ހެޔޮ ގޮތުގައި ޗުއްޓީ ހޭދަކުރުން

މަސައްކަތުގައި އުޅުމަށް ފަހު އެމަސައްކަތާ ދުރުގައި ހޭދަކުރާ ދުވަސްތަކަށް ޗުއްޓީއޭ ކިޔަ އެވެ. ޗުއްޓީ އަކީ ކޮންމެ މަޚުލޫގަކަށް ވެސް ވަރަށް މުހިންމު ކަމެކެވެ. އޭގެ ބޭނުމަކީ އެކުރާ ކަމެއްގެ ސަބަބުން ހަށިގަނޑަށް ލިބޭ ލޮޑުކަމާއި ނަފުސަށް ލިބޭ އުދާސްކަން ނުވަތަ ސްޓްރެސް ފިލުވައިލުމެވެ. ހެޔޮ ގޮތުގައި ޗުއްޓީ ހޭދަކުރުމަކީ މިދެންނެވި ބޭނުން ނުވަތަ މަޤުޞަދު ޙާޞިލުވާނޭހެން ޗުއްޓީ ހޭދަކުރުމެވެ.


ޗުއްޓީ ހޭދަކުރަން އެކި މީހުން އެކި ގޮތް އިޚުތިޔާރު ކުރެއެވެ. ބައެއް މީހުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއިން ބޭރަށް ދެ އެވެ. އަނެއް ބައި މީހުން ރާއްޖޭގެ އެކި ރަށްރަށަށް ދެ އެވެ. އަދި ބައެއް މީހުން ރަށުގައި ޢާއިލާއާ އެކު ގޭގައި ތިބެ ވެސް ޗުއްޓީ ހޭދަކުރެ އެވެ. މިއިން އެމީހަކަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ކަނޑައަޅާނީ އެމީހަކު އަމިއްލައަށެވެ. ޗުއްޓީ ހޭދަކުރުމަށް ވަކި ކަންތައްތަކެއް ރޭވުމުގައި ޗުއްޓީގެ މަގުސަދު ނުގެއްލޭ ގޮތަށް ރޭވުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. ކުރާނެ ކަމަކާއި ދާނެ މަންޒިލެއްގެ ތަސައްވަރު ވަރަށް ފުރިހަމަޔަށް ޕުރޮގްރާމް ކޮށްލަން ޖެހޭނެ އެވެ.

ކޮންމެ ތާކު ހުރެ ޗުއްޓީ ހޭދަކުރިކަމުގައި ވިއަސް ހެޔޮ ގޮތުގައި ޗުއްޓީއެއް ހޭދަކުރާ ނަމަ އާދަކޮށް އެމީހަކު ކުރާ މަސައްކަތަކާ ދުރުހެލިވާން ޖެހޭނެ އެވެ. އެއީ އަހަރުގެ ގިނަ ދުވަސްތަކުގައި އެއް މަސައްކަތެއް ކުރުމުގެ ސަބަބުން ލިބިފައިވާ ވަރުބަލިކަން ފިލާނީ އޭރުން ކަމަށް ވާތީ އެވެ. އެމަސައްކަތަކީ ހަށިގަނޑަށް ބުރަ ބަރު މަސައްކަތެއް ނަމަ ޗުއްޓީ ތެރޭ އަރާމުކުރުމުގައި ގިނަ ވަގުތު ހޭދަކުރަން ވާނެ އެވެ. މިސާލަކަށް ޖިސްމާނީ ގޮތުން ހަށްޓަށް ބުރަ މަސައްކަތް ކުރާ މީހަކު ޗުއްޓީގައި މަހަށް ދިޔުމަކީ ޗުއްޓީއަކަށް ވާނެ ހެއްޔެވެ؟ ނުވާނެ އެހެންނޫންތޯ އެވެ؟

ގިނަ ވަގުތު އޮފީސް މޭޒު ދޮށުގައި އިށީނދެގެން މަސައްކަތްކުރާ މީހުންނާއި ކިޔަވާކުދިންނަކީ ސިކުނޑީގެ ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެއްކަން ކަށަވަރެވެ. މިފަދަ މީހުން ޗުއްޓީ ހޭދަކުރުމުގައި ސިކުނޑިއަށް އަރާމު ލިބޭ ފަދަ ކަންތައްކުރުން ވަރަށް މުހިންމެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތައުލީމީ ގޮތުން ބަލާ ނަމަ ދަރިވަރުންނަށް އެންމެ ރަނގަޅު ޗުއްޓީއެއް ލިބިގެންދާނީ އެހެން ސަގާފަތެއް ތަޖުރިބާކޮށް، (ވެލިޔުއަބަލް ލެންގުއޭޖް،) އެއް ހާސިލްވެ، ތާރީޚީ ގޮތުން ކަންތައްތައް ދެނެގަނިވި، ސޯޝަލް ސްކިލްސް އިތުރުވުމުން ކަމަށެވެ.

ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުންތަކެއް: ސްކޫލް ބޮޑު ޗުއްޓީގައި އެހެން ތަނަކަށް ގޮސް ހޭދަކުރުމުން ލިބޭ ފައިދާ ބޮޑުވޭ

ކޮންމެ މީހަކީ ރަށުން ބޭރަށް ނުވަތަ ޤައުމުން ބޭރަށް ދެވޭނެ މީހެއް ނޫނެވެ. އެކުވެރި ރަޙުމަތްތެރިންނާއި ޢާއިލީ މެންބަރުންނާ އެކު ކުޅިވަރާއި މަޖަލުގައި ހޭދަކުރެވޭ ވަގުތު ގިނަ ކުރުމަކީ މިގޮތުން ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. ދަތުރު ދިއުމާއި އެކުވެރިންނާ އެކު ކުޅެން ދިއުމަކީ ވެސް ސިކުނޑީގެ ބުރަކަން ފިލުވާލާ ސިކުނޑިއަށް ވަރަށް ލުއިކަން ގެނެސްދޭ ކަންކަމެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދަރިވަރުންނަށް ދިގު ޗުއްޓީއެއް ލިބުމަކީ އެކުދިންގެ ސިކުނޑި އަރާމްކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން އެކުދިންނަށް ހެޔޮ ގޮތުގައި ޗުއްޓީ ހޭދަކުރެވޭނެ ގޮތެއް ހޯދައިދިނުން ވަރަށް މުހިންމެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ވެސް ވީ ވަރަކުން މައިން ބަފައިންނާއި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ވާޖިބުތައް ބަރާބަރަށް އަދާކުރަން ސަމާލުކަން ދޭން ވާނެ އެވެ. މި ކަންތައްތައް ކުރުމަށް ތާވަލެއް އެކުލަވާލުން ވަރަށް މުހިމެއްވެ.

ހެޔޮ ގޮތުގައި ޗުއްޓީއެއް ހޭދަކުރެވިއްޖެ ނަމަ އެމީހަކަށް އަމިއްލައަށް ވެސް އެކަން އިޙުސާސްކުރެވޭނެ އެވެ. މީހާގެ ހަށިގަނޑަށާއި ސިކުނޑިއަށް ހަމަޖެހުން ލިބިފައި ވާނެއެވެ. އުޅުމާއި މިޒާޖުގައި އުފާވެރި ގޮތެއް އެކުލެވޭނެއެވެ. އެނބުރި މަސައްކަތުގެ މައިދާނަށް ނުކުތުމުގެ ރޫޙު ހުންނާނެއެވެ.

ބޮޑު ޗުއްޓީ އަކީ ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުންތަކަކަށް ވެސް ހުސް ވަގުތު ހޭދަކުރަން ލިބޭ ފުރުސަތެކެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ މުވައްޒަފުންގެ މަސައްކަތުގެ ރޭޓް އިތުރުވެ، ފެންވަރު ރަނގަޅުވުމެވެ. އެހެންކަމުން ތައުލީމީ އާ އަހަރަކަށް ކުރިމަތިލާ އިރު، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ އެހެން ފަރާތްތަކުން ވެސް ހެޔޮ ގޮތުގައި ޗުއްޓީ ހޭދަކުރުން ވަރަށް މުހިންމެވެ.

އެޑިޓަރުގެ ނޯޓު

ހުސެން ސައީދަކީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލެވެ. އޭނާ ވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި، އެހެން ބައެއް ސްކޫލްތައް ހިންގެވުމުގެ އެންމެ މަތީ ޒިންމާ ވެސް އުފުއްލަވައިފަ އެވެ.