އެންމެ ފުރަތަމަ އެކަނިވެރިކަން، އެކަމަކު މިހާރު އެންމެންގެ ލޯތްބާއި ހެޔޮ ދުއާ

ދަރިފުޅަށް ޖެހިފައިވާ ހަމުގެ ބައްޔަށް ފަރުވާ ހޯދަން މީގެ އަހަރުތަކެއް ކުރިން ރަމްޒިއްޔާ ހާރޫން އިންޑިއާއަށް ދިޔައީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ބައެއްގެ ގާތަށެވެ. އެއްވެސް އެހީތެރިޔަކާ ނުލައި ހަތް އަހަރުގެ ދަރިފުޅާ އެކު އިންޑިއާއަށް ދިޔުމުން ކުރިމަތިވި ހިތްދަތިކަން އަދިވެސް އޭނާގެ ހިތަކުން ފިލައިގެންނެއް ނުދެ އެވެ.


އިބްރާހިމް ޒާހިލް އަށް ތަހައްމަލް ކުރަން ޖެހުނު ބަލީގެ ހަގީގަތެއް ނޭނގެ އެވެ. އެކަމަކު މުޅި ގައިގެ ހަން ގޮސް، ދަރިފުޅު އޮތީ، ރަމްޒިއްޔާ ބުނިގޮތުގައި، "ހަން ނޮޅާލާފައިވާ ކުކުޅެއް"ގެ ގޮތަށެވެ. އިންޑިއާގައި އެމީހުން ތިބި ގޭގެ މީހުންނަށް ޒާހިލް ފެނުމުން ގަތީ ބިރެވެ. ދެން އެ ގޭގައި ތިބޭނެ ރަނގަޅު ޖާގައެއް އަދި ކާއެއްޗެއް ވެސް ނުލިބުނީ އެވެ.

ގޭގައި އުޅޭ އެހެން ކުދިންނަށް އެ ބަލި އަރާފާނެ ކަމުގެ ބިރުގައި ޒާހިލް ބާއްވަން ޖެހުނީ ގޮދަނޑިއެއް ވެސް ނެތް ހުސް އެނދެއްގަ އެވެ. ގައިގައި އަޅާލާނެ ބެޑްޝީޓެއް، ބޯދަށަށް ލާނެ ބާލީހެއް ވެސް ނުލިބުނެވެ. ރަމްޒިއްޔާ ބުނިގޮތުގައި ދަރިފުޅު ގޮވައިގެން އޭނާ އޮތީ، ގެންދިޔަ ދަބަސް ބޯދަށަށް ލައިގެންނެވެ. ފުރަތަމަ ދުވަހު ކާނެ އެއްޗެއް ވެސް ނުލިބުނެވެ.

ޒާހިލް އާއި އޭނާގެ މަންމަ އުފަން ރަށް ހދ. ނެއްލައިދޫގައި

އަނެއް ދުވަހު ކާއެއްޗެއް ދިނުމަށް ފަހު އެގޭ މީހުން އެންގީ ދެން ކާއެއްޗެއް ނުލިބޭނެ ކަމަށާއި އަމިއްލައަށް ހޮޓާތަކަށް ގޮސްގެން ކެއުމަށެވެ. ބަނޑުހައިވުމުން ރަމްޒިއްޔާއަށް ޖެހުނީ ހަތް އަހަރުގެ ދަރިފުޅު ކޮނޑަށް ލައިގެން ކާއެއްޗެއް ހޯދަން މަގުމައްޗަށް ނުކުންނާށެވެ.

މިގޮތަށް އޭނާ އެތައް ދުވަހަކު، ކާނެ އެއްޗެއް ހޯދަން މަގުމަތީގައި ސަލާން ޖެހި ކަމަށް ރަމްޒިއްޔާ ބުނެ އެވެ. ބަސް ނޭނގޭތީ އޭނާ ސަލާން ޖެހީ އަތުގެ އިޝާރާތުންނެވެ.

މިއީ ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށް ވެ، ގިނަ ބައެއްގެ އެހީތެރިކަމާ އެކު މިހާރު ތައިލެންޑްގެ މަޝްހޫރު ހޮސްޕިޓަލެއް ކަމަށްވާ ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ޒާހިލްގެ އާއިލާ އަށް ފުރަތަމަ ދިމާވި ހިތްދަތި ދުވަސްތަކެވެ.

ހޮސްޕިޓަލުގައި އޮވެ ޒާހިލް ފޯނާ ކުޅެނީ: ފޫހިވުމުން އޭނާ ގިނައިން ކުޅެނީ ގޭމު

އެކަމަކު މިއަދު 17 އަހަރުގެ ޒާހިލް އަށް ލިބެމުން އަންނަނީ ގިނަ ދިވެހިންގެ ލޯތްބާއި އަޅާލުމެވެ. އޭނާގެ ބައްޔަށް ފަރުވާ ހޯދަން ތައިލެންޑަށް ދާން ސަރުކާރުގެ އިތުރުން ހެޔޮއެދޭ ދިވެހިންގެ ދީލަތި އެހީން 1.4 މިލިއަން ރުފިޔާ އެއްވި އެވެ. ދާއިމީ އަދި އަވަސް ޝިފާއެއް ލިބުމަށް އެދި ދުއާ ކުރާ މީހުން ގިނަ އެވެ. އެ އެ އެހީތެރިކަމާ މެދު ސުވާލުކުރުމުން ރަމްޒިއްޔާ ފެށީ ރޯށެވެ.

"މި އެހީތެރިކަމާއި ލޯބި ލިބެން ފެށުމުން ހަނދާން ވަނީ ޒާހިލް އެންމެ ކުޑައިރު އުޅެން ޖެހުނު ގޮތް. އޭނާއަށް ފަރުވާކުރަން އިންޑިއާއަށް ދިޔުމުން ލިބުނު ނިކަމެތިކަން. [ތިބި ގޭގެ މީހުން] ދަރިފުޅު ދެކެ ބިރުން، އޭނާ ނިކަމެތި ކޮށްލި ގޮތް،" ބެންކޮކު ހޮސްޕިޓަލުގައި ހުރެ "މިހާރު"އާ ވާހަކަ ދައްކަމުން ޒާހިލްގެ މަންމަ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ދިމާވި ހަމުގެ މައްސަލަ ސީރިއަސްވެ، ނުކެވި އަނަރޫފަވަމުން ދާ ތަން ބަލަން ޖެހުމަކީ ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަމެވެ. ގިނަ ރޭރޭ ޒާހިލް ނުވެސް ނިދަ އެވެ. އުމުރުން 10 އަހަރުއްސުރެ ރަނގަޅަށް ކާއެއްޗެއް ނުކެވުމުގެ ސަބަބުން، ހޮޅި ގުޅައިގެން ދެ ގަޑިން ދެ ގަޑިން އޭނާއަށް ކާންދޭން ޖެހުނެވެ. އެ ހުރިހާ ކަމެއް ރަމްޒިއްޔާ ކުރީ މައިވަންތަކަމުގެ ލޯތްބާއި ކެތްތެރިކަމާ އެކު އެވެ.

ޒާހިލް: ބަލި ރަނގަޅުވުމުން ކިޔެވުން ފުރިހަމަ ކުރަން ބޭނުންވޭ

އޭނާ އުއްމީދު ކަނޑައެއް ނުލަ އެވެ. ރަމްޒިއްޔާ ގަބޫލުކުރި ގޮތުގައި ކޮންމެވެސް ދުވަހަކުން، ﷲގެ މިންވަރުފުޅުން، ދަރިފުޅަށް ޝިފާއެއް ލިބޭނެ އެވެ.

އަބަދުވެސް ހިތްވަރުގައި

ޒާހިލްގެ ހާލަތާ ބެހޭ ވާހަކަތައް މީޑިއާތަކުން ކަވަރުކުރާތީ އޭނާއަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފަ އެވެ.

ފޭސްބުކުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އޭނާއަށް ހެޔޮ ދުއާކޮށް މެސެޖްތައް ފޮނުވަ އެވެ. އޭނާ އެ އެއްޗެހި ކިޔަ އެވެ.

"އޮންލައިން ވާއިރަށް އެތައް ބަޔަކު ހުންނާނެ އެޑްކޮށްފައި ނޫނީ މެސެޖްކޮށްފައި. ވަރަށް އުފާވޭ އެތަން ފެނުނީމަ،" ޒާހިލް ބުންޏެވެ.

ޒާހިލް ބެންކޮކް ހޮސްޕިޓަލުގައި: އޮޕަރޭޝަން ކުރެވޭނީ މިހާރަށް ވުރެ ބަރުދަން އިތުރުކޮށްގެން

އާންމުންގެ އެ އަޅާލުމަކީ، އޭނާ ބުނި ގޮތުގައި، ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ނަމާދުކޮށް، ދުއާކޮށްގެން ވެސް އޭނާ ހިތްވަރު ހޯދަ އެވެ.

ރަމްޒިއްޔާ ބުނީ އެންމެ ކުރިއްސުރެ ވެސް ޒާހިލް ފަސް ވަގުތު ނަމާދުކުރާ ކަމަށެވެ. އަދި ބަލިވެ، އެނދުމަތީގައި އޮންނަން ޖެހުމުން ވެސް އެ އާދަ ދުލެއްނުކުރެ އެވެ.

މަންމަ އާއި ދައްތައާ އެކު ޒާހިލް ބެންކޮކަށް ދާން މަތިންދާބޯޓުގައި

"ނަމާދުކޮށް، ކޮންމެ ފަހަރަކު ދުއާކުރާނެ އަވަހަށް ރަނގަޅުވޭތޯ،" ރަމްޒިއްޔާ ބުންޏެވެ.

އުމުރުން 10 އަހަރުން ފެށިގެން ޒާހިލް އަށް ރަނގަޅަކަށް ނުކެވެ އެވެ. ރޮށި އެއްޗެހި ކޮންމެވެސް ވަރަކަށް ކާންދިނަސް ހަރު އެއްޗެހި ދިރުވަން އޭރު ވެސް ވަރަށް އުނދަގުލެވެ. އެންމެ ފަހުން އަރު ތެރެއިން އެއްޗެއް ނުދިރޭތީ ޖެހުނީ ބަނޑަށް ހޮޅިއެއް ލައްވައިގެން އެ ހޮޅި މެދުވެރިކޮށް ދިޔާ އެއްޗެހި ދޭށެވެ.

އުމުރުން 17 އަހަރުގެ ޒާހިލް އަދި އޭނާ އެއަށް ވުރެ ކުޑައިރު

ކިޔެވުން ފުރިހަމަކުރަން ބޭނުން

ކިތަންމެ ބަލި ނަމަވެސް، ގްރޭޑް ނުވައަކާ ހަމައަށް ދަންދެން ޒާހިލް ސްކޫލަށް ދިޔަ އެވެ. ސްކޫލަށް ދިޔުން ހުއްޓާލީ މިދިޔަ އަހަރު ކުރި އޮޕަރޭޝަނަށް ފަހު ހޮޅި ގުޅައިގެން ކާން ޖެހުމުން، ހަށިގަނޑު މާ ބޮޑަށް އަނަރޫފަވެ ނުހިނގުމުންނެވެ. އޭރުއްސުރެ އޭނާ އޮންނަނީ ކޮޓަރީގަ އެވެ.

"އެހެން ނުހިނގި ކޮޓަރި ތެރޭގައި އޮންނަން ޖެހުމުން ބުނާނެ ބޭރަށް ނިކުމެ، އެހެން ކުދިން އުޅޭ ގޮތަށް އުޅޭހިތްވެއޭ. ގައިގެ ހަންގަނޑު ހަލާކުވެފައި ހުންނާތީ ވެސް ވަރަށް ދެރަވާނެ. އެކަމަކު އަނެއްހެން ޝަކުވާއެއް ނުކުރާނެ،" ރަމްޒިއްޔާ ބުންޏެވެ.

ސްކޫލަށް ދިޔަ އިރު ޒާހިލް އެންމެ މޮޅީ އެކައުންޓް މާއްދާއަށެވެ. އޭނާ ބޭނުން ވަނީ ވެސް އެކައުންޓެންޓަކަށް ވާށެވެ.

އޭނާ ބުނީ ރަނގަޅުވެއްޖެ ނަމަ ކޮންމެ ގޮތެއް ހަދައިގެން ވެސް ޖީސީއީ އޯލެވެލް ފުރިހަމަ ކުރަން ބޭނުން ކަމަށެވެ.

ޖެހިފައިވަނީ ކޮން ކަހަލަ ބައްޔެއްކަން ނޭނގި، އެތައް ވޭނެއް ޒާހިލް ވަނީ ތަހައްމަލު ކޮށްފަ އެވެ. އެކަމަކު ގިނަ ބައެއްގެ އެހީތެރިކަމާ އެކު ލިބުނު ފައިސާއިން ފެންވަރު ރަނގަޅު ހޮސްޕިޓަލެއްގައި މިހާރު ފަރުވާ ހޯދަމުން އަންނައިރު، ޑޮކްޓަރުންނަށް ވަނީ އެއީ ކޮން ބައްޔެއްކަން ދެނެގަނެވިފަ އެވެ.

ސީއެމްސީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އެ ބައްޔަށް މިހާރު އަންނަނީ ފަރުވާ ލިބެމުންނެވެ. ދެން އޮތީ ކާނެ ގޮތް ހަދަން ކުރަން ޖެހޭ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ކާމިޔާބު ވެއްޖެ ނަމަ، ޒާހިލް އާއި އޭނާގެ އާއިލާގެ އުއްމީދުތައް ފުރިހަމަވީ އެވެ.

"އެންމެން ދިން އެހީތެރިކަމަށް ޝުކުރިއްޔާއޭ ބުނެލަން ބޭނުން،" ޒާހިލް ބުންޏެވެ.

ކާމިޔާބު އޮޕަރޭޝަނަކަށް އެދި އެންމެން ކުރަމުން އަންނަނީ ހެޔޮ ދުއާ އެވެ.