ސަރުކާރުގެ ދެވަނަ އަހަރު، ކޮވިޑްގެ "އަނދިރިކަމުގައި"

ސަރުކާރަކަށް ދިމާވާނެ އެންމެ އުނދަގޫ، އެންމެ ބޮޑު ކާރިސާތަކުން ދެ ކަމެއް މިހާރުގެ ސަރުކާރުން އެ ދަނީ ތަހައްމަލްކުރަމުންނެވެ: ދުނިޔެ ހުއްޓުވި ބަލިމަޑުކަމަކާއި އެއާ ގުޅިގެން ގައުމު ވެއްޓުނު އިގުތިސާދީ ވަޅުގަނޑެވެ.


ހުދުމުހުތާރު، އަނިޔާވެރި އަދި ހިޔާނާތުން ފުރިފައި އޮތް އެކަމަކު ތަރައްގީގެ އާދަޔާ ހިލާފު މަޝްރޫއުތަކުން އެތައް ބަޔަކަށް އާ މަންޒަރުތަކެއް ވެސް ދައްކުވައިދިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަލިކުރައްވައި، ރާއްޖޭގެ ވެރިކަމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތީ ކުޑަ މަސްއޫލިއްޔަތުތަކެއް ކޮނޑުފުޅުގައި އަޅުއްވައިގެންނެއް ނޫނެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުގެ ކުރިމަތީގައި އޮތީ، ޔާމީންގެ ނަންފުޅު ފޮހެލެވެން ނެތް ތަަރައްގީގެ ބިޔަ ސިފަތަކާ އެއްވަރަށް ނުވަތަ އެއަށް ވުރެ ވެސް ބޮޑު ކުރިއެރުންތަކެއް ހޯދައިދިނުމުގެ މަސައްކަތެވެ.

އެކަމަކު ސަރުކާރަށް ދެ އަހަރު މިއަދު ފުރޭއިރު ހާލަތު މި އޮތީ މީހެއްގެ ހިޔާލަށް ވެސް ނުގެނެވޭ ފަދަ ދަރަޖައެއްގަ އެވެ. އިދިކޮޅުން ސިފަކުރަމުން އަންނަ "ލަސް ސަރުކާރު" އިތުރަށް "ލަސްކޮށްދޭ" އިގުތިސާދީ ވެއްޓުން ކޮވިޑާ އެކު ލައިގަތީ، އިންސާފަށް ވާހަކަ ދައްކާ ނަމަ، ސަރުކާރުގެ ކުށެއް އޮވެގެންނެއް ނޫނެވެ. އަދި އެ ވަޅުގަނޑުން އަރައިގަތުމުގައި ހުރި މައްސަލަތަކާއި ގޮންޖެހުންތައް ގިނަވުމުގެ ފޫޅު ހަމައެކަނި މި ސަރުކާރަށް ކެނޑެން ނޯންނާނެ ކަމަށް، ނުފޫޒު ގަދަ ވަޒީރުން ވިދާޅުވާ ވިދާޅުވުމުގައި ވެސް، އިންސާފަށް ވާހަކަ ދައްކާ ނަމަ، ސަބަބުތަކެއް އެބަ ހުއްޓެވެ.

މި ރިޕޯޓަށް އިންޓަވިއު ދެއްވިއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެންމެ ބާރުލައްވާފައި ދެއްކެވި އެއް ވާހަކަ ވެސް ބިނާވަނީ ކޮވިޑްގެ ހާލަތުގެ އިގުތިސާދީ ވެއްޓުން ކުރިމަތިވި އިރު، ރާއްޖޭގެ އިގުތިސާދު ތަރުތީބުވެފައި އޮތް ގޮތުން ހުރި ގޮންޖެހުންތަކަށެވެ. މިސާލަކަށް އޭނާ ނެންގެވީ، ދައުލަތަށް ރައްކާކުރެވިފައި ހުރި ފައިސާގެ މިންވަރު ދަށްވުމެވެ. އޭނާ ސިފަކުރެއްވި ގޮތުން ނަމަ ރައްޔިތުންނަށް އެހީވާން ބޭނުންވި މިންވަރަށް ނުވެވުނީ ގައުމުގެ ދަރަނި އޮތް ވަރާއި އަދި ދަރަންޏަށް ފައިސާ ނެގެން އޮތް މިންވަރު ވެސް ލިމިޓްވުމުންނެވެ.

މިނިސްޓަރު ފައްޔާޒް: ދައުލަތުގައި ފައިސާ ހުރި ނަމަ ވަރަށް ބޮޑަށް އެހީވެވުނީސް --ފޮޓޯ/މިހާރު

"ހަގީގަތުގައި އަޅުގަނޑުމެންގެ ވަރުގަދަ ސްޓްރަކްޗަރަލް އިގުތިސާދެއް އޮވެފައި، އަޅުގަނޑުމެންގެ ރަނގަޅު ސޭވިންއެއް އޮވެފައި، ދަރަނީގެ ބާޑަން މިހާރަށް ވުރެ ބޮޑު ނޫން ނަމަ، އަސްލު މި ކާރިސާގައި މި ދިމާވި ކަންތައް ވަރަށް ރީތިކޮށް ހަމަޖައްސާލެވުނީސް،" ފައްޔާޒު ވިދާޅުވި އެވެ.

"އޭގެ މާނައަކީ ޓޫރިޒަމުން އެ ގެއްލުނު ބައި އަރައިގަނެވެންދެން، ރަނގަޅު ހާލަތަކަށް ގެނެވެންދެން ދައުލަތުން [ފައިސާ] ޕަމްޕިންކުރެވުނީސް. އެކަމަކު އަޅުގަނޑުމެންގެ އިގުތިސާދަކީ ސްޓްރަކްޗަރަލީ ވަރުގަދަ އިގުތިސާދެއް ނޫން. އަޅުގަނޑުމެންގެ ސޭވިންއެއް ނެތް. ދަރަނި ބޮޑު."

އެފަދަ ފެންވަރެއްގައި އޮތް އިގުތިސާދަކަށް ކޮވިޑް ލައިގަތުމުން، ފައްޔާޒު ވިދާޅުވީ، "އެންމެ ބޭނުންވާ ވަރަށް ވިޔަފާރިތަކަށް ވެސް އަދި އާންމު ރައްޔިތުންގެ އުނދަގޫތައް ފަސޭހަކޮށްދޭން ވެސް [އެހީތެރިކަން ނުދެވުނު]" ކަމަށެވެ.

ރާއްޖޭގެ އިގުތިސާދުގެ 74 ޕަސެންޓް ބިނާވެފައި އޮތް ޓޫރިޒަމް އިންޑަސްޓްރީ ގާތްގަނޑަކަށް މުޅިން ބަންދުވުމުން ސަރުކާރަށް އާމްދަނީ ލިބޭނެ އެހެން ގޮތެއް ނެތި، މުޅި އަހަރު ކަހަލަ ގޮތަކަށް މިދިއައީ ދަރަންޏަަށް ފައިސާ ނަގައިގެންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އަތުގައި ނެތް ފައިސާ، ޗާޕްކޮށްގެންނެވެ. މިއީ ފައްޔާޒު ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ އިގުތިސާދުގެ އޮނިގަނޑު ފުރިހަމަނުވުމުން، ދައުލަތަށް ފަހަށް ރައްކާކުރެވިފައި ހުރި އެއްޗެއް، މިފަދަ ހާލަތަކާ ނުބައްދަލު މިންވަރަކަށް ދަށްވުމުގެ ނަތީޖާ އެވެ.

އެކަމަކު ސަރުކާރަށް ކުރެވެން އޮތް މިންވަރަށް ބަލާއިރު، އޭނާ ވިދާޅުވަނީ، ކޮވިޑްގެ މި ބަނަ ދުވަސްތަކުގައި ރައްޔިތުންނަށް އެހީތެރިވެވުނު ނިސްބަތާ މެދު "އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ" ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވަމުން ވެސް ތަކުރާރުކުރެއްވީ "ރައްޔިތުން ބައިވަރު ކަންކަން މިހާރު ވެސް ތަހައްމަލްކުރާކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.

ކޮވިޑަށް ފަހު އަލުން ހުޅުވާލުމުން އަމިއްލަ ޖެޓްތައް ވީއައިއޭގައި ޕާކްކޮށްފައި: ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މިހާރު އަންނަނީ މަތިވަމުން

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ހުއްޓޭ ފަދަ ހާލަތެއްގައި ރައްޔިތުންނަށް އެހީތެރިވެވޭނެ މިންވަރަށް ދައުލަތުގައި ފައިސާ ރައްކާކޮށްފައި ހުރި ނަމަ، ވަޒީފާ ގެއްލުނު މީހުންނަށް ދިން ފައިސާގެ އެހީތެރިކަމާއި ވިޔަފާރިތަކަށް ފޯރުކޮށްދިން މާލީ އެހީ ވެސް މާ ބޮޑުވީހެވެ. މިސާލަކަށް ވަޒީފާ ގެއްލުނު މީހުންގެ މައުލޫމާތު ސާފުކުރަން ގެންގުޅުނު އުސޫލުތައް ދޫކޮށް، ދިވެހި ރައްޔިތެއް ނަމަ ވަގުތުން އެހީތެރިވެވުނީސް ކަމަށް، ވިދާޅުވި އެވެ. އެކަމަކު ދިވެހި ސަރުކާރު އަބަދުވެސް ހިންގަމުން އަންނަނީ ބުރަ ބޮޑު އަދި ހަރަދު ވެސް ބޮޑުކޮށެވެ. ލިބޭ އާމްދަނީއާ ނުބައްދަލު ހުވަފެންތައް ރައްޔިތުންނަށް ދައްކަ އެވެ. ކޮވިޑްގެ ކުރިން ނަމަ، މިފަދަ ދަތިކަމެއް ނާދެ އެވެ. ދައުލަތުގެ "ފަގީރުކަން" އިހުސާސްކުރެވޭ ފަދަ ސީދާ އަސަރުތަކެއް މިހާ ބޮޑަށް، މިހާ ގިނަ ދުވަހަށް ރައްޔިތުންނަށް ކުރިމަތިވެފައެއް ވެސް ނެތެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރަށް ލިބެން ހުރި ވަސީލަތްތަކާއި ލިބެން ހުރި ތަޖުރިބާ އާއި ގާބިލް ކަަމަށް ބަލާ ނަމަ ކޮވިޑްގެ ހާލަތު މެނޭޖްކުރެވުނީ "އެންމެ ރަނގަޅަށް" ކަމަށެވެ.

"އެހެން ސަރުކާރެއް އޮތް ނަމަ ފަހަރެއްގައި ހެލްތަށް އެ ކުރި ކަހަލަ ހަރަދު ކުޑަކޮށްފައި، އިގުތިސާދަށް ބޮޑުކޮށް ކޮށްފާނެ. އެކަމަކު ކޮންމެ ކަމެއްގައި ވެސް އޮންނާނެތާ އެކި ގޮތްގޮތަށް ދެކޭ ގޮތް،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ބެލެންސެއް ގެންގުޅެވުނު. ހެލްތުގެ ބައި އެޗުޕީއޭއިން ރަނގަޅު ލެވެލްއެއްގައި ގެންދިއުމާ އެއްކޮށް، އެ ހުރި ރިސޯސެއްގެ ތެރެއިން އިގުތިސާދަށް ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ. އަބަދުވެސް ހުންނާނެ ކުރެވޭނެ ނަމައޭ ހިތަށްއަރާ ކަންކަން."

އުއްމީދީ ކުލަވަރު "ރީތިކޮށް އެބަ ފެނޭ"

ކޮވިޑް-19ގެ ހާލަތުން ދުނިޔެ އަރައިގަތުމުގެ މަންޒަރުތައް މިހާރު ސާފެވެ. އެއް ކަމަކީ ކާމިޔާބު ވެކްސިންތަކެއް ބާޒާރަށް ނެރުމުގެ ވަގުުތު އައިސް ޖެހުމެވެ. އެހެންކަމުން އާންމުންގެ ބިރު ފިލައި، ދަތުރުފަތުރު ވެސް ގިނަވެ، ރާއްޖޭގެ ޓޫރިޒަމްގެ އިރު، ކުރިއެކޭ އެއްފަދަ ގޮތަކަށް، މެދު އުޑަށް އެރުމުގެ ފުރުސަތު ބޮޑެވެ. މިހާރު ވެސް ޓޫރިސްޓުންގެ އަދަދު އަންނަނީ މަތިވަމުންނެވެ. ރާއްޖެ އަންނަ އެއާލައިންތައް އިތުރުވެ، ކޮވިޑާ އެކު ފަޅަށް އޮތް އެއާޕޯޓުގެ ހަރަކާތްތައް ގިނަވެއްޖެ އެވެ.

"ރިބައުންޑް ވުމުގެ ކުލަވަރު ރީތިކޮށް އެބަ ފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުގެ ވައުދުތައް ފުއްދައިދިނުމުގައި ބޮޑެތި ލަސްތަކެއް އައުމާއި އިދިކޮޅުން ސަރުކާރަށް ދިން "އެފް ރިޕޯޓް" ފަދަ ރައްދުތައް ވެސް އެބަ ހުއްޓެވެ. ސަރުކާރުގެ ދެ އަހަރު މިދިއައީ މިހާތަނަށް ތަރައްގީގެ ބޮޑު އެއްވެސް ކަމެއް ނުކުރެވި އަދި އިގުތިސާދު ވެސް ފުނޑި، އެކަން ރަނގަޅުކުރާނެ ވިސްނުމެއް ވެސް ނެތި ކަމަށް، އިދިކޮޅުން ބުނާބުނުން ފައްޔާޒު ގަބޫލެއްނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް، މިސާލަކަށް ފެނާއި ނަރުދަމާ ފަދަ، ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށެވެ. ކޮވިޑާ އެކު ލަސްވުމެއް އަޔަސް، އެ މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް، ހޯރަފުށީ އެއާޕޯޓަސް ފުރަތަމަ ފްލައިޓް ޖައްސަނީ

ހޯރަފުށީގައި އެޅި އެއާޕޯޓް ހުޅުއްވައިދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ އެންމެ އުތުރަށް މިއަދު ދަތުރުފުޅުކުރައްވާނެ އެވެ. މިއީ މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓެވެ. ދެ އަހަރާ ދިމާކޮށް އެފަދަ އެއާޕޯޓެއް ހުޅުވުމަކީ، ސަރުކާރަށް އޮތް ޕްލަސް ޕޮއިންޓެކެވެ. އެކަމަކު ސަރުކާރެއްގެ ހިންގުންތެރިކަން އަޅާބަލަނީ ކުރީ ސަރުކާރާ ކަމުން، މިހާރުގެ އިދިކޮޅަށް ފެންނަނީ "ތަރައްގީގެ ކުލަވަރެއް ނެތް" ވެރިކަމެކެވެ.

ސަރުކާރުގެ ދެ އަހަރަށް އިދިކޮޅުން "އެފް ރިޕޯޓެއް" ދިނުމަކީ، ފައްޔާޒު ވިދާޅުވި ގޮތުގައި، "އަސްލެއް ނެތް" ސިޔާސީ ވާހަކައެކެވެ. ސީ ރިޕޯޓެއް ދިން ނަމަވެސް، އިދިކޮޅުގެ ވާހަކަތަކާ މެދު ސީރިއަސްކޮށް ވިސްނެވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު ދިވެހި ރައްޔިތެއް ކައިރީ އައްސަވާލެއްވީމާ އެނގޭނެ އެފް ރިޕޯޓެއް ނުލިބޭކަން،" ފައްޔާޒު ވިދާޅުވި އެވެ.

"އަހަރެއްގެ ތެރޭގައި ކުރެވޭނީ ވެސް ވަކި ވަރެއްތާ، އެ އަހަރުގެ ތެރޭގައި ކިތައްމެ މަސައްކަތެއް ކުރިޔަސް."

އިންޓަވިއު ފައްޓަވަމުން އޭނާ ވިދާޅުވީ އިގުތިސާދީ ހަރަކާތްތަކަށް ބަލާ ނަމަ "މިއީ ޑިލީޓްކުރަންވީ އަހަރެއް" ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ކޮވިޑް-19 ތަޖުރިބާ ކުރަން ޖެހުނު އަދި އެ ޒިންމާ އުފުލަން އޮތް ސަރުކާރަކަށް ބަލާ ނަމަ، ތަރައްގީގެ އެއްވެސް ކަމެއް ނުކުރެ އަތްއުރާލުމެއް ވެސް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އެތައް މަޝްރޫއުއެއް ކުރިއަށް ދާކަމާއި، އިގުތިސާދީ ވެއްޓުމަކާ ކުރިމަތިވެފައި އޮތަސް، މަޝްރޫއުތައް ނުހުއްޓާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އިގުތިސާދަށް ކުރިމަތި މިވީ "ދާއިމީ ބަދަލެއް ނޫން. ދާއިމީ ވެއްޓުމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އަރައިގަންނަ ތަން."