އެންމެ މުހިންމީ ބަސް އެނގުން

ބަހަކީ އިންސާނުން އެކެއްގެ ހިތުގައި އުފެދޭ ޝުޢޫރުތައް ލިޔުމުންނާއި އަނގަ ބަހުން އަނެކާއާ ޙިއްސާ ކުރުމަށާއި ކަންކަމުގެ އިރުޝާދު ދިނުމަށާއި އިރުޝާދު ލިބިގަތުމަށާއި އިންސާނާ ދުނިޔެ ދަސްކޮށް، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް، އިޖުތިމާޢީ އުޞޫލުތައް ތަބާވާ ގޮތެއްގެ މަތިން އިންސާނާގެ އަޑު އުފައްދާ ނިޒާމުން ފާޅުކުރަން ގުދުރަތުން ދެއްވާފައިވާ ވަކި ކަހަލަ މާނަވީ އަޑުތަކެކެވެ. އިންސާނާ ދުނިޔެއަށް އައިއްސުރެ އޭނާ އާއި ބަހާ ވަނީ ގުޅިލާމެހިފަ އެވެ. އިންސާނާގެ އެންމެ ޅަފަތުގައި ވެސް ބަސް އަށަގަތުމުގެ ގާބިލްކަން ހުންނަކަމަށް ބަހުގެ މާހިރުން ބުނެ އެވެ.


ކޮންމެ މީހަކަށް ވެސް ފުރަތަމަ ދަސްވާ ބަހަކީ އެމީހެއްގެ މާދަރީ ބަހެވެ. މިގޮތުން ދިވެހި ދެމަފިރިއަކަށް ލިބޭ ދަރިފުޅަށް ފުރަތަމަ ދަސްވާ ބަހަކީ ދިވެހި ބަސް ކަމަށް ވާ ނަމަ އެކުއްޖާގެ މާދަރީބަހަކަށް ވާނީ ދިވެހި ބަހެވެ. މިއާ ޚިލާފަށް ދެވަނަ ބަހަކީ މާދަރީ ބަހުގެ ފަހުން ދަސްކުރާ ބަހެވެ. އެހެންކަމުން ދެވަނަ ބަހަކީ އުނގެނުމުގެ ތެރެއިން ދަސްކުރާ ބަހެކެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އުނގަންނައިދޭ އިރު އެބައެއްގެ މާދަރީ ބަހުން އުނގަންނައިދޭ ކަމުގައިވާ ނަމަ އެ އުނގަންނައިދޭ އެއްޗެއް ދޭހަކޮށްދޭން ފަސޭހަވެއެވެ. އަދި ދަރިވަރުންނަށް އެނގޭ މިންވަރު އިތުރެވެއެވެ. މި ސަބަބުތަކަށްޓަކައި، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުން ކިޔަވައިދިނުމުގައި ބޭނުންކުރަނީ އެ ގައުމުތަކުގެ މާދަރީ ބަހެވެ. ނަމަވެސް ދިވެހިރާއްޖެއަށް ބަލާއިރު އެކަން ވަރަށް ބޮޑަށް ތަފާތެވެ. ރާއްޖެއަކީ ބޭރުގެ އުފެއްދުންތަކަށާއި ތަޢުލީމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާހިނދު ބޭރު ބަހެއް އުނގެނި ދަސްކުރުމަކީ މަޖްބޫރު ކަމަކަށް ވެއެވެ. ޚާއްސަކޮށް ދިވެހި އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަމަށް ވުމާއި ގިނަ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރަން ރާއްޖޭން ބޭރަށް ދާން މަޖްބޫރުވެފައިވާތީ މިތަފާތު މިގޮތަށް އޮނަނީ އެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު، ދިވެހިރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގައި އެހެން ގައުމެއްގެ މުގައްރަރަކަށް ކިޔަވައިދެމުން އަންނަތާ 50 ހަކަށް އަހަރަށް ވުރެ ވެސް ގިނަ ވެއްޖެއެވެ. އެހެންކަމުން ދިވެހިންގެ މާދަރީ ބަހާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އިނގިރޭސި ބަހަށް ސަމާލުކަންދޭން ޖެހޭ މިންވަރު ބޮޑެވެ. މިއީ އެހެން ޤައުމުތަކާއި ރާއްޖޭގެ ތައުލީމީ ނިޒާމް ތަފާތުވާ ބޮޑު ސަބަބެކެވެ.

ރާއްޖޭގައި ދެތިން މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި އިނިރޭސި ބަހާއި ދިވެހި ބަހަށް ސަމާލުކަން ދޭ މިންވަރާ މެދު ދިރާސާއެއް ހަދާފައި އަދި އެފަދަ ދިރާސާއެއްގެ މުހިންމުކަން ބޮޑެވެ.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ރާއްޖޭގައި ކިޔަވައިދޭ ކޮންމެ ޓީޗަރެއްގެ އަތުގައި ހަމައެކަނި ޑިޕްލޮމާ، ނުވަތަ ޑިގްރީއެއް އޮތުމަކުން ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ނާންނާނެ އެވެ. ކިޔަވައިދިނުމަކީ ވެސް އަސާސީ މިންގަނޑެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމެކެވެ. ޑިޕްލޮމާ ހަދާފައިވާ ޓީޗަރަކަށް ޑިގްރީ ހަދަން ނުސީދާކޮށް ބާރުއެޅުމަށް ވުރެ ބަހުގެ އިތުރު ކޮލިފިކޭޝަނެއް ހޯދަން ޓީޗަރުންނަށް ހިތްވަރުދިނުމަކީ ކިޔަވަދިނުމުގައި ހޯދޭނެ އިތުރު ކުރިއެރުމެއް ކަމަށް ދެކެމެވެ.

އިނގިރޭސި ބަހާއި ދިވެހި ބަސް ކިޔަވައިދޭ ޓީޗަރުންނަށް އެ ދެ ބަސް ރަނގަޅަށް އެނގެނީ ކިހާ މިންވަރަކަށްތޯ ބަލަން މިހާތަނަށް ދިރާސާއެއް ހަދާފައެއް ނުވެ އެވެ. ނުރަސްމީ ގޮތުން އެއްކުރެވިފައިވާ ބައެއް މަޢުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ 70 ޕަސަންޓާ ގާތަށް ތިބީ އިނގިރޭސި މާއްދާއިން އެކަށީގެންވާ ފާހެއް ނެތް ޓީޗަރުންނެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ދެތިން މާއްދާއެއް ފިޔަވައި އެހެން މާއްދާތައް ކިޔަވައިދެނީ އިނގިރޭސި ބަހުން ކަމަށް ވުމުން ދިވެހި، އިސްލާމް ނޫން މާއްދާތައް ކިޔަވައިދޭ ޓީޗަރުންނަށް އިނގިރޭސި ބަސް ރަނގަޅަށް އެނގޭތޯ ބަލަން ދިރާސާއެއް ހެދުން މުހިންމެވެ.

އިނގިރޭސި މާއްދާއެއް ނުވަތަ ދިވެހި މާއްދާއެއް ނަމަވެސް ދަރިވަރުންނަށް އޮޅުންފިލާ ވަރަށް ފިލާވަޅު ބުނެދެވޭނީ ޓީޗަރުންނަށް ވެސް ރަނގަޅަށް ބަސް އެނގިގެންނެވެ. އަދި އެބަހަކުން ފަރިތަކަމާ އެކު މުއާމަލާތުކުރަން އެނގިގެންނެވެ. ހަމަ އެހެންމެ ދަރިވަރުންނަށް ވެސް އެއްޗެއް ރަނގަޅަށް މޭރުންވާނީ އިނގިރޭސި ބަހަށާއި ދިވެހި ބަހަށް ފަރިތަވެފައިވާ މިންވަރަކުންނެވެ. ދަރިވަރުން ދެ ބަހަށް ދޫފަސޭހަވުމުން އެކަކު އަނެކަކާ މުއާމަލާތް ކުރަން ވެސް ނުހަނު ފަސޭހަވެ އެވެ. ޓެސްޓު ޕޭޕަރަށް ޖަވާބުދޭން ނަގާ ވަގުތު ސަލާމަތްވާނެ އެވެ. ކަން މިހެން އޮތުމުން އިނގިރޭސި ބަހަށާއި ދިވެހި ބަހަށް ވެސް ސަމާލުކަން ދީގެން ދެ ބަހަށް މޮޅުވުމަށްޓަކައި މަސައްކަތްކުރަން ޖެހެ އެވެ.

އެޑިޓަރުގެ ނޯޓު

ހަސަން މުހައްމަދަކީ ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލެވެ. އޭނާ އަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލް ވެސް މެ އެވެ.