ރިޕޯޓް / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

އޮތީ ގާނޫނު އިސްލާހުކުރުން ނޫނީ ކުއްލި ހާލަތު އުވާލުން

މާލެ- އޭޕްރިލް 16، 2020: މާލޭގައި ޑެލިވަރީގެ ހިދުމަތް ދެނީ، ގިނަ ފިހާރަތަކުން އޮންލައިން ވިޔަފާރީގެ ހިދުމަތާއި ޑެލިވަރީގެ ހިދުމަތް ވަނި ފަށާފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

27 ޑިސެމްބަރ 2020 - 10:14

12 comments
angry icon 75%

އާންމު ހާލަތެއް އޮތް ނަމަ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނީ އޭޕްރިލް 4، 2020 ގައެވެ. ތިން އަހަރަށް އިންތިހާބު ކުރި ކައުންސިލަރުން އަދިވެސް މަގާމުގައި އެ ތިބީ އާ އިންތިހާބު ބާއްވަން އުޅުނު ދުވަސްވަރު ކޮވިޑް-19އާ ދެކޮޅަށް އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ބަލިމަޑުކަން އިތުރަށް ގޯސްވިޔަ ނުދޭން ރައްޔިތުންގެ މަޖިލީހުން ދިން "ފަރުވާ"އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނެއް ފާސްކޮށް ކައުންސިލަރުންގެ ދައުރު ދަންމާލައި، އިންތިހާބު ފަސްކޮށްލުމެވެ.

ދިހަ މާއްދާގެ މައްޗަށް އެކުލެވޭ މި ހާއްސަ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވާ ނިންމަން ޖެހޭނެ އެވެ. އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލު ތަސްދީގުކުރައްވާ، ގާނޫނަށް އަމަލުކުރަން ފެށީ މި އަހަރު މެއި 10 އެއްގަ އެވެ. އެހެންކަމުން އަންނަ އަހަރުގެ މެއި 9 އަކީ އިންތިހާބު ބާއްވަން އެ ގާނޫނުން ކަނޑައެޅި ޑެޑްލައިނެވެ.

ނަމަވެސް އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ކައުންސިލް އިންތިހާބު ބޭއްވުމަށް އިތުރު ޝަރުތެއް ކަނޑައަޅާފައިވެ އެވެ. އެ މާއްދާގެ (ހ) ގައި ބުނާ ގޮތުން އިންތިހާބުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނީ މާޗު 12، 2020 ގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އިންތިހާބާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅުމުން ނޫނީ އަލުން އެ އިންތިހާބު ނުބޭއްވޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މިއަދު މިއޮތީ އާދަޔާހިލާފު "ހާއްސަ" ހާލަތެއް ކުރިމަތިވެފަ އެވެ. މެއި 9ގެ ކުރިން އިންތިހާބު ބާއްވަން އީސީއަށް އެބަ މަޖުބޫރުވެ އެވެ. އެކަން ނުކޮށްގެން އެ ކޮމިޝަނުން ޝަކުވާތައް އޮއްސަމުން ދާއިރު، ކޮވިޑް-19 އާއި އެ ވައިރަހުގެ އާ ސްޓްރެއިންއެއް ދުނިޔޭގައި ފެތުރެމުންދާތީ ހާލަތު އިތުރަށް ގޯސްވެދާނެކަން ވެސް އެޗްޕީއޭ އިން އެބަ ވިސްނަން ޖެހެ އެވެ. ނަމަވެސް އިންތިހާބު ބާއްވަން ހާއްސަ ގާނޫނެއް ފާސްކޮށްފައިވާތީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އެޗްޕީއޭއަށް ވެސް ޕްރެޝަރު އެބަ އޮތެވެ.

ޖެނުއަރީ ފަހެއްގެ ކުރިން ކުއްލި ހާލަތު ނިންމަން ޖެހޭ

އިލެކްޝަންސް ކޮމިޝަން ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުތައް އިއުލާން ކުރުމަކީ އީސީއަށް ލިބިފައިވާ ބާރެއްގެ އިތުރުން އެ ކޮމިޝަންގެ މަސްއޫލިއްޔަތެއް ވެސް މެ އެވެ. އެކަމަކު މިވަގުތު އިންތިހާބު ބާއްވާ ތާރީހު އިއުލާން ކުރުން ފާޑަކަށް އޮތީ އެޗްޕީއޭގެ އަތްމަތީގަ އެވެ. ސަަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ގޮތަށް އީސީއަށް އިންތިހާބު ނުބޭއްވޭނެތީ އެވެ. އަދި އިންތިހާބާ ބެހޭ ތައްޔާރީތައް ވާން އެ ކޮމިޝަނަށް ވަގުތު ވެސް ދޭން ޖެހެ އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް "މިހާރު"އަށް ވިދާޅުވި ގޮތުގައި ހާއްސަ ގާނޫނުގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ ތާރީހުގެ ދެ މަސް ކުރިން ކުއްލި ހާލަތު އުވާލަން ޖެހޭނެ އެވެ. އެއީ ރީރަޖިސްޓާ ކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުޅި ޕްރޮސެސްއަށް 45 ދުވަސް ބޭނުންވުމާއި ކެމްޕެއިނަށް ވެސް 28 ދުވަސް ދޭން ގާނޫނުން ލާޒިމްކުރާާތީ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު ހަތް ދުވަސް ތެރޭގައި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރަން ޖެހޭއިރު މުވައްޒަފުން ނަގައި ތަމްރީން ކުރުމަށް ވެސް 15 އަށް ވުރެ ގިނަ ދުވަސް ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޖުމްލަ ދެ މަސް ނޫނީ ދެ މަހާއި ބައި ލިބެން ޖެހޭ. އެހެންވެ ޖެނުއަރީ ފަހެއްގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާން ކުރެވިއްޖެއްޔާ މާޗު ހައެއް ނުވަތަ މާޗު 13 ގައި އިންތިހާބު ބޭއްވޭނެ،" ޝަރީފް ވިދާޅުވި އެވެ.

ކަންމިހެން އޮތް ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެޗްޕީއޭ އާއި އީސީ މީގެ ދެ ހަފްތާ ކުރިން ބޭއްވި ބައްދަލުވުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އުނދަގޫ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ސަބަބަކީ ކުރިޔަށް އޮތް ތަނުގައި މިހާރުގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު އެތީމަ އެވެ. ގެސްޓްހައުސްތައް ހުޅުވާލުމާއި، ޖެނުއަރީއަކީ ސްކޫލުތައް ވެސް ހުޅުވާ މަހަށް ވުމުން ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އެ މުއްދަތުގައި އުވާ ނުލައިފި ނަމަ ގާނޫނުގައި އޮތް މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭނެ. މާޗު 13 އަށް ވުރެ ލަސް ނުކުރަން މި އުޅެނީ އޭޕްރިލް މަސް ރޯދައާ ދިމާވާނެތީ، ޝަރީފް އިތުރަށް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުން މުހިންމުވާ އަނެއް ސަބަބަކީ، ޝަރީފް ވިދާޅުވާ ގޮތުން، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބުމެވެ. އެ ފުރުސަތު ނުލިބިއްޖެ ނަމަ ކޯޓަށް ގޮސް އިންތިހާބު ބާތިލްކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންވެ ހަމަހަމަ ފުރުސަތު ނުލިބޭ ނަމަ އިންތިހާބު ނުބާއްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހާލަތު އުވާލައިފި ނަމަ ކޮންޓްރޯލް ކުރަން ދަތިވާނެ"

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ކުރިޔަށް ވުރެ މިވަގުތު ރަނގަޅުވި ނަމަވެސް ދުނިޔޭގައި އެ ވައިރަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަލި ފެތުރުން އަވަސް ވާތީ ރާއްޖެއިން ވެސް ސަމާލުވާން ޖެހެ އެވެ. ގާނޫނުގައި ޑެޑްލައިންއެއް ކަނޑައަޅާފައި އޮތުމުން "ނަމެއްގައި" ވިޔަސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ނަމަ، ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީން ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އެޗްޕީއޭއަކަށް ނޯންނާނެ އެވެ. އަދި ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން ލިބޭނެ ތާރީހެއް ނޭނގޭ އިރު ފިޔަވަޅުތައް އުވާލުމަކީ ވެސް ނުރައްކަލެކެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު "މިހާރު"އަށް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ރައްކާތެރިކަމާ އެކީ ކުރިޔަށް ގެންދެވޭނެ ގޮތްތަކާ މެދު އީސީއާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނީ ކޮން އިރަކުންކަން ކަނޑައަޅަން އަދިވެސް އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ

"ހުޅުވާލައިފިއްޔާ ބަލި ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ރެސްޓްރިކްޝަންސްތައް އަޅަން ގާނޫނީ ގޮތުން ހުރަސްތަކެއް ކުރިމަތިވާނެ. އިލެކްޝަންސްއާ އެއްކޮށް މަސައްކަތް އެބަ ކުރަން ގައިޑަންސް ދޭން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑާއި އިންތިހާބުގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނު އީސީ އާއި އެޗްޕީއޭއަށް ވެސް ވެފައި މި އޮތީ ފާޑެއްގެ "ތުރާލަކަށެ"ވެ. ސަރުކާރަށް މިހާރު އޮތީ ދެ ގޮތެކެވެ. އާ އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އިންތިހާބު ބާއްވަންވީ އެވެ. ނުވަތަ ވެކްސިން ލިބެންދެން ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާ ހާއްސަ ގާނޫނު އިސްލާހުކުރުމެވެ.

12 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 7%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

28 December 2020

މާތްކަލާކޯ ތި ހާލަތު އުވާލައި އަވަހަށް އިންތިހާބު ބޭއްވޭ ގޮތް ހަދައިދީ. އެހެނީ މި ރާއްޖޭގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ސިޔާސީ ޕާޓީއެއްގެވެސް މެެންބަރުން އިތުރުކުރުމާއި އެމީހުންގެ ތާއީދު އިތުރުކުރުމާއި ވީހާވެސް ގިނަ ގޮނޑި ހޯދުން. ދެން މަހުޖަނުންނަށް ފައިދާ ކުރުން. އާންމުންގެ ރައްކާތެރިކަން އަންނާނީ އެެއިގެ ފަހުން، އެހެން ނޫނަސް ރޯނު އެދުރުންގެ މަޖިލީހަށް މީގެ އެންމެ ރަނގަޅު ގޮތް އެނގެނީ. އެޗް.ޕީ.އޭ އަކަށް ނޫން

The name is already taken The name is available. Register?

މަޖިލިސް

27 December 2020

އަހަރެމެން އިންސާނުން ހަދާގާނޫނުގެ ދެކޮޅުނުޖެހޭ ކަމުގެ ކުޑަކުޑަ މިސާލެއް. ވިސްނާބަޔަކަށް އިބުރަތެއް. ..

The name is already taken The name is available. Register?

ބަރުބާދު

27 December 2020

ކޮންޓްރޯލް ކުރަން ދަތިވާނެޔޯ!!!. މިހާރު ކޮން ކޮންޓްރޯލެއްތޯކުރެވެނީ؟. މަގުމަތިން ބަލާލަބަލަ މާސްކް ދަތްދޮޅީގަނޫންގޮތަކައް އެއްވެސް ބަންގާޅީއެއް އުޅޭތޯ. ހަމައެކަނި ތިއުޅެނީ އަދިވެސް އަހަރެމެން ލައްވާ އަތްދޮއްވާފަ، ތިޔަގުރޫޕައް ދޮވެލެވުނުވަރު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 December 2020

އެމްޑީޕީން ޤާނޫނުއަސާސީއަށާއި ޤާނޫނަށްގެނައި ބަދަލުތަކުންވެސް ޔާމީނުގެވެރިކަމުގައިވެސް ކައުންސިލްތަކަށް ދީފައިވާ "ވިހާ މަރުވާ ބެލެހެއްޓުމުގެ ބާރު" ގެ އިތުރަށް ޙާސިލްކުރެވުނު އެހެން އެއްޗެއްނެތް. # މިކަންބަދަލު ކުރުމަށްޓަކާ މަޖިލީހުން ރާއްޖެ އިދާރީ ޤާނޫނީ 3 ސަރަހައްދަކަށްބަހާލަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރންކަމުގައިކަޑައަޅާ މިގޮތަށް ލާމަރުކަޒު ކުރާން ޤާނޫނުބަދަލުކުރޭ.

The name is already taken The name is available. Register?

ހަސަން234

27 December 2020

ކުއްލި ނުރައްކަލުގެ ހާލަތާ އެކުވެސް އިންތިހާބު ބޭއްވޭނެ ގޮތައް މަޖިލީހުން ފާސްކުރުވޭ ވަރަށް ކޯލިޝަންއާއި އެމްޑީޕީ މަޖިލިީސް މެންބަރުން އެބަތިބި .. ގާނޫނު ފާސްކޮއްގެންވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާ އިންތިހާބު ބާއްވަންވީ .. ނަމާދައްވެސް ދަނީ މިއޮއްޓްރެފިކް މާލޭގަވެސް ދުއްވަނީ 3 ފޫޓް ދުރުމިނުގައި ހުރެގެންވެސް ވޯޓު ވެސް ލެވިދާނެ ! އަންނި އާއި އިބޫއަކީ ވަކި ސަރުކާރެއްވީމަ ތީގެން ކަމެއް ނުވެގެން މިއުޅެނީ !

The name is already taken The name is available. Register?

ބަސް

27 December 2020

ކެމްޕޭނޭކިޔާފަ ގަންނަ ގަޑު ނުގަނެ އިންތިޚާބު ވަރަށް ފުރިހަމައަށް ބޭއްވޭނެ. ވޯޓުލާ ގަޑި އިތުރު ކޮށްފަ ކިޔޫ ގައި ގިނަމީހުން ނުތިބެ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދާ.

The name is already taken The name is available. Register?

އިބޫ ސޯލިހް

27 December 2020

މަ ކޮސް ހަދުވާފަ މި ނަޒުލާ އަކާ މައިމޫނާ އެއް ގައުމު ހިންގަނީ މި...ކުއްލި ނުރައްކަލޭ ކިއާގެން ބަޖެޓް ހުސް ކުރަނީ

The name is already taken The name is available. Register?

މުލޭ

27 December 2020

މިހާރު އިންތިޚާބު ބޭއްވިޔަސް އަދި އިންތިޚާބު ނުބޭއްވިޔަސް އީސީ ކުށްވެރިވާނެ. ހެހެހެ. ރަނގަޅު އެއްގޮތެއް ވެސް ނެތް. އެހެންވިޔަސް މަރު. މިހެންވިޔަސް މަރު.

The name is already taken The name is available. Register?

1235

27 December 2020

އަބަދު ބަނދެވިފަ ތިބުން އިންސާނާގެ ތަބީއަތާ ފުށުއަރާކަން އެޗް.ޕީ.އޭ އަށް ނުވިސްނެނީ ކީއްވެ؟

The name is already taken The name is available. Register?

ރަންނަބަނޑޭރި

27 December 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ނަމަކަށް އިއުލާންކޮށްފަ އޮންނަ އެއްޗެއް.. ތިޔަ ހާލަތެއް އިއުލާން ނުކުރިއަސް ހަމަ މިހާރު މިކުރާ ގޮތަށް ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ.. ކުއްލިއަކަށް މާގަދައަށް ބަލި ފެތުރިގަނެއްޖެ ނަމަ އެކަމާއި ކުރިމަތިލާން ވާންޖެހޭ ތައްޔާރީތައް ވާން ސިއްހީ ނިޒާމަށް އެކަށީގެންވާ ފުރުސަތުވެސް ދެވިއްޖެ.. އެހެންވީމާ ރިސްކެއް ނަގާފަ ނަމަވެސް މިހާރު އިންތިހާބު ބޭއްވެން ޖެހޭނެ..

The name is already taken The name is available. Register?

qwerty01

27 December 2020

އެހާވަރަކުން އިންތިހާބެއް ބޭއްވުމުގެ ބޭނުމެއް އެބައޮތްބާ.

The name is already taken The name is available. Register?

ގުވާޓީ ވަން

27 December 2020

ބަލިވެދާނެތީ، މަރުވެދާނެތީ އެހާވަރަކުން ތެޅިފޮޅުމުގެ ބޭނުމެއް އެބައޮތްބާ؟؟ ކޮރޯނާ ޖެހުނަސް ނުޖެހުނަސް އެމީހަކު ދުނިޔޭގަ އުޅެންހުރި ވަގުތަކާއި ހަމައަށް އުޅެފަ ނިމިދާނީ.. ދިރިތިބީންނަށް އޮތީ ދުނިޔެމަތީ އުޅެން ލިބޭ ވަގުތުކޮޅު އާޚިރަތަށް ތައްޔާރުވެ ހެޔޮ ގޮތުގައި ދުނިޔެ އާރާސްތުރުކުން.. އަދުލު އިންސާފު ގާއިމުކޮށް، އިންސާނުންނާއި މަތިކުރައްވާފައިވާ ދުނިޔޭގެ ޚަލީފާވެރިކަން ފުރިހަމަ ގޮތުގައި އަދާކުރުން.. އިންތިޚާބު ބާއްވަން މުހިއްމުވަނީ މިސަބަބާއި ހުރެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454