ބޮޑު ހިޔާނާތް ފަޅާއަރުވާލެވުމަކީ ފަހުރުވެރިވާ ކަމެއް: ގާސިމް

އޭނާގެ ދިރިއުޅުން ވަރަށް އާދައިގެ އެވެ؛ ވަރަށް ކުޑަކުޑަ، ހަމަ ވަރަށް އާދައިގެ އެޕާޓްމަންޓެއްގައި ތިން ކުދިންނާއި އަނބިމީހާއާ އެކު ދިރިއުޅެމުން ދަނީ، ހާސްކަމުގެ ތެރޭގަ އެވެ. ބީއެމްއެލްގެ މެނޭޖަރެއްގެ ވަޒީފާގައި ހުއްޓާ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ފަޅާއަރުވާލަން ހިތަށް ގެނައިއިރު ވެސް، އެ އާއިލާ އަށް ކުރިމަތިވެދާނެ ހިތްދަތިކަން އޭނާ އަށް ހަމަ ރަނގަޅަށް ވެސް އެނގެ އެވެ. އެހެން މީހުންހެން، އޭނާ އަށް ވެސް މަޑުމަޑުން ހުރެވުނީހެވެ. ކޮންމެ މަހަކު ލިބޭ ބޮޑު މުސާރަ އާއި މަތީ ވަޒީފާގެ ބޭނުމުގައި އޭނާ ވެސް ޗުއްޕެކޭ ނުބުނެ ހުރި ނަމަ މިއަދު ގާސިމް އަބްދުލްކަރީމް ހުރީހީ ހަމަ އެ ވަޒީފާގަ އެވެ. އެކަމަކު އޭނާ އިސްކުރީ ގައުމެވެ. އަދާކުރީ ފަރުދީ ޒިންމާ އެވެ. ވާނެ އެއްޗެއް ވާން ދޫކޮށްލައިފައި، އެ ޚިޔާނާތާ ގުޅޭ ބޭންކުގެ ޑޮކިއުމެންޓްތައް އޭނާ މުޅި ގައުމަށް ލީކުކޮށްލީ އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ކާފީ ހެކިތައް އޭނާ އާއްމުކުރީ، އޭނާ ބުނި ގޮތުގައި، ގައުމާއި ރައްޔިތުންގެ ހައްގުގަ އެވެ. ކުށްވެރިވެ އަދަބު ލިބުނީ ގާސިމަށެވެ. ޖަލު ގޮޅީގައި ނުވަ މަސް ދުވަސް ހޭދަކުރި ފަހުން އަށް މަހާއި 12 ދުވަހުގެ ހުކުމެއް އިއްވައި ކުށުގެ ރެކޯޑު ފޮތަށް އޭނާގެ ނަން އަރައިފި އެވެ. އެކަމަކު އޭނާ އެކަމަކާ ފަހަރެއްގައި ވެސް ދެރައެއް ނުވެ އެވެ. އާއިލާ އަށް ލިބިފައިވާ ނިކަމެތިކަމާއި އަތުގައި މިއަދު އެއްވެސް ފައިސާއެއް ނެތަސް، އޭނާ ބުނާ ގޮތުން، "ކުރެވުނު ކަންތަކާ ދޭތެރޭ ފަހަރެއްގައި ވެސް ދެރައެއް ނުވެ" އެވެ. އޭގެ ބަދަލުގައި އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ. އުފާވެފަ އެވެ.

"އަޅުގަނޑު އެކަމާ ފަޚުރުވެރިވޭ. ހަމަ ހަގީގަތުގައި ވެސް އެ ޚިޔާނާތް ފަޅާއަރުވާލެވުނީތީ ފަޚުރުވެރިވޭ. އަޅުގަނޑު ގަބޫލު ކުރަނީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް. އެއީ ފަރުދީ ޒިންމާއެއް ކަމަށް. އެ ޒިންމާ ތެދު ނިޔަތުގައި އަޅުގަނޑު އަދާކޮށްފިން،" "މިހާރު" އަށް އިއްޔެ ދިން ހާއްސަ އިންޓަވިއުއެއްގައި، ތިން ކުދިންގެ ބައްޕަ ބުންޏެވެ.

ގާސިމް އޭނާގެ ހަގު އަންހެން ދަރިފުޅާއި އަންހެނުންނާ އެކު ގޭގައި: މިހާރު ދިރިއުޅެމުން އަންނަނީ ރައްޓެހިންގެ ދީލަތި އެހީން. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކޮރަޕްްޝަންގެ ތަފުސީލުތައް އާންމުންނާ ހަމައަށް

އެމްއެމްޕީއާރުސީގެ މައްސަލަ ތިލަވީ، މިދިޔަ އަހަރުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އެމަނިކުފާނުގެ ލޯންޗުކޮޅަށް ދިން ހަމަލައާ އެކު އެވެ. އެ މައްސަލަ އަށް ފަހު ކުރި ތަހުގީގަށް ފަހު، ރައީސް ގައުމާ މުޚާތަބު ކުރައްވައި، އޭރުގެ ނައިބު ރައީސްގެ ޚިޔާނާތުގެ ވާހަކަ ފުރަތަމަ ފަހަރަށް ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭގެ ތަފުސީލުތަކެއް އޭރަކު ނުދެއްވަ އެވެ. އޭގެ ފަހުން އެކި މީޑިއާތަކަށާއި ސޯޝަލް މީޑިއާ އަށް ކުއްލިއަކަށް ތިލަވީ އޭގެ ތަފުސީލު ޑޮކިއުމެންޓްތަކެވެ. އެ ފައިސާ ދައުރުކުރަމުން ދިޔަ ގޮތްތަކެވެ. ބީއެމްއެލްގައި ހުޅުވާފައިވާ އެސްއޯއެފްގެ އެކައުންޓްގެ މުޅި ތަފުސީލު އާންމުންނަށް ތިލަކޮށްލީ ގާސިމެވެ. ގާސިމް އެ ހެކިތައް އާއްމު ނުކުރި ނަމަ އެ ފައިސާގެ މުއާމަލާތް ހިނގި ގޮތް އަދިވެސް އޮތީހީ ސިއްރުވެފައި ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

"މަނީ ލޯންޑެރިންއާ ގުޅޭގޮތުން އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތާއި މާސްޓާސް ޑިގްރީ އަށް އަޅުގަނޑު ކިޔަވައިގެން ހުރީމަ، މަނީ ލޯންޑެރިންގެ އެންމެ އަސާސީ ކަންކަމަށް އެސްއޯއެފް އެކައުންޓުން ހިންގި މުއާމަލާތްތައް ފެތޭތީވެ އަޅުގަނޑަށް އެނގުނީ އެއީ ބޮޑު ޖަރީމާއެއް ކަން،" ޅ. ނައިފަރަށް އުފަން ގާސިމް ބުންޏެވެ. "އަޅުގަނޑުމެން އަޑު އަހަނީ މަނީލޯންޑެރިންގެ ވާހަކަ. އެކަމަކު ހަތަރު އަހަރު ބޭންކުގައި އުޅުނު އިރު ވެސް އެކަހަލަ ކަމެއް އަޅުގަނޑެއް ނުއެއް ދެކެން. މިއީ އެކަހަލަ ކަމެއް ފެނުނު ފުރަތަމަ ފަހަރު. އެހެންވީމަ، އަޅުގަނޑު ބޭނުންވީ މަނީލޯންޑެރިން އަކީ ކޮބައިކަން އަޅުގަނޑުގެ މުވައްޒަފުންނަށް ވެސް އަންގަން."

އޭނާ އަކީ އޭރު ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރަށް ވާތީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހަގީގަތް ބެލުން އޭނާ އަށް އުނދަގޫ ކަމަށް ނުވި ކަމަށް ގާސިމް ބުންޏެވެ.

"ފުރަތަމަ ކަމަކަށް، އެމްއެމްޕީއާރުސީން ޕްރައިވެޓް އެކައުންޓަކަށް ފައިސާ ޓްރާންސްފާކުރާކަން އެނގުނު ހިސާބުން އަޅުގަނޑަށް ސުވާލު އުފެދިއްޖެ. ދެން އަޅުގަނޑު ދިރާސާކޮށްފައި ފުރަތަމަ ވެސް އެ ސްޓޭޓްމަންޓްތައް ފޮނުވީ ބޭންކުގެ 500އެއްހާ މުވައްޒަފުންނަށް. އަޅުގަނޑު ބުނީ މިއީއޭ މަނީލޯންޑެރިންއަކީ،" އެކި ރަށްރަށުގައި ހުޅުވާފައިވާ ބޭންކުތަކުގެ އެންމެ އިސް ވަޒީފާ އަދާކުރި ގާސިމް ބުންޏެވެ.

"އެއީ ބޭންކުގެ މުވައްޒަފުންނަށް ލާޒިމް ކަމެއް އެފަދަ ކަމެއް ހިނގަންޏާ އެކަމަށް ފިޔަވަޅު އެޅުމަކީ. ތެދެއް، އަޅުގަނޑު އެ މައްސަލަ ބޭންކުގެ އިސް މީހުންނަކަށް ހުށައެއް ނާޅާން. ސަބަބަކީ، ޚިޔާނާތް ހިނގާފައި އޮތް ގޮތުން އެބަ އިނގޭ ބޭންކުގެ ތެރެއިން އެކަން ކޮށްފައި ހުރީ އާދައިގެ ގޮތަކަށް ނޫން ކަން. އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ޕާފެކްޓް، ޕްލޭންޑް ކްރައިމެއް. އެހެންވެ، ދެން އަޅުގަނޑު ހިތަށް އެރީ އެ އެއްޗެހި ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާނީއޭ. އެހެންވެ، ސީދާ އަޅުގަނޑުގެ މެއިލް އެޑްރެހުގައި ފޮނުވިން. އޭގެ ފަހުން އެހެން ތަންތަނަށް ވެސް ފޮނުވިން."

ދައުލަތަށް ވަންނަން ޖެހޭ ފައިސާ ދައުރުވެފައި ހުރި ގޮތް ވެސް އޭނާ އާއްމުކުރި ޑޮކިއުމެންޓްތަކުން އެނގެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އެ ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އޭނާ އަށް އެނގުނަސް އެކަން އަދި ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު، އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި، ފައިސާ ދައުރުވި ގޮތާ ގުޅޭގޮތުން އެސްއޯއެފް ކުންފުނީގެ އިސް މީހުން ދައްކާފައި ހުރި ވާހަކަތަކަކީ ތެދެއް ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ، މި މައްސަލައިގެ ގޮތުން، މިއީ އަދިވެސް އިތުރަށް ތަހުގީގު ކުރަން ޖެހޭ ހިޔާނާތެއް ކަމަށް ވެސް އޭނާ ދެކެ އެވެ.

"ރާއްޖޭގައި ހުރި ހުރިހާ ބޭންކްތަކަށް ފައިސާ ޓްރާންސްފާކޮށްފައިވޭ،" ގާސިމް ބުންޏެވެ. "މިކަހަލަ ހިޔާނާތްތައް ތަހުގީގުކުރާ އެކްސްޕާޓުން ލައްވައި، އަދި ބޭންކިން ރަނގަޅަށް އެނގޭ ތަޖުރިބާކާރުން ލައްވާ މި ތަހުގީގު ކުރުވުން އަދިވެސް ރަނގަޅު."

ހިޔާނާތް ފަޅާ އަރުވާލިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރުކުރި އެވެ. މައްސަލަ ހުށަހެޅީ ބީއެމްއެލް އިންނެވެ.

"ހަގީގަތުގައި އަޅުގަނޑު ހީކުރީ އެންމެ ބޮޑުވަރަކަށް ވެސް ކުރާނެ ކަމަކީ ބޭންކުގެ ވަޒީފާއިން ކަނޑާލާނީ ކަމަށް. މިކަހަލަ ކަންކަމުގައި އާންމުކޮށް އަޅާފައި ހުރީ ވެސް އެކަހަލަ ފިޔަވަޅުތައް ބޭންކުން. އެކަމަކު އެހެނެއް ނޫން ދެއްތޯ މިފަހަރު މިވީ."

އެއީ ރާވައިގެން ހިންގި ޖަރީމާއެއް!

ގާސިމް ބުނި ގޮތުގައި، އެކަން ހިނގީ ބޭންކުގެ އެންމެ އިސް ބޭފުޅުންނަށް ވެސް އެނގިގެން ކަމަށް އޭނާ އަށް ގަބޫލުކުރެވެ އެވެ. އެހާ ބޮޑެތި ޓްރާންސެކްޝަންތަކެއް ކައުންޓަރުގައި ތިބޭ އާދައިގެ މުވައްޒަފުންނަށް ނުހިންގޭނެ ކަމަށް އޭނާ ބުނެ އެވެ.

"އެވަރުގެ ކަމެއް ކުރެވޭނީ އެތަނުގެ އިސް ބޭފުޅުންނަށް އެނގިގެން. އެއީ ހަމަ ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް،" ގާސިމް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި 50،000ރ. އަށް ވުރެ މަތީ އަދަދެއް ބޭންކަށް ޖަމާކުރަން ހިނގައްޖެ ނަމަ އެއީ ކޮންތާކުން ހޯދި ފައިސާއެއްތޯ ސުވާލުކުރުމަކީ އެތަނުގެ އާއްމު އުސޫލެވެ. އެކަމަކު، އެސްއޯއެފްގެ އެކަންޓަކަށް ދުވާލަކު މިލިއަނުން ފައިސާ ޖަމާކުރިއިރު ސުވާލުކޮށްފައި ނުވާ ކަމަށް ބުންޏެވެ.

ގާސިމް "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކޮންމެ ފަންސަވީސް މިނިޓަކުން ކަހަލަ ގޮތަކަށް އެތައް މިލިއަން ރުފިޔާއެއް އެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އެހެން ބޭންކްތަކަށް ޓްރާންސްފާ ކުރި ކަން، ގާސިމް ބުނި ގޮތުގައި، ވަރަށް ކުރީއްސުރެން އޮތީ ހާމައަށް ފެންނާށެވެ.

"އެސްއޯއެފްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ތަފާތު އެކި އެކައުންޓްތަކަށް ޖަމާކުރިއިރު އެކަމާ ސުވާލުކޮށް ހަދާފައެއް ނުވޭ. ކޮންމެ ޓްރާންސްފާއަކުން ބޭންކަށް ވަރަށް ބޮޑު ކޮމިޝަނެއް ލިބޭނެ، އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ގާސިމް ބުންޏެވެ. "އެންމެ ކުޑަވެގެން، ދައުލަތަށް އޮތް ޗެކެއް މީރާ އަށް ނުވަދެ އަމިއްލަ މީހެއްގެ ކުންފުންޏެއްގެ އެކައުންޓަށް ވަންނައިރު ސުވާލުކޮށްލެވެން ވާނެ ނޫންތޯ، ނުވަތަ ސުވާލު އުފެދެން ވާނެ ނޫންތޯ މި ވަނީ ކީއްކަން."

"މިއީ، ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ހާދިސާ"

އެސްއޯއެފަށް ދައުލަތުގެ ފައިސާ ޖަމާކުރި ކަން މިދިޔަ ޖެނުއަރީ މަހު ފަޅާއަރުވާލުމުން، މައްސަލަ ފުލުހުންނަށް ހުށަހެޅުމާ އެކު އޭނާ ވަގުތުން ހައްޔަރުކޮށް ދޫނިދޫ ގޮޅިއަށް ލީ އެވެ.

ތަހުގީގުގައި ވަރަށް ހިތްހަމަނުޖެހޭ ސުވާލުތައް ވެސް ފުލުހުން ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑާ ސުވާލުކުރި ކޮން ޕާޓީއެއްގެ މީހެއްހޭ. އަޅުގަނޑު ވަރަށް ހިތްހަމަނުޖެހުނު އެހެން އެހީމަ. އަޅުގަނޑު ދެންނެވިން އިސްލާހަށް ލޯބިކުރާ [އެމްޑީޕީ] މީހެކޭ. ތިހެން ވެއްޖިއްޔާ މައްސަލައިގެ ގޮތުން ވަރަށް ސަކަރާތް ވާނެއޭ އެ ބޭފުޅުން [ފުލުހުން] ވިދާޅުވި،" ގާސިމް ބުންޏެވެ.

"ކާކު ބުނެގެން ކުރި ކަމެއްހޭ ވެސް އެހި، އަޅުގަނޑު ދެންނެވިން މިއީ ވަރަށް ހެޔޮ ނިޔަތުގައި އެޑްވޮކޭޓްކުރުމާއި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްވީމަ ތަފްސީލް ރައްޔިތުންނަށް ފެނިފައި ނުވާތީ، އަދި މުއައްސަސާތައް މިހާރު އޮތް ހާލަތުން އެންމެ ރަނގަޅު ގޮތަކީ އާއްމުކުރުން ކަމަށް ވާތީ އަޅުގަނޑު ކުރި ކަމެއް ކަމަށް."

މައްސަލަ ދިޔަ ގޮތުންނާއި ރައީސް އަބްދުﷲ ޔާމީނާ ހިސާބުން ފެށިގެން މި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭތީ، ގާސިމް ހީކުރީ އޭނާ އަށް ވަރަށް ބޮޑު ހުކުމެއް އައުން ގާތް ކަމަށެވެ. އެކަމަކު ކުރެވުނު އެ ތުހުމަތުތަކާ އެކު ޕްރޮސިކިއުޓާ ޖެނެރަލްގެ ވަކީލުން ވެސް ޝަރީއަތުގައި މައްސަލަ ގެންދެވީ "ވަރަށް ތިލަކޮށް" ކަމަށް އޭނާ ބުންޏެވެ.

އަށް މަހަށް ވުރެ ދިގު ހުކުމެއް ނައި އެއް ސަބަބަކީ އެއީ ކަމަށް ގާސިމް ގަބޫލުކުރެ އެވެ.

"އެހެންވެ މިކަން ނިންމަން ޖެހުނީ ބޭންކުގެ ޑޮކިއުމެންޓެއް ނަހަމަ ގޮތުގައި ނެގުމާއި ނަހަމަ ގޮތުގައި ލީކްކުރުމާ ހިސާބަށް. އެކަމުގައި ދޭން ޖެހޭ އަދަބު ދީފައި މިއޮތީ،" އޭނާ ބުންޏެވެ. "އެކަމަކު އެއީ ކުށެއް ނޫން އަޅުގަނޑު އަދިވެސް ގަބޫލުކުރާ ގޮތުގައި. އެއީ މި ވަރުގެ ހިޔާނާތެއް ހިންގުމާއި އެކަން ސިއްރުކޮށްގެން ތިބުން މާ ގޯސް."

ގާސިމް "މިހާރު"އާ ވާހަކަ ދައްކަނީ: އެއީ ކިހާ ބޮޑު ޚިޔާނާތެއް ކަން އޭނާ ސާފުކޮށްދިން --ފޮޓޯ: މުހައްމަދު ޝަރުހާން

ތަހުގީގީ މަރުހަލާގައި ވެސް، އަދި އެހެން އެއްވެސް އިރެއްގައި ފުލުހުން އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށް ގާސިމް ބުންޏެވެ. އެކަމަކު، ގާސިމް ބުނި ގޮތުގައި، ކޮންކްރީޓް އަށްޓެއްގައި ނުވަ މަސް ދުވަހު ނިދަން ޖެހުމުން އުނަގަނޑަށް ތަދުވެ، މިހާރު އޭނާ އަށް ވަނީ ބޭސްކުރަން ޖެހިފަ އެވެ.

ޖަލުގައި ނުވަ މަސް އޮންނަން ޖެހުމުން އޭނާ އަށް އާމްދަނީ ލިބޭނެ ދޮރުތައް މިހާރު ވަނީ ބަންދުވެފަ އެވެ. މާލޭގައި ކުއްޔަށް އުޅޭ ތަނުގެ ކުލި ދައްކައި ހަރަދުތައް ހަމަޖައްސަނީ އެކުގައި ކިޔަވަން އުޅުނު ގާތް ރަހުމަތްތެރިންގެ ދޭ އެހީންނެވެ. އޭނާ ގޮޅީގައި ހުރި މުއްދަތުގައި ވެސް ކުލި ދައްކައިދިނީ އާއިލާ އާއި ގާތް ރައްޓެހިންނެވެ. ހާއްސަކޮށް ޔުނިވާސިޓީގައި އޭނާއާ އެކު ކިޔަވަން އުޅުނު ބައެއް ދަރިވަރުންނެވެ.

"މިއީ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ހާދިސާ. ހަޔާތަށް ކުރިމަތިވި އެންމެ ބޮޑު ކަންތައް،" އޭނާ ބުންޏެވެ.

އެކަމަކު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން އޭނާގެ އަޒުމް ކުރިއަށް ވުރެ ވެސް މާ ވަރުގަދަ އެވެ. އޭނާ މިހާރު އަންނަނީ ވަޒީފާއެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަމަކު އެކަމަށް މިހާރު ކުރިމަތިވެފައިވާ ހުރަސްތައް ވަރަށް ގިނަ އެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ އަނބިދަރިން ކައިގެން ބޮއިގެން ވެސް އުޅެން ވެސް އެބަޖެހޭ. ކުއްޔާއި އެހެނިހެން ހަރަދުތައް ވެސް ކުރަން އެބަޖެހޭ. އަޅުގަނޑު އަދިވެސް މި ދަންނަވަނީ އަޅުގަނޑު ކުށެއް ނުކުރަމޭ. އެހެންވީމަ، އަޅުގަނޑުގެ ރެކޯޑުތައް ސާފުކޮށްލަދެއްވުން އަޅުގަނޑު އެދެން. ވަޒީފާއެއް ވެސް ލިބެން އޮތީ އެކަން ރަނގަޅުކޮށްގެން،" ގާސިމް ބުންޏެވެ. "އަޅުގަނޑު މިހިރީ ރިސޯޓެއްގެ ވަޒީފާވިޔަސް މާދަމާ ވެސް ދާން ތައްޔާރަށް."

ގާސިމް ބުނި ގޮތުގައި، ހައްޔަރު ކުރުމާ ހަމައިން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ރަހުމަތްތެރިންނާއި އިސްލާހަށް މަސައްކަތް ކުރާ މީހުންގެ ފަރާތުން ލިބުނު އެހީތެރިކަން ވަރަށް ބޮޑެވެ. މިކަހަލަ ކަމެއް ކުރުމުން ހިތްވަރު އެލުވާނުލައި ހުރެވުނީ އޭނާއާ އެކު ވަރަށް ގިނަ ބަޔަކު ތިބިކަން އެނގޭތީ ކަމަށް އޭނާ ބުންޏެވެ.

"މީޑިއާތަކަށް ވެސް އަދި އިސްލާހަށް ލޯބިކުރާ މީހުންނަށް ވެސް އަދި އަޅުގަނޑަށް އެހީތެރވެ ދިން ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކުރަން ބޭނުން،" އޭނާ ބުންޏެވެ. "ކުރިއަށް އޮތްތާނގައި ވެސް އަޅުގަނޑު ހުންނާނީ މިކަހަލަ ނޭދެވޭ ކަންތައްތަކާ ދެކޮޅަށް އަޑު އުފުލާ މީހެއްގެ ގޮތުގައި."

ގާސިމްގެ ނަސޭހަތް: "ޒިންމާއަދާކުރަން ޖެހޭ"

ގާސިމް ކުރީ ކުށެއް ނޫނެވެ؛ އޭނާ ގަބޫލުކުރާ ގޮތުގައި، ހިޔާނާތެއް ހިނގަމުންދާއިރު އެކަން ހުއްޓުވުމަކީ އޭނާގެ ޒިންމާއެކެވެ. މުއައްސަސާތަކުގެ އިތުރުން ވަކި ފަރުދުންގެ ޒިންމާ އެކަމުގައި މާބޮޑެވެ.

ކުށެއް ހިނގާކަން އެނގިއްޖެ ނަމަ އެކަން ރިޕޯޓް ކުރަން ޖެހޭ ކަމަށް ބީއެމްއެލްގެ ވެސް ގަވާއިދުތަކާއި އުސޫލްތަކުގައި ކަނޑައަޅާފައި އޮވެ އެވެ.

އޭނާގެ ނަސޭހަތަކީ މިއެވެ؛

"ހަމައެކަނި މުސާރަ ނަގައިގެން ނުތިއްބަވާ. އެ ބަޔަކު ވަޒީފާ އަދާކުރާ މާހައުލުގައި ހިޔާނާތެއް ހިނގަމުންދާ ކަމަށް ވާނަމަ އެކަން ފަޅާއަރުވަން ޖެހޭ. އެ ރިސްކު ވެސް ނަގަން ޖެހޭ، އަޑު އުފުލަން ޖެހޭ."