ފިތުނަ އާއި ކާފިރުކަން ހުއްޓި ﷲ އަށް ދީން ވުމަށް ކުރާ ޖިހާދުގެ މާނަ

އިސްލާމް ދީނުގައި ޝަރުޢު ކުރެވިފައިވާ ޖިހާދުގެ ހަގީގަތާ މުޅިން ދުރުން، ޖިހާދުގެ ނަމުގައި ހިންގާ ހަރުކަށި އަދި ބިރުވެރި ޢަމަލުތައް ހުއްދަކަމަށް އެފަދަ ޢަމަލުތައް ހިންގާ މީހުންނާއި، ދީނާ މެދު ޝުބުހާތައް އުފައްދާ މީހުން ޤުރްއާނުން ދަލީލު ދައްކަން މަސައްކަތް ކުރެ އެވެ. އެކަމަކު ޖިހާދާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ އާޔަތްތަކާއި އެއާ ގުޅުންހުރި ހަދީސްތަކާއި އިސްލާމްދީނުގެ މައިގަނޑު މަގުސަދުތަކާއި އިސްލާމީ އަގުތަކާއި ފިޤުހުގެ އުސޫލުތަކުގެ އަލީގައި އެ ދަލީލުތައް ތަހުލީލުކޮށްލުމުން މި ބައިމީހުން ދައްކާ ދަލީލުތައް ޞައްހަނޫންކަން ހާމަވެގެން ދެ އެވެ.


މިގޮތުން ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްދަކުރަން ޙުއްޖަތަކަށް ދައްކާ އާޔަތްތަކުގެ ތެރެއިން ދެ އާޔަތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ. އެތަނުން އެއް އާޔަތަކީ، އަލްއަންފާލު ސޫރަތުގެ 39 ވަނަ އާޔަތެވެ. މި އާޔަތުގެ މާނައިގައި ވަނީ، "ފިތުނަވެރިކަމާއި ކާފިރުކަން ހުއްޓި، މުޅި ދީން ވަނީ، ﷲ އަށްޓަކައި ކަމުގައި ވެއްޖައުމަށް ދާންދެން، ތިޔަބައި މީހުން އެ ކާފިރުންނާ ހަނގުރާމަ ކުރަމުން ގެންދާށެވެ!"

މި އާޔަތުގައި ހަނގުރާމަ ކުރުމަށް މިއޮތް އަމުރަކީ ހަމަ މުޠުލަޤު އަމުރެއް ބާވަ އެވެ؟ އާޔަތުގައި ބަޔާންކޮށްފައި އެވާ ކާފިރުންނަކީ ހަމަ ކާފިރުންގެ ކޮންމެ ބައެއް ބާވަ އެވެ؟ މީގެ ޖަވާބު ލިބިގެންދަނީ އެންމެ ފުރަތަމައިން ވެސް މިއާޔަތުގެ ފަހު ބައިންނެވެ. އެއީ، "ފަހެ، އެއުރެން ހުއްޓާލައިފި ނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ﷲ އީ، އެއުރެން ކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ.". މާނައަކީ، އެއުރެން އެކުރާ ކަމެއް ކުރުން ހުއްޓާލައިފި ނަމަ ދެން އެމީހުންގެ ކަންތައް ﷲ އަށް ދޫކޮށްލާށޭ އެވެ. އެކަމަކު މިތަނުގައި "ހުއްޓާލައިފި ނަމަ" އޭ އެބުނާ ކަންތަކަކީ ކޮބައިބާ އެވެ؟ އޭގެ ޖަވާބު ލިބެނީ މި އާޔަތުގެ ކުރީގައިވާ އާޔަތްތަކުންނެވެ. މިގޮތުން 34 ވަނަ އާޔަތުން ފެށިގެން ﷲ އަންގަވަނީ އެއުރެންނަށް (ދުނިޔޭގައި ވިއަސް އަދި އާޚިރަތުގައި ވިއަސް) ޢަޛާބު ނުލިބޭން އެއުރެންނަށް ދެއްކޭނެ އުޒުރެއް ނެތް ކަމަށެވެ. އެއީ އެމީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ.

މި ޢަމަލުތަކުގެ ތެރޭ ހިމެނޭ އެއްކަމަކީ، ޙުރުމަތްތެރިވެގެންވާ މިސްކިތުން (މީސްތަކުން) ދުރުކުރަމުން ގެންދިއުމެވެ. ދެވަނަ ކަމަކީ ގެފުޅު އަރިހުގައި ތިބެގެން ތުބުންފުމުމާއި އަތްތިލަބަޑި ޖެހުމެވެ. ތިންވަނަ ކަމަކީ ﷲ ގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައި އެއުރެންގެ މުދާ ހޭދަކުރުމެވެ.

މި ޢަމަލުތަކުގެ ތެރޭ ހިމެނޭ އެއްކަމަކީ، ޙުރުމަތްތެރިވެގެންވާ މިސްކިތުން (މީސްތަކުން) ދުރުކުރަމުން ގެންދިއުމެވެ. ދެވަނަ ކަމަކީ ގެފުޅު އަރިހުގައި ތިބެގެން ތުބުންފުމުމާއި އަތްތިލަބަޑި ޖެހުމެވެ. ތިންވަނަ ކަމަކީ ﷲ ގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައި އެއުރެންގެ މުދާ ހޭދަކުރުމެވެ. މިކަންކަމުގެ ސަބަބުން ދުނިޔެމަތީގަ އާއި އާޚިރަތުގައި އެއުރެންނަށް ހުރި ގެއްލުންތަކުގެ ވާހަކަ ވެސް މި އާޔަތްތަކުގައި ބަޔާން ކުރައްވާފައި ވެ އެވެ. އެއަށްފަހު 38 ވަނަ އާޔަތުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާ މުޚާޠަބު ކުރައްވައި ﷲ އަންގަވަނީ އެއުރެން ހުއްޓާލައިފި ނަމަ (އެބަހީ، ހަނގުރާމަ ކުރުމާއި ކާފިރުކަން) އެއުރެންނަށް އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެ ކަމަށް އެ ކާފިރުވި މީހުންނަށް ވިދާޅުވުމަށެވެ. އެކަމަކު އެކަންކަމަށް އަލުން އެނބުރި އަންނަ ނަމަ އިސްވެދިޔަ މީހުންނަށް ވީގޮތް ވެދާނެ ކަމަށެވެ.

ހަނގުރާމަ ކުރުމުގެ އަމުރު އައިސްފައި އެވަނީ މި ހިސާބުންނެވެ. މި ހަނގުރާމަ ކުރަން ޖެހޭ ސަބަބަކީ އެއުރެން އެކުރާ ކަންތައްތަކަކީ ވަރަށް ބޮޑު ފިތުނައެއް ކަމުގައި ވުމެވެ. ﷲ ގެ އަޅުން ހިދާޔަތުގެ މަގުން އެއްކިބާކޮށް ކުފުރުގެ މަގަށް ގެންދިއުމަށްވުރެ ބޮޑު ފިތުނައެއް ނޯންނާނެ އެވެ. އަދި މިއީ ގަތުލު ކުރުމަށްވުރެ އޭގެ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. ތެދެކެވެ. މިއާޔަތުގައި މިވާ ހަނގުރާމައިގެ އަމުރަކީ، ދިފާޢީ ހަނގުރާމައެއްގެ އަމުރެއް ނޫނެވެ. އިސްވެ ފަށާ ހަނގުރާމައެއްގެ އަމުރެވެ. މިއަށް ކިޔަނީ "ޖިހާދުއްޠަލަބް" އެވެ. އެކަމަކު މިކަމުގެ އަމުރު އައިސްފައި އޮތް އާޔަތް ނުނިމެނީސް ހަމަ އެ އާޔަތުގައި އެ އަންގަވަނީ އެމީހުންގެ އެ ފިތުނަވެރި އަމަލުތައް ހުއްޓާލައިފިއްޔާ ހަނގުރާމަ ކުރުން ހުއްޓާލާށޭ އެވެ.

ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްދަކުރަން ޙުއްޖަތަކަށް ދައްކާ އާޔަތްތަކުގެ ތެރެއިން މި ލިޔުމުގައި ދެވަނައަށް ވެސް މިބައިލަނީ ހަމަ ކުރިން މިދެންނެވި އާޔަތުގައި އެވާ އަމުރާ ހަމަ އެއްފަދަ އަމުރެއް އައިސްފައިވާ އާޔަތަކަށެވެ. އެއީ، އަލްބަޤަރާ ސޫރަތުގެ 193 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ، "އަދި، (ދީނާ ދެކޮޅަށް އުފައްދާ) ފިތުނަވެރިކަން ނެތިއްޖައުމަށް ދާންދެން އަދި ދީން، ﷲ އަށް ޚާލިޞްވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ!" މިހެން އޮންނަ އަމުރެވެ. އެކަމަކު މި އާޔަތުގައި ވެސް ފަހުބައިގައި ﷲ އަންގަވަނީ އެކަން ހުއްޓާލައިފި ނަމަ އަނިޔާވެރިވާ ބައެއްގެ މައްޗަށް މެނުވީ ޢަދާވާތްތެރިވުމެއް ނެތް ކަމަށެވެ. މިއާޔަތުގައިވެސް އެވާ "އެއުރެން" ނަކީ ކޮބައިތޯ ބަލައިލާ އިރު އެކަން އެނިގެންދާނީ އޭގެ ކުރިން އޮތް އާޔަތްތަކުންނެވެ. މިގޮތުން 190 ވަނަ އާޔަތުގައި ﷲ އަންގަވަނީ މުސްލިމުންނާ ހަނގުރާމަ ކުރާ މީހުންނާ، ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށެވެ. އެކަމަކު އެކަމުގައި (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) މުސްލިމުން ހައްދުފަހަނަޅައި ނުދިއުމަށެވެ. ހައްދުފަހަނަޅައި ދާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ނުވާނެ ކަމަށެވެ.

މި އާޔަތުގައި ވެސް ފަހުބައިގައި ﷲ އަންގަވަނީ އެކަން ހުއްޓާލައިފި ނަމަ އަނިޔާވެރިވާ ބައެއްގެ މައްޗަށް މެނުވީ ޢަދާވާތްތެރިވުމެއް ނެތް ކަމަށެވެ. މިއާޔަތުގައިވެސް އެވާ "އެއުރެން" ނަކީ ކޮބައިތޯ ބަލައިލާ އިރު އެކަން އެނިގެންދާނީ އޭގެ ކުރިން އޮތް އާޔަތްތަކުންނެވެ. މިގޮތުން 190 ވަނަ އާޔަތުގައި ﷲ އަންގަވަނީ މުސްލިމުންނާ ހަނގުރާމަ ކުރާ މީހުންނާ، ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށެވެ. އެކަމަކު އެކަމުގައި (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) މުސްލިމުން ހައްދުފަހަނަޅައި ނުދިއުމަށެވެ. ހައްދުފަހަނަޅައި ދާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ނުވާނެ ކަމަށެވެ.

ޖެހިގެން އޮތް އާޔަތުގައި ﷲ އަންގަވަނީ އެ ހަނގުރާމަ ކުރާ މީހުން ފެނުނު ކޮންމެ ތަނަކުން ގަތުލު ކުރުމަށެވެ. އަދި އެއުރެން ތިބާ ނެރުނުތަނުން ތިބާވެސް އެއުރެން ނެރުމަށެވެ. އެކަމަކު ހުރުމަތްތެރިވެގެންވާ މިސްކިތުގައި ވިއްޔާ އެއުރެން ހަނގުރާމަކޮށްފުމަށް ދާންދެން އެއުރެންނާ ހަނގުރާމަ ނުކުރުމަށެވެ. އެކަމަކު އެތަނުގައިވިޔަސް އެއުރެން ހަނގުރާމަ ފަށައިފިއްޔާ އެއުރެންނާ ހަނގުރާމަކޮށް ޤަތުލު ކުރުމަށެވެ. އެއީ ކާފިރުންނަށް ލިބެން ޖެހޭ ޖަޒާއެއްގެ ގޮތުން ކަމަށެވެ. މި ދެ އާޔަތުގައި ވާހަކަ ދެކެވިފައި އެވަނީ ދިފާޢީ ހަނގުރާމަ ނުވަތަ "ޖިހާދުއްދަފްޢު" ގެ ވާހަކަ އެވެ. އެހެންވެ 192 ވަނަ އާޔަތުގައި ވަރަށް ސާފުކޮށް ﷲ އަންގަވަނީ "އެއުރެން (ހަނގުރާމަ) ހުއްޓާލައިފި ނަމަ (ތިޔަބައިމީހުން ވެސް ހަނގުރާމަ ހުއްޓާލާށެވެ!)" އެވެ.

ފިތުނަވެރިކަން ނެތިދިއުމަށާއި ﷲ އަށް ދީން ޚާލިޞްވުމަށްޓަކައި ހަނގުރާމަ ކުރަން އަމުރު އައިސްފައި ވަނީ މި ދެންނެވި އާޔަތްތަކަށް ފަހުގަ އެވެ. އަދި "ޤަތުލު ކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑު" ކަމުގެ ވާހަކަ ވެސް ބަޔާން ކުރުމަށް ފަހުގަ އެވެ. އަންފާލު ސޫރަތުގެ 39 ވަނަ އާޔަތް ފަދައިން މިއާޔަތް (އަލްބަޤަރާ 193) ވެސް މިއީ "ޖިހާދުއްޠަލަބް" އަށް ދަލީލު ލިބޭ އާޔަތެކެވެ. އެކަމަކު އާޔަތް ނިމުމުގެ ކުރިން ﷲ އެވަނީ، އެއުރެން އެކަންކަން ހުއްޓާލައިފިއްޔާ ދެން ޢުދުވާނެއް ބާއްވަން ޖެހޭނީ ހަމައެކަނި އޭގެ ތެރެއިން އަނިޔާވެރިވާ މީހުންނާ އެކަނި ކަމަށް ބަޔާން ކުރައްވައިފަ އެވެ.

އޭގެ މާނައަކީ، އެމީހުން އިސްލާމްވިތޯ ކޮންމެހެން ބަލާކަށް ނުޖެހެ އެވެ. ސަބަބަކީ، ހަނގުރާމަ ނުކުރާނަމަ، އަދި ފިތުނަ ނުއުފައްދާނަމަ، އަދި ﷲ ގެ ދީން ފަތުރަން ހުރަސް ނާޅާނަމަ، "ޖިހާދުއްޠަލަބް" ގެ ގޮތުގައި ވެސް ހަނގުރާމަ ކުރުމެއް އިސްލާމް ދީނުގައި ނޯންނާތީ އެވެ. އެއީ މިދެންނެވި ފަދަ ކަންތައް ކުރާނީ ޙަރުބީ ކާފިރުން ކަމަށްވާތީ އެވެ. އެހެންވީމާ ކާފިރުންގެ ތެރެއިން މުސްލިމުންނާ އެކު ޢަހުދެއްގެ މަތީ ތިބޭ މީހުން (މުޢާހިދުން) ނާއި، މުސްލިމުންގެ ފަރާތުން އަމާންކަން ދީފައި ތިބޭ މީހުން (މުސްތައުމިނުން) ނާއި މުސްލިމުންގެ ޒިންމާގެ ދަށުގައި ތިބޭ މީހުން (ޛިންމީން) ނާ އެކުގައި "ޖިހާދުއްޠަލަބް" ގެ ގޮތުގައި ހަނގުރާމައެއް ނުކުރެވޭނެ އެވެ. ޖިހާދާ ގުޅޭ ކޮންމެ އާޔަތެއްވެސް އޭގެ ސިޔާޤު (ކޮންޓެކްސްޓް) އަށް ބަލައިފި ނަމަ މިދެންނެވި ކަންކަން ފާހަގަ ކުރެވިގެންދާނެ އެވެ.