ފަސް މިނިޓް: "އުނދަގޫ" ވިޔަސް ހައްގުތަކެއް ނުހިފެހެއްޓޭނެ

މާލެއަކީ ކުޑަކުޑަ ތަންކޮޅެކެވެ. ބިންކޮޅުގެ ބޮޑުމިނަށް ބަލާއިރު، މި މާލޭގައި ދިރިއުޅޭ މީހުންގެ އަދަދަށް ނިސްބަތް ކުރާ ނަމަ ވަކިން ކުޑަ އެވެ. އަދި އެ އެންމެން ބޭނުންކުރާ އެއްގަމު އުޅަނދުތަކާއި އެ އުޅަނދުތައް ދުއްވަން އޮތް މަގުތަކުގެ ހަނިކަމަށް ބަލާއިރު މާލެ އިންތިހާ އަށް ކުޑަ އެވެ. އެހެންކަމުން މާލޭގެ މަގުތަކުގެ ބޭނުން ކޮންމެ ގޮތަކަށް ހިފިޔަސް ކޮންމެވެސް އެއް ބަޔަކަށް އަބަދުވެސް އުނދަގޫ ވާނެ އެވެ. މަގު ހިނގާ މީހުންނާ ހެދި އެއްޗެހި ދުއްވުމަށް އުނދަގޫވެ އެވެ. އެއްޗެހި ދުއްވާތީ މަގު ހިނގަން އުނދަގޫވެ އެވެ.


މި ހާލަތުގައި އޮތް އިރު، އެތައް ސަތޭކަ ބަޔަކު ނުވަތަ އެތައް ހާސް ބަޔަކު އެއްފަހަރާ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށީމާ ކިހައި އުނދަގުލެއް ވާނެ ހެއްޔެވެ؟ އަނެއްކާ މުޒާހަރާ ކުރާ ބަޔަކު އެކަން ކުރާނީކީ، އެ މަންޒަރު ބަލަން ތިބޭ ބަޔަކު މާ ރުހޭ ގޮތަކަށް ނޫނެވެ. އެ މީހުން ގޮވާ އެއްޗެހިންނާއި ހިފައިގެން ތިބޭ ލިޔުންތަކުން ހިތާއި ނަފްސަށް ލިބޭ އުނދަގޫ ވަކިން ބޮޑުވާނެ އެވެ. އެ ހުރިހާ އުނދަގޫތައް ފިލުވައިލެވެން އޮތީ، ކޮންމެ ކަހަލަ މަންތަރެއް ހަދައިގެން ވިޔަސް މުޒާހަރާ ކުރުން ހުއްޓުވައިގެންނެވެ.

މުޒާހަރާއަކީ ކަމަކާ މެދު ބަޔަކު މީހުން ތިބި ގޮތް ފާޅުކުރުމުގެ ގޮތުން އެއްވެގެން ކުރާ ހަރަކާތާއި އުޅޭ އުޅުމެވެ. އަދި އާންމު ގޮތެއްގައި މުޒާހަރާ ކުރަނީ ވެސް ކޮންމެވެސް ކަމަކާ މެދު ހިތްހަމަނުޖެހުމުން، އެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.

ޒަމާނީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހުކޮށް އަލުން އެކުލަވައިލި އިރު، މުޒާހަރާ ކުރުމަކީ މީހުންނަށް އުނދަގޫ ވާނެ ކަމެއް ކަން ވެސް އެނގެ އެވެ. "ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ"އޭ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ލިޔުނީ އެކަން ނޭނގިއެއް ނޫނެވެ. ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ މުޒާހަރާ ކުރާ ނަމަ، މަގުތައް ބަންދުވެ، އެއްޗެހި ދުއްވުމަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާނެ ކަން ވެސް އެނގި ތިބެ އެވެ.

ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެޔޭ ގާނޫނު އަސާސީގައި ލިޔުނީ، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ރުހުމެއް ހޯދަން ނުޖެހި އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ. އަދި ފުލުހުންނަށް ނޯޓިސް ދިނުމެއް ވެސް ނެތި އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. އެހެންވީމާ ގާނޫނު އަސާސީގެ ރޫހަކީ ވެސް ސަރުކާރުގެ އިދާރާއެއްގެ ހުއްދައެއް ނުނަގައި އަދި "ނޯޓިސް" ދިނުމެއް ވެސް ނެތި އެކަން ކުރެވުމެވެ. މުޒާހަރާ ކުރުމަށްޓަކައި ނުވަތަ އެއްވެ އުޅުމަށްޓަކައި ދައުލަތުގެ ހުއްދައެއް ކުރިން ހޯދަން ނުޖެހޭނެ ކަމަށް އޮތުމުން، ބަޔަކު މުޒާހަރާ ކުރިޔަސް އެކަން ހުއްޓުވުމުގެ ބާރު ދައުލަތުގެ މުއައްސަސާތަކަށް ލިބިގެން ނުވާ ކަމަށް ގާނޫނު އަސާސީގައި އެ އޮތީ ކަނޑައަޅައިފަ އެވެ.

ނަމަވެސް އެ ހައްގު ގާނޫނު އަސާސީން ދީފައި ވަނީ މުތުލަގު ގޮތެއްގައެއް ނޫނެވެ. ދައުލަތުގެ ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނީ ސުލްހަވެރި ގޮތުގައި ކަމަށް ހަމަ އެ މާއްދާގައި އެއޮތީ ކަނޑައަޅައިފަ އެވެ. ވީމާ، ސުލްހަވެރިކަން ގެއްލޭ ގޮތަށް އެއްވެ އުޅުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ އެވެ. ނުވަތަ މުޒާހަރާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑަޅާފައިވާ ތަނެއްގައި މުޒާހަރާ ކުރާ ނަމަވެސް ހުއްޓުވިދާނެ އެވެ. ބިރުވެރިކަން އުފައްދައި މާރާމާރީ ހިންގައި ހަމަނުޖެހުމަށް މަގު ފަހިކުރުމަށް މުޒާހަރާގެ ތެރެއިން ކަމެއް ހިނގާ ނަމަ އެކަމެއް ހުއްޓުމުގެ ބާރު، ގާނޫނެއް ނެތަސް، ގާނޫނުއަސާސީން އެކަނި ވެސް، ކަމާ ބެހޭ އިދާރާތަކަށް ލިބިގެންވެ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިރު، އެއްވެ އުޅުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެ ހައްގު އެކުގައި ހިފެހެއްޓޭ ގޮތަށް ގާނޫނެއް ނުވަތަ ގަވާއިދެއް ހަދައިފި ނަމަ އެ ވާނީ ބާތިލު އެއްޗަކަށެވެ. އެއްވެ އުޅުން މަނާ ސަރަހައްދުތަކެއް ގާނޫނުގައި އޮތީ ކަނޑައަޅައިފަ އެވެ. މިހާރު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ގާނޫނުން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ވެސް، ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރެވޭކަށް ނެތެވެ. މާލޭގައި މުޒާހަރާ ކުރެވޭނެ އެއްވެސް ތަނެއް ނެތީ އެވެ. މުޒާހަރާ ކުރުމަށް މާލޭގެ މަގެއްގެ ބޭނުން ހިފެން ވެސް ނެތީ އެވެ. އެކަމަށް ފުލުހުން ހުރަސްއަޅައި ހުއްޓުވާތީ އެވެ.

ސަބަބެއް ކަމަށް ސަރުކާރުން ބުނަނީ މާލޭގެ މަގުތައް ހަނިވެފައި، އެ މަގުތަކުގެ ބޭނުން ހިފާ މީހުންނަށް، މުޒާހަރާގެ ސަބަބުން އުނދަގޫ ވުމެވެ. ވިޔަފާރިތަކަށް ބުރޫއެރުމެވެ. އެއްޗެހި ދުއްވުމަށް ދަތިވުމެވެ. މުޒާހަރާގެ ބައިވެރިން އަޑު ގަދަ ކުރާތީ ގޭގޭގައި ތިބޭ މީހުންނަށް ދަތިވުމެވެ.

މީޑިއާގެ މިނިވަންކަމަށް ގޮވާލައި ނޫސްވެރިން ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. --ފޮޓޯ: ނިޝާން އަލީ

އެއްވެ އުޅުމުގެ މިނިވަންކަން، ގާނޫނު އަސާސީގައި ދީފައިވަނީ، އެކަމުން ކޮންމެވެސް ބަޔަކަށް އުނދަގޫތަކެއް ވާނެ ކަން ވަޒަން ނުކުރެވޭތީކީ ނޫނެވެ. ނަމަވެސް އެ މިނިވަންކަން ދިނީ، ޕާޓީ ނިޒާމަށް ވެރިކަންކުރާ އިރު، ވެރިކަމުގެ ފަރާތުން ކުރާ ކަންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އިދިކޮޅު ފަރާތްތަކުން އެކަންކަމާ ދެކޮޅަށް އަޑު އުފުލައި، ސަރުކާރުގެ ވިސްނުން ބަދަލުކުރުމަށް ބާރު އެޅުމަކީ ޒަމާނީ ޑިމޮކްރެސީގެ ހަމައަކަށް ވާތީ އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، މުޒާހަރާކޮށް އަޑު އުފުލުމުގެ ހައްގާއި މިނިވަންކަން، ވެރިކަންކުރާ ފަރާތްތަކަށް ވެސް ލިބިދިނުމަށްޓަކަ އެވެ.

އެހެންވީމާ އެ ފުރުސަތު އޮންނަންވާނެ އެވެ. މަގުތައް ހަނިވުމަކީ މުޒާހަރާ ކުރަން ފުރުސަތު ނުދިނުމަށް އޮތް އުޒުރެއް ނޫނެވެ. ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު އުޅެން ޖެހުމަކީ ވެސް މުޒާހަރާ ކުރުމުގެ ހައްގު ނިގުޅައިގަތުމަށް އޮތް ސަބަބެއް ނޫނެވެ. މަގުތަކުގެ ބޭނުން ހިފާ އެހެން މީހުންނަށް ދަތިވެޔޭ ކިޔައި، އެއްވެ އުޅުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަމުގެ ހައްގެއް ނުހިފެހެއްޓޭނެ އެވެ. ވިޔަފާރިވެރިންނަށް އުނދަގޫ ވިޔަސް، ގާނޫނު އަސާސީން ލިބިދޭ ހައްގެއް، ގާނޫނު އަސާސީން ހުއްދަކުރާ އިމުގެ ތެރެއިން ނޫނީ ނުހިފެހެއްޓޭނެ އެވެ. އެ އިމަކީ މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އެ މިނިވަންކަން ހިފަހައްޓައި އުޅޭ މިންވަރެވެ.

އާންމުންނާއި ވިޔަފާރިވެރިންނަށް އުނދަގޫ ވާތިއްޔޭ ކިޔާފައި، މުޒާހަރާ ކުރިޔަ ނުދީ އެ ކަމަށް ހުރަސް އެޅުމުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މައިގަނޑު ދެ ހައްގެއް ހިފެހެއްޓެނީ އެވެ. އެއް ހައްގަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ އިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގެވެ. އެ ހައްގު ހިފެހެއްޓުމުން، 27 ވަނަ މާއްދާ އިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސް އެޅެނީ އެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބުނެ އެވެ. ނަމަވެސް މި ފެންނަނީ އެ ވާޖިބު އަދާކުރުމުގެ ބަދަލުގައި އެ ހައްގުތައް ނިގުޅައިގަންނަމުންދާ ތަނެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތައް ބޭނުންކޮށްގެންނެވެ. އަދި އެ ހައްގުތައް ނިގުޅައިގަނެ ހިފަހައްޓަމުން ދާ އިރު، ދައުލަަތުގެ މިނިވަން މުއައްސަސާތައް އޮތީ ލޯ މަރައިގެންނެވެ.

ނޫނެކެވެ! ބާރު އޮތިއްޔާ ހިފެހެއްޓިދާނެ އެވެ. ގާނޫނު އަސާސީން ލިބިދޭ ހުރިހާ ހައްގެއް އެކުގައި ހިފެހެއްޓިޔަސް، އެކަމާ ޝަކުވާ ކުރަން ދާނެ އިދާރާއެއް ނެތިއްޔާ ހިފަހައްޓަންވީ އެވެ. އަދި ޝަކުވާއެއް ކުރިޔަސް، އެއްވެސް މުއައްސަސާއަކުން އެއްޗެއް ނުބުނާނެ ކަން ޔަގީންވާ ނަމަ، ހުރިހާ ހައްގެއް ވެސް ހިފަހައްޓަންވީ އެވެ. އަނެއްކާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އެ ހައްގު ހިފަހައްޓާ އިރު ރާއްޖޭގައި ނުހިފެހެއްޓެންވީ ވަކި ކީއްވެގެން ހެއްޔެވެ؟ ޗައިނާ، އުތުރު ކޮރެއާ، ސައޫދީ އަރަބިއްޔާ ފަދަ "ޑިމޮކްރެޓިކް" ގައުމުތަކުގައި އެ ހައްގުތައް ހިފަހައްޓާ އިރު، ރާއްޖެ އަކީ ޑިމޮކްރެޓިކް ގައުމަކަށް ނުވަނީ ހެއްޔެވެ؟

އަޅުގަނޑުމެން ޑިމޮކްރެޓިކް ހަމަތައް ބަލައިގަތީ ދަތިތަކާއި އުނދަގޫތައް ވެސް ތަހައްމަލުކުރަން ރުހި ގަބޫލުވެގެންނެވެ. ޕާޓީ ނިޒާމު ތައާރަފްކުރީ، މުޅި މުޖްތަމައު ތިން ބަޔަކަށް ބެހިގެންދާނެ ކަން ގަބޫލުކޮށްގެން ތިބެ އެވެ. ފުރަތަމަ ބަޔަކީ ވެރިކަންކުރާ ޕާޓީ އާއި އެމީހުންގެ ސަޕޯޓަރުންނެވެ. ދެ ވަނަ ބަޔަކީ އިދިކޮޅު ޕާޓީ އާއި އެމީހުންގެ ސަޕޯޓަރުންނެވެ. ތިން ވަނަ ބަޔަކީ އެއިން އެއްވެސް ބަޔަކަށް ތާއީދު ނުކުރާ މީހުންނެވެ. މި ގޮތަށް ބައިބައިކޮށްލީ އެއް ބަޔަކު ކުރާ ކަންތަކާ މެދު އަނެއް ބަޔަކު ފާރަވެރިވުމަށެވެ.