އޮތްތޯ ބެލުން.

- އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް އޮތީ ކޮވިޑް-19އާ ގުޅިގެން ތައްޔާރަށްތޯ ޔަގީން ކުރުން.

- ހޮސްޕިޓަލުގައި އައިސޮލޭޝަން ކޮޓަރިއެއް ހުރިތޯ ޔަގީން ކުރުން.

- ސާމްޕަލް ނެގޭ ވަރަށް ހިއުމަން ރިސޯސަސް ހުރިތޯ ބެލުން.

ގެސްޓު ހައުސްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް:

- ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރު ހާމަކުރުން.

- ގެސްޓު ހައުސް ތެރޭގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެކަން ޔަގީން ކުރުން.

- ބޭނުންވާ ވަރަށް ޕީޕީއީ ކިޓާއި ފަސްޓް އެއިޑް ހުރިކަން ޔަގީން ކުރުން.

- ގެސްޓު ހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނިފޯމެއް ލުމާއި މާސްކު އެޅުން.

- ހުރިހާ ސްޓާފުން ވެސް "ޓްރޭސް އެކީ" އެޕް ބޭނުން ކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުން ކުރަން ބާރު އެޅުން.

ގެސްޓު ހައުސް ހިންގާ ރަށެއްގެ ރައްޔިތަކު ބުނީ، ގެސްޓު ހައުސް ހުޅުވުމާ އެކު ލޮކްޑައުން ކުރާ ނަމަ ރައްޔިތުންނަށް ވަރަށް އުނދަގޫވާނެ ކަމަށެވެ. އެކަމަކު، ގެސްޓު ހައުސްތައް ނުހުޅުވާ ނަމަ އަނެއްކާ ވެސް އިތުރު ދުވަސްތަކެއް ހޭދަކޮށްފި ނަމަ، އަނެއްކޮޅުން އިގުތިސާދު ފުނޑިދާނެ ކަމުގެ ބިރު ވެސް އޭނާ ފާޅުކުރި އެވެ. އެހެންކަމުން، އިގުތިސާދު އެއްކޮށް ފުނޑުފުނޑުވުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެޗްޕީއޭ އިން ހާއްސަ ހުއްދައެއް ދެވިދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"މިހާރު ވެސް ކޮވިޑް ކޭހެއް ފެނުމާ އެކު ލޮކްޑައުން ކުރަނީ. އެ އުސޫލު ހެދިދާނެ. އެކަމަކު ގެސްޓެއް އަންނަ ހިސާބުން އެ ރަށެއްގެ ބަޔަކަށް ފަސޭހަ އިން އެހެން ރަށަކަށް ނުދެވޭ ނަމަ، ރައްޔިތުންނަށް ތަކުލީފު ޖެހެނީ. ރައްޔިތުންނަށް ތަކުލީފެއް ޖެހޭ ގޮތަށް އެ ރަށެއްގައި ވިޔަފާރިކުރާ ނަމަ އާއްމު މަސްލަހަތު ގެއްލިދާނެ،" އޭނާ ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ އަދި މިހާރު ވެސް އެ ދާއިރާގެ މަތީ ފަންތީގެ ވަޒީފާއެއް އަދާކުރާ މީހަކު ފާހަގަކުރި ގޮތުގައި، ބޭސްފަރުވާ އާއި ވިޔަފާރި އަށް މިހާރު ފަސޭހަ އިން މާލެ ނުދެވޭއިރު، ގިނަ މީހުން ސިއްހީ ފަރުވާ އަށް ވެސް ދަނީ ރަށްރަށެވެ. އެކަމަކު، ގެސްޓު ހައުސް ހުޅުވުމާ އެކު އެ ފުރުސަތު ގެއްލޭ ކަމަށް ވާ ނަމަ، އެއީ ބޮޑު މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

"މިހާރު ވެސް ބޭހަށް އެ ދަނީ އެހެން އަތޮޅަކަށް. އެކަމަކު، އެ ރަށުގައި ގެސްޓު ހައުސް ހުޅުވާ ތަނުން އެ މީހާ އެ ރަށަށް ގޮސް ކަރަންޓީންވާން ޖެހެންޏާ ކިހާ ބޮޑު ތަކުލީފެއް؟" އޭނާ ބުންޏެވެ.

"އެހެންވެ ސިއްހީ ކަންކަމާއި އެ ނޫން ވެސް ޒަރޫރީ ކަންކަމުގައި ދަތުރުކުރާ މީހުންނަށް ހާއްސަ ހުއްދައެއް ދޭ ގޮތަށް ވެސް އުސޫލު ބަދަލުކުރެވިދާނެ."

ދެން އޮތީ މާލެ ސަރަހައްދެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި، މި ސަރަހައްދުގެ ގެސްޓު ހައުސްތަކަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވުމުންނެވެ. މިހާރު އެ ރޭޓް ހުރި ގޮތުން އެއީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. އެކަމަކު، މާލެ އަކީ މިހާރު ވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކަށް ވާތީވެ، އިތުރު މާ ބޮޑު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް ނުބެލެވެ އެވެ.

"މާލެ ސަރަހައްދަށް ބަލާއިރު ގިނައީ ޓްރާންސިޓް ގެސްޓު ހައުސްތައް. އެ ތަންތަނަށް ދާ ގެސްޓުން އާއްމުކޮށް ތިބޭ ބޭރަށް ނުގޮސް އެ ތަނެއްގައި. އެހެންވެ، މާލެ ސަރަހައްދުގައި މައްސަލައެއް ނުކުމެދާނެ ކަމަކަށް ނުބެލެވޭ. އެކަމަކު، ބައެއް މީހުން ފަރުވާކުޑަކޮށްފާނެ ކަމަށް ބަލައި ހާއްސަ އުސޫލެއް ހެދުން ބުއްދިވެރި،" ޓޫރިޒަމް ސިނާއަތުގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ވުރެ ގެސްޓު ހައުސްތައް ގިނައީ ވެސް އަދި ޓޫރިޒަމްގެ ހަގީގީ މާނައިގައި ގެސްޓު ހައުސްތައް ހިންގަނީ އަތޮޅުތެރޭގަ އެވެ. މާލެ ސަރަހައްދުގައި ގޮންޖެހުމެއް ނެތަސް، އަތޮޅުތެރޭގައި ގެސްޓު ހައުސްތައް ހުޅުވަން ބަލާއިރު އުނދަގޫތައް ގިނަ އެވެ. އެކަމަކު، އިގުތިސާދަށްޓަކައި އަދި އެތައް ބައެއްގެ ދިރިއުޅުމަށްޓަކައި، އާއްމުންނާއި ވިޔަފާރިވެރިން ވެސް ކޮންމެވެސް ވަރެއްގެ ގުރުބާނީތަކެއް ވެގެން، ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ އަށް އެއްބާރުލުން ދީގެން ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފަށަން މިއޮތީ ޖެހިފަ އެވެ. ސިއްހީ ގޮތުން ވެސް، އިގުތިސާދީ ގޮތުން ވެސް، މި ވަޅުގަނޑުން އަވަހަށް އަރައިގަނެވޭނީ އޭރުންނެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައިސޫރި

02 October 2020

ހުޅުވާލާފަ އަޖުމަ ބަލާލަބަލަ ނިކަން. މިސަރުކާރަށް އިނގޭނީ ކަމެއްވީމާ އެވާހަކަ ދައްކަން. ކަމެއްް ކުރުމުގެކުރިން ދިރާސާކޮށް ފަންނީ މީހުންގެ ލަފާހޯދާ ތައްޔާރުވުމެއް ނޯންނާނެ.

The name is already taken The name is available. Register?

ބޭބެ1

02 October 2020

އެޗްޕީއޭ އިސްތިއުފާ ރަތަށް ބަންދުކުރީމާ ބޭސްފަރުވާއާއި އެހެނިހެން ކަންކަން ބަންދުތީ ހުއްދަ ހޯދަން އަދޭސް ކުރުވާ މީހުން ގަނަތަޅުވަން ތިއުޅެނީ އިސްތިއުފާދީ.. މީހަކަށް ބައިލައްކަ ރުފިޔާ ކޮވިޑް އިލަވެންސޭ ކިޔާފާ..

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 October 2020

ޓްއަރިޒެމް އަދި އިކޮނޯމިކް މިނިސްޓްރީގެވިސްނުން މިކަމުގައިހުރިގޮތަށްބަލާއިރު "އަޅާން ތައްޔާރުވެފައިވާ ފިޔަވަޅުތަކާއި ހަދާފައިވާގިނަ ޤަވާއިދުތަށްހުރީ ސީދާ މާލެނޫންރަށްރަށުގެ ގެސްޓްހައުސްތަކާއި ދެކޮޅަށްކަން" ފާހަނގަކުރެވޭ. # ބަލި އުފުލަނީ ވަކި ކުލައެއްގެ ވަކި ރަށަކަށް އަންނަ ވަކިބައެއްކަމަށް ހަދައި އިންސާނުންގެ މެދުގައި އަސްލެއްނެތް ތަފާތު ކުރުން ގެންގުޅުމަކީ ކޮށްގެން ވާނެ ކަމެއްނޫން. މާލެ އަންނަމީހާއާއި ތުރާކުނު ނޫނީ އައްޑުއަށް އަންނަމީހާއާއިމެދު ތަފާތުކޮށްގެންނުވާނެ.

The name is already taken The name is available. Register?

ޖިހާދު - ނިލަންދޫ

02 October 2020

ބަރާބަރު ވާހަކަ އެއް. ތިއީ ހަޤީގަތް.

The name is already taken The name is available. Register?

ރާއްޖެ

02 October 2020

ފުރަތަމަ ދުވަހުން ވެސް އެންމެ ވޯސްޓް ކޭސް ސިނާރިއޯއަށް ތައްޔާރުވެފަ އޮތީ.

The name is already taken The name is available. Register?

ޑައިވަރސިފައިކުރަން

02 October 2020

އޭ ރާއްޖޭގެ ވެރިކަމުގައި ހުންނެވި ހާކިމާއޭ ދުނިޔެއަށް އައި ކޮވިޑް ވަބާގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމަކީ އެއީ ދިވެހިރާއްޖެއޭ މިކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގެ އިގްތިސާދު ހަމަ އެކަނި ޓޫރިޒަމް އަށް ބަރޯސާ ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދިވެހިންނަކީ ހީވާގި ބަޔަކަށް ހެދުމަށް ޓަކައި ވެސް އެބަޖެހޭ މާލެ ސަރަހައްދު ތިލަފުށި ފަޅު ހިއްކައިގެން އެތަނުން ގޯތި ވިޔަފާރިވެރިންނަށް ދީގެން އިންޑަސްޓްރިއަލް ވިޔަފާރި އާއި ދިމާލަށް ރާއްޖޭގެ އިގްތިސާދު

The name is already taken The name is available. Register?

އެކަންކުރެވޭނެއޭ

02 October 2020

ރައީސް އިބޫ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އިގްތިސާދީ ކަންކަން ޖައްސަން ޖެހޭނީ އާނދޮގޭ ކިޔާ އެގޮތުން ބަލާއިރު ރާއްޖޭގައި ދަނޑުވެރިކަން ކުރަން އާ މޮޑެލް އެއް ނެރުމަށް ޓަކައި ގާފަރު ފަޅު ހިއްކާ އެތަނުން 250 ހާސް އަކަފޫޓްގެ ބިމެއް މާލެ ސަރަހައްދުގެ ވިޔަފާރި ކުންފުނި ތަކަށް ދޭންވީއޭ 100 އަހަރަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރުތެރޭގައި ކުއްޔަށް ބަދަލެއް ނާންނާނެ އުސޫލުން އެއިރުން މަލްޓި ސްޓޯރީ ބިލްޑިންގް އަޅައިގެން

The name is already taken The name is available. Register?

ވާނުވާ މިހާރު

02 October 2020

ތައްޔާރު.. ހުޅުވާތީ ހާދަ ވަރެެއްތިވަނީ ނޫސްތަކައްވެސް

The name is already taken The name is available. Register?

ކުއްޔަށްދޭންވީއޭ

02 October 2020

ސަރުކާރުން ބައްލަވަންވީ ހަމަ އެކަނި ޓޫރިޒަމް ކުރިއަރުވަން ނޫނޭ ހައްދަވަން ޖެހޭނެ ގޮތަކީ ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި ބަނދަރުހެދުން ފަދަ ކެޕިޓަލް އިންވެސްޓްމެންޓް ކުރިއަށް އޮތް 5 އަހަރަށް މެދު ކަނޑާލާ އެބަޖެޓުން އެމްޓީސީސީ މެދުވެރިކޮށް މާލެ ސަރަހައްދު ފަޅު ތައް ހިއްކާ ބިންތައް ކުއްޔަށް ދޭންވީއޭ ލައިނެއް ދަމާލަންވީއޭ ހުޅުމާލޭގެ ދެކުނުން ހުޅަނގަށް ގޮސް ނަކައްޗާއި ހަމައަށް ދެން އެ ލައިނުން ދެކުނުގައި ވާ ހުރިހާ ފަޅު ތަކެއް ހިއްކާލާ ބިންތައް

The name is already taken The name is available. Register?

ސަތޭކައަހަރަށްދޭންވީއޭ

02 October 2020

ގެސްޓް ހައުސް ތައް ހުޅުވަންވީއޭ ދިވެހި އެންމެހާ ރައްޔިތުން ތައްޔާރޭ އަދި މާލެ ސަރަހައްދުން މާލެ ގާތު ފޭދޫ ފިނޮޅު ދެކުނުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން 1000 ފޫޓް ދިގު އަދި 1000 ފޫޓް ފުޅާ މިނުގެ ބިމެއްގައި 50 ބުރިއަށް އިމާރާތް ކުރަންވީއޭ އިމާރާތް ކުރާއިރު ކުރާނީ ކޮންމެ ފްލޯރ އެއްގެ ހެއިޓް ގައި 6 މީޓަރު ހުންނަ ގޮތަށޭ ދެން ކޮންމް ފްލޯރ އަކުން މަގު ތަކާއި އެމްއީޕީ ރޫމަށް ކަނޑާ 250 ހާސް އަކަފޫޓްގެ ފްލޯރ އޭރިއާ މާލެ ސަރަހައްދުގެ ކޮންމެ ކުންފުންނަކަށް

The name is already taken The name is available. Register?

ލަބީދު

02 October 2020

ހޭވައްލާ ތައްޔާރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454