މާލެ: ޖޫން 6، 2020: އެޗްޕީއޭ އިން މޭ މަހު 28 ގައި ލޮކްޑައުން އަށް ދިން ލުޔާއެކު، މާލެތެރެ ހަލަބޮލިވުމުން ކަންކަން ހަމަޔަކަށް އެޅުވުމުގައި ފުލުހުން ބުރަކޮށް މަސައްކަތްކުރި. މިއީ އިމާރާތެއްގެ ފޯރިއަށް ތިބި ފުލުހުންގެ ތެރެއިން މީހަކު ނަމާދުކުރާ މަންޒަރު. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ތަހުޒީބާއި ހުވަފެނީ ތަސައްވުރުތަކުގެ އަހަރަކަށް ވެދާނެ ކަމަށް، ކުރިންސުރެ ސިފަކުރަމުން އައި 2020 ނިމިގެން މި ދިއައީ، ބަދުނަސީބު އަހަރެއްގެ ގޮތުގަ އެވެ. މުޅި ދުނިޔެ ބަލިމަޑުކަމެއްގައި އޮވެ ހުރިހާ ކަމެއް ކުއްލިއަކަށް ބަދަލުވި އަހަރެއްގެ ގޮތުގައި ނޫނީ 2020 ތާރީޚަކު ނުލިޔެވޭނެ އެވެ. މި އަހަރު ތަޖުރިބާކުރި ކޮންމެ މީހަކަށް ވެސް މުޅި އުމުރަށް ހަނދާނުގައި ހަރުލާނެ، ދެން ދުވަހަކު ވެސް ނުފެންނާނެ ފަދަ އެތައް ކަމެއް ފެނިއްޖެ އެވެ.
މިއީ ކޮވިޑް-19ގެ ބިރުވެރިކަމުގެ ތެރޭގައި ހޭދަކުރި އަހަރު ތަޖުރިބާކުރަން ޖެހުނު ކަންކަމާ ގުޅުން ހުރި، އެ ހަނދާންތައް އަބަދަށް އާކޮށްދޭނެ ބައެއް ފޮޓޯތަކެވެ.
މާލެ، އޭޕްރީލް 15، 2020: މާލޭން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު، ބަލި ޖެހުނު މީހާ އުޅޭ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ފޯރިމަރަނީ. ކޮވިޑް ޖެހިފައިވާ މީހުންގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ކަރަންޓީނުކޮށްފައި ތިބޭ ގެއެެއްގެ ކައިރިން ދާން ވެސް އޭރު ބިރުގަނޭ. -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލެ: އޮގަސްޓު 5، 2020: މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް ދެ މަސް ވަންދެން އެންމެން ތިބީ ގޭގައި. މިއީ ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އިރު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ނިޝާން އަލީ /މިހާރު
ހުޅުލެ: މާޗް 31، 2020: ކޮވިޑް-19 ފެތުރެން ފެށުމާ އެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ހުރިހާ އެއާލައިންތަކެއްގެ ދަތުރުތައް ހުއްޓާލުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަޅުވި. މި ފޮޓޯގައި މި ފެންނަނީ އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިލް --ފޮޓޯތައް: ނިޝާން އަލީ /މިހާރު
އޭޕްރީލް، 2020: ރާއްޖޭގެ ޓޫރިޒަމްގެ ދިރުން ނެތުމުން ޓީއެމްއޭގެ ސީޕްލޭންތައް މޫދުން އެއްގަމަށް. ދަތުރުކުރާނެ ޓޫރިސްޓުން ނެތި ސީޕްލޭންތައް "އެހެލާފައި" ބަހައްޓާފައި ވަނިކޮށް ނެގި މި ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު. -- ފޮޓޯ: ސޯޝަލް މީޑިއާ
އޭޕްރީލް 30، 2020: މިއީ ކޮވިޑް-19 ގައި ރާއްޖޭން މަރުވި ފުރަތަމަ މީހާގެ ޖަނާޒާ: ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ލަގަބު ލިބިވަޑައިގެންފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް 83، އަވަހާރަވީ އޭޕްރީލް 29 ގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި އެމްބިއުލާންސް ތެރޭގައި. ކޮވިޑް ޖެހިވަޑައިގެންފައިވާ ކަން އެނގުނީ އޭގެ ފަހުން ކުރި ޓެސްޓްތަކުން.
މާލެ: އޭޕްރިލް 20، 2020: ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކުރުމާއި ލޮކްޑައުންގެ ސަބަބުން މިސްކިތްތައް ބަންދުކުރަން ޖެހުނު. ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިސްލާމީ މަރުކަޒު ބަންދުކޮށްފައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
މާލެ: އޭޕްރިލް 17، 2020: ކޮވިޑް ޖެހޭ މީހުން އިތުރުވެ ބިރުވެރިކަން ބޮޑުވުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަސާސީ ބޭނުންތަކަށް ކުރާ ވިޔަފާރި ވެސް ގޭގައި ތިބެގެން ކުރަން ޖެހުމުން އެންމެން ބަރޯސާވާން ޖެހުނީ ފިހާރަތަކުން މުދާ ޑެލިވަރީކުރުމަށް. އެކަމަކު ޑެލިވަރީ އަށް ބާރު ބޮޑުވެ ޝަކުވާތައް ފުނިޖެހުނު. މި ފޮޓޯގައި އެ ފެންނަނީ އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭން ޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ އުފުލައިދޭން ސިފައިން ނުކުމެ އެކަމުގައި އެހީވާ މަންޒަރު.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
މެއި، 2020: ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކުވާ މީހުން ތިބޭ ތަންތަނަށް ދާއިރު އަޅާ ރައްކާތެރިކަމުގެ ހެދުމަކީ ބިރުވެރި އެއްޗަކަށްވި. ޕީޕީއީގައި އުޅޭ މީހަކު ފެނުމަކީ ބިރުވެރިކަމެއްގެ ގޮތުގައި ފުރަތަމަކޮޅު ބެލެވި މިފަދަ ކޮންމެ މަންޒަރަކުން ވެސް މި ބަލިމަޑުކަމުގެ ހަނދާން އާކޮށްދޭނެ. -- ފޮޓޯ: ސޯޝަލް މީޑިއާ
އޭޕްރީލް، 2020: އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި ބަޔަކު ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ފުލުހުންގެ ލޯންޗަކަށް އަރުވަނީ. ރާއްޖޭން ބޭރުން އަންނަ މީހުންނާއި މާލޭގައި ތިބޭ މީހުންނަށް އޭރު ރަށްރަށަށް ދެވެނީ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި ދިގު ކަރަންޓީނެއް ފުރިހަމަކޮށް ކޮވިޑް-19 އަށް ޓެސްޓުކޮށްފައި. ---ފޮޓޯ: ޕޮލިސް
އޭޕްރީލް 17، 2020: ކޮވިޑް-19އާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވަމުން އައި ޕްރެސް ބްރީފިންތަކުގައި އެންއީއޯސީގެ ތަރުޖަމާނު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް (ކ) އާއި އެޗްއީއޯސީގެ މިހާރުގެ ތަރުޖަމާނު އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް އޮންލައިންކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. މިއީ ކޮވިޑްގެ ބަލިމަޑުކަމާ އެކު އާންމުންނަށް އެންމެ ފަރިތަވި ދެ މޫނު. -- ފޮޓޯ: އެންއީއޯސީ
މާލެ: އޭޕްރިލް 24، 2020: ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ ރޯދަމަހު ވެސް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމުން، އެހެން އަހަރުތަކާ ހިލާފަށް ރޯދަ މަހު މިފަހަރު ތިބެން ޖެހުނީ ގޭގައި. ރޯދަމަހު ހަވީރުގެ ފިނިބުރުތައް ނިންމާލަން ޖެހުނީ ބެލްކަނީންނާއި ޓެރަސްމަތިން މަގުމަތި ބަލައިލައިގެން. .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
މާލެ- މެއި 31، 2020: ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ލުއި ދީ، އުމުރުން 60 އަހަރުން މަތީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދު ބޭރަށް ނުކުމެ އުޅުމުށް ދިން ހުއްދައާ އެކު އުމުރުން ދުވަސްވީ ދެ މީހަކު ހިތްފަސޭސަކޮށްލަން ނުކުމެ މަގުމަތީގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުލެ: ޖުލައި 15، 2020: ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގައި، ރާއްޖޭގެ ބޯޑަރު ހަތަރު މަހެއްހާ ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ މަތިންދާބޯޓުން ޓޫރިސްޓުން ފައިބަނީ. މިއީ ކޮވިޑްގެ ސަބަބުން އިގްތިސާދީ ހުރިހާ ކަމެއް ހުއްޓުމަކަށް އައިސް ގައުމަށް ކުރިމަތިވި ތަދުކަމުން އަރަގަތުމުގެ އުންމީދެއްގެ ގޮތުގައި ފެނުނު. -- ފޮޓޯ: ނިޝާން އަލީ /މިހާރު
21 ޑިސެމްބަރ 2020: ކޮވިޑް-19ގެ ބަންދަށް ފަހު އެއާޕޯޓް ހުޅުވައި ވައިގެ ދަތުރުތައް އިތުރުވަމުން އައިސް، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޑިމާންޑް ބޮޑު ސީޒަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކި އެއާލައިންތައް ޕާކުކޮށްފައި. މިއީ އެތައް މަހަކަށް ފަހު އެއާޕޯޓުން ފެނުނު، މުޅި ގައުމަށް އުންމީދު އާކޮށްދިން މަންޒަރެއް. --.ފޮޓޯ:ނިޝާން އަލީ/މިހާރު
މި އަހަރު މިފަދަ ކިތަންމެ ފޮޓޯއެއް ލިސްޓުކުރެވިދާނެ އެވެ. އަހަރު ނިންމާ މިލަނީ ކޮވިޑް-19 އަށް ވެކްސިން އުފައްދައި އެ ޖަހަން ފަށާފައި ވާތީ މިފަދަ އަހަރެއް ތަކުރާރު ނުވާނެ ކަމުގެ އުންމީދުގަ އެވެ. އާ އަހަރަކީ އުފާވެރިކަމުގެ މަންޒަރުތަކުގެ އަހަރަކަށް ވުމަކީ ދުއާ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮމޭ
01 January 2021
2020 - އިންސާނުނުގެ ހަގީގީ ސައިޒު ދައްކައިދިން އަހަރު.
އަލީ އަލީ
01 January 2021
2020 ވަނަ އަހަރަކީ ބަދުނަސީބު އަހަރެކޭ ބުނުން ރަނގަޅެއްނޫން! މާތްﷲ ގެ ކުޅަދުންވަންތަކަމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތަށްކަމެއް ބަދަލުވެގެން ހިނގައިދާނެކަން މީސްތަކުންނަށް ހަނދާންކޮށްދިން އަހަރެއް! އެއީ މަގުއޮޅި ހިތަށް އެރި ކޮންމެ ކަމެއް ކުރެވޭނޭ ވިސްނިފައި ތިބި އެތަށްބަޔަކަށް ހޭއަރާ އިސްލާހުވާން ފުރުސަތު ލިބުނު އަހަރެއް!
ޕެނިކުފަރީދާ
31 December 2020
ފުރަތަމަކޭސް މާލެން ފެނުނު ގޮތުގެ ވާހަކަ އަޑުއިވުނީމަ މީހުން އެމީހުންދެކެ ވަރަށް ރުޅިއައި، ރައްޔަތުންތިބީ ވަރަށްބޮޑު ބިރެއްގައި، އެޗްޕީއޭއިން ކުޑަކަކޫޖަހައިގެން ބިންމަތީގަ ތިބޭށޭ ނުންޏަސް ތިބޭނެ، ބަލިން ސަލާމަތްވާން ބުނިކިނޮމެގޮތެއް ހަދަންތިބީ ރެޑީއަށް، ރޭގަޑު މަބްރޫކުގެ އަޑުނީވޭނަމަ ނުނިދޭނޭ، އެކަމަކު ފަހުން ފަހުން ލޮކްޑައުން ދުވަސްވަރު ބައެއް އޮފިސްތަކުގެ މިހުން އަގުބޮޑު ހޮޓާތަކުގަ އުޅުން ގޮތްކުޑަކަމުން ހުރިހާކަމަކުން ފޫހިވެއްޖެ.
ފަޒުލާ1
31 December 2020
"2020 ނިމިގެން މި ދިއައީ، ބަދުނަސީބު އަހަރެއްގެ ގޮތުގަ އެވެ." ހަމަ ގެއްލިފަވާ ކަންކަން ހަމަ މަގަށް އަޅުވައިދިން އަހަރެއްގޮތުގަ މުސްލިމުން ދެކެންވާނި.
ބަބުރުލް ސަލީމް
31 December 2020
2004ގެ ސުނާމީ ހަނދާންހުރިމީހަކު އެބަހުރިބާ؟ އެއީވެސް އިހަކަށްދުވަހުގެ ކަމެއް.
ދޮންމަނިކް
31 December 2020
ޕެއިން އިސް ޓެންޕްރަރީ
އަދޫ
31 December 2020
ދެން އޮތީ މިއަދާ ހަމައަށް ދުނިޔޭގައި ސަލާމަތުން ލެހެއްޓެވި ކަމަށްޓަކައި މާތް ﷲ އަށް ޙަމްދު ކޮށް މިފެށެން އުލޭ އާއަހަރު 2021 ގައި ކުއްފާފަ ކުރުން ހުއްޓާލުމަށް ގަދައަޅައި މަސައްކަތްކުރުން.