ރިޕޯޓް

ސާބިތުނުވި ޒިނޭ އާއި ޑީއެންއޭގައި ވީ ގޮތް ތިލަކޮށް!

ޒިނޭގެ ކުށް ސާބިތުކުރުމުގައި ޑީއެންއޭ އަކީ ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމަކާ އެކު ފެށިގެން މި އުޅެނީ ކޮން ބަހުސެއް ހެއްޔެވެ؟ އާންމު މީހާ އަށް މި އިވެނީ "ޒިނޭ" އާއި "ޑީއެންއޭ"ގެ ވާހަކަ އެވެ. ގާނޫނީ އަދި ދީނީ އިލްމުވެރިން އެ ބޭފުޅުންގެ ފަންނުގައި މިކަމާ ގުޅޭ ގޮތުން ދައްކަވާ ބޮޑެތި ވާހަކަތަކުން އާންމުންނަށް އިތުރަށް އޮޅުން އެރުން ނޫން ކަމެއް ވާހެންނެއް ހިއެއް ނުވެ އެވެ. އެހެންވެ ކިޔައިދެވޭތޯ މި ބަލަނީ ޖެހިގެން އުޅޭ މައްސަލަ އާއި މި މައްސަލައިގެ އަސްލު ނޭނގި ތިބެ ކުރާ ބަހުސްތަކުގެ ވާހަކަ އެވެ.

ހައި ކޯޓުން ހުކުމެއް ކުރީ މީހަކާ އިނދެ ވަރިކޮށް، އެކަމަކު ވަރިކުރި ފިރިހެން މީހާ އަށް ދަރި ލައްވާ މުއްދަތުގައި އަންހެން މީހާ ބަލިވެ އިނދެ ވިހޭ ދަރިއަކީ އިނދެގެން އުޅުނު މީހާ ނޫން އެހެން މީހަކާ ޒިނޭކޮށްގެން ލިބުނު ދަރިއެއް ކަމަށް ބުނާ މައްސަލައެއްގައި، ދ. ކުޑަހުވަދޫ ކޯޓުން ކުރި ހުކުމަކަށް ތާއީދުކޮށްފަ އެވެ. މި މައްސަލާގައި އަންހެން މީހާގެ އިއުތިރާފަށް ބިނާކޮށް ޒިނޭގެ ދައުވާކުރި ކަމުގައި ވިޔަސް އޭނާއާ އެކު ޒިނޭކުރި ކަމަށް ބުނާ ފިރިހެން މީހާ އެކަމަށް އިންކާރު ކުރަނީ އެވެ. އެހެންވެ ދައުލަތުން ފިރިހެން މީހާގެ މައްޗަށް ޒިނޭ ސާބިތުކުރުމަށް އިތުރު ހެކީގެ ގޮތުގައި ހުށަހެޅީ އުފަންވި ކުއްޖާގެ ޑީއެންއޭ އެވެ. ކުޑަހުވަދޫ ކޯޓުން ހުކުމްކުރީ ޒިނޭ ސާބިތުކުރަން އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހެކި ނޫނީ ބޭނުން ނުކުރެވޭނެ ކަމަށެވެ. އެގޮތުން ޑީއެންއޭ އަކީ ޒިނޭ ސާބިތުކުރަން ހެއްކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ހަގީގަތުގައި ހައި ކޯޓުގެ ހުކުމް އައީ ހުށަހެޅި މައްސަލައަށް ވުރެ މާ ފުޅާކޮށެވެ. ބަހުސް މިހާ ބޮޑުވުމުގެ ސަބަބަކަށް، އެ ހުކުމުގައި ދައުލަތުގެ އަސްލު މައްސަލަ އަށް ފޯކަސް ނުކުރެވި އެހެން ވާހަކަތަކެއް މާ ބޮޑަށް ދެކެވިފައި ހުރުން ސަބަބަކަށް ވެފައިވާ ކަމަށް ފެނެ އެވެ. އެއީ ޒިނޭއެއް ސާބިތުކުރުމުގެ މައްސަލައެއްގައި، މި މައްސަލާގައި ހިމެނޭ ކުއްޖާގެ ނަސަބު ސާބިތުކުރުމާ ހިސާބަށް ގޮސް ޑީއެންއޭ އިން ހައްދުގެ ކުށްތައް ސާބިތުކުރުމާ މެދު ވެސް ވާހަކަ ދައްކާފައި އޮތުމުންނެވެ. ދައުވާކުރި ގާނޫނާއި މާއްދާ ރަނގަޅަށް މާނަކޮށްލައި މާ ދުރަށް ނުދިޔަ ނަމަ އޮޅުންބޮޅުން ކުޑަވީސް ކަމަށް ފެނަ އެވެ.

"ޒިނޭ" ސާބިތުކުރުން ދެ ގާނޫނެއްގައި ދެ ގޮތަކަށް

އަސްލު މައްސަލަ އަކީ، ދައުލަތުން ކުރި "ޒިނޭ"ގެ ދައުވާ އަކީ އިސްލާމީ ޝަރީއަތުގައި ޒިނޭ ސާބިތުކުރުމަށް އޮންނަ ގޮތް ނޫން އެހެން ގޮތްތަކެއް ބަޔާންކޮށްފައިވާ ގާނޫނަކުން ކުރި ދައުވާއަކަށް ވުމެވެ. އެއީ ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުންނެވެ. އެކަމަކު ހައި ކޯޓުން ބުނެފައި އޮތީ "ޒިނޭ"ގެ ދައުވާކޮށް އަދަބު ކަނޑައަޅަން ޖެހޭނީ "ޖިންސީ ކުށުގެ ގާނޫނު"ގެ ދަށުން ކަމަށެވެ. މިގޮތަށް ބެލުމުން، ދައުލަތުން ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރި މަގްސަދު ގެއްލި، ކޯޓުގައި އޮތް މައްސަލާގައި ޑީއެންއޭ އަކީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ އެއްޗަކަށް ވެސް ނުވީ އެވެ. - "ޒިނޭ"ގެ ގޮތުގައި ދެ ގާނޫނެއްގައި ކުށް ބަޔާންކޮށް އެކަމަކު ކުށް ސާބިތުކުރާ މިންގަނޑު ދެ ގޮތަކަށް އޮތުމުންނެވެ.

ދައުލަތުން، ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކޮށްފައި އޮތީ ޝަރުއީ ގޮތުން ޒިނޭ ސާބިތުވާ މިންވަރަށް ހެކި ނެތް ހާލަތުގައި، ޝަރީއަތުގައި އޮންނަ ހައްދު އެ މީހެއްގެ މައްޗަށް ގާއިމު ނުކުރެވޭނެތީ، ހައްދަކަށް ނުވާ އެހެން އަދަބެއް (ތައުޒީރީ އަދަބެއް) ކަނޑައަޅާށެވެ. އެއީ އިސްލާމީ ޝަރީއަތުގައި ބުނާ ހައްދުގެ ކުށެއް ސާބިތުކުރުމަށް ދައުލަތުން ކުރި ދައުވާއެއް ނޫނެވެ. އެކަމަކު މައްސަލައަކަށް ވީ ހައްދު ގާއިމްކުރަން ޖެހޭ ކުށެއްގެ ނަމާ ގުޅިގެން ދައުވާ އަންނާތީ އެވެ. ހައްދު ގާއިމުކުރުމުގެ ބަދަލުގައި ތައުޒީރީ އަދަބެއް ދޭން އޮތް މާއްދާއެއްގައި ކުށުގެ ނަމަކަށް "ޒިނޭ" އޮތުމެވެ. ޕްރޮސިކިއުޓަ ޖެނެރަލް ހުސެން ޝަމީމަށް ފާޑުކިޔުން އަމާޒުވީ ޝަރުއީ ގޮތުން ޒިނޭ ކަމަށް ސާބިތު ނުކުރެވޭ ހާލަތުގައި، ހައްދު ގާއިމުކުރުމުގެ ބަދަލުގައި އެހެން އަދަބެއް ދެވޭނެ ގޮތް ގާނޫނުލްއުގޫބާތުގައި އޮތްކަން ބަޔާންކޮށްދެއްވުމަށް، ގާނޫނުލްއުގޫބާތުގައި ކުށެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް "ޒިނޭ" އަކީ "ގާނޫނީ ޒިނޭ" ގެ ގޮތުގައި ސިފަކުރެއްވުމުންނެވެ.

ދެ ގާނޫނުގައި "ޒިނޭ" އާއި އެކަމުގެ އަދަބު އޮންނަނީ މިހެންނެވެ؛

ޖިންސީ ކުށުގެ 27 ވަނަ މާއްދާގައި އޮންނަނީ؛

- (ހ) މީހަކު، ޒިނޭކުރުމަކީ ކުށެކެވެ.

- (ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 100 (ސަތޭކަ) އެތިފަހަރުން ހައްދުޖެހުމާއެކު 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމެވެ.

މިއީ އިސްލާމީ ޝަރީއަތުގައި ޒިނޭ އަށް އޮތް އަދަބެވެ. އެހެންވެ، މި ކުށް ސާބިތުވާން ޖެހޭނީ އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑުންނެވެ. އެކަމާ ދައުލަތުން ވެސް އިންކާރެއް ނުކުރެ އެވެ. ޒިނޭ ސާބިތުވާނީ އަމިއްލަ އިއުތިރާފުން ނުވަތަ ހަތަރު ފިރިހެނުންގެ ހެކިބަހުންނެވެ. އެހެންވެ ދައުލަތުން ކޯޓުގައި ބުނީ ދައުވާ ލިބޭ ފިރިހެން މީހާ ކުށަށް އިންކާރު ކުރާތީ މި ގާނޫނުގެ ދަށުން ދައުވާ ނުކުރީ ކަމަށެވެ. އެއީ އެ ފިރިހެން މީހާ ޒިނޭ އަށް އިންކާރުކޮށްފި ހާލަތުގައި ދައުވާ ސާބިތު ނުވާނެކަން ކަނޑައެޅިގެން އެނގޭތީ އެވެ.

ކުށް ސާބިތުކުރަން ފަސޭހަކަށް ދައުލަތުން ދައުވާކުރި ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާ އަންނަނީ "ހުއްދަ ނޫން ޖިންސީ ގުޅުން" ގެ ދަށުންނެވެ. އޭގެ ދަށުން ވެސް "ޒިނޭކުރުން" ކުށެއްގެ ގޮތުގައި އެބަ އޮތެވެ. އެކަމަކު މި ކުށް ސާބިތުކުރުމަށް މި ގާނޫނުގައި ހުރި ކަންކަމަށް ބެލުމުން ހަގީގަތުގައި މި ދައްކަނީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ޒިނޭ ސާބިތުކުރުމުގެ ވާހަކަ ނޫންކަން އެނގެ އެވެ. ކުށް ސާބިތުކުރުމަށް ހަތަރު ހެކިންގެ ހެކި ބަސް ނެތި އަދި ކުށް ކުރި މީހާގެ އިއުތިރާފު ނެތް ނަމަ ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކުށް ސާބިތުވާނެ ކަމަށް މި ގާނޫނުގައި އެބަ އޮތެވެ. އެކަމަކު މިގޮތަށް ކުށް ސާބިތުވާ ނަމަ އިސްލާމީ ޝަރީއަތުގައި ބުނާ ހައްދު ގާއިމުކުރުމުގެ ބަދަލުގައި ކުށުގެ ދަރަޖަ ދަށްވާނެ ކަމަށް ވެސް އެބަ އޮތެވެ.

ކުރުކޮށް ބުނާ ނަމަ، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ކުށް ސާބިތުކުރަން ހަތަރު ހެކިންގެ ހެކިބަސް ނުވަތަ އިއުތިރާފް އޮންނަން ޖެހޭނެ އެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުކުރަން ޑީއެންއޭ އާއި އިތުރު ގަރީނާ އިން ފުދޭނެ އެވެ. އެކަމަކު ގާނޫނުލްއުގޫބާތުގައި "ޒިނޭ" ކަމަށް ބަޔާންކޮށް އެކަން ސާބިތުކުރަން އޮތީ އިސްލާމީ ޝަރީއަތުގައި އޮތް ގޮތެއް ނޫނެވެ.

ޖެހުނުހާ ވެސް މައްސަލަ އަކީ ޝަރުއީ ގޮތުން ޒިނޭކަން ސާބިތުނުވާ ޖިންސީ ކުށަކަށް "ޒިނޭ" ކަމަށް ބުނެ ނަން ދީފައި އޮތުމުން މާނަ އޮޅުމެވެ.

ޒިނޭ ސާބިތު ނުވިޔަސް ޖިންސީ ކުށަށް އަދަބު ދިނުން

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދެއް މީހެއްގެ މައްޗަށް ގާއިމްކުރެވޭނީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުންނެވެ. އެހެންވެ ޒިނޭގެ މައްސަލާގައި އެއްބަޔަކު ބުނަމުން އަންނަނީ ޝަރީއަތުގައި ބުނާ ގޮތަށް އެ ކުށް ސާބިތު ނުވެއްޖެ ނަމަ އެ މީހަކު އެ ހިސާބުން ސަލާމަތްވާން ޖެހޭނެ ކަމަށެވެ. އެކަމަކު ޝަރީއަތުގައި ބުނާ މިންވަރަށް ސާބިތު ނުވި ކަމުގައި ވިޔަސް ކުށް ކުރިކަން، އާންމު ބުއްދިއަށް ގަބޫލުކުރެވޭ ވަރަށް ފެންނަން ހުރި ނަމަ ހައްދުގެ ބަދަލުގައި ދެވޭނެ އަދަބެއް އޮންނަން ޖެހޭނެ ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ.

މީހުން މެރުމުގެ ކުށުގެ އަދަބަކީ މެރުން ކަމަށް ޝަރީއަތުގައި އޮތް ނަމަވެސް މަރުވި މީހާގެ ވާރިސުން ގާތިލަށް މާފު ދީފި ނަމަ ކުށުން އޭނާ ބަރިއްޔަ އެވެ. އެކަމަކު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ މީހުންނަށް ދައުލަތުގެ ފަރާތުން އަދަބު ދެ އެވެ. ޖަލުގައި ބަހައްޓަ އެވެ. އެހެންވެ ޒިނޭ ކުރުން ފަދަ ކަންކަމުގައި ވެސް، ޝަރުއީ މިންގަނޑުން ޒިނޭ ސާބިތު ނުވި ކަމުގައި ވިޔަސް އާންމު މަސްލަހަތަށްޓަކައި ދެވޭނެ އަދަބެއް އޮންނަން ޖެހޭނެ ކަމަށް ދެކޭ މީހުން ވެސް އުޅެ އެވެ.

ޒިނޭގެ ޝަރުއީ މިންގަނޑުން ފިރިހެނުންގެ މައްޗަށް ކުށް ސާބިތުކުރުމަކީ ނާދިރު ކަމެކެވެ. އެއީ ޒިނޭ ކުރަނިކޮށް ހަތަރު ފިރިހެނުންނަށް ފެނުން ނުވަތަ ޒިނޭ އަށް އަމިއްލަ އަށް އިއުތުރާފުވުން އެއީ ވުމަށް ވުރެ ނުވުން ގާތް ކަމަކަށް ވާތީ އެވެ. މި ސަބަބާ ހުރެ މުޅިންހެން ޒިނޭގެ ކުށުގެ އަދަބު އަންހެނުންނަށް ލިބެނީ އެވެ. އެއީ ޒިނޭކޮށް ބަލިވެ އިނދެ ވިހެއުމުން އިއުތިރާފްވާތީ އެވެ. އެކަމަކު ޒިނޭކުރި ކަމަށް އިންކާރުކުރާ ނަމަ ޒިނޭގެ ދައުވާއެއް އަންހެން މީހާގެ މައްޗަކަށް ވެސް އިތުރު ހެއްކެއް ނެތި ނުކުރެވެ އެވެ. ކުރިމަތިވެގެން މި އުޅޭ މައްސަލާގައި ދައުލަތުން ދައުވާކުރި މާއްދާ ގެނައީ، ޒިނޭގެ އަމަލުގައި އެކަކަށް ވުރެ ގިނަ މީހުން ހިމެނުނަސް ހަމައެކަނި އަންހެން މީހާ އަށް އަދަބު ލިބެމުން ދިއުން ހުއްޓުވައި ކުށްކުރާ ފިރިހެނުންނަށް ވެސް އަދަބު ދެވޭނެ ފަސޭހަ ގޮތެއް އޮންނަންޖެހޭތީ، ގާނޫނުލްއުގޫބާތު އަލުން އެކުލަވާލިއިރުގެ ވާހަކަތަކުން އެނގެ އެވެ.

ދެން މީހުން ސުވާލުކުރަނީ، ފިރިހެން މީހާ އިންކާރުކުރި ކަމުގައި ވިޔަސް ޑީއެންއޭ ދިމާވާތީ ފިރިހެން މީހާ ދޮގު ހަދާކަން އެނގޭކަމަށް ބުނެ އެވެ. އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ހައްދެއް މީހެއްގެ މައްޗަށް ގާއިމުކުރުން ހުއްދަވަނީ ޒައްރެއްގެ މިންވަރު ވެސް ޝައްކު ނެތް ހާލަތުގަ އެވެ. ޑީއެންއޭ އަކީ ވަރަށް ޔަގީންކަން ބޮޑު ޓެސްޓެއް ނަމަވެސް 100 ޕަސެންޓް ޔަގީނެއް ނޫނެވެ. އިލްމީ ގޮތުން ކުރިއަރައި ޑީއެންއޭ ފަދަ ގަރީނާތައް ލިބެން ހުރި އިރު އޭގެ އަނެއްކޮޅުން، އަންހެނަކާއި ފިރިހެނަކު ދުވަހަކު ދިމާނުވެ ވެސް އެ ދެ މީހުންގެ ދަރިއަކު އުފަންކުރެވޭ ހާލަތަށް މެޑިކަލް ކަންކަން ވެސް ވަނީ ކުރިއަރައިގެން ގޮސްފަ އެވެ.

އެކަމަކު މީގެ މާނަ އަކީ ޑީއެންއޭ އަށް ބަލައިގެން ކުށެއް ސާބިތު ނުކުރެވުމެއް ނޫނެވެ. އިސްލާމީ ޝަރީއަތުގެ ހައްދުތައް ނޫން އެހެން ކަންކަމުގައި ޑީއެންއޭ އަށް ބިނާކޮށް ހުކުމް ކުރެ އެވެ. އެއީ ކުށާ ގުޅިގެން ލިބިފައި ހުންނަ ހެކިތަކާއި ގަރީނާތައް ގުޅުވާލައި، ހަމަ ބުއްދި އަށް ގަބޫލުކުރެވޭ ވަރަށް ކުށް ސާބިތުކޮށްގެންނެވެ. އެކަމަކު ހައްދުގެ އަދަބުތަކަކީ އަހަރެމެން ހެއްދެވި ފަރާތުގެ ހައްގު އެކުލެވިގެންވާ ކަންކަމަށް ވާތީ، އަހަރެމެން އިންސާނުން ހަދާ ގާނޫނުތަކުގެ ދަށުން އެ ކުށްތައް ސާބިތު ނުކޮށް ޝަރީއަތުގައި އޮތް ގޮތަށް އަމަލުކުރަނީ އެވެ.

ގާނޫނުގައި "ޒިނޭ" އޭ އޮތަސް މިހާރު މި އޮތް މައްސަލާގައި ދައުލަތުން އުޅުނީ ޑީއެންއޭ އިން ހައްދުގެ ކުށެއް ސާބިތުކުރާކަށް ނޫނެވެ. ޒިނޭކޮށް ދަރިން އުފަންކޮށް، އަންހެން މީހާއަށް އެކަނި ކުށުގެ އަދަބާއި މުޖުތަމައުގެ ލަދާއި ތަދު އުފުލަން ޖައްސައި ފިރިހެނުން ރެކިގަނެގެން އުޅޭތީ އެފަދަ މީހަކަށް އަދަބެއް ދޭށެވެ. ދައުލަތުން ދައުވާކުރި ގާނޫނުގައި "ޒިނޭކުރުމުގެ ކުށް" އެހެން ނަމެއްގައި އޮތް ނަމަ އުފެދޭނެ އެއްވެސް ސުވާލެއް ނެތެވެ.

61 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޑިއެދުރުކަލޭގެފާނު

26 December 2020

“ޙުއްދަ ނޫން ޖިންސީގުޅުން” އެއްވެސް މަޖްބޫރުކަމަކާއި ނުލައި ހިންގައި އެކަން އެއްވެސް ގާނޫނަކުން ސާބިތުކޮށްފިނަމަ އެމީހަކު ޒިނޭކުރިކަމަށް ނުވާނެތޯ؟ ޒީނޭއަކީ ސާބިތުކުރުންތޯ ނަވަތަ ހިންގި ޢަމަލުތޯ؟

The name is already taken The name is available. Register?

އަދިވެސް ވާނުވާގައި

26 December 2020

ސާބިތުކުރަން ޖެހުނީ "ހުއްދަ ނޫން ޖިންސީ ގުޅުން" އެއް ނޫން. އެހެންވެތާ މި ކިޔަނީ ޖެހިގެން މި އުޅެނީ ނަމެއްގެ މައްސަލައޭ. ހުއްދަ ނޫން ކޮންމެ ޖިންސީ ގުޅުން ޒިނޭއަކަށް ވެސް ނުވެދާނެ. ޒިނޭ އޭ ކިޔަނީ ވަކި ގޮތަކަށް ކަންކަން ހިނގީމަ. އާންމު ކޮމެންޓް ސެކްޝަނެއް ވީމާ ޒިނޭ ތަފްސީލްކޮށްދެވޭކަށް ނެތް.

The name is already taken The name is available. Register?

ކުރީގެ އުއްތޭ

26 December 2020

"ހައި ކޯޓުން ހުކުމެއް ކުރީ މީހަކާ އިނދެ ވަރިކޮށް، އެކަމަކު ވަރިކުރި ފިރިހެން މީހާ އަށް ދަރި ލައްވާ މުއްދަތުގައި އަންހެން މީހާ ބަލިވެ އިނދެ ވިހޭ ދަރިއަކީ އިނދެގެން އުޅުނު މީހާ ނޫން އެހެން މީހަކާ ޒިނޭކޮށްގެން ލިބުނު ދަރިއެއް ކަމަށް" އެހެންވީމާ ހުކުމަކަށް ވާންވާނީ ރަޖަމު ކުރުން 100 އެތިފަހަރުން ތައުޒީރު ކުރުމެއް ނޫން. އަންހެން މީހާވަނީ އިއުތިރާފްވެފައި. ކައިވެނީގެ އުފާ ލިބޭ މީހުން ޖެހެނީ ރަޖަމު ކުރަން

The name is already taken The name is available. Register?

އެހެންތޯ ޝޭޚް

26 December 2020

ރަޖަމުކުރުމުގެ ހައްދު ގުރުއާނުގައި އެބަ އޮތްތޯ؟ އެ ނޫން ހުރިހާ ހައްދެއް ގުރުއާނުން ކަނޑައެޅިގެން ބަޔާންކުރައްވާފައިވޭ. އެހެންވެ ނޭނގޭ ކަންކަމުގެ ވާހަކަ ތިޔަހެން ޔަގީންކަމާ އެކު ބުނުމުގެ ކުރިން ވިސްނާލާ

The name is already taken The name is available. Register?

ހިރިޔާ

26 December 2020

މައްސަލަ ވަރަށް ސާފު. ނަމަވެސް ސޯޝަލް މީޑިޔާގެ އެކި ވަސީލަތް ތަކުގެ ބޭނުން ކޮށްގެން އަހަރެމެންގެ ގިނަ ބަޔަކު މި ގައުމުގެ އިލްމީ އެދުރުންގެ ގޮތުގައި ބަލައިގަނެގެން ތިބި މީހުންގެ ފަރާތުން ފެންނަނީ ގަސްތުގައި ނަމވެސް ގަސްތުގައި ނޫން ނަމަވެސް ވަރަށް ބިރުހުރި ރައުޔު ތަކެއް ފަތުރަމުން. މިކަންކަން ޙުއްޓުވަން ޖެހޭ އެބަ.

The name is already taken The name is available. Register?

ވަޑްޔައްތޮކިނަބާ

25 December 2020

ކީރިތި ރަސޫލާ ޙަދީޘުކުރައްވަނީ "ދަރިލައްވާނީ ތަންމައްޗަށެވެ." މީގެ މާނައަކީ، މީހަކާއިދެ ވަރިވެފައިހުރެ، ދަރިލައްވާމުއްދަތުގެތެރޭގައި ވިހައިފިނަމަ ވިހެއިދަރިލައްވާނީ ވަރިކުރިމީހާއަށެވެ. އަންހެނާ އެހެންފިރިހެނަކާއެކު ޒިނޭކުރިކަމަށްބުނިނަމަވެސް، ދަރިލައްވާމުއްދަތުގައި ވިހޭކުއްޖާގެބައްޕަ ޑީއެންއޭ އަކުން ކަނޑައެއް ނޭޅޭނެއެވެ. އަދިއެކުއްޖާއަކީ ޒިނޭގެ ދަރިއަކަށްވެސް ނުނިންމޭނެއެވެ. އަދި އަންހެންމީހާ އެބުނާ މީހެއްގެމައްޗަށް ދަޢުވާކުރަންވެސް ނުޖެހެއެވެ.

The name is already taken The name is available. Register?

ހުސެން3

26 December 2020

ތިވާގޮތުން ވަރިކުރިއެއްދުވަސްފަހުން ޕީރިއަޑްވީޔޯ. އެކަމަކުވެސް ވަރިކުރުމަށްފަހު އަންހެންމީހާ އެހެނމީހަކާއި ގުޅުންހިންގުމުގެ ސަބަބުން ލިބޭދަރިވެސް ލައްވަންޖެހެނީ ވަރިކުރިމީހާއަށްތަ؟ ތިވާގޮތުން ހަސަބާއި ނަސަބު އޮޅިގެންދަނީ. ބުއްދިގަބޫލުކުރެވޭ ވާހަކަ ދައްކަބަަލަ.

The name is already taken The name is available. Register?

ޝާރް

25 December 2020

ލިއާންގެ ހުކުމް ޝަރަިޢތުގަ އަންނަނީ ކޮންކަހަލަ މައްސަލައެއްގަތޯ. މި މައްސަލައިގަ ލިއާން ގެ ވާހަކަ އަށް ވުރެ ޑީއެންއޭ ގެ އަޑު ގަދަވީމަ. ނިޢުމަތުﷲގެ ލިޔުންތަކުން ވ މައުލޫމާތު މުއްސަދި ވޭ.

The name is already taken The name is available. Register?

ޙަސަން

25 December 2020

ލިޔުންތެރިޔާ މަސައްކަތް ކޮށްފައި އެވަނީ ޕީޖީ ޝަމީމު ދިފާޢު ކުރަން ކަމަށް ބެލެވެނީ. ޢެހެނީ، ޖިންސީ ކުށުގެ ތެރޭގައި ވަނީ ޒިނޭ އެކަނި ނޫން ކަމާއި، ޒިނޭ ފިޔަވައި ޖިންސީ އެހެން ކުށްތައް ސާބިތު ކުރަން 4 މީހުންގެ ހެކި ބޭނުން ނުވާތީ...މިއީ އޮޅުވާލުމެއް.

The name is already taken The name is available. Register?

ހަސަދައިގެ ކޮމެންޓް

25 December 2020

ޖިންސީ ކުށުގެ ތެރޭގައި އޮންނަނީ ޒިނޭ އެކަންޏެއް ނޫން. ބަދުއަހުލާގީ ޖިންސީ ކޮންމެ އަމަލަކީ ޒިނޭއެއް ނޫން. އެ ކުށްތައް ސާބިތުކުރަން ހަތަރު ހެކިން ބޭނުމެއް ވެސް ނުވޭ. މީހުންނަށް ނިސްބަތް ނުކޮށް މައްސަލަ އެނގިގެން ކޮމެންޓްކުރާ ނަމަ ތިޔަކަހަަލަ މޮޔަ ނުގޮވޭނެ.

The name is already taken The name is available. Register?

ސުޕާބް އާޓިކަލް

25 December 2020

"މިހާރު" ގެ ކިޔުންތެރިއެއްގެ ހައިސިއްޔަތުން ބުނެލަން. ކޮވިޑްގެ ކަންކަމާ ގުޅިގެން އެޗްޕީއޭ އާއި އެކި އިދާރާތަކުން އޭތިމީތި ކިޔަމުން ދިޔައިރު، ނިއުމަތުﷲ އިދުރީސްގެ ލިޔުންތަކުން ދިޔައީ އަދި މިހާރުވެސް އަންނަނީ އެ މީހުންނަށް ވުރެ މާ އެޑްވާންސްކޮށް މައުލޫމާތު ގެނެސްދެމުން. އެ މައުލޫމާތު އެޗްޕީއޭ އިން ކިޔަނީ މާ ފަހުން. ކަރަންޓީނު މުއްދަތުގެ ކަންކަމުގައި ވެސް ވީ އެހެން. މި ޒިނޭގެ މައްސަލާގައި ވެސް އެންމެން ތަޅާފޮޅަނިކޮށް ނިއުމަތުﷲ މި އޮތީ އެންމެ ކުރި ހޯދާފައި

The name is already taken The name is available. Register?

ވަރަށް ސާފު ދެއްތޯ

25 December 2020

ޑީއެންއޭ އަކީ ވަރަށް ޔަގީންކަން ބޮޑު ޓެސްޓެއް ނަމަވެސް 100 ޕަސެންޓް ޔަގީނެއް ނޫނެވެ.

The name is already taken The name is available. Register?

ބޯގޯސް އަފީފް ދީދީ

26 December 2020

ޑީއެންއޭ އަކީ 100 ޕަސެންޓް ޔަގީންކަން ބޮޑު ޓެސްޓެކެވެ. އެކަމަކު ޑީއެންއޭ އަށް ބަދަލު ގެނައުމުގެ ބާރު ލެބޯޓެރީތަކަށް އޮވެއެވެ. 100 ޕަސެންޓް ޔަގީން ނުވަނީ މިކަމާހުރެއެވެ. ކޮންމެވެސް ނުފޫޒަކާހުރެ ޑީއެންއޭ އަށް ބަދަލު ގެނައުމުގެ ފުރުސަތު އޮންނާތީއެވެ.

The name is already taken The name is available. Register?

ވޮލް007

25 December 2020

ސަޅި އާޓިކަލްއެއް

The name is already taken The name is available. Register?

މުދަލާއި

25 December 2020

އަދިވެސް 1400 އަހަރު ކުރީގަ މުސްލިމުން. މީ އެހެން ޒަމާނެއް

The name is already taken The name is available. Register?

ބޮކިފުރާޅު

25 December 2020

ތިކަހަލަ ކިތަންމެ ބަޔަކު އުޅޭ.. ހަމަ ބުއްދި ނުކުރާ!!!

The name is already taken The name is available. Register?

މުސްލިމް

26 December 2020

އިސްލާމް ދީން އެއީ ހުރިހާ ޒަމާނަކަށް ފިޓު ދީނެއް އަދި 1400 އަހަރު ކުރިއަށްވެސް އެވަރެއް ނޯންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454