ދެ ކުދިން "ކަތިލި އިރު" ފުލުހުން ހިމޭނުން!

ގްރޫޕް މާރާމާރީތަކެއްގައި، ބަދަލުހިފުމުގެ ނިޔަތް ވެސް އޮވެގެން، ދިން ހަމަލާތަކުގައި ރޭ ކުޑަ ދެ ކުއްޖަކު "ކަތިލި އިރު" އެކަން ހުއްޓުވުމަށާއި އޭގެ ފަހުން، ރާއްޖޭގެ ފުލުހުންގެ ދައުރު އެކަށީގެންވާ ވަރަށް އަދާކުރިތޯ މިއީ ރޭ ވެސް އަދި މިއަދު ވެސް އެންމެ ބޮޑު ބަހުސެވެ. ބައެއް މީހުންގެ ނަޒަރުގައި ފުލުހުން އަދިވެސް ފެންނަނީ "ނިދާފައި" ތިއްބަ އެވެ.


އިއްޔެ ހަވީރު ފުރަތަމަ ހަމަލާގައި 14 އަހަރުގެ ފާތިރު މުހައްމަދުގެ ކަރަށް ތޫނު އެއްޗެއް ހަރާލައި ހިންގި މާރާމާރީއާ ގުޅޭ ގޮތުން އާންމުންނަށް "ދެ ތިން ލަފުޒު"ގެ މައުލޫމާތެއް ވެސް ރަސްމީކޮށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އޭގެ ހަތަރު ގަޑިއިރު ފަހުން 14 އަހަރުގެ އަހުމަދު އިރުޝާމް ހިލްމީގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ، ލޭގެ ތެރޭގައި ފޮރުވެގެން ދިޔަ އިރު ވެސް، އާންމުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ އިސް ވެރިން ބާއްވާފައެއް ނުވެ އެވެ.

މިހާ ބޮޑު ބިރުވެރިކަމެއް ފެތުރިގެން ގޮސް، ފުލުހުން ނުކުމެ މަޖީދީ މަގުގެ ބޮޑު ސަރަހައްދެއްގައި، "ކުށުގެ ޓޭޕް" ދަމާލައި، އާންމުން ހާސްކުރުވި އެވެ. ކުރިން މިކަހަލަ ބޮޑު ކަމެއް ހިނގައިފިއްޔާ ފުލުހުންގެ އިސް ވެރިން މީޑިއާ އަށް އަރުއްވާ ރަސްމީ ޕްރެސް ކޮންފަރެންސްތައް ބާއްވަ އެވެ. އެކަމަކު މިހާރު ފުލުހުންގެ ލީޑަޝިޕުން ނޫސްވެރިންނާ ބައްދަލުކުރުން މިހާ ދަށް ފެންވަރަކަށް ވެއްޓުނު އިރެއް މި ފަހުގެ ތާރީޚުގައި، ނޫސްވެރިންގެ ހަނދާނަކަށް ނާދެ އެވެ.

"ކުރިން ވިއްޔާ ވަރަށް އަވަހަށް ފުލުހުން އެޓެންޑްކޮށް، ރަނގަޅު މައުލޫމާތު ދޭނެ،" ރާއްޖޭގެ އިސް ނޫސްވެރިޔަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

މާލޭގައި އިއްޔެ އާއި ރޭ ހިންގި މާރާމާރީތަކުގައި ވަޅި ހެރުމުގެ ސަބަބުން މަރުވި ފާތިރު މުހައްމަދު (ކ) އަދި އަހުމަދު އިރުޝާމް: އުމުރުން 14 އަހަރުގެ މި ދެ ކުދިން މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް.

މާރާމާރީއެއް ހިނގައިފި ނަމަ ނޫސްވެރިން ފުރަތަމަ ވެސް ފުލުހުންނަށް ގުޅަނީ ސަބަބުތަކެއް ހުރެގެންނެވެ. އެންމެ ބޮޑު ސަބަބަކީ އާންމުންނަށް ރަނގަޅު މައުލޫމާތު ދިނުމެވެ. އިއްޔެގެ ފުރަތަމަ ހަމަލާގައި ޒަހަމްވީ ކުޑަކުއްޖެއް ކަމެއް، ޒުވާނެއް ކަމެއް، މުސްކުޅިއެއް ކަމެއް ނޭނގި އެތައް އިރެއް ހޭދަވި އެވެ. އެކި މީޑިއާތަކުން އެކި ގޮތަށް މައުލޫމާތު ފަތުރާތީ އާންމުންނަށް އޮޅުންއަރާ ގޮތް ވެ އެވެ.

ސީނިއަ އެހެން ނޫސްވެރިޔަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ ފުލުހުން މިހާރު ފެންނަނީ ކަންކަން އޮޅުވާލަން އުޅޭތަން ކަމަށެވެ. އޭގެ ހެކި ވެސް އޭނާ ދެއްކި އެވެ.

"ނޫސްވެރިންނަށް އެނގިގެން ތަނަކަށް ގޮސް ސުވާލުކުރީމާ ޕޮލިސް މީޑިއާ މީހުން ދައްކާ ވާހަކަ އާއި އެތަނުގައި އުޅޭ ފުލުހުން ދައްކާ ވާހަކަ ތަފާތުވޭ. އަސްލު ހަގީގަތް މީޑިއާ އަށް ނުދޭން އުޅޭ ތަން ފެންނަނީ،" އޭނާ ބުންޏެވެ.

ފުލުހުން އާންމުންނާ ވަރަށް ދުރަށް؟

މީގެ ކުރިން ހިނގި އަނިޔާވެރި މާރާމާރީތަކާއި ގްރޫޕް ތަޅާފޮޅުންތަކާ ބެހޭ ގޮތުން ފުލުހުން ވަރަށް އަވަހަށް މައުލޫމާތު ދެ އެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި، ރަނގަޅު މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭން މަސައްކަތްކުރެ އެވެ. އެކަމަކު މިހާރު ފުލުހުންގެ ފަރާތުން އެ ސިފައެއް ނުފެނެ އެވެ.

އެއް ނޫސްވެރިޔަކު ބުނި ގޮތުގައި ސިޔާސީ ކަންތަކުގައި ފުލުހުން ހޭދަކުރާ ވަގުތު އެހެން ކަންކަމަށް ދޭ ވަގުތަށް ވުރެ މިހާރު އޮތީ ގިނަވެފަ އެވެ.

"ފުލުހުންގެ މީޑިއާ އަށް އެއްވެސް އެއްޗެކޭ ނުބުނެވޭ ފުލުހުންގެ އިސް މީހުން އެކަން ހުއްޓުވާތީ. ސިޔާސީ ކޮންމެވެސް ކަމަކަށް ރައްދުދޭން ފުލުހުން ވަރަށް އިސްކަން ދޭ،" އެ ނޫސްވެރިޔާ ބުންޏެވެ.

"ހޯމް މިނިސްޓަރުގެ ޓްވީޓްތަކަށް ބަލާއިރު ވެސް ފެންނަނީ މުޅިން ސިޔާސީ ކަންކަމަށް ރައްދު ދޭތަން."

އޭނާ ބުނި ގޮތުގައި ގޭންގްތަކުގެ ބައެއް އިސް މީހުންގެ ގައިގައި ޓެގް އަޅުވައި، ހަރަކާތްތައް މޮނިޓަކުރާ ވާހަކަ ދައްކާ އިރު އިއްޔެ އާއި ރޭ ހިންގި މާރާމާރީތަކަށް ފުލުހުންނަށް މައުލޫމާތު ލިބިގެން އެޓެންޑްކުރެވިފައެއް ނުވެ އެވެ. މާލެތެރެ ރަނގަޅަށް ބެލެހެއްޓޭ ނަމަ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވަރުގެ ދެ ހަމަލާ ނުދެވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

ޕޮލިސް ކޮމިޝަނަރު އަރީފް: މިހާތަނަށް އަދި އެންމެ ފަހަރަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާފައެއް ނުވޭ

ފުލުހުންގެ މީޑިއާ އިން ސީރިއަސް ކަންކަމުގައި ނޫސްވެރިންނަށް ގިނަ ފަހަރު މައުލޫމާތު ދެނީ އަބަދުވެސް މަތީ ވެރިންގެ ކައިރިން ހުއްދަ ލިބިގެންނެވެ. އެއީ ފުލުހުންގެ މީޑިއާ ޔުނިޓްގެ މައްސަލައެއް ނޫނެވެ. އެކަމަކު މިހާރު ފުލުހުންގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނާއި އާންމު މުޖުތަމައުއާ ދެމެދު ވަނީ، މަދަނީ ބަޔަކަށް ފުލުހުން ހެދި ފަހުން، ނުފެންނަ ވަރުގެ ދުރުމިނެއް އުފެދިފަ އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމާ އަހުމަދު އަރީފް ހަވާލުވެވަޑައިގަތުމަށް ފަހު މިހާތަނަށް އަދި އެންމެ ޕްރެސް ކޮންފަރެންސެއް ވެސް ދެއްވާފައެއް ނުވެ އެވެ. ރާއްޖޭގެ ޕޮލިސް ކޮމިޝަނަރެއް އާންމުންނާ އެހާ ދުރުގައި އުޅުއްވި ތަނެއް މީގެ ކުރިއަކުން އަދި ފެނިފައެއް ވެސް ނުވެ އެވެ.

އާންމުންގެ ދިރިއުޅުމަށް އަސަރުކުރާ ކަހަލަ ނުރައްކާތެރި މާރާމާރީތައް ހިނގާ އިރު ރައްޔިތުންނަށް ޖަވާބުދާރީނުވެ ފުލުހުންނަށް އެ މީހުންގެ ވާޖިބެއް އަދައެއް ނުކުރެވޭނެ އެވެ. މާރާމާރީ ހިންގާ ތަނުގައި "ކުށުގެ ޓޭޕް" ދަމާލައި، އާންމު ރައްޔިތުން ދުރުގައި ބޭތިއްބުމަކީ މައްސަލަ އަށް ފުލުހުން ރަނގަޅަށް އެޓެންޑްވުމެއް ނޫނެވެ. ރައްޔިތުން އެ ތިބީ އިއްޔެގެ ހިތްދަތި، އަނިޔާވެރި ހަމަލާތަކުގެ ތެދު މައުލޫމާތު ހޯދަން އިންތިޒާރުކޮށްކޮށެވެ.

އެކަމަކު ދިވެހި ފުލުހުން ތިބީ އާންމުންނާ ދުރުގައި، ހިމޭނުންނެވެ.