ރިޕޯޓް / ފިތުރު އީދު

މިރޭ އީދަށް ހަނދު ފެންނާނެތަ؟

ފަލަކީ ހިސާބުތަކަށް ބެލުމުން އެނގެނީ، މިއަދުގެ އިރު އޮއްސުމުގެ، ގާތްގަނޑަކަށް 2 މިނެޓާއި 20 މިނެޓާ ދެމެދުގެ ކުރީގެ ވަގުތެއްގައި، އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސޭކަން

ފަލަކީ ހިސާބުން ދައްކަނީ މިއަދު އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް

އަޙްމަދު ޢަބްދުﷲ ސަޢީދު

11 މެއި 2021 - 10:40

24 comments

އިސްލާމީ ގައުމުތަކުގެ ޢާންމު އުސޫލުން، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގައި ވެސް، ދޭދޭ މުސްލިމް ގައުމުތަކުގެ މެދުގައި ދެ ދުވަހުގެ ތަފާތެއް އެބަ ހުއްޓެވެ. ރާއްޖެ އާއި އިސްލާމީ ގިނަ ޤައުމުތަކުން މިއަހަރުގެ ރޯދަމަސް ފެށީ، މިދިޔަ އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އަވައްޓެރި ޕާކިސްތާނާއި ބަނގްލަދޭޝް އަދި އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ރޯދަ މަސް ފެށީ، އޭގެ އެއް ދުވަސް ފަހުން، އޭޕްރީލް 14 ވަނަ ދުވަހުއެވެ.

ރާއްޖެއާ އެކީ ރޯދަ މަސް ފެށި ޤައުމުތަކަށް މިއަދަކީ ރޯދަ މަހުގެ 29 ދުވަހެވެ. އެހެންކަމުން އެޤައުމުތަކުން މިހާރު ތައްޔާރުވަމުން އެދަނީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި ޢީދަށް ހަނދު ބެލުމަށެވެ. އެގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ހައި ކޯޓުން މިހާރުވަނީ، ޢީދަށް ހަނދު ބަލަން ނުކުތުމަށް ޢާންމު ދަޢުވަތެއް ނެރެފަ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުމަށް ވަނީ އެދިފަ އެވެ.

މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެންނާނެތޯ ނުވަތަ ނުފެންނާނެތޯ ކަނޑައެޅުމުގެ ކުރިން، މިއަދުގެ އިރު އަރައިގެން އޮއްސުމާ ހަމައަށް، އިރު ހަނދާއި މިބިމުގެ ދައުރުވުން ހުރި ގޮތުގެ މައްޗަށް ބަލައިލުން މުހިންމެވެ. މިއަދުގެ އިރު އޮއްސޭއިރު ރަމަޟާން މަސް ނިމޭކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ އޭރުންނެވެ.

ހަނދު ބަލަނީ، ދީނީ އަޅުކަމެއްގެ ނިމުމާއި، އެހެން އަޅުކަމެއްގެ ފެށުން ދެނެގަތުމަށްޓަކައި، މައްސަރެއްގެ ފެށުމާއި ނިމުން ކަނޑައެޅުމަށްޓަކައި ކަމަށް ވާތީ، އިސްލާމީ ޝަރުޢީ މިންގަނޑުން، މައްސަރެއްގެ ފެށުމާއި ނިމުން އޮތީ ކިހިނެއްތޯ ބަލައިލުންވެސް މުހިންމެވެ.

އިސްލާމީ ޝަރުޢީ މަޞްދަރުތަކުން ސާބިތުވާ ގޮތުގައި، މައްސަރެއްގައި އޮންނާނީ އެންމެ މަދުވެގެން 29 ދުވަހެވެ. އެންމެ ގިނަވެގެން 30 ދުވަހެވެ. އެހެންކަމުން ކޮންމެ މަހެއްގައި ވެސް މަދުވެގެން 29 ދުވަސް ހަމަވާންޖެހެ އެވެ. އަދި ބައެއް މައްސަރުތަކުގައި 30 ދުވަހެވެ.

މިއަދުގެ 17:57 ގައި ހަނދު އޮއްސޭއިރު، ހަނދު ހުންނާނެ މިސްރާބާއި، އިރު ހުންނާނެ މިސްރާބާއި އިރު ހުންނާނެ އުސްމިން

މި ނުކުތާއަށް ރިޢާޔަތްކުރާއިރު، ހިނގަމުން މިދާ ރަމަޟާން މަސް، ފަލަކީ ގޮތުން ފެށުނީ (ޝަޢުބާން މަސް ފެށުނު ހިނދުން ފެށިގެން ބިމުގެ ވަށައިގެން، ހަނދު ޖަހަމުން ދިޔަ ބުރު ފުރިހަމަވީ، ނުވަތަ އިރާއި ހަނދާއި ބިން އެއްއުއިވީ)، ހުސްވި އެޕްރީލް މަހުގެ 12 ވަނަ ދުވަހު، ޖީއެމްޓީ ގަޑިން 02:30ގަ އެވެ. އެއީ އެ ދުވަހު ރާއްޖޭ ގަޑިން ހެނދުނު 07:30 އެވެ.

އެހެންކަމުން، މިއަދުގެ ހެނދުނު 07:30 އަށް، ރަމަޟާން މަހުގެ ހަނދުގެ ޢުމުރުން ބަރާބަރު 29 ދުވަސް ފުރިހަމަވީ އެވެ. ޝަރުޢީ މިންގަނޑުން ބަލާއިރު، ހަނދު މަހެއް ފެށެނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، އައު ހަނދު އުފަންވެއްޖެ ކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުންނެވެ.

މިއަދުގެ އިރު އެރުމުގެ، 27 މިނެޓް ކުރިން، ފަތިހު 05:28 ގައި ހަނދު އަރައިފި އެވެ. އިރު އެރީ ހެނދުނު 5:53ގަ އެވެ. އެހެންކަމުން އިރު އެރި އިރުވެސް، ހަނދު ހުރީ، އިރުމަތީ ފަރާތު އުދަރެހުން 5 ދަރަޖަ އުހުގައެވެ. އޭގެ މާނައަކީ، މިއަދުގެ ދުވާލު ފެށުނުއިރުވެސް، އިރަށް ވުރެ ހުޅަނގު ފަރާތު އުދަރެހާ ކައިރީގައި ހުރީ ހަނދެވެ. އެހެންކަމަށް ވާނަމަ، އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.

ދެން އޮތީ އައު ހަނދު އުފަންވާ ވަގުތެވެ. އައު ހަނދު އުފަންވާ ވަގުތަކީ، އިރުގެ ވަށައިގެން މިބިން ބުރު ޖަހަމުންދާ ދިޔުމުގައި، އަދި ބިމުގެ ވަށައިގެން ހަނދު ބުރުޖަހަމުންދާ ދިޔުމުގައި، އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އަންނަ ވަގުތެވެ. އެއީ އިރުގެ އެތެރޭގެ މެދުން، މިބިމުގެ އެތެރޭގެ މެދަށް ދަމައިލެވޭ ސީދާ ރޮނގުގެ މެދަށް ހަނދު ވަންނަ ވަގުތެވެ.

މިގޮތަށް އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އަންނަ އައުމަށް، "އެއްއުއިވުން" ނުވަތަ ޢަރަބި ބަހުގައި އިޤްތިރާން ވުމޭވެސް ކިޔައެވެ. އިނގިރޭސި ބަހުން އެއީ ކޮންޖަންކްޝަން ވުމެވެ.

އެހެންކަމުން މައްސަރެއް ފުރިހަމަވަނީ، އެއްއުއިވާ ވަގުތުން ފެށިގެން، ބިމުގެ ވަށައިގެން ހަނދު ބުރެއް ފުރިހަމަކޮށް، އަނެއްކާ އެއްއުއި ވުމުންނެވެ.

މި ލިޔުމުގެ ކުރީކޮޅުގައި ދެންނެވި ފަދައިން، މިހިނގާ ރަމަޟާން މަސް ފެށުނީ، ހުސްވި އެޕްރީލް މަހުގެ 12 ވަނަ ދުވަހު، ރާއްޖޭ ގަޑިން ހެނދުނު 07:30ގަ އެވެ. އަދި މިއަދުގެ ހެނދުނު 07:30 އަށް، ރަމަޟާން މަހުން 29 ދުވަސް ފުރިހަމަ ވިޔަސް، މިބިމުގެ ވަށައިގެން، ހަނދު ޖަހަމުންދާ ބުރު ފުރިހަމަވާ ނުކުތާއަށް ހަނދެއް ނުފޯރަ އެވެ.

މިއަދުގެ އިރު އޮއްސޭއިރު، ހަނދުގެ އުމުރުން ވެފައި ހުންނާނީ 29 ދުވަހާއި 10 ގަޑިއިރާއި 42 މިނެޓެވެ. މިބިމުގެ ވަށައިގެން ހަނދު ޖަހަމުން ދާ ބުރު ފުރިހަމަވާ ނުކުތާއަށް ހަނދު ފޯރާނީ، ޖީއެމްޓީ ގަޑިން މިއަދުގެ 19:00ގަ އެވެ. އެއީ، ރާއްޖޭ ގަޑިން، މިރޭގެ ދަންވަރު 00:00 އެވެ. މިއިން އެނގެނީ، މިއަދުގެ އިރު އޮއްސޭއިރު، އައު ހަނދު އުފަން ނުވާ ކަމެވެ. އެހެންކަމުން، ދެން ބަލައިލަން ޖެހެނީ، މިއަދުގެ އިރު އޮއްސޭ ވަގުތަށާއި ހަނދު އޮއްސޭ ވަގުތުގައި ހުރި ތަފާތަށެވެ.

ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނަށް މިއަދުގެ އިރު އޮއްސުމުގެ 14 މިނެޓް ކުރިން ހަނދު އޮއްސެއެވެ. ހދ. މަކުނުދު އަށް 13 މިނެޓް އަދި ވެރިރަށް މާލެއަށް ވެސް 14 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ދެކުނުން އައްޑޫ ސިޓީގެ ހިތަދުއަށް ވެސް އިރު އޮއްސުމުގެ 12 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދުގެ ހަނދު އޮއްސޭނީ ހުޅަނގު މިސްރާބުން 285 ދަރަޖައަށެވެ. އިރު އޮއްސޭނީ ހަނދަށް ވުރެ ތިން ދަރަޖަ އުތުރުން، 288 ދަރަޖައަށެވެ.

މިއަދުގެ 18:13 ގައި އިރު އޮއްސޭއިރު، އިރު ހުންނާނެ މިސްރާބާއި ހަނދު ހުންނާނެ މިސްރާބާއި ތިރިމިން

އެންމެ އިރުމަތީގައިވާ އިސްލާމީ ޤައުމުތަކުގެ ތެރެއިން ބުރޫނާއީ ދާރުއްސަލާމަށް، މިއަދުގެ އިރު އޮއްސުމުގެ 19 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އިންޑޮނީޝިޔާގެ ޖަކާޓާއަށް ވެސް، އިރު އޮއްސުމުގެ 15 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މެދުއިރުމަތިން، ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް، މިއަދުގެ އިރު އޮއްސުމުގެ 12 މިނެޓް ކުރިން، އަދި މިސްރުގެ އިސްކަންދަރިއްޔާ އަށް، 13 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ތުރުކީގެ އިސްތަންބޯލަށް ވެސް، އިރު އޮއްސުމުގެ 15 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އެންމެ ހުޅަނގުން މޮރޯކޯގެ ވެރިރަށް ރަބާޠަށް، މިއަދުގެ އިރު އޮއްސުމުގެ 7 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ސެނެގޯލްގެ ޑަކާރްއަށް މިއަދުގެ އިރު އޮއްސުމުގެ 3 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މިދެންނެވި ފަލަކީ ހިސާބުތަކަށް ބެލުމުން އެނގެނީ، މިއަދުގެ އިރު އޮއްސުމުގެ، ގާތްގަނޑަކަށް 2 މިނެޓާއި 20 މިނެޓާ ދެމެދުގެ ކުރީގެ ވަގުތެއްގައި، އިސްލާމީ ހުރިހާ ޤައުމަކަށް ވެސް ހަނދު އޮއްސޭ ކަމެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދެއް ނުހުންނާނެ އެވެ. އުޑުމަތީގައި ނެތް ހަނދެއް ފެނުމަކީ މުސްތަޙީލު ކަމެކެވެ.

* އެޑިޓަރުގެ ނޯޓް: އަހުމަދު އަބްދުﷲ ސައީދަކީ "ހަވީރު" އާއި "މިހާރު" ގެ އިސް މަގާމުތަކެއް އަދާކުރެއްވީ ކުޅަދާނަ ލިއުންތެރިއެކެވެ. އޭނާ ވަނީ އެކި ދާއިރާތަކުން ގިނަ ލިއުންތަކެއް ލިއުއްވައިފަ އެވެ. އެގޮތުން ފަލަކީ އިލްމާއި ރޯދަ އާއި އީދުގެ ހަނދު ބެލުމާ ބެހޭ ގޮތުން ދިރާސާކުރައްވައިގެން ލިއުއްވަ އެވެ. އަހުމަދު މިހާރު މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ.

24 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 35%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަނދުބެލުން

11 May 2021

ހަނދާ ބެހޭ ކަންކަން ރާއްޖެއިން އެންމެ ރަނގަޅަށް އެނގޭނީ މައުމޫނަށް!

The name is already taken The name is available. Register?

ޙީ ގޮވާލާ

11 May 2021

ބަކަމޫނަށޭ އެނގެނީ. އެ ވިއްޔަ ރޭގަނޑު ހޭލާ އުޅެނީ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

11 May 2021

އެފަދަ މީހަކު އަހަރުމެންގެ ރަށުގަ ވެސް ކުރިން އުޅުނު.ވަނަމަކަށް ކިޔަނީ ވެސް ''ހަނދަ ކަބަރާ'' ޔަޢުނީ ''ހަނދުގެ ހަބަރު''.

The name is already taken The name is available. Register?

އަޙްމަދް...

11 May 2021

އިރުވަށާ ދުނިޔެ ބުރު ނުޖަހާނެެއެވެ. ދުނިޔެ ވަށާ އިރު ބުރުޖަހަމުނެދެއެވެ. މިކަމުގެ ދަލީލުތަށް ބައިވަރެވެ. (Majmū Fatāwā Ibn Bāz 9/228) މަޖުމޫފަތަވާ އިބުނު ބާޒް رحمه الله ބައްލަވާ ލައްވާށެވެ. ޢިރު ވަށާ ދުނިޔެ ބުރުޖަހާކަމަށް މުސްލިމަކު ޤަލުކުރުމަކީ މުސްލީކަށް މުސްލިމެއްގެ ހައިސިއްޔަތުން ކުޑަ ކަމެއް ނޫނެވެ. ކޮއްމެ މުސްލިމަކު ކޮންމެހެންވެސް އެނގިގައްނަށް ޖެހޭ މުހިއްމު މަސްކައެކެވެ.

The name is already taken The name is available. Register?

އިބްނު

11 May 2021

ތިޔަ ވިދާޅުވި ވާހަކަތައް ފެންނާނެ ލިންކެއް ދެއްވާ. ވަރަށް މުހިންމު

The name is already taken The name is available. Register?

އިބުނު ކޮތަރު

11 May 2021

ބާއްޒެއް ބުނީމަ ގަބޫލު ކޮއްލައިގެން ތިބޭ ދެން ޖާހިލުކަމުގަ.

The name is already taken The name is available. Register?

އަމްރު

11 May 2021

ތިއި މިޒަމާނުގެ ސައިންޓިފިކް ތިއަރީތަކާ ޚިލާފް ވާހަކައެއް. ސައިންޓިފިކް ހެކިތައް ބައިވަރު އެބަހުރި. އިރުގެ ނިޒާމްގެ ސެންޓަރ އޮފް ގްރޭވިޓީއަކި އިރު. އޭގެ ވަށައިގެން ހުރިހާ ޕްލެނެޓްތަކެއް ބުރުޖަހަމުންދޭ. އިރަކީވެސް އޭގެ ޒާތުގައި ނާރެސްއެއްގެ ވަށިައިގެން އެނބުރޭ އަދި ގެލެކްސީގެ ތެރޭގައި ބާރު ދުވެލީގައި ހިނގަމުންދާ އެއްޗެއް.

The name is already taken The name is available. Register?

ށަވިޔަނި

11 May 2021

ބިންބާޒަކީ ފަލަކީ ޢިލްމުވެރިއެއްނޫން. ރަސޫލެއްވެސް ނޫން. އިންސާނެއް ތިބުނާ ފަތްވާތަށް އަދި އެނޫން ފަތްވާތަށްވެސް ދެކެން. އޭނަގެ ހުރިހާ ފަތްވާތައް އެބަހުރި. ޤުރުއާނުގައި ހުންނަ ކާއިނާތާ ގުޅޭ ގިނަ ހަގީގަތްތަށް ދީނީ ޢިލްމުވެރިންނަކަށް ނޭގޭނެ. އެ އެގޭނީ ﷲ އެކަމުގެ ޢިލްމު ދެއްވި ބަޔަކަށް. އެއަށްވުރެ މާ މޮޅު އިލްމުވެރިން ވެސް ދުނިޔޭގަ އެބަތިބި.

The name is already taken The name is available. Register?

އޭެތިމީތި

11 May 2021

ލިއުންތެރިޔާ ލިއުންނިންމި ގޮt ރަގަޅު ކަމަކަށް ނުފެނޭ. ހަނދު ބެލުމަށް އެންގެވިއިރުވެސް މިހުރިހާކަމެއް އެކަލާގެ މާކުރިން މާމޮޅަށް ދެނެވޮޑިގެންވޭ. ނަމަވެސް އެންގެވީ ހަނދު ބެލުމަށް. އެކަލާގެއީ ސަބަބުތަކާއި ލައިގެން އަދި ސަބަބާއި ނުލާވެސް ކަންކަން ނިއްމަވާ ރަސްކަލާގެ އެވެ.

The name is already taken The name is available. Register?

ސަލީމް އިދުރީސް ބޭބެ

11 May 2021

އެއްވެސް ޝޭޚެއް ނުބުނާނެ އަރުޝީގެ ދަށައް އިރު ސަޖިދަކުރާވާހަކަ ، އިރާއި ހަނދު އަދި ދުނިޔޭގެ ވާހާއެއްޗެއް އުފެއްދެވީ ﷲ ސުބުހާނަހޫ ވަތައާލާ، އިރު ހަނދުގެ ނިޒާމް ރާއްވަވާ އެދައުރުވާގޮތް އިންސާނަ އަށް އިލްމެއްގެ ގޮތުގައި އުގެނުމުގެ މަގު ﷲ ވަނީ ތަނަވަސް ކޮއްދެއްވާ ފައި، އަމިއްލަ ހަށިގަނޑަށް ބަލާބަލަ، އިންސާނާ ގެ ހަށިގަނޑުގެ ބައިތަށް، ކޮންފަދަ ފުރިހަމަ ނިޒާމެއްގައި ހިގަހިގާ އެހުންނަނީ ، ހިތާއި ފުއްޕާމޭ ގުރުދާއާއި ލިވަރ ސިކުނޑީގެ އަދި ނާރުތަކުގެ ހިގުން

The name is already taken The name is available. Register?

މުސްލިމެއް

11 May 2021

އިންސާނުންނާއި ޖިންނީން ފިޔަވައި ﷲ ހެއްދެވި ކޮންމެ އެއްޗެއް އެ އިލާހަށް ސަޖިދަ ކުރޭ. އެއީ މަލާއިކަތެއް، ގަހެއް، ފަރުބަދައެއް ނުވަތަ ތަރިއެއް ކަމުގައި ވިޔަސް. (އިންސިންނާއި ޖިންނީންނަށް މިކަމުގައި ވަނީ އިޚްތިޔާރު ދެއްވާފައި). އެތަކެތި މިކަން ކުރާ ގޮތެއް އަހަރެމެންނަކާށް ނޭނގެ. އެއީ ޣައިބުގެ އިލްމުގެ ތެރެއިން ވާ ކަންކަން.

The name is already taken The name is available. Register?

އަޙްމަދް..

11 May 2021

އައު ހަނދު އުފަންވާ ވަގުތަކީ، (އިރުގެ ވަށައިގެން މިބިން ބުރު ޖަހަމުންދާ ދިޔުމުގައި،) «މިހާރުނޫހުން ނަގާފަ» ———————————————— އަހަރުމެން އެއްމެހައި އިންސާނުން ދިރިއުޅޭ މި ބަމަކީ އިރުވަށާ ބުރުޖަހާ ތަނެއް ނޫނެވެ. އަބަދުވެސް ދުނިޔެ ވަށާ އިރު ބުރުޖަހަނީއެވެ. އިރުވަށާ ދުނިޔެ ބުރެއް ނުޖާނެއެއެވެ. މިކަމުގެ އެއްދަލީލަކީ ----- وَالشَّمسُ تَجري لِمُستَقَرٍّ لَها ۚ ذٰلِكَ تَقديرُ العَزيزِ العَليمِ. {36:38} އަދި އެތަށް ބައިވަރު حديث ގެ ބަސަފުޅުތަކެވެ.

The name is already taken The name is available. Register?

ކޮމަންމޭން

11 May 2021

ކޯއްޗެކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟ ތިޔަ ބުނި ކީރިތި ޤުރުއާން ގެ މޫރިތި އާޔަތްތަކުގެ ތެރެއިން ސޫރަތުލް ޔާސީން (36 ވަނަ ސޫރަތް) ގެ 38 ވަނަ އާޔަތުގެ މާނާގައި ވަނީ "އަދި އިރު، އެއަށް ކަނޑައެޅި قرار ވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ." ކަލޭމެން ކިތައްމެވަރަކަށް މަސައްކަތް ކުރިޔަސް ސައިންސްއިން %100 ސާބިތުވެފައިވާކަމަކާ ތަޢާރުޟުވާކަމެއް ކީރިތި ޤުރުއާނުން ނުހޯދޭނެ.

The name is already taken The name is available. Register?

މުހައްމަދު..

11 May 2021

"ފުރިހަމަވާ ނުކުތާއަށް ހަނދެއް ނުފޯރަ އެވެ". އިގިރޭސި ބަހުގަ އޮންނަ ޕޮއިންޓްގެ އެއް މާނަ އަކީ ނުކުތާ ކަމަށް ވިޔަސް، މިތާ ބޭނުންކޮށްފަ އޮތް މާނައަށް ނުކުތާ ބޭނުންކުރެވޭނެ ބާވައެވެ؟ ރަދީފު ގައި އެގޮތަށް ނެތެވެ. އެހެން ކަމުން "ފުރިހަމަވާ ޕޮއިންޓަށް ނުވަތަ ހިސާބަށް ހަނދެއް ނުފޯރައެވެ".

The name is already taken The name is available. Register?

ހށނ

11 May 2021

ލިޔުން ރަގަޅު. ލިޔުމުގަވަނީ އިރުގެ ދައުރުވުމަށް ބިނާކޮށް ހަނދަށް ބުރެއް ފުރިހަމަ ކުރެވޭކަމަށް ދުނިޔެއަށް ފެންނަ ގޮތުގެތަފްސީލެއް. ތަފްސީލީ ލިޔުމެއް ލިޔުނު އިރު، އިތިރު މައުލޫމަތެއްގެ ގޮތުގަ، ހަނދު ދުނިިޔެވަށައި ބުރެއް ފުރިހަމަ ކުރަނީ 27.3 ދުވަހުންކަން ހިމަނައިލިނަމަ ރަގަޅު.

The name is already taken The name is available. Register?

ސަލީމު އިދުރީސް

11 May 2021

އިރުހާދާ ބޭހޭގޮތުން ދީނީއިލުމު ވެރިންބުނަނީ އިރު ކޮމެދުވަހަކު އޮސްފުހިފަ އަރުސީގެ ދަށައް ސަޖިދަ ކޮއްފަ އަނެއްދުވަހު އެކަލާންގެ އެއްންއުމައް އިރު އަރަނީކަމައް އެކަމަކު އިރު އޮފުހޭ އެއްޗެއް ނޫންކަމައް ޒަމާނީ އިލުމުވެރިން ބުނަނީ އަބަދުވެސް ކޮންމެވެސް ބައްރަކައް ފެނައް ހުންނާނެކަމައް ދެދުދޮގު އެގޭނީ ސައިހުންނައް މަށަކީ ޖާހިލެއް އެވަމަށަކައްނޭގޭ

The name is already taken The name is available. Register?

ނުޖާހިލު

11 May 2021

އިރަކީ ހުންނަ އެއްތަނެއްގައި ހުންނަ އެއްޗަކަށް ވާއިރު، އިރު އަރައިފިއޭ އޮއްސިއްޖެޔޭ ކިޔަނީ ކީއްކުރަން؟ އަޖާއިބެއް. ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއް އިންސާނާގެ ބުއްދިއަށް ނުވިސްނުމަކީ އިންސާނާގެ ބުއްދީގެ އުނިކަން. އެއްވެސް ހާލެއްގައި ޤުރްއާނާއި ސުންނަތުގެ އުނިކަމެއް ނޫން.

The name is already taken The name is available. Register?

ނޫރާ

11 May 2021

ވަރަށް ފުރިހަމަ ލިޔުމެއް. ލިޔުންތެރިޔާއަށް މާތްﷲ ހެޔޮ ޖަޒާ ދެއްވާށި. އަޅުގަނޑުގެ ސުވާލެއް މިކަމުގައި އަބަދުވެސް އޮވޭ އަދި އެކަމަށް ޖަވާބު ނުލިބޭ. މަޢުލޫމާތު ހުރި ބޭފުޅަކު ކޮމެންޓްގައި މިކަމަށް ޖަވާބު ދެއްވުން އެދެން. ސުވާލަކީ މިއަދުގެ ޙާލަތުގައި )އެއްއުއި ނުވަނީސް( އިރު އޮއްސުމަށްފަހު ހަނދު ފެންމަތީގައި ހުރެއްޖެނަމަ ދެން ކިހިނެއްތޯ ވާނީ؟ ނުވަތަ އެއްއުއި ނުވާނަމަ 29 ވަނަ ދުވަހު އިރު އޮއްސުމަށްފަހު ހަނދު ފެންމަތީގައި ހުރުމަކީ މުސްތަޙީލް ކަމަކީތޯ؟

The name is already taken The name is available. Register?

ބުއްދި ކުރާ މީހާ

11 May 2021

ބުއްދީގެ ހަމަ ތަކުން ބަލާއިރު އެއްއުއި ނުވެއެއް ( އިރާ، ހަނދު އެއްހަމަ ވުން) އިރު ކުރިން އޮއްސުމަކީ ނާދިރުކަމެއް. (މިހާލަތުގައި.....)

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

11 May 2021

ސާބަހޭ އަޙްމަދު ޢަބްދުﷲ ސަޢީދު.ވަރަށް ފުރިހަމަ އެނެލިސިސްއެއް.މިފަދަ ލިޔުންތައް ގެނެސް ދޭތީވެ އަޙްމަދަށް ޝުކުރިއްޔާ.އީދް މުބާރަކް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454