އެހެން މިހެން: ގައުމީ ރޫޙަކީ އަޅެ ކޮބާ؟ އެ ރޫޙު އެބަ އޮތްތަ؟

ޕީޕީއެމާއި އެމްޑީޕީ އަށް ތާއީދުކުރުމަކީ ގައުމު ދެކެ ލޯބިވުން ހެއްޔެވެ؟ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން އުޅުމަކީ ގައުމަށް ތެދުވެރިވުން ހެއްޔެވެ؟ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަކީ އެންމެ މޮޅު ވިސްނުންފުޅު ގެންގުޅުއްވާ ރައީސް ކަމަށް ގަބޫލުކުރުމަކީ ގައުމީ ޒިންމާ އަދާކުރުން ހެއްޔެވެ؟


އަޅުގަނޑުގެ ހިތުގައި މި ސުވާލުތައް އުފެދެނީ ބައެއް މީހުން ދައްކާ ވާހަކަތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކާއި ޒުވާބުތަކަށް ނަޒަރު ހިންގާލެވޭތީ އެވެ. ބައެއް ފަހަރު ހިތަށްއަރަ އެވެ. ގައުމުގެ މައްސަލަތަކާ މެދު ވިސްނުމުގެ ބަދަލުގައި އަމިއްލަ ދިރިއުޅުމުގައިގެން ކުރިއަށް ދާންވީ އެވެ. މީޑިއާތަކުން ފަތުރާ މަޢުލޫމާތުތައް ނުކިޔަންވީ އެވެ. ހަމައެކަނި ބަލަންވީ އަމިއްލަ ދިރިއުޅުމާއި އާއިލާގެ ހާލަތު ރަނގަޅުކުރާށެވެ. އަޅުގަނޑުގެ ރައްޓެހިންނާއި އަވަށްޓެރިންނާއި ވަށައިގެން އުޅޭ އާންމު ރައްޔިތުންގެ ކަންކަމާ މެދު ވިސްނަން ވަގުތު ހޭދަކުރުމުގެ ބޭނުމެއް ނެތެވެ. އެމީހެއްގެ ކަންކަމާ އުޅޭނީ އެމީހެކެވެ.

އެކަމަކު އެހެން ހިތަށްއެރިޔަސް އަބަދުވެސް އަޅުގަނޑަށް ސަލާމަތްނުވެވެނީ އެކި ކަންކަމާ މެދު ވިސްނުން ދޫކޮށްލުމުގެ އާދައިންނެވެ. އެކަން ވަނީ އަޅުގަނޑުގެ ލެޔާ ގުޅިފަ އެވެ. ސުވާލު ކުރެވެނީ ގައުމުގެ ހާލަތާ މެދުގަ އެވެ. ވެރިންގެ ތެދުވެރިކަމާ މެދުގަ އެވެ. ރައްޔިތުން ގައުމާ މެދު ފިކުރުކުރާ މިންވަރާ މެދުގަ އެވެ.

އަޅުގަނޑަށް ގައުމީ ރޫޙު ފެންނަނީ ވަރަށް ސާދާ ގޮތަކަށެވެ؛ އެއީ ގައުމަށް ފައިދާ ހުރި ކޮންމެ ކަމަކަށް އާއެނކޭ ބުނުމާއި ގައުމަށް ގެއްލުން ހުރި ކޮންމެ ކަމަކަށް ނޫނެކޭ ބުނުމެވެ.

ގައުމަކީ ރައްޔިތުންގެ އެއްޗެކެވެ. ގައުމީ ރޫޙު އޮންނަން ޖެހެނީ ރައްޔިތުންގެ ހިތު ތެރޭގަ އެވެ. އެއީ އެހެން އެއްވެސް މީހަކަށް އޮޅުވާލަން ދޫކޮށް ނުލެވޭނެ، ސިޔާސީ ޕާޓީއަކުން "ރަހީނު ނުކުރެވޭ" ފަދަ ރޫޙަކަށް ވާން ޖެހޭނެ އެވެ. އެކަމަކު އަޅުގަނޑުގެ ހިތުގައި މިހާރު ސުވާލު އުފެދޭ ކަމަކީ ދިވެހިންގެ މެދުގައި އެ ރޫޙު އެބަ އޮތް ހެއްޔެވެ؟ އެ ސުވާލު ހިތަށްއަރަނީ މިދިއަ ހުކުރު ވިލޭރޭ ގަލޮޅު ދަނޑުގައި ރާއްޖޭގެ ގައުމީ ޓީމު އެ ކުޅުނު ބޮޑު މެޗު ބަލަން އެންމެ ދެ ހާހެއްހާ މީހުން ވަދެގެންނެއް ނޫނެވެ. ގައުމީ ރޫޙު ހަމައެކަނި ފެންނަން ޖެހޭނީ ފުޓްބޯޅަ ދަނޑުން ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އަޅުގަނޑުގެ ހިތުގައި ސުވާލު ގިނަވެގެން މި އުޅެނީ ސިޔާސީ ވެރިން ކޮންމެ ކަމެއް ކުރިޔަސް ވަރިހަމަކަމަށް ހަދައިގެން އުޅެން ދިވެހިންނަށް އާދަވެފައި އޮތުމުންނެވެ.

ހުސްކޮށް އޮތް ދަނޑެއްގައި ގައުމީ ޓީމު ރަސްމީ މެޗެއް ކުޅެނީ: ދިވެހިން ގައުމީ ރޫޙު ދައްކަން ޖެހޭނީ ހަމައެކަނި ފުޓްބޯޅަ ދަނޑަކުންނެއް ނޫން

ގައުމަށް ގެއްލުން ހުރި ކޮންމެ ކަމެއްގައި ގައުމީ ރޫޙު ނެރުމަކީ ގައުމު ދެކެ ލޯބިވުމެވެ. މިދަންނަވަނީ ގައުމީ ރޫޙުގައި ގޮސް ތަންތަން ފުނޑުކުރާ ވާހަކައެއް ނޫނެވެ. ގޯސް ގޯހޭ ބުނުމާއި ގޯސް ރަނގަޅު ކުރަން ތިމާގެ ފެންވަރުގައި ވެސް މަސައްކަތްކުރަން ޖެހޭ ވާހަކަ އެވެ. އެންމެ ކުޑަކޮށް ކުރެވޭނެ މަސައްކަތަކީ އެއީ ގޯހެކޭ އެހެން މީހުން ގާތު ބުނުމެވެ. ވަރަށް ފަސޭހަ ކަމެއް ނޫންތޯ އެވެ. އެކަމަކު އެ ކުޑަ އަދި ފަސޭހަ ކަންތައް ކޮށްނުލެވިގެން މި އުޅެނީ އެންމެ ކަމަކާ ހެދި އެވެ. ސިޔާސީ ވަކި ޕާޓީއެއް، ސިޔާސީ ވަކި ވެރިއެއްގެ "އަޅަކަށް" ވެގެން ގިނަ ބަޔަކު އުޅޭތީ އެވެ.

އަޅުގަނޑަށް ގައުމީ ރޫޙު ފެންނަނީ ވަރަށް ސާދާ ގޮތަކަށެވެ؛ އެއީ ގައުމަށް ފައިދާ ހުރި ކޮންމެ ކަމަކަށް އާއެނކޭ ބުނުމާއި ގައުމަށް ގެއްލުން ހުރި ކޮންމެ ކަމަކަށް ނޫނެކޭ ބުނުމެވެ. ގައުމަށް ލިބުނު ކޮންމެ ގެއްލުމެއްގެ ހަނދާންތައް ސިކުނޑީގައި ބެހެއްޓުމާއި އެކަން އޮޅުވާލަން ފުރުސަތު ނުދިނުމެވެ.

ސުވާލު އުފެދެނީ ސަރުކާރު ދެކެ ރުޅިއައިސްގެން ނުވަތަ ރައީސް ޔާމީން ދެކެ ހިތްހަމަނުޖެހިގެން ކަމަށް ދެކިގެންނެއް ނުވާނެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރަށް ދިނުމުން އެކަމާ ދެކޮޅު ހެދި އަޅުގަނޑުގެ ރައްޓެހިންގެ ހިތުގައި އޮތީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ދެކެ އަންނަ ރުޅިއެއް ނޫނެވެ. އަދި ވެރިކަން ކުރި އެމްޑީޕީގެ އިގުތިސާދީ ސިޔާސަތާ ދެކޮޅުވެރިވުމެއް ވެސް ނޫނެވެ. އެކަމާ ހިތްހަމަނުޖެހުނީ ރާއްޖޭގެ އެންމެ އަގުބޮޑު މުދާ، ބޭރު ބަޔަކަށް ދިން ގޮތާއި އެ މީހުންނަށް ދޫކޮށްލި ބާރުތައް ގިނަކަމުންނެވެ. ރާއްޖޭގެ އެހެން ބައެއް ވިޔަފާރިތައް ފުނޑި، ހުޅުލެ އަކީ ޖީއެމްއާރުން ކޮންޓްރޯލްކުރާ ސިޓީއަކަށް ވުމުގެ ފުރުސަތު އޮތުމެވެ. އެންމެ ކުރުކޮށް ބުނަންޏާ އެއީ އެއާޕޯޓް ތަރައްގީކުރަން ބޭރުގެ ކުންފުންޏަކަށް ދިން ދިނުމެއް ނޫނެވެ. އެއީ އެއަށް ވުރެ މާ ބޮޑެތި ގެއްލުންތަކެއް ގައުމަށް ކުރިމަތިވުމުގެ ފުރުސަތު ހުޅުވިފައި އޮތް މުއާމަލާތެކެވެ.

މިހާރުގެ ރައީސް ޔާމީންގެ އިގުތިސާދީ ބައެއް ސިޔާސަތުތަކާ މެދު ގައުމީ ރޫޙުގައި ވިސްނާލާ އިރު ވެސް އެ މައްސަލަ ހަމަ އެހެން އެބަ އޮތެވެ. ފުރަތަމަ ކަމަކީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރުމުގެ ފުރުސަތު ދިނުމެވެ. ދެ ވަނަ ކަމަކީ އެ ފުރުސަތުގެ ބޭނުންކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތައް މިލްކުކުރަން އަންނަ މީހުންނާއި ކުންފުނިތަކުގެ ހުށަހެޅުންތައް ބެލޭނެ ރަނގަޅު ނިޒާމެއް ސަރުކާރުގައި ނެތުމެވެ. އެކަން ކުރެވޭނެ މިނިވަންކަމެއް އެހެން މުއައްސަސާތަކަށް ވެސް ނެތުމެވެ. ރާއްޖޭގެ މުޅި ތާރީޚުން ވެސް ފެންނަން ނެތް އެހާ ބޮޑު ގައުމީ ކަމެއް ނިންމާލާނީ ހަމައެކަނި ކެބިނެޓްގެ އިކޮނޮމިކް ކައުންސިލުންތޯ ނުވަތަ ރައީސް ޔާމީން އަމިއްލަފުޅަށްތޯ އެއީ ގައުމީ ރޫޙުގައި ނުކޮށް ދޫކޮށްލެވޭނެ ސުވާލެއް ނޫނެވެ. މި ސުވާލު އުފެދެނީ ސަރުކާރު ދެކެ ރުޅިއައިސްގެން ނުވަތަ ރައީސް ޔާމީން ދެކެ ހިތްހަމަނުޖެހިގެން ކަމަށް ދެކިގެންނެއް ނުވާނެ އެވެ. މިއީ ދިވެހި ރައްޔިތަކު، އޭނާގެ ހިތުގައި އޮތް ގައުމީ ރޫޙުގައި ކުރާ ސުވާލެކެވެ.

ދެން އޮތީ ކޮލަމް ފެށި އިރު އަޅުގަނޑު ދޫކޮށްލި ތިން ސުވާލާ މެދު ފަހު ބަސް ބުނުމެވެ. އެ ތިން ސުވާލުގެ ޖަވާބަކީ ވެސް ނޫނެކޭ އެވެ.