ޚިޔާނާތުގެ ފައިސާ ހޯދަނީ ކޮން ގޮތަކުން؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިވެގެން، ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތަކާއި ފަރުތައް އެކި މީހުންނަށް ވިއްކައިގެން ހިންގި ޖަރީމާއަކީ ރާއްޖޭގެ ތާރީޚް ދުށް އެންމެ ބޮޑު ޚިޔާނަތާއި ކޮރަޕްޝަންގެ މައްސަލަ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ އެހެން ބަޔަކާ ގުޅިގެން ހިންގި ޚިޔާނާތުގެ އެ އަމަލުތަކުގައި ދައުލަތުގެ ޚަޒާނާ އަށް ވަންނަ ޖެހޭ 1.2 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ޚާއްސަ ރިޕޯޓްގައި ބުނެފައިވެ އެވެ.


އެ 1.2 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަޒާނާ އަށް ވަންނަން ޖެހޭނެ ކަމަށް، ލިޔެކިޔުންތަކުން ސާބިތުވާ އަދަދެވެ. އޭގެ އިތުރުން އެ ޚިޔާނާތުގެ ބައިވެރިން ކައިފައިވަނީ ދައުލަތުގެ ކިހާ ފައިސާއެއް ކަން އަންދާޒާ ވެސް ނުކުރެވޭނެ އެވެ.

އެހެންކަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް ހިންގާ އެންމެ ބޮޑު ތަހުގީގަކަށް ވެފައި މިވަނީ ވެސް އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އެވެ. އެ ކޮމިޝަންގެ ތަހުގީގުކުރާ ތިން ޓީމެއް (ނުވަ މީހުން) ހަމައެކަނި އެކަމަށް ހުސްކޮށްގެން ތަހުގީގު ހިންގަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އެވެ.

މުޅި ގައުމު މިހާރު އިންތިޒާރު ކުރަނީ އެ ތަހުގީގު ނިންމައި ރިޕޯޓް ނެރޭނެ ދުވަހަކަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ދައުލަތުގެ ފައިސާ އިން ގެއްލިފައިވަނީ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ އަދަދަށް 1.2 ބިލިއަން ރުފިޔާ ކަމެއް ނުވަތަ އެއަށް ވުރެ މަދު ކަމެއް ނުވަތަ ގިނަ ކަމެއް ވެސް އެނގޭނީ އޭސީސީގެ ރިޕޯޓް ނެރުމުންނެވެ.

އޭގެ އިތުރުން އެ ފައިސާ ހޯދެން އޮތީ ވެސް އެ ތަހުގީގު ނިންމައި އޭސީސީން ރިޕޯޓް ނެރުމުންނެވެ. އެ ފައިސާ ވަދެ ނުކުމެފައިވަނީ ކޮން ބައެއްގެ އެކައުންޓްތަކަށް ކަމާއި އެ ފައިސާގެ ބޭނުން ކުރީ ކޮން ބައެއް ކަމާއި އެއިން ކޮންމެ މީހަކު ޖެހިފައިވަނީ ދައުލަތުގެ ކިހާ ފައިސާއެއްގައި ކަން އެނގޭނީ ވެސް އޭސީސީގެ ރިޕޯޓުންނެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ބަންޑާރަ ނައިބު އަނިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިދިޔަ މަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ވެސް މިހާރު އިންތިޒާރު ކުރަނީ އޭސީސީގެ ތަހުގީގީ ރިޕޯޓަށެވެ. އެ ރިޕޯޓު ނިމުނުހާ އަވަހަކަށް، އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައި ފައިސާ ހޯދުމުގެ ދައުވާތަކާ ހަމައަށް ދާނެ އެވެ.

ނަމަވެސް، މިދިޔަ މަހުގެ 28 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ އޭސީސީގެ ރިޕޯޓް ހާމަ ނުކުރިޔަސް، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ބައެއް ފައިސާ މިހާރު ވަނީ ލިބުމުގެ މަގުމަތީގައި ކަމަށެވެ.

"ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި މީހުންނަށް އަދަބު ލިބި، ޕޮލިސް އާއި އޮޑިޓާ ޖެނެރަލާއި އޭސީސީން ކުރި މަސައްކަތުން ބައެއް އެސެޓްތައް ރިކަވާވަމުން ދަނީ... އޭސީސީގެ ރިޕޯޓު ނުނިކުތް ކަމުގައިވިޔަސް، މިހާރު ވެސް އެނގިފައި އޮތް ގޮތުން ބައެއް ފައިސާ އާއި އެސެޓްތައް ލިބުމުގެ މަގުމަތީގައި ވަނީ،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ޒަމީރުގެ އެ ވާހަކަތަކަށް ކޮންމެ ރައްޔިތަކު ވެސް ނުހަނު އުފާ ކުރާނެ އެވެ. ނަމަވެސް ސުވާލަކީ އެ ފައިސާ ބޭނުން ކުރި އެންމެން މިހާރު ސަރުކާރަށް އެނގި އެ މީހުންނާ ހަމައަށް ސަރުކާރުގެ އަތް ފޯރީ ހެއްޔެވެ؟ އެ ސުވާލު އުފެދެނީ މި ޚިޔާނާތާ ގުޅޭ ކިތަންމެ ކަމެއް ރައްޔިތުންނާ ހަމައަށް މިހާތަނަށް ވެސް ތިލަ ނުވާތީ އެވެ.

އެންމެ ފުރަތަމަ ކަމަކަށް، ކުރީގެ ނައިބު ރައީސް އަދީބު ހައްޔަރު ކުރުމަށް ފަހު ގައުމާ މުޚާތަބު ކުރައްވައި އޮކްޓޫބަރު 25، 2015 ގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅުތަކާއި އެ ވާހަކަފުޅުތަކާ ވިދިގެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދެކެވުނު ވާހަކަތަކެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންނާއި ޕީޕީއެމްގެ މެންބަރުންނާ ގުޅިގެން އަދީބު މަސައްކަތް ކުރެއްވި ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ދުވަހު ރައީސް ވިދާޅުވީ އެ މަނިކުފާނު ހައިރާންވެވަޑައިގަންނަވާ ވަރަށް އަދީބު ވަނީ ފުލުހުންނާ ގާތްވެފައި ކަމަށާއި، މުސާރައިގެ ގޮތުގައި ދައުލަތުން ފުލުހުންނަށް ދޭ އެއްޗެއްގެ ބޭރުން އަދީބު ފުލުހުންނަށް ދީފައި ހުރި ކަމަށެވެ.

ދައުލަތުގެ ވެރިޔާ، މަގާމުން ދުރު ކުރުމުގެ ރޭވުމެއްގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ މެމްބަރުން ހަމަ "ހިލޭ ސާބަހަށް" ބައިވެރިވެދާނެ ބާވަ އެވެ؟ އޭގެ އިތުރުން، ވެރިކަމުގެ ތެރެއިން އުފެދިގެން އަންނަ ކަމެއްގައި އިދިކޮޅު ޕާޓީގެ މެމްބަރުން، އެއްވެސް އަގަކާ ނުލައި ބައިވެރިވާނެ ބާވަ އެވެ؟

މާޗް 9، 2016 ގައި އޮތް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި ކުރި ޒުވާބުތައް، މިފަދަ ހައިރާން ކުރުވަނިވި ހުރިހާ ސުވާލުތަކަށް ހުރި ޖަވާބަކަށް ފުދެ އެވެ. އެ ޒުވާބުގެ ތެރޭގައި އެއް މެމްބަރަކު އަނެއް މެމްބަރަކުގެ ބޮލުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވަގު ތުހުމަތު އެޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް.

"މި ތަނުގައި އެކިއެކި ބޭބޭފުޅުން ވަގުންގެ ވާހަކަ އާއި ވަގަށް ލާރި ނެގި ވާހަކައާ، މި ވާހަކަތައް ދައްކާކަށް މާ ރީއްޗެއް ނޫން އިއްޒަތްތެރި ރައީސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ގޯނި ހިފައިގެން އެ ބޭފުޅުން ކައިރި އަށް ހިނގީ، އެ ލާރި ގޯނި ހިފައިގެން ހިނގީ އަޅުގަނޑު. ހިފައިގެން އެ ބޭފުޅުންނަށް އެ ލާރި، އެ ބޭފުޅުން... " އެ ދުވަހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެމްބަރުންނާ ގުޅިގެން އަދީބު މަސައްކަތް ކުރައްވާފައިވާ އިރު، އަދި ދައުލަތަށް ޚިޔާނާތްތެރިވެގެން ހޯދި ފައިސާތައް "ގޯނިގޯނީ"ގައި ހިފައިގެން މެމްބަރުންގެ ގާތަށް ވަޑައިގެންނެވި ކަމަށް، މެންބަރަކު އަމިއްލަ އަށް އިއުތިރާފް ވުމުން އެއިން މާނަ ކުރެވެނީ ކޮން ކަމެއްތޯ އެވެ؟

އެންމެ ފުރަތަމަ ކަމަކަށް އެއިން ދޭހަވަނީ ދައުލަތަށް ޚިޔާނާތްތެރިވި ފައިސާ އިން މަޖިލީހުގެ މެމްބަރުންނަށް ވެސް ބައި އަޅާފައިވާ ކަމެވެ. އަދި ފުލުހުންގެ ތެރެއިން ވެސް ކޮންމެވެސް ބަޔަކަށް ބައި އަޅާފައިވާ ކަމެވެ.

އެހެން ކަމަށް ވާ ނަމަ، އަދި އެމްއެމްޕީއާރްސީން ގެއްލުނު އެސެޓްތައް ރިކަވާވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވާ އިރު، ކިތަންމެ ސުވާލަކަށް ޖަވާބު ނުލިބެ އެވެ. އެ ޚިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާ ކޮށް ހުކުމެއް އައިސްފައިވަނީ އެންމެ ތިން މީހުންގެ މައްޗަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެވެ.

(ކ-ވ) ހާމިދު، އަދީބު އަދި ޒިޔަތު. --ފޮޓޯ/މިހާރު

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ މައްޗަށް މިހާތަނަށް ތަހުގީގެއް ހިންގައިފި ހެއްޔެވެ؟ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ޚިޔާނާތާ ގުޅިގެން ދައުވާ ކުރަން ޖެހެނީ ކިތަން މީހުންގެ މައްޗަށް ހެއްޔެވެ؟ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ފައިސާގައި ޖެހިފައިވަނީ ކިތައް މެމްބަރުން ހެއްޔެވެ؟ އަދި ފުލުހުންގެ ތެރެއިން އަދީބުގެ ދީލަތިކަން ފޯރާފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެ މީސްމީހުން ވަކިކޮށް ދެނެގަނެވިއްޖެ ހެއްޔެވެ؟ އެމްއެމްޕީއާރްސީން ގެއްލުނު އެސެޓްތައް ރިކަވާވަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވާ އިރު، މިއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ.

އަދި އެ ޚިޔާނާތުގެ ފައިސާ ދައުރު ކުރުމުގެ މޭސްތިރިން ކަމުގައި ބުނާ، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓެ) އާއި އޭނާއާ އެކު ފިލައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީގެ ފަރާތުން ފައިސާ ލިބުނީތޯ ވެސް ސުވާލު އުފެދެ އެވެ. އަލްޖަޒީރާ އިން ދެއްކި "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގައި އެ ތިން މީހުން ވެސް ވަނީ އެ ހިޔާނާތުގައި ބައިވެރިވި ކަމަށް އިއުތިރާފްވެ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން ވަގަށް ނެގި ފައިސާ ބެހި ގޮތް ވެސް ކިޔައިދީފަ އެވެ.

ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައްކަނީ

އެހެންކަމުން، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބެމުންދާ ކަމުގައިވާ ނަމަ، އެ ފައިސާގައި ޖެހުނު މީހުންނަކީ ކޮބައިކަން ވެސް ރައްޔިތުންނަށް އެނގެން ޖެހޭނެ އެވެ. އަދި އެ މީހުންނާ މެދު އަޅާ ގާނޫނީ ފިޔަވަޅުތަކަކީ ކޮބައި ކަން ވެސް އެނގެން ބޭނުންވާނެ އެވެ. ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ މީހުން ދޫވެފައި ތިބެ، އަދި "ގޯނިގޯނީ"ގައި މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހި މީހުންނާއި އެ ފައިސާގައި ހިފި މީހުން މިނިވަންކަމާ އެކު އުޅެމުންދާ އިރު، އެ ފައިސާ ލިބެމުންދެއޭ ބުނުމަކުން ނުފުދޭނެ އެވެ.