ކުދިންގެ ލޮލާއި ދަތްތަކަށް މިވަނީ ކިހިނެއް؟

ކުއްޖެއްގެ ދަތް ފަނިކެއުމަކީ މާ ބޮޑު ކަމެކޭ ހިތަށް ނާރަފާނެ އެވެ. ނުވަތަ، ރަނގަޅަށް ނުފެންނަ ކުއްޖާ އައިނު އެޅުވީމާ ނިމުނީއޭ ހީވެދާނެ އެވެ. އެކަމަކު ރާއްޖޭގެ ސްކޫލްތަކަށް ކިޔަވަންދާ ކުދިންގެ ހެލްތު ސްކްރީނިން އިން ފެންނަނީ ސީރިއަސް މަންޒަރެކެވެ. ލޮލާއި އަނގައިގެ މައްސަލަތަކާއި އެ ނޫން ވެސް ބައެއް ކަންކަން ކަންބޮޑުވާން ޖެހޭ ދަރަޖަ އަށް ގޮސްފައިވާ އިރު ކުދިންގެ އާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް ބެލެނިވެރިންގެ ލޯ ހުޅުވަން ޖެހެނީ މިއީ އެހާ އާދައިގެ ކަމަކަށް ނުވާތީ އެވެ.


ދިރިއުޅުމުގެ އާދަތަކާ ގުޅިގެން ސިއްހީ ނުރައްކާތައް ކުރިމަތިވުން މިހާރު މި އޮތީ އާއްމުވެފަ އެވެ. މިކަމުން ކުޑަކުދިން ވެސް އިސްތިސްނާއެއް ނުވެ އެވެ. ވޭތުވެދިޔަ ތިން އަހަރު ތައުލީމީ ދާއިރާ އިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދަރިވަރުންނަށް ތަފާތު ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ބޮޑު ދިރާސާއެއް

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ހެލްތު ސްކްރީނިންތަކަކީ ހަގީގަތުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ބޮޑެތި ދިރާސާތަކެކެވެ.

ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މައުލޫމާތު ހޯދުމުގެ އިތުރުން ކުދިން ޗެކްކޮށް ފަރުވާ ދިނުމުގެ އިންތިޒާމްތައް ވެސް ހެލްތު ސްކްރީނިންގައި ހަމަޖައްސަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ގްރޭޑް އެކެއްގެ ދަރިވަރުންގެ ދުޅަހެޔޮކަން ހުރި ގޮތް މި އަހަރު ބެލި އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޖުމްލަ 7488 ދަރިވަރުންގެ 92 ޕަސެންޓް ކުދިން ހިމެނުނެވެ. މިއީ ހާލަތު ވަރަށް ރަނގަޅަށް ވަޒަންކޮށްދޭނެ، މަތީ އަދަދެކެވެ. މާނައަކީ، ރާއްޖޭގައި ތިބި 6-7 އުމުރުފުރާގެ ގިނަ ކުދިންގެ ސިއްހީ ކަންކަން ހުރި ގޮތް މި ދިރާސާގައި ރެކޯޑްކުރެވޭނެ އެވެ.

ދަރިވަރުންގެ ސިއްހަތު ދެނެގަތުމަށް ހެދި ސާވޭގެ ރިޕޯޓު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ)، ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް (މ) އަދި ޑަބްލިއުއެޗްއޯއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު އަރްވީން މަރްތޫރު މިދިޔަ އާދީއްތަދުވަހު ނެރެދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި އަހަރު އެއްކުރި މައުލޫމާތުތައް ވޭތުވެދިޔަ ދެ އަހަރުގެ ސްކްރީނިންތަކާ އަޅާކިޔައި، ސާވޭގެ ނަތީޖާތައް މިދިޔަ ހަފްތާގައި ވަނީ އާއްމުކޮށްފަ އެވެ. މި ދިރާސާގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި، އިސްކޮޅާ އެއްވަރަށް ބަރުދަން ހުންނަ މިންވަރު، އަނގައިގެ ސިއްހަތު، ފެނުމާއި އަޑުއިވުމުގެ ދުޅަހެޔޮކަން، ބަނޑު ހަރުވުން، ޔޫރިން އިންފެކްޝަން، ހަމުގެ މައްސަލަތައް، އެލާޖީ، އެސްމާ، ޓީބީ އަދި ހެޕަޓައިޓިސް ބީ ހިމެނެ އެވެ. އޭގެ އިތުރުން މައިންބަފައިން ދުންފަތުގެ އިސްތިއުމާލުކުރޭތޯ ބަލައި އާއިލާގެ ސިއްހީ މައްސަލަތަކުގެ މައުލޫމާތު ވެސް ވަނީ ހޯދާފަ އެވެ.

ސްކްރީން ބޭނުންކުރުން ކަންބޮޑުވާ ދަރަޖައަށް

މިހާރު ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެ އަށް ވަރަށް ބޮޑަށް ވަދެފައިވާ އާދައަކާ ބެހޭ މައުލޫމާތު މި ހެލްތު ސްކްރީނިންގައި އެއްކޮށްފައިވެ އެވެ. ޓެކްނޮލޮޖީގެ އާލާތްތައް ބޭނުންކުރުން އާއްމުވެފައިވާ އިރު ކުޑަކުދިން ވެސް ޓީވީ، ސްމާޓްފޯން އަދި ޓެބްލެޓް ފަދަ ސްކްރީންތަކަށް ބަލަން ތިބޭ ވަގުތު ގިނަ އެވެ. މިއީ ކުދިންގެ ސިއްހަތަށާއި ހެދިބޮޑުވުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަން ކަމާބެހޭ މާހިރުން ފާހަގަކުރެ އެވެ.

ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިން އިން އެނގުނު ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ސްކްރީން ބޭނުންކުރަނީ ނުރައްކާތެރި މިންވަރަކަށެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ކުދިންނެވެ. މާލޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ދުވާލަކު ދެ ގަޑިއިރަށް ވުރެ މަދުން ސްކްރީން ބޭނުންކުރާ ކުދިންގެ ނިސްބަތް 57 ޕަސެންޓްގައި ހުރި އިރު ދެ ގަޑި އިރާއި އަށްގަޑި އިރާ ދެމެދުގެ "ސްކްރީން ޓައިމް" 41 ޕަސެންޓަށް އަރަ އެވެ. އަދި ބައެއް ކުދިން އަށް ގަޑިއިރަށް ވުރެ ގިނަ ވަގުތު ވެސް ސްކްރީން ބެލުމުގައި ހޭދަކުރެ އެވެ. މުޅި ރާއްޖެ އަށް ބަލަންޏާ 64 ޕަސެންޓް ދަރިވަރުން ދެ ގަޑިއިރަށް ވުރެ މަދުން، 34 ޕަސެންޓް ކުދިން 2-8 ގަޑިއިރު އަދި 0.8 ޕަސެންޓް ކުދިން އަށް ގަޑިއިރަށް ވުރެ ގިނަ ވަގުތު ސްކްރީން ބޭނުންކުރެ އެވެ.

"ކުއްޖަކު ސްކްރީން ބޭނުންކުރާ ވަގުތު ދުވާލަކު ދެ ގަޑިއިރަށް ވުރެ ގިނަ ނުކުރަން ލަފާދީފައި އޮންނަނީ. ސްކްރީންއޭ މި ބުނަނީ ޓީވީ، ލެޕްޓޮޕް، އައިޕެޑް ނުވަތަ ސްމާޓްފޯން ކަހަލަ ކޮންމެ އެއްޗެއް،" އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު އައްޒަ ވިދާޅުވި އެވެ.

"ކުއްޖާގެ ސިކުނޑި ތަރައްގީވާން އޭނާގެ ހުރިހާ ސްކިލްތަކެއް ބޭނުންކުރަން އެބަ ޖެހޭ. މިސާލަކަށް ފެންނަ އެއްޗެއް ލިޔުން، އަޑުއިވޭ އެއްޗެއް ނަގައިގަނެ އެއަށް އިޖާބަދީގެން ވާހަކަދެއްކުން ކަހަލަ އެކްޓިވް ސްކިލްތައް ބޭނުންވޭ. ސްކްރީނަށް ބަލަން ތިބޭ ވަގުތު މި ބޭނުންކުރެވެނީ ފެނުމާއި އިވުން އެކަނި. މިއީ ޕެސިވް ސްކިލްތަކެއް. އެހެންވީމާ ސްކްރީން ޓައިމް މާ ގިނަވީމަ އޭގެ ނޭދެވޭ އަސަރު ކުއްޖާ އަށް ފޯރާނެ."

ކުދިން ސްކްރީން ބޭނުންކުރުން ގިނަކަން މި ދިރާސާގައި ފާހަގަކުރެވުނު އިރު، ފެނުމުގެ މައްސަލަތައް ވެސް ގިނަ އެވެ. މި އަހަރުގެ ހެލްތު ސްކްރީނިންގައި ރާއްޖެ އިން، މުޅިން އަލަށް، އެފަދަ ގާތްގަނޑަކަށް 400 ކުއްޖަކު ފާހަގަކުރެވުނެވެ. މިއީ ސްކްރީން ބޭނުންކުރުމާ ގުޅުންހުރި ކަމެއް ކަމަށް ބެލިދާނެ އެވެ.

ސްކްރީން ބޭނުންކުރުން ގިނަވީމާ ދިމާވާ އަނެއް ކަމަކީ ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ކުޑަވުމެވެ. އޭގެ ސަބަބުން، މާ ބޮޑަށް ބަރުދަން އިތުރުވުމާއި އޮބީސިޓީ އަށް މަގުފަހިވެ އެވެ.

"ބަލިވެގެން ސްކޫލަށް ނާދެވޭ ކޮންމެ ދުވަހަކީ އެ ކުއްޖާ އަށް ކަރިކިއުލަމް ގެއްލޭ ދުވަހެއް. ކިޔެވުމަށް އަސަރު ފޯރާނެ. އެހެންވީމާ ސްކޫލްތަކާއި ބެލެނިވެރިންނާއި، ހުރިހާ ފަރާތްތަކެއް ގުޅިގެން މި މައްސަލަތަައް ހައްލުކުރަން މަސައްކަތްކުރަންވީ. ސިއްހީ މައްސަލަތަކަށް މަގުފަހިވާ އާދަތައް ބަދަލުކުރަންވީ."

"ހުރިހާ ކުދިން"ގެ ދަތްތައް ފަނިކައިފައި

މިއީ ގްރޭޑް އެކެއްގެ ހެލްތު ސްކްރީނިންތަކުން ފާހަގަކުރެވޭ ބޮޑު އަނެއް މައްސަލަ އެވެ. އަނގައިގެ ސާފުތާހިރުކަން ކުޑަ ދަރިވަރުންގެ ނިސްބަތް 38 ޕަސެންޓަށް އަރާ އިރު އޭގެ ތެރެއިން 34 ޕަސެންޓް ކުދިންނަށް ދިމާވެފައި ވަނީ ދަތް ފަނިކެއުމުގެ މައްސަލަ އެވެ. މާލޭގައި ދިރިއުޅޭ ކުދިންގެ 88 ޕަސެންޓް އަދި ރަށްރަށުގެ ސްކޫލްތަކަށް ދާ ދަރިވަރުންގެ 91 ޕަސެންޓް ކުދިންގެ ދަތްތައް ވަނީ ފަނިކައިފަ އެވެ.

"ބައެއް ރަށްރަށުގެ ހުރިހާ ކުދިން އެބަހުރި ދަތް ފަނިކައިފައި،" އައްޒަ ވިދާޅުވި އެވެ.

ދަތް ފަނިކެއުމަށް މެދުވެރިވާ ދެ ސަބަބެއް އޮތްކަން ހެލްތު ސްކްރީނިންގައި ފާހަގަކުރެވިފައިވެ އެވެ. އެއް ކަމަކީ ހަކުރު ގިނަ ބުއިންތައް ކުދިންނަށް ދިނުމެވެ. އަނެއްކަމަކީ ރަނގަޅަށް ދަތް ނުއުނގުޅުމެވެ.

"ރޭގަނޑު ނިދަން އޮވެފައި ކުއްޖާ ހޭލީމާ ކިރު ޕެކެޓް އެއްޗެހި ދީފައި ނިންދަވާކަން އެބަހުރި ފާހަގަވެފައި،" އައްޒަ ވިދާޅުވި އެވެ.

"އޭގެ އިތުރުން އެމްއެންޑީއެފްގެ ބޭފުޅުން ފާހަގަކުރެއްވި، ބެލެނިވެރިންނާ އިންޓަވިއުކުރި އިރު ބައެއް ބެލެނިވެރިންނަށް އެނގިފައެއް ނެތޭ ރަނގަޅަށް ދަތް އުނގުޅަންވީ ގޮތެއް."

ބަލިވުމަކީ "އެހާ ކުޑަކުޑަ ކަމެއް ނޫން"

ކެއުމުގެ ގޯސް އާދަތަކާއި ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ބަރުދަން އިތުރުވުމަކީ ވެސް ހެލްތު ސްކްރީނިން އިން ފާހަގަކުރެވިފައިވާ މައިގަނޑު މައްސަލައެކެވެ. ފަލަވުމަކީ ތަފާތު ބަލިތަކަށް ހުޅުވޭ ދޮރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރާ ގޮތުގައި ދިރިއުޅުމުގެ އާދަތަކާއި މިފަދަ ސިއްހީ މައްސަލަތަކަކީ އާދައިގެ ކަންކަމުގެ ގޮތުގައި ދޫކޮށްލައިގެނެއް ނުވާނެ އެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމަށާއި ކިޔެވުމަށް ހުރަސްއެޅި އަދި އޭނާގެ ކުރިމަގަށް ވެސް ނޭދެވޭ އަސަރު ފޯރާ ކަންކަމުގެ ގޮތުގައި ބަލަން ޖެހޭކަން އައްޒަ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ފައިދާހުރި ކާނާ ކުއްޖާ އަށް ނުލިބެންޏާ ސިކުނޑީގެ ޑިވެލޮޕްމެންޓަށް ހުރަސްއެޅޭނެ. ހަކުރު ގިނައިން ބޭނުންކުރީމާ ކުއްލިއަކަށް ވަރަށް ބޮޑަށް ގައިގައި ވަރުޖެހިފައި އިރުކޮޅަކުން އަނެއްކާވެސް ވަރުބަލިވެފައި ހުންނާނީ. އެއީ ކޮންސެންޓްރޭޝަނަށް އަސަރު ފޯރާ ކަމެއް. ހަކުރުބަލި ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

"އަނެއްކޮޅުން، ބަލިވެގެން ސްކޫލަށް ނާދެވޭ ކޮންމެ ދުވަހަކީ އެ ކުއްޖާ އަށް ކަރިކިއުލަމް ގެއްލޭ ދުވަހެއް. ކިޔެވުމަށް އަސަރު ފޯރާނެ. އެހެންވީމާ ސްކޫލްތަކާއި ބެލެނިވެރިންނާއި، ހުރިހާ ފަރާތްތަކެއް ގުޅިގެން މި މައްސަލަތަައް ހައްލުކުރަން މަސައްކަތްކުރަންވީ. ސިއްހީ މައްސަލަތަކަށް މަގުފަހިވާ އާދަތައް ބަދަލުކުރަންވީ."