މަރުގެ އަދަބު - ފުރިހަމަނުވާ ޖިނާއީ ނިޒާމެއްގެ ތެރެއިން

(އިއްޔެގެ ބަޔާ ގުޅޭ)


މިވާހަކަތައް ލިޔަމުން ދާއިރު އަޅުގަނޑު ހިތަށް އަންނަނީ ސިއްކަގޭ މުހައްމަދު ނަސީމު ލިޔުއްވާފައިވާ، ކ.ވިލިނގިލީ (މިހާރު ވިލިމާލެ) ޖަލުގައި ހަށިގަނޑާ ނުބައްދަލު ދަތި ގޮޅިއެއްގައި ހީރާ މުހައްމަދު ރަޝީދު ބެހެއްޓުމުން، އޭނާ އެ ގޮޅިން ނުކުތުމުގެ ސަބަބުން އަނިޔާވެރި ގޮތަކަށް މަރާލި ހަދިސާ އެވެ. ހީރާ ރަޝީދު ޖަލުގައި މަރުވި އެ ހާދިސާ ހިނގަން މެދުވެރިވި ސަބެއް ކަމަށް ނަސީމު ވިދާޅުވެފައި ވަނީ، ޖަލުގައި ތިބެވޭނެ ފުރިހަ އިންތިޒާމެއް ނެތި ބޮޑެތި ޙުކުމްތަކެއްކޮށް ގިނަ ބަޔަކު ޖަލަށް ލުމެވެ.

ހީރާ ރަޝީދު މަރުވީ 1968 ގަ އެވެ. އޭގެ 35 އަހަރު ފަހުން، ބޮޑެތި އަނިޔާތަކެއް ޖަލުގައި ލިބި އީވާން މަރުވާން މެދުވެރިވީ ވެސް އެފަދަ ސަބަބުތަކަކާ ހުރެ އެވެ. ޙުކުމް ކޮށްފައި ތިބި ގިނަ ޢަދަދެއްގެ މީހުންނާއި، ތަޙުޤީޤަށް ހައްޔަރުކުރާ ގިނަ ޢަދަދެއްގެ މީހުން ގޮޅިތަކަށް ވައްދަމުން ދިޔައީ ނުކަތާ ވަރަށެވެ. މި ވާހަކަ މިދަންނަވަނީ މާފުށީ ޖަލުގައި ހިނގި އެ ދެ ހާދިސާގެ ތަޙުޤީޤުގައި ވެސް ޢަމަލީ ގޮތުން އުޅުނު މީހަކަށް ވީތީ، އެނގުނު މަޢުލޫމާތުގެ މައްޗަށެވެ.

އީވާން މަރުވި މައްސަލައާ ގުޅިގެން 12 މީހެއްގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރި އެވެ. ގަސްތުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވި އަށް މީހަކު މަރަން، ފެބްރުއަރީ 22، 2005 ގައި ނިޔާ އިއްވި އެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

އީވާނަށް އަނިޔާ ކުރަމުން ދިޔައިރު، އެކަން އެނގި ހުރެ ވެރިންނަށް އަންގާފައި ނުވާތީ، ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި މީހެއްގެ މައްޗަށް ވެސް މަރުގެ ޙުކުމް އިއްވި އެވެ. ޤަތުލަކީ ކޮބައިކަމާއި، ޤަތުލުގައި ބައިވެރި ވުމަކީ ކޮބައިކަން، ޤާނޫނީ ގޮތުން ކަނޑައަޅާފައި ވީ ނަމަ، އަދި ހެއްކާ ބެހޭ ފުރިހަމަ ޤާނޫނެއް އޮތް ނަމަ، އެފަދަ ފަރާތަކަށް ދިފާޢުވުމުގެ ފުރުސަތު ލިބޭނެކަމާ މެދު ޝައްކެއް ނެތެވެ.

ގާނޫނުތައް ފުރިހަމަނުވެ މަރުގެ ހުކުމް ކުރުން

ޢަދުލުވެރިކަމާ އެކު ޝަރީޢަތްކުރަން ޤާނޫނުތަކެއް ބޭނުންވާ ސަބަބުތަކެއް ހުރެ އެވެ. ކުޑަ މިސާލެއް ވަރަށް އާދައިގެ ވިސްނުމަކުން ދަންނަވައިލާނަމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު މުހިއްމު ވަނީ، ޖިނާއީ ޢަދުލުގެ ބާރުވެރި ފަރާތްތައް އިންސާފުވެރިކަމާ އެކު، ޚުދުމުޚްތާރުނުވެ، މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރާނެ ވަސީލަތަކީ އެ ޤާނޫނު ކަމަށް ވާތީ އެވެ. ހެއްކާ ބެހޭ ޤާނޫނު މުހިއްމު ވަނީ، ދަޢުވާކުރާ ފަރާތުގެ ދަޢުވާ ސާބިތު ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ހާލަތާއި، މުއްތަހަމުގެ ދިފާޢުގައި ހެކި ޤަބޫލުކުރަން ލާޒިމްވާ ހާލަތާއި، ހެއްކާއި ޤާރީނާ ވަޒަންކުރާނެ ގޮތާއި، މިކަންކަން ބަޔާންކޮށް ޤާނޫނުގައިވާ ގޮތުގެ މަތިން މެނުވީ ހެކި ޤަބޫލުކުރުމާއި ރައްދުނުކުރެވޭނަކަން ކަނޑައަޅާ ޤާނޫނަށް ވާތީ އެވެ. ޤާނޫނަކީ އިންސާފުވެރިކަމާ އެކު ޝަރީޢަތް ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތެވެ. ޝަރީޢަތް ކުރައްވާ ފަނޑިޔާރަކީ ކަމަށް ޤާބިލް، ތަޢުލީމާއި ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވިއަސް، ކަމާ ގުޅުން ހުރި ޤާނޫނުތައް ނެތި، ޝަރީޢަތަކީ ހިތުލަފައަށް ކުރާ ކަމެއް ނޫނެވެ.

މަޝްހޫރު މާއްދާ 88

ރާއްޖޭގައި 1966 ގައި ޢަމަލުކުރަން ފެށި ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރު 3 ގެ 88 ވަނަ މާއްދާގައި ވާ ގޮތުން، ޤާނޫނުގައި ނުވަތަ އިސްލާމީ ޝަރީޢަތުގައި އަމުރުކޮށްފައިވާ އެއްވެސް ކަމަކަށް ނުކިޔަމަންތެރި ވުމަކީ ޖިނާއީ ކުށެއް ކަމަށް ބަޔާންކޮށްފައި ވަނީ އިސްލާމްދީނުގައި އައިސްފައިވާ އަމުރުތަކާއި، ނަހީތައް ހިމެނޭ ގޮތަށެވެ.

މިއީ ވަރަށް ގިނަ ކަންތައްތަކުގެ ހައްލު ހޯދަން ބޭނުންކުރި މާއްދާއެކެވެ. މާލެތެރޭގައި މަޑިއެއްލުމަކީ ރަސްމީކޮށް މަނާކޮށްފައި އޮތް ކަމަކަށް ނުވިއަސް، މަޑީގެ ކަންތައް ބޮޑުވެގެން ދާ ފަހަރު، ފުރާޅުމަތީ ތިބެ މަޑި އެއްލުން ފަދަ ކަމެއް ކޮށްގެން ވެސް 88 ގެ ދަށުން ކުށްވެރިވާ ކަމަކަށް ވެ އެވެ. ހަވީރު ހައެއްގެ ފަހުން، ބައްތި ނުދިއްލައި ބައިސްކަލް ދުއްވީމާ، ދަޢުވާކޮށް އުޅުނީ ވެސް މި މާއްދާގެ ދަށުންނެވެ.

މާރާމާރީއެއް ހިންގި ތަނެއް ފުލުހުން ބަންދުކޮށްފައި: ހެއްކާ ބެހޭ ފުރިހަމަ ގާނޫނެއްގެ މުހިންމުކަން ބޮޑު

މިވީހާ ތަނަށް ފުއްދާލައިގެން ތިބި މާއްދާ 88 އަކީ އެންމެ ބޮޑެތި މައްސަލަތައް ކަމަށްވާ މަރުގެ މައްސަލަތަކުގައި ވެސް ދަޢުވާކުރަން އެކަށޭނަ މާއްދާއެއް ގޮތުގައި ބަލައިގެންނެވެ. މިހެންވެ، އިސްލާމީ ޝަރީޢަތުގައި ޤިޞާޞް ހިފުން ވާޖިބު ކުރައްވާފައިވާ ޤަތުލުގެ މައްސަލަތަކުގައި ވެސް ދަޢުވާ ކުރަމުން އައީ މާއްދާ 88 ގެ ރ އާއި ޙަވާލާދީ، މާއްދާ 88 ގެ ހ ގެ ދަށުންނެވެ.

މި މާއްދާގެ (ރ) ގައި ވަނީ ޤާނޫނުގައި ނުވަތަ އިސްލާމްދީނުގައި ކޮށްފައިވާ އަމުރަކާ ޚިލާފަށް ކުރި ޢަމަލެއްގެ ސަބަބުން ނުވަތަ ނަހީކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް އެ ޢަމަލެއް ކުރި މީހަކަށް ދޭންވާނެ އެވެ.

މި މަފުހޫމަށް ވިސްނާލައްވާށެވެ. ޤާނޫނެއްގައި މަނާކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން މީހަކު މަރުވެދާނެ އެވެ. ހަމައެގޮތަށް އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން ވެސް މީހަކު މަރުވެދާނެ އެވެ. ދެ ޙާލަތުގައި ވެސް އެފަދަ ޢަމަލެއް ކުރި މީހަކަށް ދެވޭނީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެކެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބަކީ ކޮބައިކަން ބުނެދީފައިވާ ޤާނޫނެއް ނެތެވެ. އެކަން ދޫކޮށްލާފައި އެވަނީ އިސްލާމީ ޝަރީޢަތުގެ ޢިލްމު އުނގެނިފައިވާ ބައެއްގެ ވިސްނުމަށެވެ.

ޙަޤީޤަތުގައި މާއްދާ 88 އަކީ ރެފަރެންސް މާއްދާއެކެވެ. ކުށް ކަނޑައަޅާފައިވާ މާއްދާއެއް ނޫނެވެ. އަދި ޢުޤޫބަތް ކަނޑައަޅާފައިވާ މާއްދާއެއް ވެސް ނުމެނޫންމެ އެވެ. މާއްދާ 88 އަށް މިހާރު ޢަމަލެއް ނުކުރެ އެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން މަރުގެ މައްސަލަތަކުގައި ދަޢުވާކުރަމުން އައީ އެ މާއްދާގެ ދަށުންނެވެ.

ގާނޫނުތައް ފުރިހަމަ ގޮތުގައި ހެދުން

ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމަ ވާނީ އެ ނިޒާމަށް ބޭނުންވާ ޖިނާއީ ޤާނޫނުތަކާއި އިޖުރާއީ ޤާނޫނުތަކާއި ހެއްކާ ބެހޭ ޤާނޫނުތައް، އޭގެ ޒާތުގައި ފުރިހަމަ ޤާނޫނުތަކެއްގެ ގޮތުގައި ހުރެގެންނެވެ. މަރުގެ މައްސަލަތަކާ ގުޅޭ ދާއުވާކުރަމުން ދާއިރު އޮންނަން ޖެހޭ އެންމެ މުހިއްމު ޤާނޫނު ކަމަށް ވާ ހެއްކާ ބެހޭ ފުރިހަމަ ޤާނޫނެއް ނެތެވެ. މިހާރު ގެންގުޅޭ ހެއްކާ ބެހޭ ޤާނޫނަށް އަމަލްކުރަން ފެށީ 1976 ގަ އެވެ. އެފަދަ ޤާނޫނެއްގައި ހުންނަން ޖެހޭ އަސާސީ ސިފަތައް ވެސް އެ ގާނޫނުގައި ނެތެވެ. ޤާނޫނުގައި އޮތީ އެންމެ ހަތް މާއްދާ އެވެ. ގިނަ މައްސަލަތަކުގައި ކޯޓުތަކުން ހަވާލާދެނީ އެޤާނޫނުގެ 6 ވަނަ މާއްދާ އަށެވެ.

މި ދެންނެވި މާއްދާއަށް ވިސްނަވާލައްވާށެވެ. ޝަރީޢަތަށް ކަމެއް ސާބިތުވި ކަމަށް ބަލާނެ މިންގަނޑަކީ، ކަމެއް ސާބިތުކުރަން ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން އެކަމެއް ސާބިތުވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެއްވުމެވެ. ސާބިތުކުރަން ކަނޑައަޅާފައިވާ ހަމަތައް ޤާނޫނުގައި ބަޔާންނުކޮށް، ދޫކޮށްލާފައި ވަނީ ފަނޑިޔާރުގެ ވިސްނުންފުޅަށެވެ. އަނެއް ޙާލަތަކީ ހަމަ ބުއްދި ހުރި މީހަކު އެކަމަކީ ހިނގާފައިވާ ކަމެއް ކަމަށް ބަލާފާނެ މިންވަރަށް ޝަރީޢަތަށް ބުރަވެވުމެވެ.

މާޢިޒު ރަޖަމްކުރަން އަމުރުކުރެއްވީ ތަފާތު ހަތަރު މަޤާމެއްގައި ރަސޫލާގެ ކުރިފުޅުމަތީ ކުށަށް އިޢުތިރާފުވުމުންނެވެ. އެ އަމުރު ތަންފީޒު ކުރައްވަން ފެށުމުން އޭނާ ދުއްވައިގަތެވެ. ނަމަވެސް އަޞްޙާބް ބޭކަލުން އޭނާ އަތުލައްވައި، އޭނާގެ މައްޗަށް އަމުރު ތަންފީޒުކުރެއްވި އެވެ. އެއަށް ފަހު، އެ ވާހަކަ ރަސޫލާ އަރިހުގައި ދެންނެވުމުން އެކަލޭގެފާނުގެ ހިތްޕުޅުހަމަޖެހިވަޑައެއްނުގަތެވެ.

ކަމެއް ހިނގާފައިވާ ކަމެއް ކަމަށް "ބުރަވެވުމާއި" "ޤަބޫލުކުރެވުމަކީ" ސާބިތުކުރުމުގެ އެންމެ ދަށް މިންގަނޑެވެ. އެހެނީ ޔަޤީނާ ގާތްކުރާ މިންވަރަށް ވުރެ ދަށް މިންވަރެކެވެ. އެއީ ކަމެއް ހިނގި ކަމަށް އިޤުތިނާއުވުމެވެ. ކަމެއް ކަށަވަރުވުމާއި ޔަގީންވުމެއް ނޫނެވެ. ހަޤީޤަތުގައި ހެއްކާ ބެހޭ ޤާނޫނުގެ ހަ ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑަކީ މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ކާފީ މިންގަނޑެކެވެ. ޖިނާއީ މައްސަލަތައް ސާބިތުކުރަން ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިންގަނޑަކީ "އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް" ދަރަޖައަށް ޝަރީޢަތުގައި ކުށް ސާބިތުވުމެވެ. ނަމަވެސް މިއީ އިސްލާމް ދީނުގައި ޙައްދު ކަނޑައަޅާފައިވާ ކުށްތައް ފިޔަވައި އެހެނިހެން ޖިނާއީ ކުށް ސާތިބުކުރަން ބޭނުންކުރާ މިންގަނޑެކެވެ.

ޙައްދުގެ މައްސަލަތައް ސާބިތުވާން ޖެހެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށެވެ. އާދައިގެ ވިސްނުމަކުން ދަންނަވާ ނަމަ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތު ވުމަކީ، އެކަމަކާ މެދު އެންމެ އާދައިގެ މީހާއަށް ވެސް ޝުބްހަ (ޝައްކު) އުފެދޭނެ ޖާގަ ނެތް މިންވަރެވެ. އެހެނީ ހައްދުގެ މައްސަލަތަކުގައި ޝުބްހައެއް އޮވެއްޖެ ނަމަ، ޙައްދު ޤާއިމެއް ނުކުރެވޭ ހުއްޓެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅު ކުރައްވާފައި ވަނީ "ޝުބްހައެއް އޮތް ނަމަ ޙައްދުތައް ޤާއިމްނުކުރާށެވެ."

އިސްލާމްދީނުގައި ކަނޑައަޅާފައިވާ ޙައްދުތަކާއި ޤިޞާޞް ޤާއިމްކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެގެންނެވެ. މިކަން، މާޢިޒު ރަޖްމުކުރި މައްސަލައިން އެނގެ އެވެ. ރަޖަމްކުރުމަކީ އިސްލާމް ދީނުގައި ފުރާނަހިފުން ހުއްދަކުރެއްވި މަދު ޙާލަތުގެ ތެރެއިން ޙާލެތެކެވެ. މާޢިޒު ރަޖަމްކުރަން އަމުރުކުރެއްވީ ތަފާތު ހަތަރު މަޤާމެއްގައި ރަސޫލާގެ ކުރިފުޅުމަތީ ކުށަށް އިޢުތިރާފުވުމުންނެވެ. އެ އަމުރު ތަންފީޒު ކުރައްވަން ފެށުމުން އޭނާ ދުއްވައިގަތެވެ. ނަމަވެސް އަޞްޙާބް ބޭކަލުން އޭނާ އަތުލައްވައި، އޭނާގެ މައްޗަށް އަމުރު ތަންފީޒުކުރެއްވި އެވެ. އެއަށް ފަހު، އެ ވާހަކަ ރަސޫލާ އަރިހުގައި ދެންނެވުމުން އެކަލޭގެފާނުގެ ހިތްޕުޅުހަމަޖެހިވަޑައެއްނުގަތެވެ. ޙަދީޘްފުޅުކުރެއްވި އެވެ. "ތިޔަ ބައި މީހުން އޭނާ ދޫކޮށްނުލީ ކީއްވެގެން ހެއްޔެވެ؟" އެކަލޭގެފާނުގެ ޙަދީޘްފުޅުން ދަސްކޮށްދެއްވި އަނެއް ފިލާވަޅަކީ، އެކަލޭގެފާނު އިސްކަން ދެއްވީ ޢަފޫކުރެއްވުމާއި މަޢާފުކުރެއްވުމަށް ކަމެވެ. އަދަބު ދެއްވުމަކަށް ނޫނެވެ.

މަރުގެ މައްސަލަތަކުގައި ވެވޭ އިޢުތިރާފާ ބެހޭ ގޮތުން މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގައި ވަނީ މިހެންނެވެ. "މީހެއްގެ މައްޗަށް މަރުގެ ޙުކުމް އަތުވެދާނެ ކުށަކަށް ވާ އިޢްތިރާފް، އެމީހަކާ ދެކޮޅަށް ބޭނުންކުރެވޭނީ، އެ އިޢުތިރާފަކީ ހުޅުވާލެވިފައިވާ ކޯޓެއްގައި، ވަކީލެއްގެ އެހީތެރިކަމާ އެކު، ކުށުގެ ރުކުންތަކަށް އަމިއްލަ އިޚުތިޔާރުގައި ވާ އިޢްތިރާފެއްކަމުގައި ވާ ނަމަ އެވެ." މަރުގެ މައްސަލަތަކުގައި ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ޞާއްޙަ ވާނީ މި މާއްދާގައި ބުނެފައިވާ ކަންކަން ފުރިހަމަވުމުންނެވެ. (ތިން ވަނަ ބައި މާދަމާ)

އެޑިޓަރުގެ ނޯޓު

އަހުމަދު ފާއިޒަކީ ރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ކުއްލިއަކަށް ގެނައި ބަދަލަކާ ގުޅިގެން އެމަނިކުފާނު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިހާރު ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި ގާނޫނީ އަދި ޝަރުއީ ދާއިރާގެ މައްސަލަތައް ގެންދަވަނީ ދިރާސާކުރައްވަމުންނެވެ. މިއީ އެގޮތުން އެމަނިކުފާނު ލިއުއްވި އިލްމީ ދިރާސާއެކެވެ.