ދަރިފުޅުގެ ފޮޓޯ ނަގައިގެން ސްޓޫޑިއޯ އިން އައި ފަހުން ޖެހުނީ ފިޓް! ބެލެނިވެރިން ވިސްނާލަމާ!

ހަތް މަހުގެ އާނަ ޒައިދު އިބްރާހިމަށް ފިޓު ޖެހުމަކީ އޭނާގެ މައިންބަފައިންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ހާސްކަމެވެ. އެއް ދުވަހެއްގައި ދެ ފަހަރު ފިޓު ޖެހުނީ އެންމެ 14 ގަޑި އިރު ތެރޭގަ އެވެ. ހުމެއް ނައިސް އިތުރު އެހެން ކަމެއް ވެސް ދިމާނުވެ، ކުއްލިއަކަށް ފިޓު ޖެހުނީމާ އެ މީހުން އެންމެ ބޮޑަށް ބޭނުންވީ އެހެން އެވީ ކީއްވެގެންތޯ ބަލާށެވެ.


އައިޖީއެމްއެޗުން އާނަ ދޫކޮށްލުމާ އެކު އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ގާތަށް ގެންދިޔަ އެވެ. ދެކެވުނު ވާހަކައިގެ ތެރެއިން އެއް ކަމަކަށް ޑޮކްޓަރުގެ ސަމާލުކަން ހުއްޓުނެވެ؛ ފިޓު ޖެހުނީ އާނަ ސްޓޫޑިއޯއަކަށް ގެންގޮސް ފޮޓޯ ނެގިތާ ސާޅީހަކަށް މިނިޓް ފަހުންނެވެ.

"ޑރ. ނިޔާފް ވިދާޅުވީ ފިޓު ޖެހުނީ ފްލޭޝްކޮށްގެން ފޮޓޯ ނެގީމަ ކަމަށޭ ބޮޑަށް ބެލެވެނީ،" އާނަގެ މަންމަ ފާތުމަތު ޒިހުނާ ކިޔައިދިނެވެ.

ތުއްތު ކުދިން މަހަކު އެއްފަހަރު ސްޓޫޑިއޯ އަށް ގެންގޮސް ފޮޓޯ ނަގާ މީހުން ދިވެހިންގެ ތެރޭގައި ގިނަ އެވެ. ޑރ. ނިޔާފް ވިދާޅުވާ ގޮތުގައި އެފަދަ މައިންބަފައިން "ފޮޓޯ ސެންސިޓިވް އެޕިލެޕްސީ" އަށް ހޭލުންތެރިވާން ޖެހެ އެވެ.

ފޮޓޯ ސެންސިޓިވް އެޕިލެޕްސީ ހުންނަ ކުދިން ނުވަތަ މީހުންނަށް ފްލޭޝް ފޮޓޯގްރަފީގެ ސަބަބުން ފިޓު ޖެހުމުގެ ނުރައްކާ އޮވެ އެވެ. ފްލޭޝްކުރާ އިރު ކުއްލިއަކަށް ދިއްލިފައި ނިވޭ ގަދަ އަލީގެ ސަބަބުންނެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެ ދުވަސްވަރު [މިނިވަން 50 ފާހަގަކުރި ދުވަސްވަރު] ސީޝާޒް (ފިޓް ޖެހުން) ތަންކޮޅެއް ގިނަކަން. އަދި އަޅުގަނޑުމެންގެ ތެރެއަށް ވީޑިއޯ ގޭމްސް ތައާރަފްވެގެން އައި ދުވަސްވަރު ވެސް ފިޓު ޖެހުން ގިނަކަން ފާހަގަވެފައި ހުރީ"

ޑރ. ނިޔާފް ފާހަގަކުރެއްވި ގޮތުގައި އެއްފަހަރަށް ވުރެ ގިނައިން ފިޓު ޖެހޭ ނަމަ އެއީ ފޮޓޯ ސެންސިޓިވް އެޕިލެޕްސީ ކަމަށް ވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެހެންވެ ވަކި ކަހަލަ ކަންތައްތަކަކަށް މައިންބަފައިން ސަމާލުވާން ޖެހެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ފްލޭޝް ފޮޓޯގްރަފީ އެވެ.

"ބަލަން ޖެހޭ ކަމަކީ ފްލޭޝިން ލައިޓްސް ބޭނުން ނުކުރުން. ނިވިފައި ދިއްލޭ ކަހަލަ އައްޔެއް އެޅެންޏާ (ފިޓު ޖެހުން) ޓްރިގާ ވެދާނެ،" ކުޑަކުދިންނަށް ޚާއްސަ އެންމެ ސީނިއާ އެއް ދިވެހި ޑޮކްޓަރު ނިޔާފް ވިދާޅުވި އެވެ. "ބެލެނިވެރިން ވެސް ފަރުވާތެރިވާންވީ. އޭގެ އިތުރުން ސްޓޫޑިއޯތައް ނުވަތަ ފޮޓޯ ނަގާ މީހުން ވެސް މިކަން ދެނެގެންފައި ބޭއްވުން މުހިއްމު."

ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް: ފިޓް ޖެހޭ ކުދިންގެ ބެލެނިވެރިން ނިވި ދިއްލޭ ލައިޓްތަކާއި ވީޑިއޯ ގޭމްތަކަށް ސަމާލުވުމަށް އިރުޝާދު ދެއްވާ. ފޮޓޯ: ފޭސްބުކް

ފޮޓޯ ސެންސިޓިވް އެޕިލެޕްސީ ހުންނަ ކުދިންނަށް ފިޓު ޖެހެން ދިމާވާ އާއްމު އަނެއް ސަބަބަކީ މާ ގިނައިން ވީޑިއޯ ގޭމް ކުޅުމެވެ. އަދި ކަޅާއި ހުދު ކަހަލަ ވަރަށް ތަފާތު ދެ ކުލައެއް ހިމެނޭ އެއްގޮތް މަންޒަރުތަކަށް (މިސާލަކަށް ރޮނގު ދެމި ނުވަތަ ގޮޅި ޖެހި) ބެލުމަކީ ވެސް ފިޓު ޖެހިދާނެ ކަމެކެވެ.

ކުއްލި ކުއްލި އަށް ބަދަލުވާ އަލީގެ ސަބަބުން ފިޓު ޖެހުމުގެ ފުރުސަތު އޮންނަ އިރު، ޑރ. ނިޔާފް ވިދާޅުވީ، ރާއްޖެ އިން އެކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު މިނިވަން 50 ފާހަގަކުރަން މުޅި މާލޭގައި ބޮކިފަތި ދަމާފައި އޮތް ދުވަސްކޮޅު ފިޓު ޖެހުން އިތުރުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެ ދުވަސްވަރު ސީޝާޒް (ފިޓް ޖެހުން) ތަންކޮޅެއް ގިނަކަން. އަދި އަޅުގަނޑުމެންގެ ތެރެއަށް ވީޑިއޯ ގޭމްސް ތައާރަފްވެގެން އައި ދުވަސްވަރު ވެސް ފިޓު ޖެހުން ގިނަކަން ފާހަގަވެފައި ހުރީ،" އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރުގެ މަގާމް ވެސް އަދާކުރައްވާ ނިޔާފް ވިދާޅުވި އެވެ.

ފިޓު ޖެހެން މެދުވެރިވާ އެކި ސަބަބުތައް ހުރެ އެވެ. އަދި ހުން އައުމާ ގުޅިގެން ތުއްތު ކުދިންނަށް ޖެހޭ ފިޓަކީ، އިތުރު ކަމެއް ދިމާ ނުވާ ނަމަ، މާ ބޮޑު މައްސަލައެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. އެހެންވެ އިތުރު ފަރުވާއަކަށް ދާން ނުޖެހިދާނެ އެވެ. އެކަމަކު ހުމެއް ނުވަތަ އިތުރު އެހެން އަލާމާތެއް ވެސް ނުފެނި ފިޓު ޖެހުނީމާ އެކަން އިތުރަށް ބަލަން ޓެސްޓު ހަދަ އެވެ. އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަން ވެސް ޖެހެ އެވެ.

ކަންދިމާކުރި ގޮތުން އާނައަކީ އެފަދަ ކުއްޖެކެވެ. ނިޔާފްގެ އިރުޝާދާ އެކު އިންޑިއާ އަށް ގޮސް ކުޑަކުދިންގެ ނާރުތަކާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދެއްކި އެވެ. އާނަ އަށް މިހާރު ދޭ ބޭސް ދެ އަހަރު ދުވަހަށް ކުރިއަށް ގެންދަން ޖެހިދާނެ އެވެ.