ސްކޫލް ގައިޑް: ޗުއްޓީވެއްޖެ! އާ ކަމެއް ކޮށްލަމާ!

ކޮބާ އަނެއްކާވެސް ބޮޑު ޗުއްޓީ އައީދޯ އެވެ؟ ތައުލީމީ ހަޔާތަށް އަހަރެއް އިތުރުކޮށްލައި، އާ އަހަރަކާ ކުރިމަތިލުމުގެ ކުރިން އަރާމުކޮށްލަން ލިބޭ ޗުއްޓީ އެވެ. އާއިލާއާ އެއްކޮށް ކޮންމެވެސް ގައުމަކަށް ނުވަތަ ކޮންމެވެސް ރަށަކަށް ދާން އަވަހަށް ދަތުރު ފަށަންވީ އެވެ. ނޫނީ ރާވާފައި އޮތީ މި ފަހަރު ތަނަކަށް ނުގޮސް މަޑުކުރަން ހެއްޔެވެ؟ ކޮންމެ ގޮތަކަށް ރާވާފައި އޮތަސް މައްސަލައެއް ނޫނެވެ. ކޮންމެ ތާކު ހުއްޓަސް ޗުއްޓީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިއްޖެއްޔާ ނިމުނީ އެވެ. އެކަން ކުރަން އަހަރެމެން ކޮންމެވެސް ވަރެއްގެ ޓިޕްސްކޮޅެއް ދޭނަމެވެ.


ތަފާތު އެއްޗެއް ދަސްކޮށްލަމާ! ފަހުން ފައިދާވާނެ!

ރާއްޖެއިން ބޭރުގެ ޗުއްޓީ ދަތުރުތަކުގައި ގިނައިން ދެވޭނީ ކޮންމެވެސް ޝޮޕިން މޯލަކަށެވެ. ވަގުތު ހޭދަކުރެވޭނީ ބާޒާރުކުރުމާއި ފިލްމް ބެލުމާއި މީރު ކެއުންތައް ކެއުމުގަ އެވެ. ނުވަތަ ދާނީ ކޮންމެވެސް ކާނިވަލަކަށެވެ. އެއީ ވެސް ވަރަށް މުހިއްމު ކަންކަމެވެ. އެއާ އެކު ވެސް އެ ދާ ގައުމެއް ނުވަތަ ރަށެއް ޑިސްކަވާކޮށްލުން ވެސް ރަނގަޅެވެ. އެތަނެއްގެ މުހިއްމު ތަންތަން ބަލާލަން ދިއުމާއި އެތަނެއްގެ ސަގާފަތް ތަޖުރިބާކުރުމާއި އެތަނެއްގެ ކެއުންތަކުގެ ރަހަ ބަލައިލުން ސަޅިވާނެ އެވެ. އޭގެ ފައިދާ ފަހުން ފެންނާނެ އެވެ. އެ ތަޖުރިބާތަކުގެ މުހިންމުކަން އެނގޭނީ ބޮޑުވެގެން ބޭރަށް ކިޔަވަން ދާއިރު ނުވަތަ ވަޒީފާއަކަށް ނުކުންނަ އިރު ނޫނީ އެހެން ސަގާފަތެއްގެ ބަޔަކާ އެކު މަސައްކަތްކުރަން ޖެހޭއިރު އެވެ. ދުނިޔޭގައި ކަންކަން ހިނގާ ގޮތް އެނގި ދަސްވުމަކީ ޔަގީނުން ވެސް ވަރަށް މުހިއްމު ކަމެކެވެ.

އަހަރުގެ ދުވަސްތަކުގައި ވަގުތު ހޭދަކުރަން ޖެހޭނީ އެ ކިޔަވާ މާއްދާއަކާ ގުޅޭ ފިލާވަޅުތައް ދަސްކުރުމުގަ އެވެ. ސްކޫލް ޗުއްޓީ އަކީ އެ ފޮތްތައް ވަގުތީ ގޮތުން ދޫކޮށްލައި، އެހެން ވައްތަރު ވައްތަރުގެ ފޮތްތައް ކިޔާލަން ލިބޭ ދުވަސްކޮޅެކެވެ. އެހެންވެ ޗުއްޓީ ތެރޭގައި ވީހާ ވެސް ގިނައިން ފޮތް ކިޔައި މައުލޫމާތުގެ ހަޒާނާ މުއްސަނދިކޮށްލަމާ ހިނގާށެވެ. ފޮތް ކިޔާ ހިތްނުވަނީ ހެއްޔެވެ؟ އެހެންވިއްޔާ ޔޫޓިއުބުން ނުވަތަ ނެޓްފްލިކްސް އިން ރަނގަޅު ޑޮކިއުމެންޓަރީއެއް ވެސް ބަލައިލެވިދާނެ އެވެ. އެންމެ މުހިއްމީ ތަފާތު ވައްތަރުގެ މައުލޫމާތުތަކުން ސިކުނޑި ފުރާލުމެވެ.

ޗުއްޓީ ވިޔަސް މުޅިން ކިޔެވުމާ ދުރުނުވާން އަބަދުވެސް މުދައްރިއްސުން ލަފާދެއްވާނެ އެވެ. އޭގެ މުރާދަކީ ކުރިއަށް އޮންނަ އަހަރަށް ތައްޔާރުވުމެވެ. ޖެހިގެން އަންނަ އަހަރެއްގައި ކިޔަވާނެ މާއްދާތައް ބަލައި ގޫގަލް އިން ނަމަވެސް އެ މާއްދާތަކާ ގުޅޭ ތަފާތު މައުލޫމާތު އެއްކޮށް ކިޔަވަން ސިކުނޑި ތައްޔާރުކުރެވިދާނެ އެވެ. އޭރުން ވަރަށް ބޮޑު ތަފާތެއް ފާހަގަކުރެވޭނެ އެވެ. އޭގެ ސަބަބުން ވަރަށް މުހިއްމު އެހެން ހުނަރެއް ވެސް އެ ތަރައްގީ ކުރެވެނީ އެވެ: ކުރިއާލާ ކަންކަމަށް ތައްޔާރުވުމާއި ޕްލޭންތައް ހެދުމެވެ.

ގޭގައި ކަމެއް ކޮށްލައިގެން ވެސް ތަޖުރިބާއެއް

އަހަރު ތެރޭގައި ސްކޫލަށް ދަމުން، ޓިއުޝަންތަކަށް ހާޒިރުވަމުން އަވަދިނެތި އުޅޭއިރު ގޭތެރޭގެ ކަންކަމުގައި ބައިވެރިވާން ވަގުތެއް ނުލިބޭނެ އެވެ. އެހެންވެ ޗުއްޓީ ދުވަސްކޮޅު، ގޭތެރޭގެ ކަންކަމުގައި ބައިވެރިވެ ނުވަތަ އެކަންކަން ހިނގާ ގޮތް ބެލުން މުހިއްމެވެ. ކެއްކުމާއި ސާފުކުރުމާއި އެއްޗެހި ދޮވުން ފަދަ ކަންކަން ކުރާ ގޮތާއި އެކަންކަން އިންތިޒާމްކުރެވޭ ގޮތް ދަސްކޮށްލަމާ ހިނގާށެވެ. ތިކުދިން ބޮޑެތި ވެގެން ދިރިއުޅުމެއް ފަށާއިރު ނުވަތަ ރާއްޖެ އިން ބޭރަށް ކިޔަވަން ގޮސް އެކަނި އުޅެން ޖެހޭ ދުވަހަކު ހުންނާނީ ލޯ ހުޅުވި، ތަޖުރިބާ ލިބިފަ އެވެ. އެހެންވެ ސްކޫލް ޗުއްޓީއަކީ، ކުދިކުދި ކަންކަން ދަސްކޮށްލަން ވެސް ލިބޭ ފުރުސަތެކެވެ.

މިހާރު ހުރިހާ ސްކޫލެއްގައި ވެސް އެކި ކުޅިވަރު ކުޅުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް އޮންނަނީ ފަހިވެފަ އެވެ. އެކަމަކު އެއީ ވަރަށް ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ. މުބާރާތެއްގެ ސިލެކްޝަނެއްގެ ތެރެއިން ނުވަތަ މުބާރާތަކުންނެވެ. އެހެންވެ ގިނަ ފަހަރަށް ހިތްފުރެންދެން ކުޅެލާނެ ފުރުސަތެއް ނުލިބެ އެވެ.

އެކަމަކު ސްކޫލް ބޮޑު ޗުއްޓީގައި އެ މިނިވަންކަން ވެސް އޮންނާނީ ލިބިފަ އެވެ. އެހެންވެ ޗުއްޓީ ތެރޭގައި އެގޮތަށް ކުޅިވަރުން ހިތްހަމަޖެހުން ހޯދާލާށެވެ. ފުޓްބޯޅަ ނުވަތަ ޓީމު ކުޅިވަރެއް ކުޅެލަން އެކުގައި ދާނެ ގްރޫޕެއް ނެތިއްޔާ މޫދުގައި ފަތާލުމަކީ ވެސް ހަމަ ކުރެވިދާނެ ކަމެކެވެ.

ސްކޫލް ޗުއްޓީގެ ބޭނުމަކީ، ކިޔެވުމުގެ ބުރައިން ލިބުނު ވަރުބަލިކަން ފިލުވާލުމެވެ. އާ އަހަރަކަށް ސިކުނޑި ތާޒާކޮށްލުމެވެ. އެކަން ކުރެވޭނީ ގޭތެރޭގެ މާހައުލުން ބޭރަށް ވެސް ނުކުމެގެންނެވެ. ޗުއްޓީގައި ރަށުން ބޭރަށް ނުދެވުމަކީ ހުރަހެއް ކަމަށް ނުބަލާށެވެ. އަމިއްލަ ރަށުގައި ވެސް ކުރެވޭނެ ކަންކަން ހުންނާނެ އެވެ.