120 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާ އެކު އައިޖީއެމްއެޗަށް ޒަމާނީ ބޮޑު ބަދަލެއް

މީގެ ކުރިން އެއީ ތޮއްޖެހިފައިވާ ތަނެކެވެ. އަށް އެނދުގައި އެންމެ ހާލު ބޮޑު ބަލި މީހުން ބައިތިއްބާފައި ތިބޭއިރު، އެ މީހުންގެ އެހީތެރިން މަޑުކޮށްލާނެ ވަކި ތަނެއް ވެސް ނުހުރެ އެވެ. އެނދުތައް ހުންނަލެއް ކައިރިކަމުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. ވެންޓިލޭޓަރު ގުޅާފައި އޮންނަ މީހަކަސް، ޑަޔަލިސިސް ހަދަން ޖެހިއްޖެ ނަމަ، ގެންދަން ޖެހެނީ ޑަޔަލިސިސް ސެންޓަރަށެވެ.


އެއީ ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އައިސީޔޫ މީގެ ކުރިން އޮތް ހާލަތެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އައިސީޔޫ މަރާމާތުކޮށް، ދިވެހި ސަރުކާރުން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ތަން އިތުރަށް ތަރައްގީކޮށް އިއްޔެ ރޭ ހުޅުވިއިރު، މިހާރު އެއީ ކުރީގެ އައިސީޔޫއެއް ނޫނެވެ. ތަނުގެ ޖާގަ ތަނަވަހެވެ. ބަލި މީހުން ބައިތިއްބާނެ 15 އެނދު އެބަ ހުއްޓެވެ. އޭގެ ތެރޭން ދެ އެނދު، ގައިން ގަޔަށް އަރާ ބަލިތަކުގެ މީހުންނަށް ވަނީ ހާއްސަކޮށްފަ އެވެ. ކޮންމެ އެނދެއް ވަކިކޮށް، ޕާޓިޝަން ޖަހައި ވަކި ކޮޓަރިއެއްގެ ގޮތަށް ވަނީ ހަދައިފަ އެވެ. އެ ތަނުގެ ތެރޭގައި ޑަޔަލަސިސް ވެސް ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ބަލި މީހުންގެ އެހީތެރިން މަޑުކޮށްލަން ހާއްސަ ތަނެއް ހަދައި، ނަމާދުކުރާނެ އިންތިޒާމް ވެސް ހަމަޖައްސާފައިވެ އެވެ.

"މުޅި ތަނުގައި އެންޓި ބެކްޓީރިއަލް ފްލޯރިން އާއި ވޯލް ކްލޭޑް ޖަހާފައި ވާނީ. އައިސީޔޫ ހަދަމުން ދިޔައިރު ވެސް ވިސްނީ އެންމެ ޒަމާނީ އައިސީޔޫއަކުން ލިބޭނެ ހުރިހާ ހިދުމަތެއް ދެވޭނެ ގޮތަށް،" އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް "މިހާރު" އަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އަލަށް ތަރައްގީކުރި އައިސީޔޫގެ ބޭރުން ފެންނަ ގޮތް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އާ އައިސީޔޫ އަކީ އައިޖީއެމްއެޗަށް އެންމެ ފަހުން ގެނައި ތަރައްގީގެ އެއް ބަ އެވެ. އޭގެ އިތުރުން، ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭ ސެންޓަރަކާއި އާ އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސަކާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ ސެންޓަރެއްގެ އިތުރުން، އޮޓޮމޭޓެޑް ލެބޯޓްރީ ނިޒާމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.

ނޭވާލާ ނިޒާމަށް ހާއްސަ ސެންޓަރެއް މުޅިން އަލަށް

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގައި ވަރަށް ގިނަ ފަހަރަށް އެކަހެރިކޮށް ބާއްވައިގެން ފަރުވާ ދޭން ޖެހެ އެވެ. އައިޖީއެމްއެޗުން މީގެ ކުރިން އެފަދަ ފަރާތްތަކަށް ފަރުވާ ދިނީ ޕްރައިވެޓް ކޮޓަރިތަކުގަ އެވެ.

"ނޯމަލް ރޫމްތަކުގައި ބަލި މީހުން ވެންޓިލޭޓުކުރަން ބާއްވަން ވީމަ ދަތިތަކެއް ކުރިމަތިވޭ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އެ ތަން ސާފުކުރުމަށާއި އެހެން ކަންކަމަށް،" މައުސޫމް ވިދާޅުވި އެވެ.

ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި އަލަށް ހެދި ސެންޓަރުގެ އެނދުތައް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެހެންވެ، ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގައި އެކަހެރިކޮށް ބާއްވައިގެން ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް، އާ އައިސީޔޫގެ ބަޖެޓުގެ ތެރެއިން، އެ ތަނުގެ ކުރިމަތިން ވާ ގޮތަށް ވަނީ ހަދައިފަ އެވެ. މި "ނޮން އިވޭސިވް ވެންޓިލޭޝަން ޔުނިޓް (އެންއައިވީ)"ގައި ހަތް އެނދު ބަހައްޓާފައި ވާއިރު، ކޮންމެ އެނދެއް ހުންނަނީ ވަކިކޮށް، ޕާޓިޝަން ޖަހައި ބައްދައިފަ އެވެ. އެކަހެރިކޮށް ބާއްވައިގެން ފަރުވާ ދޭން ބޭނުންވާ ވެންޓިލޭޓަރާއި އެހެން ހުރިހާ ވަސީލަތެއް ވެސް ކޮންމެ ކިއުބިކަލްއެއްގައި ވަނީ ގާއިމްކޮށްފަ އެވެ.

ޒަމާނީ ތިއޭޓަރުތަކެއް، އާ އޮޕަރޭޝަންތަކާ ދިމާލަށް

ސިއްހީ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ފަހަކަށް އައިސް ހޯދަމުން އަންނަ އައިޖީއެމްއެޗުން ވަނީ، ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާތަކެއް ދޭން ހާއްސަ ސެންޓަރެއް މިދިޔަ ހަފުތާގައި ހުޅުވައިފަ އެވެ. އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން، ދައުލަތުގެ ބަޖެޓުން ވެސް 14 މިލިއަން ރުފިޔާ ލައިގެން "ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގެ ނަމުގައި އައިޖީއެމްއެޗުގައި އަލަށް ހުޅުވި ސެންޓަރުގައި ކިޑްނީ ބަލިތަކުގެ އިތުރުން، ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ވެސް ފަރުވާ ދެ އެވެ.

ކުޑަކަމުދާ ނިޒާމުގެ ބައެއް އޮޕަރޭޝަންތައް ފަށައި ކިޑްނީ ބަދަލުކުރުން ފަދަ ބޮޑެތި ކަންކަން އަންނަ އަހަރު ފަށަން ތައްޔާރުވެފައިވާ އައިޖީއެމްއެޗަށް ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއް ކޮންމެހެން ވެސް ބޭނުންވެ އެވެ. އެހެންވެ ކުރިން ހުރި އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް މަރާމާތުކުރަން އިންޑިއާ ސަރުކާރުން ފެށިއިރު، ސަރުކާރުން ވަނީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ތަން އެންމެ ޒަމާނީކޮށްފަ އެވެ.

"އައިޖީއެމްއެޗުގެ މިސްރާބު މި ހުރީ ކުރިން ނުހެދޭ ސާޖަރީތަކާ ދިމާލަށް. އެކަމަށް، މި ފެންވަރުގެ ކޮމްޕްލެކްސްއެއް މުހިއްމު. ކޮމްޕްލިކޭޓެޑް ސާޖަރީތަކަށް ދާއިރު، ވަރަށް ބޮޑަށް އިންފެކްޝަން ކޮންޓްރޯލް ކުރަން އެބަ ޖެހޭ. މި ކޮމްޕްލެކްސް އެއްކޮށް ފަރުމާކޮށްފައި މި ވަނީ އެ ގޮތަށް،" މައުސޫމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އަލަށް ގާއިމްކުރި ވަސީލަތްތަކާއި ދޭން ފެށި ހިދުމަތްތަކާ ބެހޭ ގޮތުން މައުސޫމް "މިހާރު"އާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އައިޖީއެމްއެޗުގެ އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސްގައި މިހާރު ވެސް ހުރީ ހަތަރު ތިއޭޓަރެވެ. އެކަމަކު، މުޅި ތަން ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. ބެކްޓީރިއާ އާއި ޖަރާސީމުން ދުރުކޮށްދޭ ބަޔޯކްލެޑް ފާރުތަކުގައި ޖަހައި ތަޅުމުގައި ވެސް އެ ވައްތަރުގެ ފްލޯރިން އަޅާފައި ވާއިރު، އެނދުތައް ބަދަލުކޮށް، އޮޕަރޭޝަން ކުރަން ބޭނުންކުރާ އާލާތްތައް ވެސް ވަނީ އެންމެ ޒަމާނީ ތަކެއްޗަށް ބަދަލުކޮށްފަ އެވެ. ބޭނުންވެއްޖެ ނަމަ އެ ތަނުން އެއްޗެއް ނައްޓާލައި އެ އޮޕަރޭޝަނަކަށް ބޭނުންވާނެ ގޮތަށް ތިއޭޓަރު އެއްކޮށް ބަދަލުކޮށްލުމަކީ، މައުސޫމް ވިދާޅުވި ގޮތުގައި، މިހާރު މާ ބޮޑު ކަމެއް ނޫނެވެ.

"އެއްވެސް ހާލެއްގައި ކުރީގައި ހުރި ތިއޭޓަރު ފުރާޅު ބަދަލުކޮށްލާފައި ކުލަ ބަދަލުކޮށްލާފައި ހަމަ ހުރި ގޮތަށް ހުޅުވީކީ ނޫން. އެ ތަނުގެ ތެރޭގައި ހުރިހާ އިކުއިޕްމަންޓަކާއި އެއާ ފްލޯ ސިސްޓަމާއި އެއާ ކޮންޑިޝަނިން ސިސްޓަމާ ހުރިހާ އެއްޗެއް ޒަމާނީ ތިއޭޓަރުތަކުގައި ހުންނަން ޖެހޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗަށް ބޮޑު އިންވެސްޓްމަންޓެއް

އާ އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް އާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ ސެންޓަރުގެ އިތުރުން، 35 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައިޖީއެމްއެޗުގައި އޮޓޮމޭޓެޑް ނިޒާމެއް ވަނީ ގާއިމްކޮށްފަ އެވެ. އެ ނިޒާމުގެ ސަބަބުން ގިނަ ޓެސްޓުތަކެއް އޮޓޮމެޓިކްކޮށް ހަދައި އަވަހަށް ނަތީޖާ ލިބޭނެ އެވެ.

އެ ހުރިހާ ހަރަދާ އެކު، މި ބުރުގައި އައިޖީއެމްއެޗަށް ދައުލަތުގެ ބަޖެޓުން ވަނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އައިޖީއެމްއެޗަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަންނަ އަހަރު ވަރަށް ބޮޑަށް އިތުރުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މި އަހަރު 842 މިލިއަން ރުފިޔާ ދިން އައިޖީއެމްއެޗަށް އަންނަ އަހަރު 2.3 ބިލިއަން ރުފިޔާ ދޫކުރަން ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ އާއްމު ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ބަޖެޓުން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ މަޝްރޫއު ކަމަށްވާ އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތަށް ކުރާ 1.3 ބިލިއަން ރުފިޔާގެ ބޭރުންނެވެ. އެހެންވެ، އައިޖީއެމްއެޗަށް ޖުމްލަ 3.6 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ހޭދަކުރާނެ އެވެ.

މި ބޮޑު ހޭދައާ އެކު، އައިޖީއެމްއެޗު މިސްރާބު ޖަހާފައި ވަނީ މިހާރަށް ވުރެ ވެސް ބޮޑެތި ބަދަލުތަކަކާ ދިމާލަށެވެ. ކިޑްނީ ބަދަލުކުރުން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެއީ އޭގެ މިސާލެކެވެ.